އެޕަލްސައިޑާ ވިނިގާގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ (ދެވަނަބައި)
(އެޕަލްސައިޑާ ވިނިގާގެެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ (ދެވަނަބައި
- ހަންގަނޑުގެ އުޖާލާކަން ގެނެސްދިނުން
އެޕަލްސައިޑާ ވިނިގާގެ އެހީގައި ހަންގަނޑުގައި ހުންނަ ކަޅު ލައްތައް ފިލުވާދީ ރޫތައް މަދުކޮށްދިނުމާއެކު ހަންގަނޑު ބާރުކޮށްދިނުމުގައި އެހީތެރިވެދެއެވެ. ކޮޓޮން ( ކަފަ ) ކޮޅަކަށް ފެނާއި އެއްކޮށްފައި ހުރި އެޕަލްސައިޑާ ވިނިގާ އަޅާށެވެ. އަދި މޫނުމަތީގައި ރަތްވެފައި ހުންނަ ތަންތަން ސާފުކޮށް ހިއްކާލާށެވެ.
ހަންގަނޑުގައި ހުންނަ ރޫތައް ފިލުވާލުމަށް، އެޕަލްސައިޑާ ވިނިގާއާއި ފެނާ އެއްކުރުމަށްފަހު އެ ފެނުގެ ތެރެއަށް ކޮޓޮން ( ކަފަ ) ކޮޅެއްލާ ތެންމާލާށެވެ. އެއަށްފަހު ރޫޖެހިފައިވާ ހިސާބުތަކުގައި ކަފަ ކޮޅުގެ އެހީގައި އުނގުޅާށެވެ. މިކަމުން ހަންގަނޑުގައި ހުންނަ ރޫތައް ބާރުކޮށްދިނުމައި ކޮންމެވެސްވަރެއްގެ ފަރުވާއެއް ލިބިގެންދާނެއެވެ އިންޝާﷲ.
ހަންގަނޑު ޓޯން ކުރުމަށްޓަކަައި، ބައިތަށި އެޕަލްސައިޑާ ވިނިގާ އެއްތަށި ފެނަށް އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅާށެވެ. އާންމުގޮތެއްގައި މިގޮތަށސް ބޭނުންކުރާ ކަމަށްވާނަމަ ހަންގަނޑުގެ ޕީއެޗް އެއްވަރެއްގައި ހިފަހައްޓައިދީ ތަފާތު އިންފެކްޝަން އުފެދުމުން ސަލާމަތްކޮށްދޭނެއެވެ.
- ފައި މަސްގުޅަކެއުމުން ސަލާމަތްކޮށްދިނުން
ވަރަށްގިނަ ބޭފުޅުން ރޭގަނޑު ގަޑީގައި ފައި މަސްގުޅަކައެވެ. އެޕަލްސައިޑާ ވިނިގާގައި އެކުލެވޭ މިނަރަލްގެ މިންވަރުގެ ސަބަބުން އާދަކޮށް ފައި މަސްގުޅަކާ މިންވަރާއި ބޮޑުމިން އަދި ތަދުވާ މިންވަރު ކުޑަކޮށްދެއެވެ. ( ކްރޭންޕްސް )
މިހެން ވާ ވަޤުތު، ތާފަނާ ފެން ތައްޓަކަށް އެޕަލްސައިޑާ ވިނިގާ ފޮދެއް އެއްކޮށްލުމަށްފަހު ބޯލާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އުނދަގޫތައް ކެނޑޭނެއެވެ. މީގެ އިތުރުން 2 ސައިސަމްސަލުގެ އެޕަލްސައިޑާ ވިނިގާ، ކުޑަ މާމުކޮޅަކާއި އެކު ފެންތައްޓަކަށް އެއްކޮށްލުމަށްފަހު ލަސްލަހުން ބޮމުން ގެންދިއުމަކީވެސް މިކަމަށް އޮތް ފަރުވާއެކެވެ.
- އަރިދަފުސް ރޯގާ އަދި ކެއްސުމަށް ފަރުވާލިއްބައިދިނުން
އެޕަލްސައިޑާ ވިނިގާއަކީ އަރިދަފުސް ރޯގާ، ކެއްސުން، ކަރުތެރެ ހިރުވުމަށް އެންމެ ރަނގަޅު ފަރުވާއެވެ. 1 ސައިސަމްސަލުގެ އެޕަލްސައިޑާ ވިނިގާ އާއި 1 ސައިސަމްސަލުގެ މާމުއި، 1 ސައިސަމްސަލުގެ ފެނަށް އެއްކުރާށެވެ. އަދި ޗަސްކޮށްފައި ހުންނަ އިނގުރުކޮޅެއް މިއަށް އެއްކޮށްލުމަކީ ފަރުވާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެކެވެ. އެއަށްފަހު މިތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ބޯށެވެ.
މަތީގައި ދެންނެވުނު ފަރުވާ ދުވާލަކު 3 އިރު ބޭނުން ކުރައްވާށެވެ. މިކަމުން ކެއްސުމާއި ، އަރިދަފުސް ރޯގާ އަދި ރޯގާގެ ސަބަބުން ނޭފަތް ބެދުމުން ފަރުވާލިބޭނެއެވެ. އިންޝާ ﷲ.
- އިންފެކްޝަންއާއި ދެކޮޅަށް މަސައްކަތްކޮށްދިނުން
އެޕަލްސައިޑާ ވިނިގާގައި ހިމެނޭ އެންޓިސެޕްޓިކް ސިފަތަކުގެ ސަބަބުން ބެކްޓީރިއާ އަދި ފަންގަސްގެ ސަބަބުން ޖެހޭ އިންފެކްޝަންތަކަށް ފަރުވާލިއްބައިދިނުމުގައި އެހީތެރިވެދެއެވެ.
މިސާލަކަށް ކަންފަތުގައި އުފެދޭ އިންފެކްޝަންތައް، ބްލެޑާގައި އުފެދޭ އިނފެކްޝަންތައް އަދި ކެންޑިޑިއަސިސް ފަދަ އިންފެކްޝަން ތަކަކީ މިކަމަށް ފަރުވާލިދާނެ ބައެއް މިސާލުތަކެވެ.
ކަންފަތުގެ އިންފެކްޝަންތަކަށް، ފެންފޮދަކަށް އެޕަލްސައިޑާ ވިނިގާ އެއްކޮށްލުމަށްފަހު ކަންފަތް ދޮވެލާށެވެ. ބްލެޑާގެ އިންފެކްޝަންތަކަށް ނުވަތަ ކެންޑިއަސިސް އަށް، ތާފަނާ ފެނުގެ ތެރެއަށް 2 ސައިސަމްސާ އެޕަލްސައިޑާ ވިނިގާ އެއްކޮށްލުމަށްފަހު ކޮންމެ ރެއަކު ނިދުމުގެ ކުރިން ބޯލާށެވެ. އިންފެކްޝަންގެ ސަބަބުން ދިމާވާ އުނަދގޫތައް ކެނޑެންދެން މި ފަރުވާ ކުރިއަށް ގެންދާށެވެ.
- ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކޮށްދިނުން
ރިސާޗްތައް ދައްކާގޮތުގައި އެޕަލްސައިޑާ ވިނިގާ، ލޭގެ ލިޕިޑް ޕޮރޮފައިލް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިކަން މިގޮތަށް ކޮށްދެނީ ޓްރައިގްލިސަރައިޑްސް އަދި ލިޕޯޕޮރޮޓީން ކޮލެސްޓްރޯލް ( އެލްޑީއެލް) ނުވަތަ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީގެންނެވެ. އަދި ހައި ޑެންސިޓީ ކޮލެސްޓްރޯލް ( އެޗްޑީއެލް ) ނުވަތަ ރަނގަޅު ކޮލެސްޓްރޯލް މަތިކޮށްދީގެންނެެވެ. މިކަމަކީ ހަކުރުބަލީގެ ސަބަބުން ދިމާވާ އުނދަގޫތައް ރަނގަޅުކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ.
މަތީގައި ބަޔާންވެގެން އެދިޔަ ފައިދާ ތަކަކީ ދިރާސާތަކުން ހާމަވެފައިވާ ބައެއް ފައިދާތަކެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ސިއްޙީ ފައިދާ އެޕަލްސައިޑާ ވިނިގާގައި އެކުލެވިގެންވެއެވެ. އެހެންކަމުން ކޮންމެ ބޭފުޅަކުވެސް މި މުހިންމު ބުއިން ހޯދުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.
އަޅުގަނޑުގެ އުންމީދަކީ މި ލިޔުމުގެ އެހީގައި ކިޔުންތެރީންނަށް އެޕަލްސައިޑާގެ މިހުންމުކަމާއި އޭގެން ކުރެވިދާނެ ބައެއްފައިދާ ލިބިގެންދިއުމެވެ. ހަމައެހެންމެ ތަފާތު ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ﷲ ޞުބުޙާނަހޫ ވަތަޢާލާ ކެތްތެރިކަން މިންވަރުކުރައްވާ، އެބައިމީހުނަށް ހެޔޮ ޖަޒާ މިންވަރުކޮށްދެއްވާ އަވަސް ޝިފާއެއް ދެއްވުމުވެ. ﷲ އީ ހުރިހައި ބަލިތަކަށްވެސް ޝިފާދެއްވާ ރަސްކަލާނގެއެވެ. އާމީން!
ނޯޓް: މަތީގައި ބަޔާންވެގެން އެދިޔަ ފަރުވާތަކުގައި އެސްފީނާއާއި ހަސަދައިގެ އާޔާތްތައް ނުވަތަ އެސްފީނާއަށް ކުރެވިދާނެ ކުރު ރުޤްޔާގެ އާޔަތްތައް ހިމަނާލުމަކީ މުހިންމު ކަމެއް ކަމުގައި ރުޤްޔާކުރައްވާ ބޭފުޅުން ދެކިލައްވައެވެ. ސަބަބަކީ އިންސާނުންނަށް ގިނައިން މެދުވެރިފައި ހުންނަ ކަންކަމަކީ އެސްފީނާ ނުވަތަ ހަސަދައިގެ ސަބަބުން ކުރިމަތިވާ ކަންކަމުގައިވާތީއެވެ. އެހެންކަމުން މި ބޭޅުފުންގެ އިލްތިމާސްއާއި އެއްގޮތަށް ފަރުވާތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
(ނިމުނީ)
މަޢުލޫމާތު ނެގި މަޞްދަރު
ތިއްބުއް ނަބަވީ ( ޕްރޮފެޓިކް މެޑިސިން ފޮތް )