ތަވީދުއެޅުމަކީ ކޮންކަހަލަ ކަމެއް؟
ބައެއް މީހުން ޤަބޫލުކުރާގޮތުގައި ތަވީދު އެޅުމަކީ އޭގެން ރައްކާތެރިކަން ލިއްބައިދޭ ވަރަށް ފައިދާ ބޮޑު ކަމެކެވެ. ސިޙުރު ހާހޫރައާއި އެސްފީނާއާއި މިފަދަ ބޮޑެތި މުޞީބާތްތަކުން ދުރުކޮށްދޭ ކަމެކެވެ. ބަލިތަކާއި އަދި ޚާއްޞަކޮށް ކުޑަކުދިންނަށް ދިމާވާ އެކި އެކި އުނދަގޫތަކުން ސަލާމަތްކުރުމަށް އޮތް ވަޞީލަތެކެވެ. ނަމަވެސް މިކަމަކީ ކިހާވަރެއްގެ ހަޤީގަތެއް ހިމެނޭ ކަމެއްތޯއެވެ؟
ތަވީދު ތައްޔާރުކުރާ ސިހުރުވެރިން ބުނަނީ އެއީ ޤުރުޢާނުގެ އާޔަތްތައް ލިޔެގެން ތައްޔާރު ކޮށްފައިވާ އެއްޗެއްކަމުގައެވެ. އެކަމު އެ ތަވީދު ހުޅުވާލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އޭގައި އެކި ވައްތަރުގެ ރޮނގު ކުރަހައި،އެކި އަދަދު ލިޔެ،ޒާތްޒާތުގެ ގޮޅި ކުރަހާ ހަދާފައިވާތަން ފެނެއެވެ.އަދި ބައެއްފަހަރު ފިރުޢައުނުގެ ނަމާއި ހާމާނުގެ ނަން، ޝައިޠާނާގެ ނަން އަދި ޖިންނީންގެ ނަން ލިޔެފައިވާތަންފެނެއެވެ.
އަސްލަށް ބަލާއިރު ތަވީދަކީ ހަށި ރައްކަލަކަށް ނުވަތަ ވަކި ކަމެއް ހާޞިލު ކުރުމަށްޓަކައި އެއްޗެއްގައި ލިޔެ، އެ އެއްޗެއް ހަށިގަނޑުގައި ނުވަތަ ވަކި ޚާއްޞަ ތަނެއްގައި އެލުވުމެވެ. ތަވީދުގައި ލިޔެވޭ އެއްޗެއްގެ ގޮތުން އޭގެ ހުކުމް ވެސް ތަފާތު ވެއެވެ. އެގޮތުން، ސިހުރު ހާހޫރައިގެ އެއްޗެއް ލިޔުމާއި އަކަ ކުރެހުން ފަދަ ލިޔުންތައް ލިޔެގެން ހެދޭ ތަވީދު ލިޔުމާއި ބޭނުން ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެފަދަ ގިނަ އެއްޗިހީގައި ޝިރުކާއި ކުފުރުގެ ލިޔުންތައް ހިމެނެއެވެ. އެފަދަ އެއްޗެއް ލިޔެ، ނުވަތަ އެޅުމަކީ މީހާ ކުފުރާއި ޝިރުކުގެ ދަރަޖަށް ވާސިލު ކުރުވާނެ ކަމެކެވެ. އަދި އެ ތަވީދުގެ ސަބަބުން އޭނާގެ ހަށި ރައްކާ ވާކަމާއި އޭގެ ސަބަބުން ހެވާއި ނަޞީބު ލިބޭކަމުގައި ހީކޮށްފި ނަމަ އެއީ ކަނޑައެޅިގެން ބޮޑުވެގެން ވާ ކުފުރެވެ.(“ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާކުރުން” މިފޮތުން ނަގާފައި)
ދަންނައެވެ. ތަވީދެއް އެޅުމަކުން އެއްވެސް މަންފާއެއް ނުކުރާނެއެވެ.ތިމާގެ އީމާންތެރިކަން ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެއެވެ. ބައެއްމީހުން އެއަޅާފަ އޮންނަ ތަވީދަށް ހުންނަ އިތުބާރާއި ގުޅުން ބޮޑުވެގެންގޮސް އެހެން ހުރިހައި ކަމެއް ހަދާންނެތޭ ހިސާބަށްދެއެވެ. ﷲތަޢާލާ ހަނދުމަނެތިކޮށްލައެވެ. އަދި އަޅާފައި އޮންނަ ތަވީދެއް ބާލައިފިނަމަ ބޮޑު މުޞީބާތެއް ކުރިމަތިވާނޭ ކަމަށް ޤަބޫލުކުރާކަމީވެސް ވަރަށް ޢާއްމުގޮތެއްގައި މީހުންގެ ފަރާތުން އިވޭ ވާހަކައެކެވެ. އެހެންކަމަށްވާނަމަ ހަޤީގަތުގައި ބަރޯސާ މިވެވެނީ ކޮންއެއްޗަކަށްތޯއެވެ؟
ގިނަފަހަރަށް ތަވީދަކީ ޝައިޠާނާއާއި ސިހުރުހަދާމީހާއާއި ދެމެދު ހެދޭ އެއްބަސްވުމެކެވެ. މިހެންކަމުން ޢާއްމުގޮތެއްގައި އެތަވީދާއި އެކީ ޖިންނިއެއް ވުން އެކަށީގެންވެއެވެ. މިފަދަ ތަވީދުތައް އަޅާފައި ތިބޭ ބަލިމީހުން ގާތުގައި ކިޔެވުމުން ބަލިމީހާގެ ރައްކާތެރިކަމަށް ތަވީދުގެ ސަބަބުން ހަށިގަނޑަށް ޖިންނި ވަދެ ތިބޭކަމީ ރުޤުޔާ ކުރާ ވަރަށް ގިނަ ރާޤީންނަށް ތަޖުރިބާކުރެވިފައިވާ ކަމެކެވެ. އެ އެއްޗެހީގެ ސަބަބުން ބަލިމީހާ ބަލިން ރަނގަޅުނުވެ ގިނަ ދުވަސްތަކެއްވަންދެން އެތަކެތީގެ ކިބައިން ސަލާމަތްނުވެގެން އުޅެންޖެހުމަކީވެސް ހަމަ މިފަދައިން ހިނގާފައިވާ ކަންކަމެކެވެ.
އެހެންކަމުން ތަވީދު އެޅުމުން އެވަދެވެނީ ޝިރުކުގެ ތެރެއަށެވެ. އަހަރުމެންނަށް ދަތި އުދަނގޫކަމެއް ނުވަތަ ބައްޔެއްވުމުން ނުވަތަ ހިމާޔަތަށް އެދެންޖެހުމުން އެނބުރެންވީ ހަމައެކަނި ފަރާތަކީ މާތްﷲއެވެ.ދުޢާ ދަންނަވައި،ޝިފާއަށް އެދި ދަންނަވަންޖެހޭނީ ހަމައެކަނި މާތްﷲ ހަޒްރަތަށެވެ. މިފަދަ ތަވީދުތަކާއި ރޮދިތަކާއި ބޮޅުތަކުން އަހަރުމެންނަށް ދިމާވާ ތަކްލީފުތައް ދުރެއް ނުކޮށްދެވޭނެއެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ((مَا يَفْتَحِ اللَّهُ لِلنَّاسِ مِنْ رَحْمَةٍ فَلا مُمْسِكَ لَهَا وَمَا يُمْسِكْ فَلا مُرْسِلَ لَهُ مِنْ بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ)) فاطر: 2 މާނައީ: “މީސްތަކުންނަށްޓަކައި ﷲ އެއްވެސް ރަޙްމަތެއް ހުޅުއްވަވާނަމަ، ފަހެ، އެ ރަޙްމަތް ހިފަހައްޓާނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ ކަމެއް ހިފަހައްޓަވާނަމަ، އެކަން އެކަލާނގެއަށްފަހު ވީއްލާނެ މީހަކު ނުވެއެވެ. އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.”
އަދިވެސް ﷲތަޢާލާ އެއިލާހުގެ ނަބިއްޔާއަށް އަމުރުކުރައްވައި ވަޙީކުރައްވާފައިވެއެވެ.
((قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ)) الزمر: 38 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެ ގެއްލުން ދުރުކޮށްދެވިދާނެކަމުގައި ތިޔަބައިމީހުން ދެކެމުހެއްޔެވެ؟ ނުވަތަ އެކަލާނގެ، ތިމަންކަލޭގެފާނަށް ރަޙްމަތަކަށް އިރާދަކުރައްވައިފިނަމަ އެކަލާނގެ ރަޙްމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހެއްޓިދާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. ވަކީލުކުރާމީހުން ވަކީލުކުރާހުށީ އެކަލާނގެއަށެވެ.”
އަހަރެމެން ތަބާވާން ޖެހޭނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. ކޮންމެ ކަމެއްގައިމެ ކަންތައް ކުރަންޖެހޭގޮތް އަހަރެމެންނަށް ނަބިއްޔާވަނީ އަންގަވާދެއްވާފައެވެ.
عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. “ދިހަ މީހުންގެ ޖަމާޢަތެއް رسول الله صلى الله عليه وسلم ގެ އަރިހަށް އައިސް އިސްލާމް ކަމުގެ މައްޗަށް ބައިޢަތު ހިފިއެވެ. އިތުރު އެކަލޭގެފާނުން ނުވަ މީހުންނާ ބައިޢަތު ހިތްޕަވައި އެކަކާ ބައިޢަތު ހިތްޕެވުމުން މަނާވެގެންނެވިއެވެ. އެމީހުން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނުން ނުވަމީހުނާ ބައިޢަތު ހިތްޕަވައި އެކަކާ ބައިޢަތު ހިތްޕެވުމުން މަނާވެގެންނެވީ ކީތްވެތޯއެވެ؟ އެކަލޭގެފާނުން ހަދީޘް ކުރެއްވި އެވެ. އޭނާގެ ގައިގައި ތަވީދެއް އެބަ އޮތެވެ. ދެން އެމީހާ އެ ތަވީދު ކަނޑާލިއެވެ. ދެން އެކަލޭގެފާނުން އޭނާއާ ބައިޢަތު ހިތްޕަވައި ހަދީޘް ކުރެއްވި އެވެ. ((مَنْ عَلَّقَ تَمِيمَةً فَقَدْ أَشْرَكَ)) مسند أحمد ” ތަވީދެއް އަޅައިފި މީހާ ހަމަ ކަށަވަރުން ޝަރީކު ކޮށްފި އެވެ”
އަދި މާތްﷲ ރުއްސުންލެއްވި ޢިމްރާން ބުން ޙުޞައިންގެ ކިބައިން ރިވާވެގެންވެއެވެ. رَأَى رَجُلًا فِي يَدِهِ حَلْقَةٌ مِنْ صُفْرٍ فَقَالَ: ((مَا هَذِهِ الْحَلْقَةُ؟)) قَالَ: هَذِهِ مِنَ الْوَاهِنَةِ. قَالَ: ((انْزِعْهَا فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا فَإِنّكَ لَوْ مِتَّ وَهِيَ عَلَيْكَ مَا أَفْلَحْتَ أَبَدًا)). (رواه أحمد) މާނައީ: އެއްދުވަހަކު މީހެއްގެ އަތުގައި ރަތުލޮއިގެ ބޮޅެއް އަޅާފައިވަނިކޮށް ސަލާމާއި ޞަލަވާތްލެއްވި ﷲގެ ރަސޫލާއަށް ފެނިވަޑައިގެން ޙަދީޘްފުޅުކުރެއްވިއެވެ. “މިއީ ކޮންއެއްޗެއްހެއްޔެވެ؟” އޭނާ ބުންޏެވެ. މިއީ “واهنة”(އަތަށް ޖެހޭ ބައްޔެއް) ބަލީގެ ސަބަބުން (އެބަލިން ސަލާމަތްވުމައްޓަކައި) އަޅާފައިވާ އެއްޗެކެވެ. ދެން އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “އެނަގާށެވެ. އެހެނީ ހަމަކަށަވަރުން އެބޮޅު ތިބާއަށް ބަލިކަން މެނުވީ އިތުރެއްނުކުރެއެވެ. ފަހެ ހަމަކަށަވަރުން ތިބާގެ ޖިސްމުގައި އެބޮޅުވަނިކޮށް ތިބާ މަރުވެއްޖެނަމަ ދުވަހަކުވެސް ތިބާ ކާމިޔާބެއްނުވާނެއެވެ.”
އިމާމް އިބުނު އަބީ ޙާތިމް މާތްﷲ ރުއްސުންލެއްވި ޙުޛައިފާ ބުނުލްޔަމާނުގެ ކިބައިން ރިވާކުރެއްވިއެވެ. އެއްދުވަހަކު މީހެއްގެ އަތުގައި، ހުން އައިސްފައިވުމުގެ ސަބަބުން (އެހުމުން ސަލާމަތްވުމަށްޓަކައި) ރޮދިފަށެއް އައްސައިފައިވާތަން އެކަލޭގެފާނަށް ފެނިވަޑައިގެން އެކަމަށް އިންކާރުކުރައްވާ އެރޮދިފަށް ކަނޑުއްވައިލެއްވިއެވެ.
އަދި ﷲގެ މި ވަޙީބަސްފުޅު ކިޔަވައި ވިދާޅުވިއެވެ. ((وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا وَهُمْ مُشْرِكُونَ)) يوسف: 106 މާނައީ: “އަދި އެބައިމީހުންކުރެ ގިނަމީހުން ޝަރީކުކުރާ ޙާލުގައި މެނުވީ ﷲއަށް އީމާނެއްނުވެއެވެ.”
އިސްވެދިޔަ ދަލީލުތަކުންވެސް ހާމަވާގޮތުގައި ތަވީދަކީ ޝިރުކެވެ. ޝިރުކަކީ އިންސާނާ ނަރަކަވަންތަ ވެރިއަކަށް ހަދާ ކަމެކެވެ. ބޯހަރުކަންމަތީ އިހުގެ ކާބަފައިން ޤަބޫލު ކުރި ފަދައިން ތަވީދުފަދަ ތަކެތިން ފައިދާއެއްވާނެކަމަށް ހީކުރާ ކުށްހީ ދޫކޮށްލާށެވެ. ތައުބާވެ ﷲ ގެ ހަޟްރަތަށް ރުޖޫޢަވެ އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ބަލިތަކާއި މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް ވަޞީލަތްތަކުގެ ބޭނުން ހިފާށެވެ.
ތަރުޖަމާ ކުރުމުގައި އެހީތެރިވެދިނީ: އެލްޓީ