އަހަރެން ޖިންނިނެއްގެ ކިބައިން ސަލާމަތްވި ގޮތް

 

ކުޑައިރުއްސުރެ ކާފަ ކިޔައިދޭ ވާހަކަތަކެއް ހުރެއެވެ. ޖިންނީން އުޅޭނެކަމާއި އެމީހުންނާ ބައްދަލުވާ ފަހަރުވެސްް އަންނާނެ ވާހަކަ އަކީ އެގޮތުން އެންމެ ގިނައިން ކިޔައިދޭ އެއް ވާހަކައެވެ. ކާފަ އަޅުގަނޑަށް ޔަގީންކޮށްދޭން ބޭނުންވީ ޖިންނީނަކީ ވެސް ހަމަ އިންސާނުން ފަދައިން ބިރުވެސްް ގަންނާނެ ބައެއް ކަމެވެ. އެމީހުންނަކީ ވެސް އާއްމުކޮށް މީހުން ހީކުރާ ފަދައިން، ހިތަށް އެރިހާ ކަމެއް ކޮށްލެވޭ ބައެއް ނޫން ކަމަށާއި އެއީ ބަލި ނުކުރެވޭނެ ބައެއް ވެސް ނޫންކަމެވެ.

“ޒިކުރުތައް ކިޔައި ދުޢާތައް ކޮށްގެން ހުންނަންޏާ އެސޮޮރުމެންނަށް ހަމަ އެއްކަމެއް ވެސް ނުކުރެވޭނެ. އަހަރެމެން އެމީހުން ދެކެ ބިރުގަންނަހެން ހަމަ އެމީހުން އަހަރެެމެން ދެކެ ވެސް ބިރުގަންނާނެ” ތަކުރާރުކޮށް ދޭ ނަސޭހަތުގެ ތެރެއިން އެއް ދުވަހަކު ކާފަ ބުންޏެވެ.

އެއާ އެކު އަޅުގަނޑު ކާފަޔާ އެންމެ ގިނައިން ސުވާލުކޮށް އުޅުނީ ޖިންނީން ފެނިއްޖެއްޔާ ކަންތައް ކުރާނެ ގޮތަކާ ބެހޭގޮތުންނެވެ. ތުންތުންމަތިން އިވޭ ވާހަަކަތަކުން އޭރު އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ފަންޑިތަ ހަދާއުޅޭ ފާޑުމީހުންނަށް ޖިންނީންގެ ކިބައިން ސަލާމަތްވާނޭ މާމޮޅެތި ކަލިމަތަކެއް އެނގޭ ކަމަށެވެ. އެވާހަކަތަކަކީ ސިހުރުވެރިން އެމީހުންގެ ނުފޫޒު ގަދަކުރަން މުޖުތަމައުގައި ފަތުރާފައިވާ ވާހަކަތަކެއްކަން މިހާރު އެނގެ އެވެ.

ޖިންނިއެއް ފެނިއްޖެ ނަމަ ކަންތައްތައް ކުރަންވީ ގޮތަކާ ބެހޭ ގޮތުން ކާފައާ ކުރާ ސުވާލަށް ކާފަ ދެނީ ވަރަށް ސާދާ ޖަވާބެކެވެ.

“މީހުން އެކަކު އަނެކަކާ ކުރިމަތިލަނީ ކިހިނެތް؟ އިންސާނަކު ކަލޭގެ މަގަށް ހުރަސް އަޅަންނާ  ބުނާނީ ކީކޭ؟ ” ކާފަ ސުވާލުކުރި އެވެ.

ކާފަކުރި އެސުވާލުގެ ޖަވާބު ކިއުންތެރިންނަށް ވެސް އެނގޭނެއެވެ. އެހާލަތުގައި އަހަރެމެން ފުރަތަމަ ކުރާނެ ކަމަކީ ޖާގަދޭން ރީތިކޮށް ބުނުމެވެ. އިޖާބަ ނުދީފިއްޔާ ދެން ބުނާނީ ބާރަށެވެ.

ޖިންނީންނާ މެދުގައި ކަންތައް ކުރަން ކާފަ ބުނީ ހަމަ އެކަހަލަ ގޮތަކަށެވެ.

” ފެނިއްޖެއްޔާ ވަަރަށް ރުޅިވެރިކަމާ އެކީ ބާރަށްބުނޭ، ކަލޭ ތިއީ ކާކުހޭ؟ މިތާ ތިހިރީ ކީއްވެހޭ؟ ހަމަ މިހާރު މިތަނުން ދާށޭ ވެސް ބުނާތި،” ކާފަ ބުންޏެވެ.

އެއީ އެކަމަކު أعوذُ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ކިއުމަށް ފަހުގަ އެވެ.

ކާފަގެ މި އިރުޝާދަށް އަމަލުކޮށް ޓެސްޓްކޮށްލާނެ ފުރުސަތު ލިބުނީ އޭގެ އެތައް އަހަރެއް ފަހުންނެވެ. އޭރު ކާފަ ދުނިޔެއަކު ނުވެސް ނެެތެވެ.

އެއީ އިރުވައިމޫސުމުގެ ފިނި ރޭތަކުގެ ތެރެއިން ރެއެކެވެ. ހަނދުވަރު ރީތި، ދުންފިނި ފައިބަމުން ދިޔަ ރެއެކެވެ. އަހަރެންގެ އާދައަކީ އެކުވެރިންނާ އެކީ ގެއާ ދުރުގައި ގާތްގަނޑަކަށް 12 ޖަހާލަންދެން އުޅުމެވެ. އެއަށް ފަހު ގެއަށް ދަނީ އެކަންޏެވެ. ރަށުގެ މައިމަގުން ދިއުމުގެ ބަދަލުގައި އަޅުގަނޑު އާއްމުކޮށް އޭރު ދެކުނު އަވަށަށް ގޮސް އައިސް އުޅެނީ ރަށް ވަށައިގެން ހިނގޭ ގޮތަށް އޮންނަ މަގަކުންނެވެ. އޭރުގައި އެއީ ވަރަށް ހަނި މަގެކެވެ. ދެފަރާތުގައި ބޯކޮށްް ހެދިފައި އޮންނަނީ މިރިއްސާއި ހުޔެވެ. އެއަށް ވުރެ ބިއްދޮށަށް ހުންނަނީ ބިޔަ މިދިލި ގަސްތަކާއި ދިއްގާ ގަަސްތަކެވެ. ކަށިކުނބުރު ފަލެއް ވެސް މަގުގެ ވަކި ހިސާބަކުން އެއް ފަރާތެއްގައި އޮވެއެވެ.

ރަށަކީ މޭލެއްހުންނަ ދިގު ރަށެކެވެ. އަޅުގަނޑުމެންގެ ހުންނަނީ އާބާދީގެ އެންމެ އުތުރުގައެވެ. އެކުވެރިންނާ އެކު ވަގުތު ހޭދަކުރަނީ އާބާދީގެ އެންމެދު ދެކުނުގައިވާ ގެއެއްގައެވެ.

ކޮންމެއަކަސް އެރޭ އަހަރެން ގެއަށްދާން ނުކުތީ ހަނދާންވާ ގޮތުގައި މެންދަމުން އަލިވެ 12 ގަޑި ބައި ވީފަހުންނެވެ. ޚިޔާލެއް ފިކުރެއް ނެތި މަޑުމަޑުން ބައިސިކަލް ދުއްވާލާފައި ގެތައް ފަސްދީ ދިޔަތަނާ ލޮލުގައި އަޅައިގަތީ އެކަނިމައިއެކަނި ހިނގާފައިދާ ކުޑަކުޑަ ކުއްޖެކެވެ.

. ދުރުން ފުރަތަމަ ފެނުމުން އަޅުގަނޑު ނިންމީ އެއީ ހީވިގޮތަކަށް ވެސް ވެދާނެ ކަމަށެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި އެކުއްޖާއާ އަރާ ހަމަވެއްޖެ އެވެ. ގާތްގަނޑަކަށް 20 އަށް ފޫޓަށް ކައިރިވުުމުން ވެސް އެއީ މިރަށުގެ ކޮން ގެއެއްގެ ކުއްޖެއްކަން ފާހަަގަވާ ގޮތެއް ނުވި އެވެ. އެހެންވެ އަހަރެން މަސައްކަތްކުރީ އެކުއްޖާއާ ހަމަކޮށް، ކުރިމައްޗަށް އަރައި ރަނގަޅަށް ބެލުމަށެވެ. އާދަޔާ ހިލާފު ކަމެއްކަން ފާހަގަވީ އެހިސާބުންނެވެ. ހުރިހާ ބާރެއް ފަޔަަށް ލާފައި ބާރަށް ބައިސިކަލް ދުއްވައިލުމުން ވެސްް އެކުއްޖާއާ އަރައި ހަމައެއް ނުކުރެވުނެވެ. ހުންނަނީ ހަމަ ވިއްސަކަށް ފޫޓު ކުރީގަ އެވެ. އެކަމަކު އޭނާ ނުވެސް ދުވެއެވެ. ދަނީ ހަމަ މަޑުހިނގުމެއްގަައެވެ.

މިކުޑަކުއްޖާއަަކީ އިންސާނެއްނޫންކަން ރެއަކާލީ އެހިސާބުންނެވެ. ކާފަ ކިޔައިދިން އެތައް ވާހަކައެއް ހަނދާނުގައި ހުއްޓަސް އަޅުގަނޑު ބިރުގަތެވެ. އެކަމަކު ވިސްނަން އުނދަގޫވާ ވަރަށް އަހަރެން ބިރެެއް ނުގަނެއެވެ. އަޅުގަނޑު ހުރީ ކަށިން ހިތްވަރު ނެރެގެން، ހަމަޖެހޭގޮތް ދައްްކައިގެންނެވެ.

“އޭ ތިއީ ކާކުތަ؟ ކުރިމަތިން ނެއްޓެން ނޭނގިގެން ތިޔަ އުޅެނީ؟ ތިޔައީ ކޮންމެ މީހަކަސް މަށަށް ހެޔޮ. ހަމަ މިހާރު މިތަނުން ދޭ” އަޑަށް ލެވުނުހާ ބާރެއް ލާފައި އަޅުގަނޑު ހަޅޭއްލަވައިގަތީމެވެ.

އޭރު އަޅުގަނޑު އިނީ ބައިސްކަލް މަޑުކޮށްލައިގެންނެވެ. ކުއްޖާވެސް ހުރީ އަހަރެންނަށް ފުރަގަސްދީގެން ހުއްޓިފަ އެވެ. ހަމަ ކުރިން ވެސް ބުނިހެން ވިއްސަކަށް ފޫޓު ދުރުގަ އެވެ. އޭނާ ފަސްއެނބުރި ބަލައެއް ވެސްް ނުލިއެވެ. އިތުރު ހަރަކާތެއް ވެސް ނުކުރި އެވެ. ފުރަަތަމަ ފަހަރު أعوذُ بِٱللَّهِ ކިޔަން ހަނދާން ނެތުނުކަން އަހަރެންނަށް ރޭކާލީ ދެނެވެ. އެހެންވެ   أعوذُ بِٱللَّهِ مِنَ ٱلشَّيۡطَٰنِ ٱلرَّجِيمِ ކިޔާފައި ދެވަނަ ފަހަރަށް ހަޅޭއްލަވައިގަތީމެވެ.

އެހިސާބުން ކުޑަކުއްޖާ އެތަނުން ހިނގައްޖެ އެވެ. އެކަމަކު އޭނާ އެތަނުން ދިޔައީ އާދަޔާ ހިލާފު ގޮތަކަށެވެ. އޭނާ ހަރަކާތެއް ކުރީއެއް ނޫނެވެ. ހުރިގޮތަށް ހުރެފައި ފުހެވުނީ އެވެ.

ދަންނަހާ ހެޔޮ އެއްޗެއް ކިޔަމުން އަހަރެން ދިޔައީ ގެއަށެވެ.

ނޯޓް: މި ހާދިޘާ އަކީ ރ އަތޮޅުގެ ރަށެއްގައި ހިނގާފައިވާ ހާދިޘާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *