ސިޙުރުވެރިއަކު ދެނެގަންނާނެ ބައެއް ޢަލާމާތްތައް
ޖިންނީންނަކީވެސް ﷲ ތަޢާލާ ދުނިޔޭގައި ލައްވާފައިވާ އެއިލާހުގެ މަޚްލޫޤުންތަކެކެވެ. އެއީ އިންސާނުންނަށް ޣައިބުގައިވާ މަޚްލޫޤެކެވެ. ޖިންނީންގެ ތެރޭގައިވެސް މުއުމިނު ޖިންނީންނާއި ކާފިރު ޖިންނީންވެއެވެ. ﷲ ތަޢާލާގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމަގެ މައްޗަށް ބާވައިލެއްވި ޝަރީޢަތަކީ އެންމެހާ އިންސާނުންނާއި ޖީންނީންގެ މައްޗަށް އާއްމުވެގެންވާ ޝަރީޢަތެކެވެ.
ޖިންނި ޝައިޠާނުން އިންސާނުންނަށް ގޯނާކުރާ ވާހަކައަކީ ވަރަށް ޢާއްމުވާހަކައެކެވެ. ޖިންނީން އިންސާނުންނާއި އަވަލުމަށް މެދުވެރިވާ ތަފާތު ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އަދި އެންމެ އާންމު ސަބަބަކީ ކޮންމެވެސް ސިޙުރުވެރިއެއްގެ ސިޙުރުގެ ސަބަބުން ޖިންނި އަވަލުމެވެ. ﷲ ތަޢާލާ ވަޙީކުރައްވަފައި ވެއެވެ. ” وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا ” – الجن 6- މާނައަކީ: ” އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ.”
ﷲ ތަޢާލާއަށް ޝިރުކުކޮށް، ޖިންނީންގެ ކިބައަށް ކުއްތަންވުމުގެ ގޮތުން އެ ޖިންނީންގެ ކިބައިން ވާތްގާއި އެހީތެރިކަމާއި ރައްކާތެރިކަން ހޯދައި އެ ޖިންނީންނަށް ސަޖިދަޖަހައި ޤުރުބާންކޮށް ހަދަމުންދާ ބަޔަކު އިންސާނުންގެ ތެރޭގައިވެއެވެ. އެއީ ސިޙުރުވެރީންނެވެ. މިއީ އަޅުގަންޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް ވަރަށް ގިނަބަޔެކެވެ. ބޭރުފުށުން ރީތިފޭރާމުގައި، ހެޔޮއެދޭ ބައެއްގެ ގޮތުގައި މީސްތަކުންގެ ތެރޭގައި އުޅުނުމުގައިވިޔަސް، ހަޤީޤަތުގައި އެއީ ނަޖިސްބަޔެކެވެ. އެފަދަ މީހުންގެ ކިބައިން ދުރުވެ ރައްކާތެރިވެހުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެކެވެ. ސިހުރު ޖެހުމުން ނުވަތަ ބައްޔެއްވުމުން ނުވަތަ ޖިންނީންގެ ކިބައިން ގޯނާއެއްވާނަމަ އެމީހާއަށް އޮތީ ގިނަގިނައިން ﷲ ތަޢާލާގެ ޒިކުރުކޮށް ނަމާދުތަކަށް ރައްކާތެރިވެ ކީރިތި ޤުރުއާންކިޔެވުން އިތުރުކޮށް ހެނދުނާއި ހަވީރުގެ ދުޢާތަށް ކިޔުމާއި، ޖިންނީންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ނުވަތަ އެ ބައްޔަކުން ސަލާމަތްކޮށްދެއްވުންއެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާ ދެންނެވުމެވެ. ނުވަތަ ޝަރުޢުގައި ޘާބިތުވާގޮތައް ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތާއި ޚިލާފުނުވާގޮތުގެ މަތިން ޝަރުޢީ ރުޤްޔާ ހަދާ ރާޤީއެއް ލައްވައި އެކަންކުރުވުމެވެ. މުއުމިނުން ވަކީލުކުރާ ފަރާތަކީ ހަމައެކަނި ﷲ ސުބްހާނަހު ވަތަޢާލާއެވެ. އެއްވެސް ހާލަތެއްގައި ސިޙުރުވެރިއެއްކައިރިއަށް ގޮސް އެހީހޯދުން ހުއްދަވެގެންނުވެއެވެ. އެހެނީ ސިޙުރު ހެދުމަކީ ﷲ ތަޢާލާއަށް ވެވޭ ކުފުރެކެވެ. އަދި ސިޙުރުން ސިޙުރުބާތިލުކުރުމަކީ ހުއްދަކަމެއްނޫނެވެ. ސިޙުރަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެއްމެބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެން ކަމުން ސިޙުރުވެރިން ވަކިކުރާނެގޮތް ދެނެގަތުމަކީ، ސިޙުރުވެރިކަން ޢާއްމުވެފައިވާ މުޖްތަމަޢުއެއްގައި، ވަރަށް މުޙިއްމުކަމެކެވެ.
އެގޮތުން ސިހުރުވެރިން ދެނެގަންނާނެ ބައެއް ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ބައެއް ޢަލާމާތްތަކުގެ ތެރޭގައި :
1 – ބަލިމީހާގެ ނަން ނުވަތަ އޭނަގެ މަންމަގެ ނަން އޮޅުންފިލުވަން އުޅުން.
2 – ބަލިމީހާގެ ކޮންމެވެސް އަޘަރެއް ގެންދަން އުޅުން. ( ބަލިމީހާގެ ހެދުމެއް ނުވަތަ ރުމާލެއް ނުވަތަ އިސްތައްޓެއް ނުވަތަ އެފަދަ ކޮންމެވެސް އެއްޗެއް.)
3 – ބައެއްފަހަރު ޚާއްސަ ޝަރުތު ތަކެއް ފުރިހަމަވާ ނުވަތަ ޚާއްސަ ޞިފަތަކެއް އެކުލެވިގެންވާ ޖަނަވާރެއް ޛަބަޙަ ކުރުމަށް(ކަތިލުމަށް) ހޯދަން ބުނެއެވެ. ( މިޘާލަކަށް : ވަކި އުމުރެއް ފުރިފައިވާ ދޫންޏެއް ނުވަތަ ޔަތީމު މީދަލެއް ގެންނަން ބުނެފާނެއެވެ.) ސިޙުރުވެރިޔާ އޭތި ޛަބަޙަ ކުރާއިރު ﷲ ތަޢާލާގެ އިސްމުފުޅު ޛިކުރު ކުރުމުގެ ބަދަލުގައި ކޮންމެވެސް ޖިންނިއަކަށް ކުއްތަންވުމުގެ ގޮތުން އެ ޖިންނީގެ ނަންމަތީގައި ޛަބަޙަ ކުރެއެވެ. ( ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ޛަބަޙަ ކުރުމަކީ ބޮޑު ޝިރުކެކެވެ. ) މިއީ ޖިންނީންގެ ކިބައިން ވާގި ހޯދައި ސިޙުރުގެ ޢަމަލުތައް ހިންގުމަށް ސިޙުރުވެރިޔާ ކުރާކަމެކެވެ. ( އެމީހުން ހޯދަން އެބުނާ ޝަރުތުތައް ހިމެނޭ ޖަނަވާރެއް ގެނައުމަކީ އިންސާނަކަށް ކުޅަދާނަވާނެކަމެއްތޯއެވެ. ޔަތީމު މީދަލެއް ހޯދާނީ ކިހިނެއްތޯއެވެ. ދެން އެމީހުން އެ ހޯދަންބޭނުންވާ ޝަރުތު ހަމަވާ އެއްޗެއް ބަލިމީހާގެ ޢާއިލާމީހުންނަށް ނުގެނެވުމުން ، ސިޙުރުވެރިން އެ ޢާއިލާމީހުން އަތުން ގިނައަދަދެއްގެ ފައިސާ ހޯދާފައި ކޮންމެވެސް ތަނަކުން ޔަތީމުމީދަލެކޭ ކިޔާފައި މީދަލެއް ގެންނަނީއެވެ. އެންމެ ބޮޑުބޭނުމަކީ ފައިސާހޯދުމެވެ. )
4 – އަކަ ކުރެހުން. ( ސިޙުުރު ރަމްޒުކޮށްދޭ އެކިބައްޓަން ބައްޓަމަށްހުންނަ ކުރެހުންތަށް ).
5 – އެހެންމީހުނަށް ކިޔާ ނުކިޔާއެއްޗެއް ނޭންގޭފަދަ ޢިބާރާތްތަކަކުން އެއްޗެހިތަކެއްކިޔުން. އެގޮތުން އެކަންކުރުމުގައި ޖިންނި ޝައިޠާނުންގެ ނަންތައް( މީހުން އަޑުއަހައި ނޫޅެ ކަހަލަ ބީރައްޓެހި ނަންތައް ) ކިޔައި އެތަކެތީގެ ކިބައިން ސިޙުރުވެރިން އެހީއަށް އެދެއެވެ.
6 – އަންދާފައިވާ ކަރުދާސްތަކެއް ސިޙުރުވެރިޔާ ބަލިމީހާއަށް ދެއެވެ. އަދި އޭގެ ބޭނުންކޮށްގެން އާވިއަރުވައި ސިޙުރުވެރިޔާ އެދޭގޮތަކަށް ކަންކަން ކުރުމަށްބުނެއެެވެ.
7 – އިރުގެއަލި ނުވަންނަގޮތަށް ބަންދުވެފައި ހުންނަ ކޮޓަރިއެއްތެރޭގައި ހުރެ، ވަކި ވަޤުތެއް ވަންދެން އެހެންމީހުން ބޭރަށް ނެރުމަށް ބަލިމީހާއަށް އެންގުން. (ބަލިމީހާއާއި ސިހުރުވެރިޔާ އެކަހެރިވުމަށް) .
8 – ބައެއްފަހަރު ވަކި މުއްދަތެއް ވަންދެން ފެނުގައި ނުޖެހި ހުރުމަށް ބަލިމީހާ އަށް އަންގައެވެ. އެ މުއްދަތަކީ ގިނަފަހަރަށް 40 ދުވަހެވެ.
9 – ބިމުގައި އެއްޗެހި( ސިޙުރު ހަދާފައިވާ ތަކެތި) ވަޅުލުމަށް ބަލިމީހާއާއި ހަވާލުކުރެއެވެ.
10 – ސިޙުރުވެރިޔާގެ ކުރިމަތީގައި ބަރަހަނާވުމަށް ބަލިމީހާގާތު އެދެއެވެ.
11 – އަކުރުތައް ވަކި ވަކިން ހުންނަގޮތަށް ( ސިހުރުގެ ބަސްތައް އަރަބިބަހުން ނުވަތަ ޤުރުއާނުގެ އާޔަތްތައްވިޔަސް އަދި ﷲ ތަޢާލާގެ އިސްމުފުޅުތައްވިޔަސް އެއަށް އިހާނަތްތެރިވާގޮތަށް ) ގަނޑެއްގައި ނުވަތަ ތައްޓެއްގައި ސިޙުރުވެރިޔާ ބަލިމީހާއަށް ލިޔެދެއެވެ. އަދި އެ ކަރުދާސްގަނޑު ގައިގެ ތަނެއްގައި ތަވީދުގެ ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް ހަށިގަނޑުގައި ނުވަތަ ގޭގައި ހަރުކުރުމަށް އަންގައެވެ. އަދި އެ ލިޔެދިން ތަށިން ފެންބުއިމަށް އެންގުން.
12 – ސިޙުރުވެރިޔާ ދޭ ޚާއްސަ ހެދުމެއް ލުމަށް ބަލިމީހާ ކައިރީބުނެއެވެ. އޭގެ ބޭރުފުށުން އާދައިގެ ހެދުމަކާއި ތަފާތެއް ނުފެނުނުނަސް ، އެތެރޭގަައި ފޮރުވިފައިވާ ގޮތައް ސިޙުރު ރަމްޒުކޮށްދޭ ލިޔުންތައް ލިޔެފައި ހުރެއެވެ. އޭގެ ސަބަބުން ބަލިމީހާގެ ބަލި ވަނީ އިތުރެވެ.
މަތީގައި ބަޔާން ކުރެވިފައި އެވަނީ ޢިލްމުވެރިން ބަޔާން ކޮށްދެއްވާފައިވާ ބައެއް ޢަލާމާތްތަކެވެ. މީގެތެރެއިން ޢަލާމާތެއް އެފަދަ މީހެއްގެކިބައިން ފެނިއްޖެނަމަ އެމީހަކާއި މުޅީން ދުރުވާށެވެ. އެހެނީ ޝަރުޢީ ގޮތުން ހުއްދަވެގެންވާ ގޮތުގައި، ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ރުޤުޔާ ހަދާ ރާޤީއެއްގެ ކިބައިން އެ ޞިފަތަކެއްނުފެންނާނެއެވެ. ސިޙުރުވެރީންގެ ނުބައިކަމުން ﷲ ތަޢާލާ އަޅަމެން ސަލާމާތްކޮށްދެއްވާށި. އާމީން.
އަސްލު ލިޔުއްވީ: އަލް އަޚް ބިލާލް ޢަބްދުއް ސައްތާރު
މައުލޫމާތު ނެގި މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް