ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 3 ވަނަ ބައި )

 

  • ސިޙުރު ހެދި މީހާ ހޯދުމަށް އެކި ކަހަލަ ކަންކަން ކުރުން

ސިޙުރު ހެދި މީހާ ހޯދުމަކީ ރުޤްޔާގެ އެހީ ހޯދަމުންދާ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެކެވެ. ޚުދު އަޅުގަނޑު ފަރުވާކުރަން ދިޔަ ބައެއް ފަރާތްތަކުންވެސް އެބައިމީހުންނަށް ސިޙުރު ހެދި މީހާ އެނގޭނެ ގޮތެއް ނޯންނާނެތޯ ސުވާލުކޮށްފައި އެބަހުއްޓެވެ. ބައެއް ރާޤީން، ޤުރުއާނުގެ ވަކި އާޔަތެއް/އާޔަތްތަކެއް ނުވަތަ ކޮންމެވެސް ދުޢާއެއް ކިޔުމަށް ފަހު ހުވަފެނުގައި ސިޙުރު ހެދި މީހާ ހޯދުމަށް ކަންކަން ކުރެވިދާނެކަމަށް ބުނެއެވެ. އަދި އެހެން ކަން ކުރުމުން ސީދާ ސިޙުރު ހެދި މީހާ ހުވަފެނުގައި ފެންނާނެކަމަށް ބުނެއެވެ. ބަލި މީހާގެ ހަށިގަނޑަށް ވަންނަ ޖިންނީންގާތު އަހައި އޮޅުންފިލުވައިގެން ސިޙުރު ހެދި މީހާ ހޯދުމަށް ވެސް މަސައްކަތް ކުރެއެވެ. ހަމަ އެހެންމެ ބައެއް މީހުންގެ ފާލުބެލުމާއި އަތްބެލުން ފަދަ ކަންކަން ބޭނުން ކޮށްގެން ވެސް ސިޙުރު ހެދި ފަރާތް ހޯދުމަށް މަސައްކަތް ކުރެއެވެ. ކުރުގޮތަކަށް ދަންނަވާކަމުގައި ވާނަމަ މުޅި ރުޤުޔާގެ މައިގަނޑު މަޤުޞަދަކަށް ވެފައި އޮންނަނީ މިކަން ކުރި މީހަކު ހޯދުމެވެ.

މިކަމަށް އޮތް ރައްދު:

މިގޮތް ގޮތުން ސިޙުރު ހެދިމީހަކު ހޯދަން އުޅުމަކީ މީގެ ސަބަބުން ވަރަށް ބޮޑެތި ފިތުނައަކަށް މަގުފަހިވެގެން ހިނގައިދާނެ ފަދަ ކަމެކެވެ. ހަށިގަނޑަށް ޙާޟިރުވާ ޖިންނީންނާމެދު އޮތް ވާހަކައާއި މެދު ދަންނައެވެ. ޖިންނި ޝައިޠާނުންނަކީ ވަރަށް ދޮގުވެރި މަކަރުވެރި ބައެކެވެ.

ޖިންނީންނަކީ އިންސީންގެ ލޯތަކަށް ފޮރުވިފައިވާ ބައެކެވެ. އެހެންކަމުން ޖިންނި ހަށިގަނޑަށް ޙާޟިރުވެ އެއީ މުސްލިމެއް ކަމުގައި ބުނިކަމުގައި ވިޔަސް އެވާހަކަތައް ޤަބޫލުކުރުމަކީ ވަރަށް ދަތިކަމެކެވެ. ސަބަބަކީ ޖިންނީނަކީ ޢާއްމުގޮތެއްގައި ދޮގުހަދާ ބަޔަކަށް ވާތީއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.

 يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ ﴿٢٢٣﴾ سورة الشعراء

އެ شيطان ން އަޑުއަހާ ތަކެތި (كاهن ންނަށް) ލައިދެތެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ.

މިކަން ޝަރުޢީ ރުޤުޔާގެ ތަޖުރިބާ ލިބިފައިވާ ބޭފުޅަކު އިންކާރެއް ނުކުރައްވާނެއެވެ. ސިޙުރު ހަދާފައިވާ އެއްޗެހި ހުރިތަންތަން ހޯދުމަށް މަސައްކަތް ކުރާއިރު ، ހަށިގަނޑަށް ވަންނަ ޖިންނީން އޮޅުވާލައި މަކަރު ހަދައިގެން ތަންތަން ކޮންނަ ޖެހި އެކި ކަހަލަ ތަކުލީފުތައް ކުރިމަތި ކުރަނީ ކިތައް ފަހަރުތޯއެވެ؟ އެހެން ކަމުގައި ވީ ހިނދު ސިޙުރު ހެދި މީހާ ނުވަތަ ސިޙުރު ހެދުވި މީހާގެ ނަން ތެދަށް ބުނެފާނެކަމަށް ބުއްދި ޤަބޫލެއް ނުކުރެވެއެވެ. އަދި ނަމެއް ހާމަކުރާ ކަމުގައި ވަނީނަމަވެސް ބުނާނީ ކޮންމެވެސް ގާތްތިމާގެ މީހެއްގެ ނަމެއް ނުވަތަ ގާތް ރަޙްމަތްތެރިއެއްގެ ނަމެކެވެ. ބޭނުމަކީ ދޭތެރެ ޖެއްސުމާއި ބައިބައިވުން އުފެއްދުމެވެ. މަގު ފުރެއްދުމެވެ. ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެއްދުމެވެ. މިއީ ޝައިޠާނުންގެ “ވަޒީފާ” އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ﷲ ވަޙީ ކުރައްވަނީ : قَالَ أَرَأَيْتَكَ هَـٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا ﴿٦٢﴾ سورة الإسراء

މާނައީ : ” އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ قيامة އަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ.”

ހުވަފެނެއްގެ ޒަރީއާއިން ވެސް މިކަމަށް މަސައްކަތް ކޮށްފި ކަމަށްވާނަމަ މިކަމުން ފިތުނަވެރިކަމާއި އެހެން މީހުންނާއި މެދު ތިމާގެ ހިތް ކިލަނބުވުން ނޫން ކަމެއް ޙާޞިލް ވާނެތޯއެވެ؟ ތިބާއަށް ޖެހިފައިވާ ކަންތައް ރަނގަޅުވެ ފިލައިގެން ދާނެތޯއެވެ؟ ފަރުވާއެއް ނުވަތަ ޝިފާއެއް ލިބޭނެތޯއެވެ؟ ނޫނެކެވެ. މިއާ ޚިލާފަށް މިކަމުން ތިބާގެ ބަލި އިތުރަށް ބޮޑުވެ، ނަފްސާނީގޮތުން ވެސް ބަލިކަށިވެ، ހިތްނުތަނަވަސްވުން މެދުވެރިވެދާނެތެވެ. މިކަން ކުރިމީހަކީ ހުވަފެނުގައި ފެނުން މީހާކަމުގައި ނިންމާ އެމީހަކީ އަސްލު ސިޙުރު ހެދި މީހާ ކަމުގައި ވީނަމަވެސް އަދި ނުވިނަމަވެސް އެމީހަކަށް ނަފުރަތު ކުރާނެތެވެ. ޝައްކުރުން ބޮޑުވެ ބިރުގަންނަ ގޮތް ވާނެތެވެ. އެމީހަކު އެނގުން ކަމުގައިވިޔަސް ސިޙުރުން ސަލާމަތްވުމަށް މަގުފަހިވެގެންވެސް ނުދާނެއެވެ. ސަބަބަކީ ކޮންމެ ތަނެއްގައި ހުރެގެން ވެސް ސިޙުރުވެރިޔާއަށް ސިޙުރު ޖައްސަން ބޭނުންވާ މީހާއަށް ސިޙުރު ހެދޭނެތީއެވެ.

(ނަމަވެސް ﷲ ގެ އިރާދަފުޅާ އެކުއެވެ.) ހަމައެހެންމެ ހުވަފެނަކީ ޝަރުޢީ މަޢުޒޫނުގައި ކަމެއް ސާބިތުކުރުމަށް އޮތް ވަޞީލަތެއް ވެސް ނޫނެވެ. ސިޙުރު ހެދި މީހާ އެނގޭނީ އެމީހާގެ އަމިއްލަ އިޢުތިރާފުން ނުވަތަ ބަޔަކަށް އޭނަ ސިޙުރު ހަދަނިކޮށް ފެނިގެން އެކަމަށް ހެކި ދީގެންނެވެ.

އަތްބެލުމާއި ފާލުބެލުމުން މިކަން ހާޞިލްކުރަން އުޅޭ ފަރާތްތަކަށް ތިރީގައިވާ ޙަދީޘަށް ވިސްނާ ފިކުރު ކުރުން ހުއްޓެވެ.

مَنْ أَتَى عَرَّافًا فَسَأَلَهُ عنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ لَيْلَةً

 މާނައަކީ: “ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހުންކުރެ ކަމަކަށް އެދި ސުވާލުކޮށްފިމީހާގެ ނަމާދު ސާޅީސްރޭ ވަންދެން ގަބޫލު ނުކުރައްވަވާނެއެވެ. ( ޞަޙީހް މުސްލިމް )

އަދިވެސް އެހެން ހަދީޘެއްގައި ވެއެވެ.

مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ މާނައަކީ: “ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހަކު ދައްކާވާހަކަ ގަބޫލުކޮށްފި މީހާ މުޙަންމަދުގެފާނުގެ މައްޗަށް ބާވާލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ.” ( ސުނަނު އަލް ޙާކިމް )

މިފަދަ ނުބައި ކަންތައް ތަކުގެ ތެރެއަށް ޝައިޠާނާ ތިބާ ވައްދަން މަސައްކަތް ކުރުވައެވެ. ޚާއްސަކޮށް ބަލިވެ، މާޔޫސްވެ އިމްތިޙާނުތަކާއި ކުރިމަތިވާ ވަގުތު ތަކުގައެވެ. އެހެން ކަމުން މިކަންކަމުން ރައްކާތެރިވާށެވެ.

 

  • ބަލިމީހާގެ ހަށިގަނޑަށް ޖިންނި ޙާޟިރުވުމަކީ މަޖުބޫރު ކަމަކަށް ހެދުން

ބައެއް ރުޤުޔާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ސިޙުރު ޖެހިފައިވާ ނުވަތަ ޖިންނި އަވަލާފައިވާ މީހެއްގެ ހަށިގަނޑަށް ޖިންނި ހާޟިރު ކުރުވުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން މެނުވީ ބަލިމީހާއަށް ޖެހިފައިވާ ކަންކަން އޮޅުން ނުފިލާނެތީކަމަށް މި ބައިމީހުން ސިފަކުރެއެވެ. އަދި ހަށިގަނޑުގައި ހުންނަ ޖިންނީގެ އަސަރުތައް އެއްކޮށް ނައްތާލެވޭނީ އެތަކެއްޗައް ވީހާވެސް ބޮޑަށް ހާނީއްކަކޮށް، އަނިޔާކޮށްގެން ކަމަށް ދެކެއެވެ. ހަމަ މިއާއެކު ބައެއް ބަލި މީހުން މި އަވާގައި ޖެހި، ޖިންނި ޙާޟިރުކޮށްގެން، އެ ސޮރާ މުޢާމަލާތު ނުކުރެވޭ ކަމަށް ވާނަމަ ފަރުވާ ކުރަން އަންނަ މީހަކީ އެއްވެސް އެއްޗެއް ނުދަންނަ ރުޤުޔާ ކުރަން ނޭނގޭ މީހަކަށް ހަދާ އެމީހުންނާ ދުރުވެ ގަނެއެވެ. 

މިކަމަށް އޮތް ރައްދު:

ކުރީންވެސް ބަޔާން ކުރެވުނު ފަދައިން ޝައިޠާނާއަކީ އަހަރެމެންގެ މައްޗަށްވާ ޢަދުއްވެކެވެ. ކެހިވެރިއެކެވެ. ދޮގުވެރިއެކެވެ. ޢަދާވާތްތެރިއެކެވެ.

އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ހަދީޘެއްގައި ވެއެވެ. ނަބިއްޔާގެ صلّى الله عليه وسلّم ހަދީޘްގައި ވެއެވެ. ” ތިޔަބައިމީހުން ޢަދުއްވުންނާއި ބައްދަލުވުމަށް ނޭދޭށެވެ.”

ހަށިގަނޑަށް ޖިންނި ގަދަކަމުން ޙާޟިރުކުރުވުމަކީ ޢަދުއްވަކާ ބައްދަލުވުމަށް އެދުމެއް ނޫންތޯއެވެ؟ އެހެން ކަމަށް ވާނަމަ އަޅުގަނޑުމެންނަށް ނަބިއްޔާގެ އަމުރުފުޅާ ޚިލާފު ވެވެނީ ނޫންތޯއެވެ؟

އައްޝައިޚް ވަޙީދު ޢަބްދުއްސަލާމް އަލް ބާލީވެސް މިކަމާމެދު އިންޒާރުކުރައްވާފައިވެއެވެ. ޖިންނި ޙާޟިރުކުރުމުގެ ނިޔަތުގައި ނުކިޔެވުމަށް ބަޔާންކުރައްވާ އިސްވެދިޔަ ހަދީޘް ގެންނަވާ މިކަމަށް ރައްދު ދެއްވާފައިވެއެވެ.

މީގެ އިތުރުން ރުޤްޔާ ކުރާ ފަރާތެއްގެ ޙައިޞިއްޔަތުން ބުނެލަމެވެ. ބަލިމީހާގެ ހަށިގަނޑަށް ޖިންނި ހާޟިރުވުމަކީ އޭގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކެއް ބަލިމީހާ އުފުލަން ޖެހޭކަމަކަށް ވެދެއެވެ. އަދި މިގޮތަށް ހާޟިރުވާނަމަ ބަލިމީހާއަށް ފަރުވާ ލިބުމުގައި ލަސްވަމުން އަންނަކަން ވަނީ ތަޖުރިބާ ކުރެވިފައެވެ. އެހެންކަމުން ގަދަކަމުން އެސޮރު ޙާޟިރު ކުރުވުމަކީ ރަނގަޅު ގޮތެއް މެދުވެރި ވުމަށްވުރެ ގޯސް ކަންތައްތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެސޮރު ޙާޟިރު ނުވިކަމުގައިވިޔަސް ﷲ އަށް ވަކީލުކޮށް ފަރުވާކޮށްފި ކަމުގައި ވާނަމަ ޝިފާލިބޭނެއެވެ. އިންޝާ ﷲ.. މިގޮތަށް ފަރުވާ ލިބިފައި ތިބި މީހުން ވަރަށް ބައިވަރު އުޅޭކަމުގައި މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.

ފޮތް މުރާޖަޢާ ކުރެއްވީ: އައްޝައިޚް ޖައުފަރު ފާއިޒު

Leave a Reply

Your email address will not be published. Required fields are marked *