މެހި ބޭނުންކޮށްގެން ފަރުވާކުރެވިދާނެގޮތެއް
މެހި ބޭނުންކޮށްގެން ފަރުވާކުރެވިދާނެގޮތެއް
މެއްސަކީ ވަރަށް ކުޑަކުޑަ، އެހެންނަމަވެސް އަހަރެމެންގެ ޚިޔާލަށްވެސް ނުގެނެވޭވަރުގެ ފައިދާތަކެއް އޭގައި ލައްވާފައިވާ މާތް ﷲ ގެ މަޚުލޫޤެކެވެ. އަޅުގަނޑުމެންގެތެރޭގައި މެއްސެކޭ ބުނެފިނަމަ ގިނަފަހަރަށް ފަކުރު ހީވެ، އެއީ ނަޖިސް އެއްޗެއްކަމުގައި ހީވެއެވެ. ކާއެއްޗަކަށް މެއްސެއް ވެއްޓިއްޖެނަމަ އެކާތަކެތި ބޭނުންނުކޮށް އިސްރާފްކޮށްލައެވެ. ބުއިމަކަށް މެއްސެއް ވެއްޓިއްޖެނަމަ “އައްޗީޑި” އޭބުނެ އެ ބުއިން އުކާލައެވެ. ކަންހިނގާ ޢާންމު އުޞޫލަކީ މިއީކަމުގައި ވީނަމަވެސް މެހީގެ ޙަޤީޤަތަކީ މިއެއްނޫނެވެ. މެހީގެ އެއްފިޔައިގައި ބަލި ލެއްވިއެވެ. އަދި އަނެއް ފިޔައިގައި އޭގެ ޝިފާ ލެއްވިއެވެ. އަދި ކިއެއްތަ، މެއްސަކީ ގިނަމީހުނަށް ހީވެފައިވާފަދަ ނަޖިހެއް ނޫނެވެ. އަދި ކިއްއްތަ މެހިން ފަރުވާ ލިބޭ، ހީވެސް ނުކުރާފަދަ ކަންތައްތައް އެބަހުއްޓެވެ.
އިމާމް ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
إذا وقعَ الذُّبَابُ في إناء أحدِكم: فامْقُلُوه، فإن في أحدِ جناحَيه داءً، وفي الآخر شفاءً (البخاري: 2320 (
މާނައީ: ” ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ ބުއިމަށް މެއްސެއް ވެއްޓިއްޖެނަމަ، އެމެހި ބުއިމުގެ ތެރެއަށް އެއްކޮށް ގަންބާލާށެވެ. އެހެނީ އޭގެ އެއް ފިޔަގަނޑުގައިވަނީ ބައްޔެވެ. އަދި އަނެއް ފިޔަގަނޑުގައިވަނީ ފަރުވާއެވެ” އިބްނު މާޖާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ
أحدُ جناحي الذبابِ سُمٌّ ، والآخَرُ شِفاءٌ. فإذا وقَعَ في الطعام: فامْقُلُوه فِيه؛ فإنه يقدِّم السُّمَّ، ويؤخرُ الشِّفاءَ ) ( ابن ماجه وصححه الألباني: 3504 (
މާނައީ: ” މެހީގެ އެއް ފިޔަގަނޑުން ބަލި އުފުލާއިރު އޭގެ އަނެއް ފިޔަގަނޑުގައި ފަރުވާވެއެވެ. އެމެހި ކާއެއްޗަކަށް ވެއްޓިއްޖެނަމަ، ﷲ އަށްޓަކައި އެމެހި އެއްކޮށް ގަންބާލާށެވެ. ހަމަކަށަވަރުން ﷲ އެންމެ ފުރަތަމަ ޖައްސަވަނީ ވިހައިގެ އަސަރެވެ. ދެން އެއަށްފަހު ޝިފާއެވެ ” މިހަދީޡުން ފާހަގަކޮށްލެވޭ މުހިއްމު ދެނުޤުތާއެއްވެއެވެ. ފުރަތަމަ ކަމަކީ ފިޤުހީ ގޮތުން ފާހަގަކޮށްލެވޭ ނުކުތާއެވެ. މިހަދީޘުން ޘާބިތުވާ ގޮތުގައި، މެއްސެއް ފެނުގެ ތެރެއަށް ނުވަތަ އެހެންވެސް އެއްޗެއްގެ ތެރެއަށް ވެއްޓުމުން، އެފެން ތަޣައްޔަރެއ ނުވާނެއެވެ. މިއީ ގިނަ ޢިލްމުވެރިން ބުރަވެލައްވާ ގޮތެވެ. އަދި ކުރީގެ އެއްވެސް ޢިލްމުވެރިޔަކުވެސް އިންކާރުކުރައްވާފައިނުވެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވީ މެއްސެއް ވެއްޓުމުން ގަންބާލުމަށެވެ. އަދި ފެން ހޫނުނަމަ ގަންބާލާ މަރާލުމަށެވެ. ކާނާގެ ތެރޭގައި މެހި މަރުވުމުން ކާނާ ނުވަތަ ފެން ތަޣައްޔަރުވާނެނަމަ، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރެއްވީހީ އެއެއްޗެހި އުކާޅުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ކެއުމަށް އިރުޝާދުދެއްވިއެވެ
މީގެ އިތުރުން ކުޅަނދުރާއި ފައިދިގު މަކުނުވެސް އަދި މިބާވަތުގެ ހުރިހާ އެއްޗެއްސަށް ޢަމަލުކުރަންޖެހެނީ މިހެންނެވެ. ސަބަބަކީ ބަޔާންވެ ދިޔަ ޙަދީޘް އައިސްފައިވަނީ އާއްމު މާނައިގައި ކަމަށްވާތީއެވެ. މަރުވެފައިވާ ޖަނަވާރު މުޅަ އެއްޗަކަށްވަނީ އެޖަނަވާރުތައް މަރުވުމަށްފަހު، އޭގެ “ލޭ” ހަށިގަނޑުގައި ހަރުލާފައި ހުރުމުންނެވެ. ނަމަވެސް ލޭ ނެތް ޖަނަވާރެއް މަރުވިނަމަވެސް އެއީ ނަޖިސް އެއްޗެއް ނޫނެވެ.
ދެން ފާހަގަކޮށްލެވޭ އަނެއް ނުޤުތާއަކީ ޑޮކްޓަރީ ގޮތުން ފާހަގަކޮށްލެވޭ ނުޤުތާއެކެވެ. ޢަބޫ އުބައިދާ(ރ.ޢ) ވިދާޅުވެފައިވެއެވެ. ފެނުގެ ތެރެއަށް މެހި އެކީ އެކަށް ގަންބާލުމުގެ ބޭނުމަކީ ފެނުގެ ތެރެއަށް ވިހަ ނުވަތަ ބަލި ދިޔަފަދައިން، މެހީގެ ފިޔަގަނޑުން ފަރުވާ ފެނުގެ ތެރެއަށް ވާޞިލުކުރުމެވެ.
މެހި ޖައްސާ ހެދުމުން ހަންގަނޑު ކަހާ، އިންފެކްޓް ވުން ފަދަ ކަންކަންވުމުން އެނގޭކަމަކީ މެހިވެސް ވިހަ މާއްދާތަކެއް އުފުލާކަމެވެ. މި ކުޑަކުޑަ ސޫތްޕަށް އަނިޔާއަކާ ނުވަތަ ބިރުވެރިކަމަކާ ކުރިމަތިވުމުން، އެސޮރަށް ބޭނުންކުރެވޭ އާލަތްތަކުގެ އެހީގައި ހަމަލާދެއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރައްވާފައިވަނީ މެއްސެއް ކާއެއްޗަކަށް ވެއްޓުމުން މެހި ދޫކުރާ ވިހަ މާއްދާތަކުން ރައްކާތެރިކަން ހޯދުމަށް އެ ވެއްޓުނު މެހި އެއްކޮށް ގަންބާލުމަށްފަހު މެހީގެ އަނެއް ފިޔަގަނޑުގައިވާ ފަރުވާ ލިބިގަތުމަށެވެ.
މިފަރުވާއަކީ އެއްވެސް ޑޮކްޓަރަކަށް އެމީހެއްގެ އަމިއްލަ ބުއްދިއަށް ހޯދުމުގެ ޤާބިލުކަން ލިބިފައިވާފަދަ ފަރުވާއެއްނޫނެވެ. ސަބަބަކީ މިފަރުވާއަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ފޯރުކުރެވިފައިވާ ފަރުވާއަކަށްވާތީއެވެ. ތަޖުރިބާކާރު މޮޅު ޑަކްޓަރުންވެސް ވިދާޅުވެފައިވަނީ، މިފަރުވާއާއިގެން ވަޑައިގެންނެވި ނަބިއްޔާއަކީ ހަމަކަށަވަރުންވެސް ހައްޤު ނަބިއްޔެކެވެ. އަދި އެކަލޭގެފާނަށް ބާވާލެއްވޭ ވަޙީއަކީ ވެސް ޙައްޤުތެދެވެ. ސަބަބަކީ މިފަރުވާއަކީ އެންމެހާ އިންސާނުންގެ ބުއްދިއަށް ވިސްނައިގަތުމުން ބޭރުގައިވާ ފަރުވާއަކަށްވާތީއެވެ.
ކުޅަނދުރާއި ނަގުލަންދާށިފަދަ ވިހަގަދަ ތަކެތި ކަށިޖަހައިފިނަމަ، މެހި ހޭކުމުން އޭގެ ފިޔައިގައިވާ ފަރުވާއިން ތަދުކުޑަކޮށްދޭކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ. މެހީގެ ބޯ ބުރިކޮށްލުމަށްފަހު މެހީގެ ހަށިގަނޑު، ދުޅަވެފައިވާ ތަނުގައި، ލޮލުގެނަމަ ލޮލުގެ ބޮނޑިއަށް އަރާފައިވާ ދުޅަމަތީގައި ހޭކުމުން ﷲ ގެ އިރާދަފުޅުން ފަސޭހަވެގެންދާނެއެވެ.
ބަޔާންވެދިޔައީ ކުޑަކުޑަ ސޫފި، “މެހީގެ” ފައިދާތަކެވެ. އަދި އޭގެ ޙަޤީޤަތެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާނާ މެއްސެއް ވެއްޓުމުން އިސްރާފް ކޮށްލުމުގެ ބަދަލުގައި ބޭނުން ކުރުން އާދަކުރަން ޖެހެއެވެ. މިމަތިވެރި އިރުޝާދުތަކަށް ތަބަޢަވާން ޖެހެއެވެ. އޭރުން އަޅުގަނޑުމެންނަށް އެތައް އެތައް ކަމަކުން ސަލާމަތްވެވިދާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.
وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾ (سورة الأنعام)
މާނައީ: ” ބިމުގައި ހިނގާބިނގާއުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އަދި އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ حضرة އަށެވެ.” (ސޫރަތުން އަންޢާމް 38 )
މަޢުލޫމާތު ނެގި މަޞްދަރު : ޕްރޮފެޓިކް މެޑިސިން ފޮތް