ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 4 ވަނަ ބައި )

 

  • ރޭގަނޑުގެ ވަޤުތުތަކުގައި ބިޔަ ގަސް ގަސްދޮށުގައި ބާއްވައިގެން ބަލިމީހާއަށް ކިޔެވުމާއި ވަކި ދުވަހެއް ވަންދެން ބަލިމީހާ ބޭރަށް ނުނިކުމެ ބަންދު ތަނެއްގައި އިންނަަން ބުނުމާއި ހަށިފާރަވެރިންނަށް ޖިންނި ބޭތިއްބުން

ރޭގަނޑު ( ޚާއްޞަކޮށް ދަންވަރުގެ ވަޤުތުގައި ) ބަލި މީހާ ބިޔަ ގަހެއްގެ ދޮށުގައި ބާއްވައިގެން ކިޔެވުމުން އޭނައަށް ޖެހިފައި ހުންނަ ބަލިމަޑުކަމެއް ފިލުވާލުމަށް ފަސޭހަވާކަމަށް ބައެއްމީހުން ދަޢުވާކުރެއެވެ. އަދި މިގޮތުގެ މަތީން މިކަން ކުރަން ބަލިމީހާއަށް ޝަރުޠުކޮށް އުޅޭ މީހުންވެސް  އަޅުގަނޑުމެންގެ ތެރޭގައި ފަހަކަށް އައިސް ފާހަގަކުރެވިފައިވެއެވެ. އަދި ބަލިމީހާއަށް ފަރުވާ ކުރަމުން ގެންދާއިރު ވަކި ދުވަހެއް ވަންދެން ބަންދު ( އަނދިރި ) ތަނެއްގައި އިނުމަށްވެސް މިބައިމީހުން ބުނެއެވެ.

ހަމައެހެންމެ ބަލިމީހާ ރަނގަޅުވުމުން ނުވަތަ ރަނގަޅު ވީކަމުގައި ނުވިނަމަވެސް އެމީހެއްގެ ރައްކާތެރިކަމަށް ހަށިފާެރަވެރިންގެ ގޮތުގައި ފަރުވާކުރަން ދާ މީހާ ގެންގުޅޭ ޖިންނީން އައްޔަންކޮށް ހަދާކަމީވެސް އަސަރާއެކު ފާހަޤަކޮށްލަންޖެހޭ ކަމެކެވެ. މިބައިމީހުން ބުނާގޮތުގައި، މިތަކެތި، ބަލިމީހާއަށް، އިތުރަށް ޖެހިދާނެ ސިޙުރަކުން ރައްކާތެރިކޮށްދޭނެތެވެ. އެހެން ޖިންނީންގެ އުނދަގުލުން ސަލާމަތް ކޮށްދޭނެތެވެ.

މިކަމަށް އޮތް ރައްދު:

ޖިންނި ޝަިޠާނުންނަކީ ފަޅު ތަންތަނުގަޔާއި، ފާޚާނާތަކުގަޔާއި، އަނދިރި އަދި ދިރުން ނެތް ތަންތަނުގައި އާންމުކޮށް އުޅޭ ތަކެއްޗެވެ. އެހެން ކަމުން އަނދިރި ތަނެއްގައިވާ ގަހެއްގެ ދަށުގައި ބާއްވައިގެން ބަލިމީހާއަށް ކިޔެވުމުން ވާނޭ ފައިދާއަކަށް ވުެރެ ގެއްލުން މާ ބޮޑުވެދާނެތެވެ. މިފަދައިން ކަންކަން ކުރަން ބުނާ މީހުންނަކީ އާއްމުކޮށް ޖިންނި ގެންގުުޅޭ މީހުންނެވެ. މިފަދަ އެއްޗެހި ފަރުވާގެ ތެރޭގައި ބޭނުން ކުރުމުގެ ފަސޭހައަކަށް މިފަދަ ކަންތައްތައް ފަރުވާގެ ގޮތުގައި ކުރެއެވެ.މިކަމަކީ އެއްވެސް އަސްލެއްގެއް މައްޗަށް ބިނާކޮށްގެން ކުރާކަމެއް ނޫނެެވެ. މިފަދައިން ކަންތައްތައްކުރުން ރުޤުޔާގެ ތެރެއިން ނުވެއެވެ.

ވަކި ދުވަހެއްވަންދެން ބަންދު (އަނދިރި ) ތަނެއްގައި އިނުމަށް ބުނާ ބުނުމާމެދު ދަންނައެވެ. މިކަމަކީ ސިޙުރުވެރީންގެ ސިފަތައް ބަޔާންކުރަމުން ޢިލްމުވެރީން ބަޔާންކުރައްވާފައިވާ ސިފައެކެވެ. އެހެންކަމުން މިފަދައިން ބުނާ މީހުންނަކީ ހަމަ ކަށަވަރުން ޖިންނި ޝައިޠާނުންގެ ވާގިވެރިކަމާއެކު މަސައްކަތް ކުރާމީހުންނެވެ.

ހަށިރައްކަލަށް ކަމަށް ބުނެ ބަލިމީހާ ގާތުގައި ބައިތިއްބާ ޖިންނި ޝައިޠާނުންނާއި މެދު ދަންނައެވެ. ކުރީންވެސް ބަޔާންކުރެވުނު ފަދައިން ﷲ ނޫން ފަރާތަކުން ރައްކާތެރިކަމަށް އެދުމަކީ ޝިރުކުގެ ތެރެއިން ވާ ކެމެކެވެ. އެއްވެސް ކަމެއްގައި ޖިންނި ބޭނުން ކުރުމާއި ބެހޭގޮތުން އޮތް ޢިލްމްވެރީންގެ ފަތުވާ ކުރީން ބަޔާން ކުރެވުނު ޕޮއިންޓް “ ސިޙުރު ބާޠިލް ކުރުމަށާއި، ޖިންނި ބަލިން ސަލާމަތްވުމަަށް ޖިިންނީގެ ވާގި/އެހީތެރިކަން ހޯދުން” ގައި އިސްވެ ހިނގައްޖެއެވެ.

ސިޙުރު،އެސްފީނާ އަދި ޖިންނި ޝައިޠާނުންގެ ކިބައިން ސަލާމަތްވެ ހުރުމަށް އަހަރެމެން މުސްލިމުންގެ މައްޗައް އޮތީ ދީނުގެ ވާޖިބުތަކާއި ސުންނަތްތަކަށް ފަރުވާތެރިވެ، ސުންނަތުން ސާބިތުވާން އޮތް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުމުގައި ދެމިހުރުމެވެ.މިގޮތުން ސުންނަތުން ސާބިތުވާ މިފަދަ ދުޢާތަކުގެ ތެރެއިން ދުޢާއެއް ހިއްސާކޮށްލާނަމެވެ.

އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙާދީޘް ކުރެއްވިއެވެ.

 

مَنْ قَالَ: لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ بِأَفْضَلَ مِمَّا جَاءَ بِهِ إِلا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ.”

 

މާނައީ: ” ދުވާލަކު 100 ފަހަރު لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފި މީހާ ދަންނާށެވެ. އޭނާ 10 އަޅުން މިނިވަންކުރިފަދަ އެވެ. (އެބަހީ : އެކަމުގެ ޘަވާބާ ދަރުމަ ލިބޭނެއެވެ). އަދި އޭނާގެ ހެޔޮކަމުގެ ފަތުގައި 100 ހެޔޮކަން ލިޔުންވޭނެއެވެ. އަދި އޭނާގެ ކިބައިން 100 ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހުގެ އިރުއޮއްސުމާހަމައަށް އޭނާއަށް ޝައިޠާނާގެ ކިބައިން ރައްކައުތެރިކަން ލިބޭނެއެވެ. އަދި އެދުވަހު އެއަށްވުރެ ހެޔޮވެގެންވާ ކަމަކައިގެން އެއްވެސް މީހަކު ނާންނަހުއްޓެވެ. އެއަށްވުރެ އިތުރަށް ޢަމަލުކޮށްފި މިހަކު މެނުވީއެވެ.”

 

  • ސިޙުރުން ސިޙުރު ބާޠިލްކުރުން

މިކަމަކީވެސް ބައެއްމީހުން ސިޙުރު ބާޠިލްކުރުމަށް ކޮށްއުޅޭ ކަންކަމެވެ. މިކަމުގެ ތެރޭގައި ކަރުދާާހުގައި ޤުުރުއާނާއި ޝިރުކުގެ ބަަސްތައް އެއްކޮށްގެން ލިޔުމާއި ، ސޫރަ ކުރަހައިގެން ބަލިމީހާގެ ގާތުގައި ކަރުދާސް އެންދުން ހިމެނެއެވެ. މި އެންދުމުގައި ނިކުންނަ ދުން ބަލިމީހާގެ ގަޔަށް އަދި ނޭފަތައް ދާ ގޮތަށް އަމަލުކުރެއެވެ. ޚާއްޞަގޮތެއްގައި މިއީ ޖިންނީން އެންދުމަށްޓަކައި ކޮށް އުޅޭ ކަމެކެވެ. މީގެ އިތުރުން ތަވީދު އެޅުމާއި، ފުއްލާގެ ހަމުގައި އެއްޗެހި ލިޔެ ގައިގަ އުޅުވުމާއި، ތަންތަނުގައި އެއްޗެހި ވަޅުލުމާއި، ކަނޑަށް އެއްޗެހި އެއްލާލުންފަދަ އެތައް އަމަލެއް ހިމެނެއެވެ. ހަމައެހެންމެ ބަލިމީހާއަށް ޖެހިފައި ހުންނަ ސިޙުރާ ހަވާލުވެގެން ތިބޭ ޖިންނީންނާއި ފަރުވާ ކުރާ މީހާ ގެންގުޅޭ ޖިންނީންނާއި މުޢާހަދާ ހަދައި ބަލިމީހާ ދޫކޮށް ދިއުމަށް މަޖުބޫރުކޮށް ނުވަތަ ވަކި ދުވަސްތަކެއް ވަންދެން އުނަދގޫ ނުކުރަމަށް ބަޢިއަތު ހިފައެވެ.

މިކަމަށް އޮތް ރައްދު :

ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، ފާލުބެލުމާއި، އަތްބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަ ޖެހުމާއި ، ތަވީދު އެޅުވުމާއި މިފަދަ ހުއްދަނޫން ކަންކަމަށް އަރައިގަނެ ޤުރުއާނުނާއި ޝައިޠާނޫ ތަކެއްޗާއި ކަންތައްތައް މަސްހުނިކޮށް ކުރާ ފަރުވާކުރުމަށް ކަމަށް ބުނެ ކުރާ މިފަދަ ރުޤުޔާ ތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ. މިފަދަ ފަރުވާއަށް ކިޔަނީ ރުޤްޔާ ޝިރުކިއްޔާ ނުވަތަ ޝިރުކު ހިމެނޭ ރުޤުޔާއެވެ.

ސިޙުރަކީ ޙަރާމް އެއްޗެކެވެ. ޙަރާމް ކަމަކުން ޙަރާމްކަމެއް ފުހެލެވޭނެ ހެއްޔެވެ؟ ނޫނީ ޙަރާމް އެއްޗަކުން ފަރުވާއެއް ނުވަތަ ޝިފާއެއް ލިބިދާނެހެއްޔެވެ؟ ެ. ރަސޫލާ ސައްލަﷲ ޢަލައި ވަސައްލަމަ އާއި ނުޝްރާއާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. ( އައް ނުޝްރާއަކީ ސިޙްރުން ސިޙުރަށް ފަރުވާ ކުރުމެވެ ) . އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ” ތިޔައީ ޝައިޠާނީ ޢަމަލެކެވެ ” .

ސިޙުރުން ސިހުރު ބާޠިލް ކުރަން ކިތަންމެ މަސައްކަތެއް ކުރިކަމުގައިވިއަސް އެކަމެއް ނުވާނެއެވެ. ދުވަސްކޮޅަކު ބަލިމީހާއަށް އުނދަގޫތަކެއް ނުވެ ހުރެދާނެއެވެ. ނަމަވެސް ފަހުން އުނދަގޫވާން ފަށާ ވަގުތު އިތުރު އުނދަގޫތަކާއި ކުރިމަތިލާން ޖެހިދެއެވެ. މިގޮތަށް ފަރުވާ ކުރާމީހުން ގިނަ ފަހަރު ފަރުވާ ކުރަނީވެސް ދެވަނަ ފަހަރު ބަލިމީހާ އެމީހެއްގެ ގާތަށް އަންނަން ޖެހިދާފަދަ ކޮންމެވެސް ކަހަލަ ގޮތެއް ހަދާފައެވެ. ސަބަބަކީ ބަލިމީހާގެ ފަރާތުން ލިބޭ މާއްދީ މަންފާެއެއް އަބަދު ޙާޞިލް ކުރުމުގެ ނުބައި މަޤްޞަދު މިފަދަ މީހުންގެ ހިތުގައި އޮތުމެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *