ހުވަފެން ތައުބީރު ކުރުމާއި ގުޅޭ ޙުކުމްތައް

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
1. ހުވަފެން ތަޢުބީރު ކުރުން، ފަތުވާއެއް ދިނުން ފަދައެވެ.
▪️އަލްއިމާމް ޤުރުޠުބީ رحمه الله ވިދާޅުވެފައިވެއެވެ.
އަލްއިމާމް މާލިކު رحمه الله އާއި ސުވާލު ކުރެވުނެވެ. ކޮންމެ މީހަކަށްވެސް ހުވަފެން ތަފްސީރު ކުރެވިދާނެ ހެއްޔެވެ؟ ވިދާޅުވިއެވެ. “ނަބީކަމާއި ކުޅެވިދާނެ ހެއްޔެވެ؟ (ނަބީކަމަކީ ކުޅޭކުޅޭ ކަމެއް ހެއްޔެވެ؟) އެކަމުގެ އަހުލުވެރިޔަކު މެނުވީ ހުވަފެން ތަފްސީރުކޮށްގެން ނުވާނެއެވެ. މީހަކަށް ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ ކިޔައިދޭށެވެ. ރަނގަޅު ނޫން ހުވަފެނެއް ފެނިއްޖެނަމަ ހޮޔެ ބަހެއް ބުނާށެވެ. ނޫން ނަމަ ހަނު ހުންނާށެވެ.”
تفسير القرطبي: 126/9
الجامع في السنن والآداب والمغازي والتاريخ: 261

▪️އިބްނު ޙަޖަރު  رحمه الله ވިދާޅުވެފައިވެއެވެ.
އިބްނު އަބްދުލް ބައްރު  رحمه الله އާއި ސުވާލު ކުރެވުނެވެ. ކޮންމެ މީހަކަށްވެސް ހުވަފެން ތަޢުބީރު ކުރެވިދާނެ ތޯއެވެ؟ ވިދާޅުވިއެވެ. “ނަބީކަމާއި ކުޅެވިދާނެ ހެއްޔެވެ؟ އެހެނީ ހުވަފެނަކީ ނަބީކަމުގެ ޖުޒުއުތަކުގެ ތެރެއިންވާ ކަމެކެވެ. ވީމާ ތިޔަބައިމީހުން ނަބީކަމާއި ނުކުޅޭށެވެ!”
فتح الباري بشرح البخاري: 363/12

▪️އިބްނު ބާޒު  رحمه الله ވިދާޅުވެފައިވެއެވެ.
ޢިލްމާއި ނުލާއި ހުވަފެން ތަޢުބީރު ކުރުމަކީ ހުއްދަކަމެއް ނޫނެވެ. ހުވަފެނަކާއި ގުޅިގެން ފަތުވާއެއްވެސް ހީވާ ގޮތެއްވެސް ޢިލްމަކާއި ނުލާއި ބުނުމެއް ނުވެއެވެ.
الموقع الرسمي لسماحة الشيخ الإمام ابن باز رحمه الله: حكم تفسير الرؤيا بلا علم

2. ހުވަފެން ކިޔައިދީފިނަމަ ނުވަތަ ތަޢުބީރު ކޮށްފިނަމަ އެ ތަޢުބީރު ކުރި ގޮތަކަށް ކަން ވާނެއެވެ.
عن أبي رزين العقلي أن النبيﷺ قال:
«الرؤيا المسلم جزء من أربعين جزءًا من النبوة، وهي على رجل طائر ما لم يحدث، فإذا حدث وقعت، ولا تحدثوا بها إلا عالمًا أو ناصحًا أو لبيبًا»
މާނައީ: އަބޫ ރަޒީނުލް ޢަޤްލީގެ ކިބައިން ރިވާވެގެންވެއެވެ.  ރަސޫލާﷺ  ޙަދީޘް ކުރެއްވިއެވެ.
“މުސްލިމަކަށް ފެންނަ ހުވަފެނަކީ ނަބީކަމުގެ 40 ބައިކުޅަ އެއްބައެވެ. ހުވަފެން އެހެން މީހަކަށް ނުކިޔައިދޭހައި ހިނދަކު އޭނާގެ ކިބައިގައި އެނބުރޭނެއެވެ. ފަހެ އޭނާ ކިޔައިދީފިނަމަ އެކަން ހިނގާނެއެވެ. އަދި ހުވަފެން ޢިލްމުވެރިޔަކަށް  ނުވަތަ ނަޞޭހަތްތެރިވެދޭ މީހަކަށް ނުވަތަ ކަމުވޮށިގެންވާ މީހަކަށް މެނުވީ ނުކިޔަދޭހުށިކަމެވެ.”
مسند الإمام أحمد: 10/4
الترمذي: 2278
فتح الباري: 12/ 432

▪️ އަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ:
މި ޙަދީޘް ޞައްޙަ ކަމުގައި ޙާކިމް ވިދާޅުވެފައިވެއެވެ. އަދި އައްޛަހަބީވެސް އެފަދައިންވެއެވެ. އަދި އިބްނު ހަޖަރުވެސް މި ހަދީޘް ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.
صحيح الجامع: 3456

▪️މި ހަދީޘް ގެ މުރާދު މާނަ ކުރެއްވުމުގައި ޢިލްމުވެރިންގެ މެދުގައި 3 ބުނުމެއްވެއެވެ.
1. ފުރަތަމަ ބުނުން: ހުވަފެން ކިޔައިދީފިނަމަ، ނުވަތަ ތަޢުބީރުކޮށްފިނަމަ އެ ތަޢުބީރުކުރި ގޮތަށް، ކަން ހިނގާނެއެވެ.
2. ދެވަނަ ބުނުން: ހުވަފެނުގައި ފެންނަނީ ޙަޤީގަތެވެ. އެކަންވަނީ މާކުރިން ހިނގާނެކަމެއްގެ ގޮތުގައެވެ. އެއީ ތަޢުބީރު ކުރުމުން ޙަޤީޤަތަކަށް ވަނީކި ނޫނެެވެ.
3. ތިންވަނަ ބުނުން: އިސްވެދިޔަ ދެބުނުމުގެ މައްޗަށްވެސް ބުރެވަލައްވާ ރައުޔުގެ ޢިލްމުވެރިންނެވެ.

▪️ސަހުލު ބިން ޢަތީބީ ވިދާޅުވެފައިވެއެވެ.
ރާޖިހުވެގެންވަނީ، ފުރަތަމަ ބުނުމެވެ. އެފަދައިން އަލްއިމާމް އަލްބާނީ، އަލްއިމާމް އައްޠަޙަވީ އަދި އަލްއިމާމް ޚައްޠާބީވެސް ވިދާޅުވެފައިވެއެވެ. އަދި ތިމަން މިކަމުގެ މައްޗަށް ކިޔާފައިވާ ގިނަގުނަ ފޮތްތަކުން އެނގިފާޅުވީ ގޮތަކީވެސް އެއީއެވެ.
الرؤى عند أهل السنة والجماعة والمخالفين: 416
سلسلة الأحاديث الصحيحة وشيء من فقهها وفوائدها: 188/1


3.1 ރަނގަޅު ހުވަފެން ތަޢުބީރު ކުރެވިދާނެއެވެ.

▪️އިމާމް ނަވަވީ  رحمه الله ވިދާޅުވެފައިވެއެވެ.
ރަނގަޅު ހުވަފެނާއި މެދު ސުވާލުކޮށް ތަޢުބީރުކުރުން މުސްތަޙައްބުވެގެންވެއެވެ.
شرح النووي لصحيح مسلم: 35/15

▪️އިބްނު ޙަޖަރު  رحمه الله ވިދާޅުވެފައިވެއެވެ.
ހުވަފެނަށް ސަމާލުކަން ދިނުމާއި، އެކަމުގެ ތަޢުބީރު އަހާ އޮޅުން ފިލުވުން މުސްތަޙައްބުވެގެންވެއެވެ.
فتح الباري: 446/12

3.2 ރަނގަޅު ނޫން ހުވަފެން އައުލާވެގެންވަނީ ތަޢުބީރު ނުކުރުމެވެ.
▪️އައްޝައިޚް ޢަބްދުލް މުޙްސިނުލް ޢައްބާދު حفظه الله ވިދާޅުވެފައިވެއެވެ.
ހުވެފަނާއި އޭގެ ތަޢުބީރާއިގެން ނަފްސު މަޝްޣޫލުކޮށްލުމެއް ނުވެއެވެ. ރަނގަޅު ހުވަފެނެއް ފެނި، އޭގެ ތަޢުބީރު ކޮށްދޭނެ މީހަކު ހުރެއްޖެނަމަ އެކަން ކުރާށެވެ. ރަނގަޅު ނޫން ހުވަފެނެއް ފެނިއްޖެނަމަ، އޭގެ ތަޢުބީރު ހޯދަން އުޅުމެއް ނުވެއެވެ. އޭގެ ބަދަލުގައި ނުރަނގަޅު ހުވަފެނެއް ފެނުމުން ކަންކުރުމަށް ސުންނަތުގައިވާ ފަަދައިން ޢަމަލުކުރާށެވެ.
كتاب شرح سنن أبي داود للعباد: 570/10

4. ހުވަފެނެއް ތަޢުބީރުކުރުމަށް ހާޖަތް ޖެހިިއްޖެނަމަ އެކަމުގެ އަހުލުވެރިއަކަށް މެނުވީ ހުށައަޅާއިގެން ނުވާނެއެވެ.
ހުވަފެން ތަޢުބީރުކޮށް ތަފްސީރު ކޮށްދެވިދާނެ އަހުލުވެރިންނަކީ:
1. ޢާލިމުން: މިއީ ޤުރުއާނާއި ސުންނަތުގެ މުޖްތަޙިދު ޢިލްމުވެރިންނެވެ.
2. ނާޞިހުން: މިއީ ޤުރުއާނާއި ސުންނަތުން ނަޞޭހަތްދީ އުޅޭ މީހުންނެވެ. ނާޞީހުން އެ ހުވަފެނަކާއި ގުޅިގެން ހެޔޮ އެއްޗެއް މެނުވީ ތިބާއަށް ނުބުނާނެއެވެ. ހެޔޮ މަގަކަށް މެނުވީ މަގު ނުދައްކާނެއެވެ. އެބައިމީހުންނަށް ނޭންގޭނަމަ ހަނު ތިބޭނެއެވެ.
3. ލަބީބުން: މިއީ ތަޢުބީރުގެ ފަންނުގެ ޚާއްސަ ޢިލްމުވެރިންނެވެ. ފަހަރުގައި ޤުރުއާނާއި ސުންނަތަށް މުޖުތަޙިދު ނުވެދާނެއެވެ.
الرؤى عند أهل السنة والجماعة والمخالفين: 452

މަސްދަރު: ޢިލްމީ ބުސްތާނުގެ ޓެލެގްރާމް ޗެނަލް

Leave a Reply

Your email address will not be published. Required fields are marked *