ލައިލަތުލް ޤަދުރި ވިލޭރެއަކީ ކޮބައިކަމާއި އެރޭގެ މާތްކަމާއި އަދި އެރޭގެ ޢަލާމާތްތައް
الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد:
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެހެން ހުރިހާ އުއްމަތްތަކުގެ މައްޗަށް މިއުއްމަތް މާތްކުރައްވާ އެހެން އުއްމަތަކަށް ނުދެއްވާ ޝަރަފުތަކެއް ދެއްވާފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެން އުއްމަތްތަކަށް ފޮތްދެއްވިއެވެ. ނަމަވެސް އެހެން އުއްމަތްތަކަށް ނުދެއްވާ މަތިވެރި ސޫރަތެއް މިއުއްމަތަށް ދެއްވިއެވެ. ސޫރަތުލް ފާތިޙާއެވެ. އަދި އެހެން އުއްމަތްތަކަށް ރޯދަހިފުން ފަރުޟުކުރެއްވިއެވެ. ނަމަވެސް އެހެން އުއްމަތްތަކަށް ނުދެއްވާ މަތިވެރި ރެޔެއް އެއިލާހު އެމަހުގައި ލެއްވިއެވެ. އެއި ލައިލަތުލް ޤަދުރި ވިލޭރެއެވެ. އެރޭގެ މާތްކަން ހުރި މިންވަރީ އެރެޔަކީ ﷲތަޢާލާގެ ފޮތް ބާވާލެއްވުނު ރެޔެވެ. އަދި އެފޮތުގައި ޚާއްޞަ ސޫރަތެއް އެރޭގެ ނަމުގައި ﷲ ލެއްވެވިއެވެ. އެހެންކަމުން މިލިޔުމުގައި އަލި އަޅުވާލެވެނީ އެރެޔަކީ ކޮބައިކަމާއި އަދި އެރޭގެ މާތްކަމާއި އަދި އެރޭގެ ޢަލާމާތްތަކުގެ މައްޗަށެވެ.
ލައިލަތުލް ޤަދުރި (لَيْلَةُ القَدْرِ) ގެ މާނަ: ލައިލަތުލް (ރޭގަނޑު) ޤަދްރި (ޝަރަފު) އަދި (މިންވަރު) އަދި (މާތްކަން) މިމާނަތަކެވެ. އެރެޔަށް މިނަންތައް ދެވުނު ސަބަބުތައް ކަމުގައި ޝެއިޚު އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވަނީ:
ހ. އެރޭގެ ޝަރަފާއި މަތިވެރިކަމަށްޓަކައެވެ. ﷲގެ ފޮތް ބާވާލައްވާ މަލާއިކަތްބޭކަލުންނާއި ޖިބްރީލު ޢަލައިހިއްސަލާމް ބިމަށް ފައިބާ ވަޑައިގަންނަވައެވެ.
ށ. އެރޭ ހުރިހާ އަޅުތަކުންގެ މިންވަރު އަންނަން އޮތް އަހަރަށް ކަނޑައެޅުއްވި އަންނަން އަހަރުގެ ކަންކަން ލިޔުއްވިގެންދެއެވެ.
ނ. އަދި ބުނެވޭ ގޮތުން އެރޭގެ އަޅުކަން މަތިވެރިވެގެންދިޔުމުގެ ސަބަބުންނެވެ. އެއީ އެރޭ ރޭއަޅުކަން ކުރާ މީހާގެ ހުރިހާ ފާފަ ފުއްސެވުމާއި އަދި އަޅުކަމުގެ ސަވާބަށް އެއްހާސް މަހުގެ (ގާތްގަނޑަށް 83 އަހަރުގެ) ސަވާބު ދެއްވެވެއެވެ.
ލައިލަތުލްޤަދުރި ވިލޭރޭ ޖަހާފައިއެވަނީ ދިވެހިންގެ ތެރޭގައި އެގޮތަށް ނަން މަޝްހޫރުވެފައިވުމުގެ ސަބަބުންނެވެ.
އެރެޔަކީ ކޮބާ؟
އެރެޔަކީ ރޯދަމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. އަދި އެރޭގެ ޢަލާމާތްތަކާއި ބެހޭ ހުރިހާ ޙަދީޘެއް ޖަމާކުރެއްވުމަށްފަހު އިމާމު ނަވަވީ އަދި އިމާމު އިބުނު ތައިމިއްޔާ ރަޙިމަހުމުއްﷲ ބަޔާންކުރައްވަނީ އޮނަހިރި ރޭތަކުގެ ތެރެއިން ރޭތަކުގެ މެދުގައި އެކި އަހަރު ލައިލަތުލް ޤަދުރި ނަޤުލުވާކަމުގައެވެ. އެންމެ ވަރުގަދަ ބަހަކީ މިއެވެ. އެހެން ކަމުން އެންމެ މޮޅު އިތުރީ ހުރިހާ ފަހުދިހައެއްގައި ގަދައަޅައި މަސައްކަތްކުރުމެވެ. އެރޭގެ މާތްކަން: ހ.އެރެޔަކީ އެރޭގައި ޤުރުއާން ބާވާލައްވާ ﷲ ބަރަކާތް ލައްވާފައިވާ ރެޔެކެވެ.
ށ. އެރޭގައި މީސްތަކުންގެ އުމުރުއާއި އަދި ރިޒުޤު ކަނޑައަޅައި ލިޔުއްވެއެވެ.
ނ. އެހެން ރޭތަކަށްވުރެ އެރޭގެ އަޅުކަން މަތިވެރިކުރެއްވިއެވެ.
ރ. ﷲގެ ރަޙުމަތާއި ފާފަފުއްސެވުމާއި ހެޔޮކަމާއެކު ޖިބްރީލު ޢަލައިހިއްސަލާމް އާއި އެކު މަލާއިކަތް ބޭކަލުން ބިމަށްފައިބާވަޑައިގަންނަވައެވެ
ޅ. އެރެއަކީ ހުރިހާ ނުބައިކަމަކުން ސަލާމަތްވެގެންވާ ފަތިސްވަންދެން ހެޔޮކަން އެކުލެވިގެންވާ ރެޔެކެވެ. އ. އެރޭގެ ނަމުން ސޫރަތެއް ﷲ ތަޢާލާ ބާވާލެއްވިއެވެ.
އ. އެރޭ ރޭއަޅުކަން ކުރިމީހާގެ އިސްވެ ދިޔަ ހުރިހާ ފާފައެއް ފުއްސަވައިދެއްވައެވެ.
އެރޭގެ ޢަލާމާތްތައް:
ޝެއިޚު އިބުނު ޢުޘަޢިމީން ރަޙިމަހުﷲ އަންނަނިވި ޢަލާމާތްތައް ބަޔާންކޮށްދެއްވާފައިވެއެވެ.
ހ. އެރޭގެ އަލިކަމާއި އުޖާލާކަން ގަދަވުން: މިއަލިކަން ބޮޑަށް ފާހަގަކުރެވޭނީ މިޒަމާނުގެ ކަރަންޓު އަލި ނެތް ހިސާބުގައިވާ މީހުންނަށެވެ. ސަބަބަކީ އެއީ ރޭގަނޑުގެ ތެރެއިން ފަނޑު ހަނދުވަރުގެ އަލިކަމެއްފަދަ އަލިކަމެއްކަމުގައި އައިސްފައިވެއެވެ.
ށ. އެރޭ ހިތަށް ހަމަޖެހުން ލިބުން: އެރޭގައި މުއުމިނުންގެ ހިތަށް ހިތްހަމަ ޖެހުން ލިބި އެހެން ރޭތަކަށްވުރެ ހިތަށް ފަސޭހަކަން ލިބިގެންދާނެއެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަދްރު ސޫރަތުގައި އެރޭ ފަތިހާ ހިސާބަށް ސަލާމަތްތެރިކަން ވާކަމަށް ވަޙީކުރައްވާފައިވެއެވެ.
ނ. އެރޭގައި މަޑުމަޑު ވައިރޯޅިވުން: އެރޭގައި ތޫފާންތަކާއި އަދި ގަދަފަދަ ވައިގެ ރޯޅިތައް ނައުން ހިމެނެއެވެ. އަދި ހޫނު ގަދަނުވުމާއި އަދި ފިނިނުވުންވެސް ހިމެނެއެވެ. އެހެނީ އެފަދައިން ޙަދީޘްގައި ޒިކުރުވެފައިވެއެވެ. އަދި އެރޭގެ މޫސުން ރީތިވާނެއެވެ.
ރ. އަދި އެރޭ ބައެއް މުއުމިނުންނަށް އެރެއަކީ ލައިލަތުލް ޤަދްރި ވިލޭރޭކަމަށް ހުވަފެނުން ފެނިދާނެ: ދަލީލަކީ އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ޙަދީޘް ބަސްފުޅެވެ. އެއީ ޞަޙީޙް ބުޚާރީ އާއި މުސްލިމުގައި ބައެއް ޞަޙާބީ ބޭކަލުންނަށް ފެނުނު ކަމަށް އައިސްފައިވާ ޙަދީޘެކެވެ.