ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި ބޭފުޅަކާ ކުރެވިފައިވާ އިންޓަވިއުއެއް (2)

ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި ބޭފުޅަކާ ކުރެވިފައިވާ އިންޓަވިއުއެއް (2)

 

 

sihuru veriya interview2

ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި ބޭފުޅަކާ ކުރެވިފައިވާ އިންޓަވިއުއެއް (2)

ސިޙުރާދެކޮޅަށް މަސައްކަތްކުރާ ފުލުހުން އުޅޭއިރު، ސިޙުރުވެރިޔާ އެ ފަދަ ފުލުހުންގެ ކިބައިން ސަލާމަތްވުމަށް ކީއްވެތޯ ޝައިޠާނުންގެ އެހީތެރިކަން ނުހޯދަނީ؟

ސިޙުރާދެކޮޅަށް މަސައްކަތްކުރާ ފުލުހުންގެ ތެރޭގައި ޤުރުއާން ކިޔަވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔާ އުޅޭ ފުލުހުން އުޅޭ. ހެޔޮ ރަނގަޅު މުސްލިމުންގެ ކިބައިން ޝައިޠާނާއަށް އެއްވެސްކަމެއް ނުކޮށްދެވޭނެ. ރޭތަކުގެ ތެރެއިން އެއްރެއަކު، ތުހާމާއޭ ކިޔުނު ހިސާބުގައި ހުންނަ ތިމަން ސިޙުރުހަދާ ތަނުގައި އުޅުނިން. އޭރު އެތަނުގައި ފަރުވާއަށް އެދި އައިސްތިބި 10 ވަރަކަށް މީހުން ތިބި. ތިމަން ހަންޖަރެއް ނެގުމަށްފަހު، ތިމަންގެ ބަނޑަށް ހަރާލުމަށްފަހު ބުރަކަށިން ނެރުނިން. އަދި އެމީހުން ތިމަންނައަށް ސާބަސްދިން. (ޙަޤީޤަތުގައި) ތިމަން އެބައިމީހުންގެ ލޯތަކަށް ސިޙުރު ހަދައި އޮޅުވާލީ. މިގޮތުން އެއްފަހަރު، ޤުރުއާން ހިތުދަސް، މިސްކިތުގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކު އަޅުގަނޑުގެ ގާތަށް އައި. މީގެ ކުރިން މި ޒުވާނާވަނީ އަޅުގަނޑު ކުރަމުން އައި ކަންތަކާމެދު މީސްތަކުންގެ މެދުގައި އިންޒާރުދީ ހަދާފައި. އަދި އަޅުގަނޑު ކުރަމުން އެއައި ކަންތައްތައް ބޭޒާރުކޮށްލާނެ ވާހަކަވަނީ ދައްކާފައި. އެހެންނަމަވެސް މީސްތަކުން އެ ޒުވާނާއަށް ބުނަމުންދިޔައީ: ‘ތިބާގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލައި ނުލާށޭ. އެ މީހާ ހުންނަ ތަނަށް ތިބާ ވަދެފައި، ތިބާ ކުއްތާއަކަށް ނުވަތަ ޙިމާރަކަށް ބަދަލުކޮށްފައިވާޙާލުގައި މެނުވީ އެ ތަނުން ނުނިކުމޭވޭނޭ.’ އެ ޒުވާނާ އެބައިމީހުންނަށް ބުނެފައި ވަނީ؛ ‘އަހަރެން ވަކީލުކުރާ ފަރާތަކީ ﷲ އޭ.’ އެއަށްފަހު، އެ ޒުވާނާ ވުޟޫކޮށްގެން، އަޅުގަނޑު ހުންނަ ތަނަށް އައި. އަދި އަޅުގަނޑު ހުންނަ ތަނަށް ވަދެގެން އައީ އާޔަތުލް ކުރުސި ކިޔަވަމުން. އެއާއެކު، ޝައިޠާނުންތައް އެތަނުން ފިލައިފި. އަދި ޚަންޖަރު އަޅުގަނޑުގެ ބަނޑަށް ޙަޤީޤަތުގައިވެސް ހެރި، ލޭ ނުކުންނަށް ފެށި.

ސިޙުރިވެރިންގެ ގާތަށް ކަންކަމުގައި ގޮސްއުޅޭ މީހުންނަށާއި، އެބައިމީހުންދެކެ ބިރުގަންނަ މީހުންނަށް ދޭން އޮތް ނަސޭޙަތަކީ ކޮބައިތޯ؟

އެބައިމީހުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަނީ އެބައިމީހުންގެ ނަފްސާމެދު ﷲއަށް ތަޤްވާވެރިވުމަށް. އަދި ސިޙުރުވެރި ދައްޖާލުންގެ ގާތަށް ކަންކަމުގައި ނުދިޔުމަށް. އެހެނީ، ސިޙުރުވެރިންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ((مَنْ أَتَى كَاهِنًا وَلَمْ يُصَدِّقْهُ لَمْ تُقْبَلْ صَلَاتَهُ أَرْبَعِيْنَ يَوْمًا)) (މާނައީ: ކާހިނެއްގެ ގާތަށް ގޮސް، އެމީހާ ބުނާ އެއްޗެއް ތެދުނުކުރާމީހާގެ ނަމާދު 40 ދުވަސްވަންދެން ޤަބޫލުނުކުރައްވާނެތެވެ.) އެހެން ރިވާޔަތެއްގައި އައިސްފައިވާ ގޮތުން ((مَنْ أَتَى كَاهِنًا وَصَدَّقَهُ بِمَا يَقُوْلُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ)) (މާނައީ: ކާހިނެއްގެ ގާތަށް ގޮސް، އެމީހާ ބުނާ އެއްޗެއް ތެދުކުރާމީހާ، ފަހެ މުޙައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެއެވެ.) މި ޙަދީޘްތައް ރަނގަޅަށް އެނގޭނެ. ސިޙުރުވެރިއަކީ ކާފަރެއް. މީސްތަކުން ޝައިޠާނުންދެކެ ބިރުގަންނަކަމުގައިވާނަމަ، އެބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެ ބިރުގަތުން މާ އައުލާވެގެންވޭ. އެހެނީ، ޝައިޠާނާގެ މަކަރުވެރިކަމަކީ ބަލިކަށި އެއްޗެއް. އަދި އަޅުގަނޑު ނަޞޭޙަތްތެރިވަނީ ކީރިތި ޤުރުއާން ކިޔަވައިގެން ރައްކާތެރިކަން ހޯދުމަށާއި، ނަމާދުތަކަށް ފަރުވާތެރިވުމަށާއި، ޛިކުރުތައް ކުރުން ދޫކޮށްނުލުމަށާއި، ޙައްޤު ދީނުގެ ޤަވާޢިދުތަކުގައި ބާރަށް ހިފެހެއްޓުމަށް. ﷲ ގަންދީފަ ބުނަން، މިކަންތައްތަކަށް ފަރުވާތެރިވާމީހާއަށް (ޝައިޠާނުންނަށް) ގެއްލުމެއް ނުދެވޭނެ. އަޅުގަނޑު މަގުފުރެދުމުގައި ވީދުވަސްވަރު، ބައެއްފަހަރު ދީނުގައި އަންގަވާފައިވާގޮތަށް އުޅޭ، އަދި ޛިކުރުތަކަށް ފަރުވާތެރިވާ ބައެއް މީހުންނަށް ގެއްލުން ދިނުމަށް މަސައްކަތްކުރިން. އެހިނދު، ޝައިޠާނާ އަނދާފައިވާ ޙާލު އެނބުރި އާދޭ. އަދި އަޅުގަނޑު ބުނަން؛ ‘އެމީހާގެ ގާތަށް ނުދަނީ ކީއްވެހޭ؟’ އެ ޝައިޠާނާ ބުނޭ؛ ‘ތިމަންނައަށް އެމީހާއާ ކައިރިއެއް ނުވެވޭ. ދުރުގަ ހުންނައިރު ތިމަން އަންދާލާ އެއްޗެއް ހުރަސް އަޅައޭ.’ އެފަދަ ހެޔޮ މީހަކަށް ޣާފިލުވެވޭ ވަގުތުތަކުގައި، ނުވަތަ ނިދާފައި އޮންނައިރުވެސް ގެއްލުމެއް ނުދެވޭ.

ތިބާ ސިޙުރުގެ ކަންކަން ކޮށްއުޅުނު ދުވަސްވަރު، މިސްކިތުގައި ފަރުޟު ފަސްނަމާދުކޮށް އުޅެމުތޯ؟

38 އަހަރަށްވުރެ ގިނަދުވަސްވަންދެން ﷲއަށް އެންމެ ސަޖިދައެއްވެސް ނުޖަހަން. ބައެއްފަހަރު، މީސްތަކުން މިސްކިތަށް ދާތަން ފެނުމުން، ‘މީސްތަކުންގެ ބޭނުންތައް ފުއްދައިދޭ މީހާ މިސްކިތަށް ނުދަނީ ކީއްވެހޭ’ ބުނެފާނެތީވެ، އެކަމަށް ލަދުން ޖުނުބުވެރި ޙާލަތުގައި، ޠާހިރުނުވެ މިސްކިތަށް ވަންނަން.

ސިޙުރުވެރިންނާއި، ޤުރުއާނުންނާއި ޝަރުޢީ ރުޤްޔާ ކުރާ މީހުންނާ ފަރަޤުކުރާނީ ކިހިނެއްތޯ؟

ޝަރުޢީ ރުޤްޔާކުރުމުގައި ޝަރުޠުތަކެއްވޭ. މިސާލަކަށް؛ ފަރުވާކުރުމަށް ހިލޭ އަންހެނުންނާ އެކަހެރިވުމަކީ ޝަރުޢީގޮތުން ރުޤްޔާކުރުމާ ޚިލާފުކަމެއް. އަދި ރުޤްޔާކުރާއިރު ގޮތް ނޭނގޭ ކިޔެވެލިތައް ކިޔެވުމަކީ ހުއްދަކަމެއް ނޫން. އެހެނީ، ޤުރުއާން ވަނީ ޢަރަބިބަހުން. އެ ފޮތް ކިޔަވަންޖެހޭނީ ގާތުގައި ތިބޭމީހުންނަށް ޞާފުކޮށް އިވޭގޮތަށް. ކިޔަވާ އެއްޗެއް ނޭނގޭގޮތަށް ސިއްރުން ކިޔަވާ އެއްޗެއްގެ ގޮތުގައެއް ނޫން. އަދި ބަލިމީހާގެ މަންމަގެ ނަން ނުވަތަ އެފަދަ މަޢުލޫމާތާ ބެހޭގޮތުން ސުވާލުކުރުމެއް ނެތް. އަދި ބަލިމީހާ ވަކިކަމަކަށް ނަދުރު ބުނުމެއް ނުވަތަ އެއްޗެއް ކަތިލުމަކަށް ނުބުނެވޭނެ. ފަރުވާކުރަން އަންނަމީހާ އެއްޗެއް ކަތިލުމަށް، ނުވަތަ ނަދުރުބުނުމަށް، ނުވަތަ ވަކި ޚާއްޞަތަނަކަށް ޒިޔާރަތްކުރަން އެދިއްޖެނަމަ، ފަހެ އެމީހަކީ ސިޙުރުވެރިއެއް. އަދި މީސްތަކުން ގާތުގައި ތިބެއްޖެނަމަ ޖިންނި ވާހަކަނުދައްކާނޭ ބުނެ ހިލޭ އަންހެނުންނާއެކު އެކަހެރިވާމީހާއަކީ ސިޙުރުވެރިއެއް. އަދި ޝަރުޢީ ރުޤްޔާގައި ވާނީ ކީރިތި ޤުރުއާނާއި، މުޞްޠަފާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން ވާރިދުވެފައިވާ ދުޢާތައް.

ތައުބާވުމުގެ ފިކުރު އަންނަން ފެށީ ކޮން އިރަކުތޯ؟ އަދި ވަށައިގެން އުޅޭ މީހުންގެ މުޢާމަލާތުހުރީ ކޮން ގޮތަކަށްތޯ؟

އަޅުގަނޑު އޭރު ތައުބާވާކަށް ފިކުރެއް ނުކުރަން. އެހެންނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެކަމަށް ތައުފީޤު ލިބި، އަޅުގަނޑު ނިދާފައި އޮއްވައި ހުވަފެނެއް ފެނުން. ރޭތަކުންކުރެ ރެއެއްގައި، އަޅުގަނޑު ސިޙުރު ހަދަމުންދާ ތަނުގައި މީހުންނަށް ސިޙުރު ހަދައިދިނުމަށް އިނިން. އެރޭ 11 ޖަހަންދެން ސިޙުރު ހަދައިދިނުމުގައި ހޭދަކުރިން. އެއަށްފަހު، ފުރަތަމަ ފަހަރަށް އާދަޔާ ޚިލާފު ވަރުބަލިކަމެއްގެ އިޙްސާސްކުރެވެން ފެށި. އަދި އެރޭގެ 12 ޖެހުމަށްފަހު ނިދިން. އަޅުގަނޑަށް ހުވަފެނުގައި ފެންނަނީ އަޅުގަނޑު މަރުވެގެން، ހިނެވުމާއި، ކަފުންކުރުންފަދަ ޖަނާޒާގެ ކަންކަން މީސްތަކުން އަޅުގަނޑުގެ މައްޗަށް ކުރަމުން އަންނަތަން. މީސްތަކުން އަޅުގަނޑު ކަފުންކުރަން އުޅުމުން އަޅުގަނޑު ދެންނެވިން؛ ‘އަޅުގަނޑު ކަފުން ނުކުރާށޭ، އަޅުގަނޑު މިހުރީ ހެޔޮ ޙާލުގައޭ’. އެހެންނަމަވެސް މީސްތަކުން ޖަނާޒާގެ ކަންކަން ނިންމައި، އަޅުގަނޑު ގެންގޮސް ކަށްވަޅަށް ލައިފި. ދެން އޭގެފަހުން، ކަށްވަޅުގައި އަޅުގަނޑަށް ފެންނަނީ، އެއްވެސް އަލިކަމެއް ނުވާ އަނދިރިކަމެއްގެ ތެރޭގައި ވަނިކޮށް. ހަމައެކަނި ފެނި، އިވި ހުންނަނީ ބިރުވެރި އެއްޗެއްސާއި، ނުބައި އަޑުތައް. ދެން އަޅުގަނޑު ކޮށްއުޅޭ ކަންތަކާބެހޭގޮތުން ސުވާލުކުރެވުނު. އެ ސުވާލަށް އަޅުގަނޑަކަށް ޖަވާބެއް ނުދެވުނު. ދެން ‘ތިބާ ނަމާދުކޮށްފިންތޯ؟’ ސުވާލުކުރެވުނު. އަޅުގަނޑު ދެންނެވިން ނޫނެކޭ. ‘މިވަގުތު ނަމާދުކުރާށޭ’ އެބަޔަކު ބުނި. ‘އަޅުގަނޑު ޠަހާރަތުގެ މަތީގައި ނެތި ނަމާދުކުރާނީ ކިހިނެއްތޯ؟ އަޅުގަނޑު ޠާހިރުވާން ބޭނުން’ މިފަދައިން އަޅުގަނޑު ދެންނެވިން. ‘މިހާރު ތިބާ ވުޟޫކޮށް ނަމާދުކުރުމަށްޓަކައި ތިބާގެ ގާތަށް ފެން އެބަ ގެންނަން’ މިފަދައިން އެބަޔަކު ބުނި. ފަހެ، ބޮޑު ވާދީއެއް ވަރުގެ ކަންވާރެއްގައި އެބަޔަކު ފެން ގެނައި. އެ ފެންގަނޑުގެ ތެރޭގައި ކެކިކެކި އޮތް ކަޅު އެއްޗެއް އޮތް. އެ ފެނުން އަޅުގަނޑު ވުޟޫކުރުމަށް އެބަޔަކު އަޅުގަނޑުގެ ކިބައިން އެދުނު. އަދި ތަނަވަސް ތަނެއްގައި ނަމާދުކުރިން. އަދި އަޅުގަނޑަށް، އަޅުގަނޑުގެ ބައްޕަ ހަމަ އެފެނުން ވުޟޫކޮށްގެން، ހަމަ އެތަނުގައި ނަމާދުކުރަނިކޮށް ދުށިން. ދެން އޭގެފަހުގައި ބައްޕަ އަޅުގަނޑަށް ބަލާލުމަށްފަހު ބުނި: ‘އޭ ދާވުދެއެވެ! ދަރިފުޅު ތިކުރާކަންތަކުން ނުކުމެ، އެކަމާ ގާތް ނުވާތި.’ އަޅުގަނޑު ދެންނެވިން ‘އެއީ ކީއްވެތޯ؟’ ބައްޕަ ބުނި: ‘ދަރިފުޅަށް ނަމާދުކުރާނެ ވަގުތާއި، ޤުރުއާން ކިޔަވާނެ ވަގުތު އެބައޮތް، ދަރިފުޅު ފަސާދަކޮށްފައިވާ ކަންކަން އިޞްލާޙުކުރޭ. ﷲއަށް ބިރުވެތިވޭ. ދަރިފުޅުކުރާ ޞާލިޙު ޢަމަލު ފިޔަވައި މިތަނުގައި މަންފާކޮށްދޭނެ އެކައްޗެއްވެސް ނުވޭ.’

ވަށައިގެން އުޅޭ މީހުންގެ މުޢާމަލާތުހުރިގޮތަށް ބަލާއިރު، އަޅުގަނޑު ތައުބާވިކަން އެނގުމުން ވަރަށް ގިނަ މީހުން އެކަމާ އުފާކުރި. އަދި އަޅުގަނޑާމެދު ކަންތައްކޮށްފައިވަނީ ޤަދަރުވެރިކަމާއި އިޙްތިރާމާއެކު. އޭރު ޙަޤީޤަތުގައި އަޅުގަނޑު ވަނީ ހެޔޮ ރަނގަޅުމީހުންނާ ވަކިވެ، އަޅުގަނޑުގެ އެކުވެރިންނަކީ ޖިންނިންނާއި ޝައިޠާނުންކަމުގައި ހަދާފަ. މިހާރު މިވަނީ އެ ޙާލަތު ބަދަލުވެފައި. الحمد لله.

ތައުބާވުމަށްފަހު، (ޝައިޠާނުން) އުނދަގުލެއް ނުކުރޭތޯ؟

(ޝައިޠާނުން) އަޅުގަނޑަށް ގެއްލުން ދިން. ހޮޑުގެ ގޮތުގައި 3 މަސްދުވަސް ވަންދެން ލެއި އައި. ދެން އޭގެފަހުގައި، ބައެއް ބަލިތައް ކުރިމަތިކުރުވި. އޭގެ ތެރޭގައި އެއްފަޅި ވާވެސްވި. ދެން އަޅުގަނޑު، އަޅުގަނޑުގެ އަމިއްލަ ނަފްސަށް ޤުރުއާން ކިޔަވައި، ނަމާދުތަކަށް ފަރުވާތެރިވެ، ބައެއް ޝެއިޚުން އަޅުގަނޑަށް ޝަރުޢީ ރުޤްޔާކޮށް ހެދި. މިހާރު އެބަލިތައް ފިލައިގޮސް، ޞިއްޙަތު ރަނގަޅުވެއްޖެ. އަދި ޝައިޠާނުންނަކަށް މިހާރު ގެއްލުމެއްވެސް ނުދެވޭ. އަޅުގަނޑު މިހާރު ﷲއަށް ޛިކުރުކުރުމުގައި ހެނދުނާއި ހަވީރު ދާއިމުވެ ހުންނަން. އެހެނީ، ﷲއަށް ޛިކުރުކުރާމީހަކާ ޝައިޠާނުން ކައިރިނުވާނެ. އަޅުގަނޑު އެންމެހާ ބޭފުޅުންނަށް ނަޞޭޙަތްތެރިވަނީ ގޭގައި އަބަދުވެސް ބަޤަރާ ސޫރަތާއި، ކީރިތި ޤުރުއާން ކިޔެވުމަށް.

ސިޙުރު ބޭނުންކޮށްގެން މީހުންނަށް ގެއްލުންދީ އުޅުއިރު، ތިބާ ބޭނުންވާމީހާއަށް ގެއްލުން ދިނުމަށް ޖިންނި ދަނީ ކިހިނެއް ހެއްޔެވެ؟ އެ ޖިންނި ގޮސް އެމީހާގެ ހަށިގަނޑަށް ވަންނަނީތޯ؟

އުނދަގޫކުރުން އެކި ޙާލަތްތަކުގައި ތަފާތުވޭ. ބައެއް ޙާލަތްތަކުގައި އެމީހާގެ ޖިސްމަށް ގެއްލުންދީ، އަނެއްބައި ޙާލަތްތަކުގައި އެމީހެއްގެ އަހުލުންނަށް ގެއްލުންދީ، އަނެއްބައި ޙާލަތުގައި މުދަލަށް ގެއްލުންދޭނެ. އަދި ބައެއްފަހަރު ގެއަށް ގެއްލުން ކުރިމަތިކުރުވާނެ. ހަށިގަނޑުގެ ތެރެއަށް ވައްދާގޮތަށް ސިޙުރު ހެދުމަކީ އެންމެ އުނދަގޫ ވައްތަރުގެ ސިޙުރު. އެ ގެއްލުންދޭންއުޅޭ މީހަކީ އީމާންކަން ބަލިމީހެއްނަމަ، ޝައިޠާނާ ވަދެގަންނަން ފަސޭހަވާނެ. އަދި ފާއިތުވެދާ ކޮންމެ ދުވަހަކާއެކު އެމީހާގެ އީމާންކަން ބަލިކޮށްލައި، ޝައިޠާނާގެ ބާރު އެމީހާގެ ކިބައިގައި ގަދަކުރާނެ. އީމާންކަން ވަރުގަދަ މީހެއްނަމަ، ޝައިޠާނާއަށް ވަންނަން އުނދަގޫވާނެ. އަދި އެމީހާ ޛިކުރުކުރާލެއް ގިނަކަމާހުރެ އަދި ޤުރުއާން ކިޔަވާލެއް ގިނަކަމާހުރެ ޝައިޠާނާ ފިލައި ދާނެ.

ސިޙުރުހެދުމުގައި ތިބާ ބޭނުންކުރީ ކޮން ތަކެއްޗެއްތޯ؟

އެކަމުގައި އަޅުގަނޑު ތަފާތު އެއްޗެހި ބޭނުންކުރިން. މިސާލަކަށް؛ ކުއްތާގެ ލޭ، ޙައިޟުގެ ލޭ. އެތަކެތި ބޭނުންކުރަނީ ޝައިޠާނުން ރުހުން ހޯދުމުގެ ބޭނުމުގައި.

ޤުރުއާން ކިޔަވާއިރު، ސިޙުރުޖެހިފައިވާމީހާގެ އިނގިލިން، ނުވަތަ ލޮލުން، ނުވަތަ އަތުން ޖިންނި ނުކުންނަ ވާހަކައިގެ ޞައްޙަކަމަކީ ކޮބައިތޯ؟

ހަށިގަނޑުގެ ކޮންމެ ތާކުންވެސް ޝައިޠާނާ ނުކުމެދާނެ. އެހެނީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވަނީ ((وَخَلَقَ الْجَانَّ مِن مَّارِ‌جٍ مِّن نَّارٍ‌)) (މާނައީ: “އަދި ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން، އެކަލާނގެ ޖިންނީން ހެއްދެވިއެވެ.”) “الماَرِ‌جُ” އަކީ އަލިފާންގަނޑުގެ ކޮޅުކަމުގައި ބުނެވިފައިވޭ. އަދި އެއީ ނޭވާލާއިރު ޖިސްމުގެ ތެރެއަށް ވަންނަ ވައި ބަޔާންކޮށްދޭ ޢިބާރާތެއް. އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ދަންނަވަންއޮތީ، ޝައިޠާނާ ވަދެގެންދަނީ ޖިސްމުގެ ނެވާގެ ތެރެއިން ލައިފައި. އަދި އިންސާނާގެ ވަގުތުތަކުގެ ތެރެއިން ބައެއް ވަގުތުތަކުގައި އެ ޝައިޠާނާ ވަންނަނީ. އެމީހަކީ އީމާންކަން ބަލިމީހެއްނަމަ، ކޮންމެ މީހަކު ވަދެއުޅޭ ބަޒާރެކޭ އެއްގޮތަށް ކޮންމެ ވަގުތަކުވެސް ވަންނާނެ. އަދި އެމީހަކީ ގިނައިން ޛިކުރުކޮށް، ޤުރުއާން ކިޔަވާއުޅޭ މީހެއްނަމަ، ޝައިޠާނާ ހުންނާނީ ރުޅި ގަދަވާ ވަގުތާއި، ވަރަށް ބޮޑަށް އުފާވާ ވަގުތުފަދަ ވަދެވޭނެ ތަންވަޅަކަށް ފާރަލައިލައި. އެފަދަ ވަގުތުތަކަކީ ރުޅި ގަދަވުމުގެ ސަބަބުން ނުވަތަ އިންތިހާއަށް އުފާވުމުގެ ސަބަބުން ބުއްދިއަށް ހަމަނުޖެހުން އަންނަ ވަގުތުތައް. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ މަތިން ޛިކުރުކުރުމަށް ހަނދާން ނެތޭ ވަގުތާއި، ބެލުމާއި ދުލުގެ ޒަރީޢާއިން ފާފައަށް އަރައިގަންނަ ވަގުތުތަކަކީވެސް ޝައިޠާނާ ވަދެގަންނަ ވަގުތަތައް. އެފަދަ ވަގުތުތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހާ ފޮރުއްވާފައިވާ ފަރުދާގައި ބައުގަނޑު ހެދި، އެ ބައުގަނޑުން ވަދެގަންނަން ޝައިޠާނާ ކުޅަދާނަވޭ. އިންސާނާ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅެ، ޠާހިރުވެ، ﷲއަށް ޛިކުރުކޮށް، މީސްތަކުންނާ ހެޔޮކޮށް މުޢާމަލާތުކޮށް އުޅޭނަމަ، އެމީހާގެ ގައިގެ ތެރެއަށް ޝައިޠާނާއަކަށް ވަނުމަކަށް ކުޅަދާނައެއް ނުވާނެ.

ނަފްސާނީ ބައްޔާއި، ސިޙުރާ ފަރަޤު ހުރޭތޯ؟

އާދެ، އެދެކަމުގައި ފަރަޤު ހުންނާނެ. އޭރު، ބައެއްމީހުން ނަފްސާނީ ކަންކަމުގައި އަޅުގަނޑުގެ ގާތަށް އަންނާނެ. އެހެންނަމަވެސް، ފައިސާ ހޯދުމަށްޓަކައި އެވާހަކަ އެމީހުން ކައިރީ ނުބުނަން. ނަފްސާނީ ބަލީގެ ޙާލަތްތަކާއި، ވަސްވާސްގެ ޙާލަތްތަކާ ސިޙުރާ ގުޅުމެއް ނުވޭ.

އެމީހެއްގެ އެކުވެރިންނަށް، ނުވަތަ ގާތްތިމާގެ މީހުންނަށް، ނުވަތަ އަނބިމީހާއަށް ސިޙުރުޖެހިފައިވާ މީހަކަށް ދޭނެ ނަޞޭޙަތަކީ ކޮބައިތޯ؟

އަޅުގަނޑު އެފަދަ މީހަކަށް ދަންނަވާނީ؛ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތިބާ ޙަމްދުކުރާށޭ. ތިބާއަކީ އަނިޔާ ލިބިފައިވާ އަދި އެކަމުގެ ސަބަބުން ހެޔޮ އަޖުރު ލިބޭނޭ މީހެކޭ. އެހެނީ، މުއުމިނެއްގެ ގަޔަށް ކަށްޓެއް ހެރުނުނަމަވެސް އެމީހަކަށް ހެޔޮ އަޖުރު ދެއްވާ. އެހެންކަމުން، ޝައިޠާނުން ބޭނުންކޮށްގެން މީހަކު ތިބާއަށް ގެއްލުން ދިންނަމަވެސް ދެރަނުވެ، ﷲ ދެއްވާ ހެޔޮ އަޖުރަށް އެއިލާހަށް ޙަމްދުކުރާށޭ. އަދި ﷲގެ ފޮތް ކީރިތި ޤުރުއާނާއި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ގަދަޔަށް ހިފަހައްޓާށޭ. ފިރުޢައުނުގެ ސިޙުރުވެރިންނާ ބެހޭގޮތުން ﷲ ވަޙީ ކުރައްވާފައިވަނީ ((…مَا جِئْتُم بِهِ السِّحْرُ‌ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ)) (މާނައީ: “ތިޔަބައިމީހުން ތިޔަ ގެނައީ ސިޙުރެވެ. ހަމަކަށަވަރުން، ﷲ، އެ ސިޙުރު ބާޠިލުކުރައްވާނެތެވެ. ހަމަކަށަވަރުން، ފަސާދަކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާހުށްޓެވެ.”) މިފަދައިން. ސިޙުރުވެރިން މިހާރު ބައެއް ޝައިޚުންގެ ފަތުވާތަކަށް ބުރަވެގެން އެކަން ކުރޭ. އެހެންނަމަވެސް، އަޅުގަނޑު އެފަދަ މީހުންނަށް ދަންނަވާނީ ﷲއަށް ތަޤުވާވެރިވެ، ސިޙުރު ހަދައިގެން ފަރުވާ ހޯދުން ހުއްދަކަމަށް އަންނަ ފަތުވާތަކަށް ތަބާނުވާށެ.

ސިޙުރެއް ފެނިއްޖެމީހަކު، އެ އެތި ނައްތާލާނީ ކިހިނެއްތޯ؟

ސިޙުރު ހުރި ތަނެއް އެނގިއްޖެނަމަ، ބިސްމި ކިޔުމަށްފަހު، އާޔަތުލް ކުރުސިއާއި، ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާސި ކިޔެވުމަށްފަހު އެ އެއްޗެއް ނަގާ. އަދި އެ އެތި (ޤުރުއާން ކިޔަވާފައިވާ) ފެނަށް ލުމަށްފަހު، ދުރުތަނަކަށް ގެންގޮސް އެ އެތި ވަޅުލާ. ސިޙުރެއް ފެނުމުން އެ އެތި އަންދާލުމަށް އަޅުގަނޑު ނަޞޭޙަތްތެރިއެއް ނުވަން. އެހެނީ، ބައެއް ސިޙުރުވެރިންގެ ނުބައިކަމުން، ބައެއް ސިޙުރުތަކަށް އަލިފާނުގެ އަކުރުތައް ލައި. އޭގެ ސަބަބުން އަންދާލުމުން އެއިގެ އަސަރު ބޮޑުވާނެ.

ތިބާއާއި ތިބާގެ ޢާއިލާގެ މީހުން ޤަތުލުކޮށްލާނެކަމަށް ޝައިޠާނުން އިންޒާރުދީ، އެ ޝައިޠާނުން އެއިގެ ބައެއް އުނދަގޫތައް ތިބާއަށް ކޮށްފައިވަނިކޮށްވެސް ތައުބާއިން ރުޖޫޢަނުވެ ތިޔަ ހުންނަވާ ހުންނެވުމާމެދު ދެކެނީ ކިހިނެއްތޯ؟

އިސްލާމްދީނާއި، ތައުބާއާއި، ސާބިތުކަމާއި، މީގެ ކުރިން އަޅުގަނޑަށް ގެއްލިފައިވާ ޞައްޙަ ޢަޤީދާގެ ސަބަބުން ﷲ ތަޢާލާ ވަނީ އަޅުގަނޑު ޢިއްޒަތްތެރި ކުރައްވާފައި. އަޅުގަނޑަށް އިޙްސާސްކުރެވެނީ އަޅުގަނޑަކީ މަތިވެރި، ޝައިޠާނުންނާ ދެކޮޅަށް މަސައްކަތްކުރާ، މުޞީބާތްތަކަށް ކެތްތެރިވާ މީހެއްގެ ގޮތުގައި. މިކަންކަމަށް އަޅުގަނޑަށް މަގުދެއްކެވީތީ ﷲއަށް އަޅުގަނޑު ޙަމްދުކުރަން. މިހާރު އަޅުގަނޑު މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ދަޢުވަތު ދިނުމާއި، އިޞްލާޙުކުރުމަށް މަސައްކަތް ފަށާފައި.

(ނިމުނީ)

ނޯޓް:  މިލިޔުމަކީ އައްޝައިޚް މުޙައްމަދު ސިނާން ދިސަލަފިއްޔާއަށް ލިޔުއްވާފައިވާ ލިޔުމެކެވެ.

__________________

ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި ބޭފުޅަކާ ކުރެވިފައިވާ އިންޓަވިއު  1 

 

އުއްމު އާލިމާ

Leave a Reply

Your email address will not be published. Required fields are marked *