ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 1 ވަނަ ބައި )
ފުރަތަމަ ބަސް
إِنَّ الْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللَّهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعمَالِنَ، مَنْ يَهْدِهِ اللَّهُ فَلَا مُضِلَّ لَهُ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ،
وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ،
އެންމެހާ ރިވެތި ޙަމްދާއި ތަޢުރީފާއި ޘަނާއެއް ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަޅަމެން ވާގިއެދެނީ އެއިލާހުގެ ޙަޟްރަތުންނެވެ. އަޅަމެންގެ ފާފަތައް ފުއްސަވައިދެއްވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައި ކަމުންނާއި ޢަމަލުތަކުގެ ނުބައިކަމުން އެއިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމުއެވެ. މާތް ﷲ ތެދުމަގު ދައްކަވައިފި މީހަކު މަގުފުރައްދާނޭ މީހަކު ނުވެއެވެ. އަދި އެއިލާހު މަގުފުރައްދައިފި މީހަކަށް ތެދުމަގު ދައްކާނޭ މީހަކު ނުމެވޭމެއެވެ.
ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ، އަދި މުޙައްމަދު صلّى الله عليه وسلّم އީ އެއިލާހުގެ ނަބިއްޔާކަމަށާއި ރަސޫލު ކަމަށް އަޅު ހެކިވަމެވެ.
މާތް ﷲ ވަޙީ ކުރެއްވިއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢﴾ سورة آل عمران
” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި، مسلم ން ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން މަރުނުވާހުށިކަމެވެ! ”
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾ سورة النساء
” އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ. “
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾
” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ! (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ إصلاح ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ. “
إِنَّ أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْيِ هَدْيُ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلَالَةٌ وَكُلُّ ضَلَالَةٍ فِي النَّارِ
އެންމެ ތެދު ބަސްފުޅަކީ ﷲ ގެ ކަލާމްފުޅެވެ. އެންމެ ފުރިހަމަ ތެދުމަގަކީ ނަބިއްޔާ صلّى الله عليه وسلّم ގެ މަގެވެ. އެންމެ ނުބައިވެގެންވާ ކަންތައްތަކަކީ އަލަށް އުފެދިގެން އަންނަ ކަންތައްތަކެވެ. އަލަށް އުފެދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކައިގައެވެ.
أما بعد
އާދެ! ޖާހިލިއްޔަ ޒަމާނުއްސުރެ ސިޙުރު ހެދުމަކީ އިންސާނުންގެ ތެރޭގައި ވަރަށް އާންމުކަމަށް ވަނީ ވެފައެވެ. ނަމަވެސް މި ޢިލްމަކީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށް ފޮނުވުނު ޢިލްމެކެވެ.މިކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ.
“އަދި سليمان ގެފާނުގެ ވެރިކަމުގެ ޒަމާނުގައި شيطان ންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން تبع ވޫއެވެ. سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ. އަދި بابل ގައިވާ هاروت އާއި، ماروت އާއި ދެ ملائكة ންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން تبع ވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ ملائكة ންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ إذن ފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް آخرة ގައި އެއްވެސް نصيب އެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ نفس ތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ. “.
ހިތާމައަކީ މިކަމުގައި އަޅުގަނޑުމެންގެ ތެރެއިންވެސް ގިނަ ބަޔަކު ޖެހިފައިވާ ކަމެވެ. މި ކުޑަ ކުޑަ ރާއްޖޭގައި ވެސް ސިޙުރު ހެދުމުގެ ވަބާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.
މިހެން މިކަން އޮތް ކަމުގައި ވީނަމެވެސް މިފަދަ ސިޙުރު ވެރިކަމާއި، ޖިންނި އަވަލުން ފަދަ ކަންކަމަށް ފަރުވާކުރުމަށް ތަފާތު ނަންނަމުގައި މީހުން ޙަރަކާތްތެރި ވަމުން ދެއެވެ. ފަންޑިތަހެދުމުގެ ނަމުގައެވެ. މެތުރުމުގެ ނަމުގައެވެ. ފެންކިޔެވުމުގެ ނަމުގައެވެ. ކިޔެވެލި ކިޔެވުމުގެ ނަމުގައެވެ. މިހެން ގޮސް އެތައް ނަންތަކެއް މިކަމަށް ފަރުވާ ކުރުމުގެ ގޮތުން ކިޔައި އުޅެތެވެ. ދީނީ ނަޒަރަކުންނަމަ މިފަދަ ކަންކަމަށް ކިޔަނީ ރުޤުޔާ ކުރުމެވެ. އިސްލާމީ އުޞޫލުތަކާއި ސުންނަތުގެ އަލީގައި މިކަން ކުރުމަށް ކިޔަނީ ޝަރުޢި ރުޤުޔާ ކުރުމެވެ.
މިފުރުޞަތުގައި ޝަރުޢީ ރުޤުޔާއަކީ ކޮން އެއްޗެއްކަން ކުރުގޮތަކަށް ބުނެލުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.
” ރުޤްޔާ އަކީ ކޮބައިހެއްޔެވެ؟
ޢަރަބި ބަހުގައި ރުޤްޔާ އޭ ބުނުމުން މާނަކުރެވެނީ ދިވެހި ބަހުގައި މިބަސް އައިސްފައިވާ ގޮތަށެވެ. އެހުރިހާ މާނައެއް ވެސް ހިމެނިގެންނެވެ. އޭގެ ތަފްޞީލް މިއަދު ކޮންމެ ދިވެއްސަކަށްމެ އެނގެން އެބަ ޖެހެއެވެ. ދީނުގައި ސާބިތުވެ ސަލާމަތްކަންމަތީ ދެމިތިބުމަށް ޓަކައެވެ.
މިގޮތުން މައިގަނޑު ގޮތެއްގައި ރުޤުޔާ އަކީ ބައްޔެއް ރަނގަޅުކުރުމަށް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހަކު މުޞީބާތުން ސަލާމަތް ކުރުމަށް ނުވަތަ ވަކި ކަމެއް ޙާސިލް ކުރުމަށްޓަކައި ކިޔެވޭ ކިޔެވުން ނުވަތަ ކުރާ އެފަދަ ކަންތައްތަކެވެ. މިމާނައަށް ބަލާނަމަ ރުޤުޔާގެތެރޭގައި ސިޙުރު ވެސް ހިމެނެއެވެ. ރުޤްޔާ ބެހިގެންވާ ބައިތަކަށް ބަލައިލާއިރު ރުޤުޔާއަކީ:
- 1. ރުޤްޔާ ޝަރުޢިއްޔާ ( ޝަރުޢީ ހުއްދަ ފަންޑިތަ ) : ﷲ ގެ ކަލާމްފުޅާއި ( ޤުރުއާން ) ﷲ ގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި ބަަސްފުޅުތައް ބޭނުންކޮށްގެން ޝިރުކު ނުވާގޮތަށް ކުރާ ރުޤުޔާ މިފަދަ ރުޤުޔާ ތަކަކީ ހުއްދަ އަދި ސުންނަތުން ސާބިތުވާ ކުރުން އެދެވިގެންވާ ރުޤުޔާއެވެ.
ރުޤްޔާ ޝަރުޢިއްޔާގެ ޝަރުތުތައް: އެބަހީ ހުއްދަ ފަންޑިތަ ހެދުމުގެ ޝަރުޠުތައް
- ﷲ ތަޢާލާގެ ވަހީ ބަސްފުޅުތަކުން، އެއިލާހުގެ ސިފަފުޅުތަކުން، އެއިލާހުގެ ނަންފުޅުން ނުވަތަ ސުންނަތުން ސާބިތުވާ ދުޢާ ތަކުން ކިޔެވޭ އެއްޗަކަށްވުން.
- ޢަރަބި ބަހުން ކިޔެވޭ އެއްޗަކަށްވުން.
- ޝިފާ ދެއްވަނީ ﷲ ކަން ޤަބޫލުކުރުން އަދި ޝިފާ ލިބެނީ އެއްވެސް ޙާލެއްގައި ކިޔަވާ މީހާ ( ރާޤީ ) ގެ މޮޅުކަމުން ނޫންކަން ޢިއުތިޤާދުކުރުން.
- ޝިރުކުން ބަރީޢަވެގެންވާ ރުޤުޔާ ( ފަންޑިތަ ) އެއް ކަމުގައިވުން.
- ރުޤްޔާ ޝިރުކިއްޔާ ( ޝިރުކު ހިމެނޭ ފަންޑިތަ ) : ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، ފާލުބެލުމާއި، އަތްބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަ ޖެހުމާއި ، ތަވީދު އެޅުމާއި މިފަދަ ހުއްދަނޫން ކަންކަމަށް އަރައިގަނެ، ޤުރުއާނާއި ޝައިޠާނީ ތަކެއްޗާއި ކަންތައްތައް މައްސުނިކޮށް ކުރާ ރުޤުޔާތައް ހިމެނެއެވެ. މިފަދަ ރުޤުޔާ ތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ.
މީގެ ތަފްޞީލަށް ބަލާނަމަ، އޭގައި ޝިރުކު ނުހިމެނޭ ނަމަ އަދި ޙަރާމް ކަމެއް އެކުލެވިގެން ނުވާނަމަ އެ ރުޤުޔާއެއް ހުއްދައެވެ. ނަމަވެސް ބައެއް މީހުން މި ފުޅާ ދާއިރާ ހަނިކޮށްލާފަދަ ގޮތަކަށް ވާހަކަދައްކާކަން ފާހަގަކުރެވެއެވެ. ޝަރުޢީ ރުޤުޔާ ކުރާއިރު ފާތިޙާ ސޫރަތާ، އިޚްލާސް، ފަލަޤް ސޫރަތް ފިޔަވައި އެހެން ސޫރަތެއް ފަރުވާކުރާކުރުމުގައި ބޭނުންކުރުމަކީ ބިދުޢައެއް ކަމަށް ދެކެއެވެ. ހަމައެހެންމެ ޤުރްއާނުގެ ވަކި ވަކި އާޔަތްތައް ވަކި ބަލިތަކަށް ކިޔެވުމަކީ ހުއްދަކަމެއް ނޫންކަމަށާއި، ބަލިމީހާ ގާތުގައި ކިޔެވުންވެސް ނެތްކަމެއް ކަމުގައި މިބައިމީހުން ދެކެއެވެ. މީގެ ސަބަބުން ސިޙުރުފަދަ ބަލިތައް ޖެހުމުން ހަދާނެގޮތް ހުސްވެ އެންމެފަހުން ނޭނގިނަމަވެސް ދަނީ ފާލުބަލާ މީހެއްގެ ގާތަށް ނުވަތަ ސިޙުރުވެރިއެއް ގާތަށެވެ. ނަތީޖާއަކީ ނޭނގި ޝިރުކުގެތެރެއަށް ގެނބިގެންދިއުމެވެ. ޝަރުޢީ ފަންޑިތަ ހުއްދަކަން އެނގޭ ދަލީލުތައް ވަރަށް ފުރިހަމަ ގޮތުގައި ފެންނާން އެބަހުއްޓެވެ. އަދި ޤުރުއާނުން ފަރުވާ ކުރެވިދާނެކަމާއި އެއީ ފަރުވާ ލިބެނިވި އެކަލާނގެ ކަލާމުފުޅުކަން ވަރަށް ސާފުކޮށް އެނގެއެވެ. ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ.
“ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.” (سورة الإسراء 82 )
މިއާޔަތުން ޞަރީޙަކޮށް ދަލީލިކޮށްދެނީ ކީރތި ޤުރުއާނަކީ ފަރުވާ އެކުލެވިގެންވާ ކަލާމްފުޅުތަކެއް ކަމެވެ. ރޫޙާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ޤުރުއާނަކީ ﷲ ގެ ރަޙުމަތުން ފަރުވާ ލިބިދޭ ކަލާމްފުޅެކެވެ. މިފަދަ ކިތަންމެ އާޔަތެއް ޤުރުއާނުގައި ވެއެވެ.
” ( މަޢުލޫމާތު ނެގި މަސްދަރު : ” ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާކުރުން ” މި ފޮތުން ( މި ފޮތް މުރާޖަޢާ ކުރައްވާފައިވަނީ އައްޝައިޚް އަބޫބަކުރު އިބްރާހިމް ( ރަޙިމަހުﷲ ) ، އައްޝައިޚް އިބްރާޙިމް ފަރީދް، އައްޝައިޚް އިލްޔާސް ޖަމާލް، އައްޝައިޚް އިބްރާޙިމް އަލީ އެވެ.
ނަމަވެސް ޝަރުޢީ ރުޤުޔާގެ ނަން ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ދަނީ ކަންކަން ވަރަށް ބޮޑަށް އޮޅުވާލައި ، ދީނާއި ޚިލާފު ކަންކަން ކޮށް، ބަލިމީހުންނަށް ނުއުފުލޭވަރުގެ ތަކުލީފުތައް ކުރިމަތި ކުރުވަމުންނެވެ. އެހެންކަމުން މި ލިޔުމަކީ، މިހާރު މުޖުތަމަޢުން ފެންނަމުންދާ މިފަދަ ކަންކަން މީސްތަކުންނާއި ޙިއްސާކޮށްލާ ރަނގަޅުގޮތް ބުނެދީ، މިފަދައިން ކަންކަން ކުރާ މީހުންގެ ފަރާތުން ރައްކާތެރިވުމަށް ދެވޭ މެސެޖެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން އަޅުގަނޑަށް ފާހަގަ ކޮށްލެވޭ ކަންކަން ތިރީގައި ބަޔާންވެގެން އެވެނީއެވެ.
ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާލާ ބައެއް އޮޅުވާލުންތައް
- ސިޙުރު ބާޠިލް ކުރުމަށާއި، ޖިންނި ބަލިން ސަލާމަތްވުމަށް ޖިންނީގެ ވާގި/އެހީތެރިކަން ހޯދުން
ޝަރުޢި ރުޤުޔާގެ ނަމުގައި ފަރުވާ ކުރަމުންދާ ފަރާތްތަކުން މުއުމިނު ޖިންނީން ނުވަތަ ހުދު މީހުންގެ ނަމުގައި މިތަކެތި މިތުރުން ކަމުގައި ދެކިގެން ގެންގުޅޭކަން އެނގި ހާމަވެފައިވެއެވެ. ބަލި މީހާއަށް ޖެހިފައިވާ ކަންކަން މިފަދަ ޖިންނި ޝައިޠާނުންގެ އެހީގައި ހޯދުމާއި ސިޙުރު ހަދާފައިވާ ތަކެތި މި “ހުދު” މީހުން ލައްވާ ނެގުމަށް ފަހު ސިޙުރު ބާޠިލް ކުރުމާއި، ބަލިމީހާގެ ހަށިގަނޑުގައިވާ ޖިންނީންނާ ހަނގުރާމަކުރުމަށް “މުއުމިނު ޖިންނީން” ބޭނުން ކުރުން މީގެ ތެރޭގައި ހިމެނެއެވެ.ހަމަ އެހެންމެ ބަލި މީހާގެ ހަށިގަނޑުގައިވާ ޖިންނީން އެހެން މީހުން ގަޔަށް ވައްދައިގެން ފަރުވާ ކުރުމާއި ގޭގައި ނުވަތަ މިސްކިތުގައި ( ރުޤްޔާ ކުރާ މީހާ ) އިނދެގެން، ގެއެއްގައި ނުވަތަ ބަލިމީހާގެ ގައިގައިވާ ހުރިހާ ސިޙުރެއް ބާޠިލްކޮށް ނައްތާލާ ކަމަށް ބުނެ މިކަން ކުރުމަކީވެސް މިފަދަ މީހުން ކުރާ ބައެއް ކަންކަމެވެ.
މީގެއިތުރުން ބަލިމީހާއަށް ފަރުވާކޮށްދޭ މީހާ މިސްކިތުގައި ނޫނޫ ގޭގައި އިނދެ، ބަލިމީހާއަށް ވާ އުނދަގޫތައް ފޯނުން އަހަން އިނދެ ކިޔަވަނީކަމަށް ބުނާ މީހުންވެސް އުޅެއެވެ. މިގޮތަށް މިކުރަނީ ޝަރުޢީ ރުޤުޔާކަމަށް މިފަދަ މީހުން ބަލިމީހުންނަށް ވިސްނައިދެއެވެ.
މިކަމަށް އޮތް ރައްދު :
އެއްވެސް ޙާލެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ވާތްގަށް އެދުމަކީ އިންސާނާއަށް ހުއްދަވެގެން ވާނެ ކަމެއް ނޫނެވެ.ހުރިހާ ކަމެއްގައިވެސް ވަކީލުކުރަން ޖެހޭނީ ﷲ އަށެވެ. ޖިންނި ޝައިޠާނުންނަކީ ވަރަށް މަކަރުވެރި، ދޮގު ހަދާ ބައެކެވެ. އެހެން ކަމުން ފަރުވާ ކުރާ މީހާ ގެންގުޅޭ ޖިންނިއަކީ މުސްލިމެއް ކަމެއް އެނގޭނީ ކިހިނަކުން ތޯއެވެ؟ “ހުދު” ޖިންނީންނަކީ “މުއުމިނު” ޖިންނީން ކަމަށް ސިފަ ކުރާއިރު ﷲ ޖިންނީންނަށް އެކި ސިފައަށް ބަދަލުވުމެގެ ބާރުދެއްވާފައިވާ ކަން ހަނދުމަކުރާށެވެ. ވީމާ ކާފަރު ޖިންނިއަކަށްވެސް “ހުދު” ކުލައަށް ބަދަލު ވެވިދާނެއެވެ.އެހެން ކަމުން މިއީ ބުއްދީގެ ގޮތުން ބަލާނަމަވެސް އެއްވެސް ކަހަލަ ބުރަދަނެއް ހުރި ކަމެއްނޫނެވެ.
ބަލިމީހާއަށް ރުޤުޔާކުރާ މީހާ އެހެންތަނެއްގައި އިނދެގެން، އެމީހާ ކިޔަވަނީ ކޮން އެއްޗެއްކަން ނޭނގޭ ގޮތަށް ކިޔަވާނަމަ، އެފަރުވާއަކީ ޖިންނި ޝައިޠާނުންގެ އެހީގައި ކުރާ ފަރުވާއަކަށްވެދާނެއެވެ. ކިޔަވާ މީހާއަށް މިކަން އެނގުންނަމަވެސް ނުވަތަ ނޭނގޭ ނަމަވެސް މިކަމުގެ ތެރެއަށް ޖިންނި ޝައިޠާނާ މެދުވެރިނުވާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ބަލިމީހާ ގާތުގައި ކިޔަވާއިރު އަޑުހަރުކޮށް ކިޔެވުން، ޝަރުޢީ ރުޤުޔާގައި ލާޒިމްވެގެންވަނީ ޝައްކުތައް ނައްތާލައި ނޭނގި ނަމަވެސް އުފެދިދާނެ ފިތުނައެއްގެ ދޮރު ބަންދުކުރުމުގެ ގޮތުންނެވެ.
ޖިންނީންގެ ކިބައިން އެހީ ހޯދުމަކީ އެއްވެސް ގޮތަކަށް ހުއްދަކަމެއް ނޫނެވެ. އެއީ އަހަރުމެންނަށް ޣައިބުގައި ވާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ.
{ وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا } الجن 6. މާނައަކީ: “އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ.”
މިއާޔަތުގައި އެވަނީ އާންމުކޮށް ޖިންނީންގެ ގާތުން އެހީތެރިކަމަށް އެދުން މަނާކުރައްވައި އިންކާރު ކުރައްވައިފައެވެ. އެއީ ބޮޑު ޝިރުކާއި ހަމައަށް ދިއުމުގެ މަގު ބަންދުކުރުމަށްޓަކައެވެ. فتاوى اللجنة الدائمة،( ج 1، ص 220 )
އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ.
{ وَقَالَ أَوْلِيَاؤُهُمْ مِنَ الْإِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا ..} الأنعام الآية 128. މާނައަކީ: ” ކާފަރުންނާއި ޖިންނީންގެ ތެރެއިން އެމީހުންގެ ރަޙުމަތްތެރިން މަޙުޝަރު ކުރެވޭ ދުވަހުގައި އިންސީންކުރެ ޖިންނީންގެ ރަހުމަތްތެރިން ބުނާނެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެން (އިންސީންނާއި ޖިންނީން) އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތީމުއެވެ. (އެހާލުގައިވަނިކޮށް) އިބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވާފައިވާ އަޖަލު އައިސް ޖެހުނީއެވެ. މާތް ﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންގެ ތަނަކީ އަލިފާނެވެ. އެތަނުގައި އަބަދަށް ދެމި ތިބޭނެއެވެ.]
އިންސީންނާއި ޖިންނީން އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތުމުގެ މާނައަކީ: އިންސީން ޖިންނީންނަށް މާތްކޮށް ހިތައި، އެތަކެއްޗަށް ކިޔަމަންވެ، އެތަކެތީގެ ކިބައިން އެހީއަށް އެދުމެވެ. އަދި ޖިންނީން އިންސީން ބޭނުންވާ ކަންތައް ކޮށްދީ، އެމީހުން އެދުނު ކަންތައްތައް ފުއްދައިދިނުމެވެ. އެއީ އިންސާނުންނަށް ނޭނގޭ ފަދަ މީހުންގެ ބައްޔާއި އޭގެ ސަބަބު ބުނެދިނުން ފަދަ ކަންކަމެވެ. فتاوى اللجنة الدائمة ( ج 1، ص 92 )
ވީމައި މި އާޔަތްތަކުގެ އަލީގައި އެއްވެސް ގޮތަކަށް ޖިންނީންގެ އެހީ ހޯދުމަކީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ފޮތް މުރާޖަޢާ ކުރެއްވީ: އައްޝައިޚް ޖައުފަރު ފާއިޒު