ސުންނަތުގެ އަލީގައި ޙިޖާމާ ( 8 ވަނަ ބައި )
ޙިޖާމާޖެހުމުގައި ސަމާލުކަން ނުދީފިނަމަ ނިކުމެދާނެ ސިއްޙީ މައްސަލަތަކާއި އެކަންކަން ހައްލުކުރާނެގޮތްތައް
ޙިޖާމާގެ ފަރުވާއަކީ އެކަމުގައި ބަލިމީހުންގެ ގައިން ލޭނެގުން އެކުލެވިގެންވާ ޚާއްޞަ ފަރުވާއެއް ކަމުގައިވާތީ، މިކަމަކީ ވަރަށް ބޮޑަށް ޙިޖާމާ ޖަހައިދޭ ފަރާތުން ރައްކާތެރިވެ ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެންމެ މުހިންމު މަޤްޞަދެއް ކަމުގައި ހަދަންޖެހޭނީ ބަލިމހުންނަށް ރައްކާތެރިކަމާއި ސާފުޠާޙިރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމެވެ. ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މިފަދަ ކަންކަމަށް މާބޮޑޫ ސަމާލުކަމެއް ނުދިނުމެވެ. މީގެ ތެރޭގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލަން ޖެހޭ ތަކެތި އެތައް ފަހަރަކު ބޭނުންކުރުމާއި، ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭ ތަކެތި ނައްތާނުލުންފަދަ ކަންކަން ހިމެނެއެވެ. މިކަމުގެ ސަބަބުން ޙިޖާމާގެ ފަރުވާ ހޯދަން އަންނަ ފަރާތްތަކުން މިކަމަށް އޮންނަ އިތުބާރު ކުޑަވެއެވެ.
ޕްލާސްޓިކް ކަޕް، ކަށި ނުވަތަ ސާރޖިކަލް ބްލޭޑް/ރޭޒާ އަދި އަންގި ފަދަ އެއްޗެހި ބޭނުންކުރުމުން ހުންނާނީ ހަޑިވެ ތަޤައްޔަރު ވެފައެވެ. މިތަކެތި އިތުރު ބަލިމީހަކަށް ޖަހަން ބޭނުންކޮށްފިކަމުގައިވާނަމަ ބަލިމީހާއަށް ހީނުކުރާފަދަ ނުރައްކާތެރި މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ސަބަބަކަށްވަނީ ލެއަކީ ތަފާތު ގިނަ ބަލިތައް ޖެހުމަށް މެދުވެރިކުރުވާ އެއްޗަކަށް ވާތީއެވެ. ބްލަޑްބޯން ވައިރަސްތައް ނުވަތަ އިންފެކްޝަންތައް ޖައްސުވައިދޭ އެއްޗަކަށް ވާތީއެވެ. މިގޮތަށް ޖެހޭ ބަލިތަކުގެ ތެރޭގައި
- ހެޕިޓައިޓަސް ބީ
- ހެޕިޓައިޓަސް ސީ
- އިންޕެޓިގޯ
- އެޗް.އައި.ވީ ( އެއިޑްސް )
- ޓިނިއާ
ފަދަ ބަލިތައް ހިމެނެއެވެ.
ހެޕިޓައިޓިސްގެ ތަފާތުވައްތަރުތައް ހުރެއެވެ. ނަމަވެސް މީގެތެރެއިން ލޭގެ ސަބަބުންނާއި ހަށިގަނޑުން ނިކުންނަ ތަފާތު ދިޔައިގެ ސަބަބުން ޖެހެނީ ހެޕެޓައިޓިސް ބީ އަދި ސީ އެވެ. މިބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމުން ފުރަމޭގައި އިންފެކްޝަން އުފެދި ދުޅަވާގޮތްވެއެވެ. ފަރުވާކުރަން އުނދަގޫ ބައްޔަކަށް މިބަލިވާއިރު ހެޕިޓައިޓިސް ބީ އަށް ވެކްސިނެއް ތައްޔާރުކުރެވިފައިވާ ނަމަވެސް ހެޕިޓައިޓިސް ސީ އަދި މިހާތަނަށް ވެކްސިނެއް ތައްޔާރުކުރެވިފައެއްނެތެވެ. ހަމައެހެންމެ ފަރުވާކުރުން ދޫކޮށްލައިފިނަމަ މިބަލީގެ ވައިރަސްގެ ސަބަބުން ފުރަމޭ ހަލާކޮށްލާ އޭގެ މަސައްކަތައްތަކަށް ހުރަސްއެޅުމާއެކު ކެންސަރަށްވެސް ބަދަލުވާގޮތްވެއެވެ. ހެޕިޓައިޓިސްއަކީ މީހަކަށް ޖެހިފައި ހުރިކަން ނޭނގި ވަރަށް ގިނަ ދުވަހު ހުންނަ ބައްޔެކެވެ. މިވައިރަސް ހަށިގަނޑުގެ ތެރޭގައި އެއްވެސް ކަހަލަ މައްސަލަތަކެއް ކުރިމަތިނުކުރުވާ ދުވަސްތަކެއް ވަންދެންވެސް ހުރެދެއެވެ.
ހެޕިޓައިޓިސް ބީ އަދި ސީ ވައިރަސް
ލޭގެ ޒަރީއާއިން ޖެހޭ އަނެއް ބައްޔަކީ އެޗް.އައި.ވީ ( ހިއުމަން އިމިއުނޯ ޑިފިސިއަންސީ ވައިރަސް ) އެވެ. މިވައިރަސްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރުގެ ނިޒާމު ( އިމިއުން ސިސްޓަމް ) ގެ ބާރު ނެތިކޮށްލާ އެކި ބަލިތަކުގެ ޝިކާރައަކަށް މީހާ ހަދުވާ ވައިރަސްއެކެވެ. އާންމުކޮށް މިބަލި ގައިން ގަޔަށް އަރާގޮތް ދިމާވަނީ ބަލި ޖެހިފައި ހުންނަ ބޭނުންކޮށްފައި ހުންނަ ކަށި ނުވަތަ ރޭޒާ ނުވަތަ ބްލޭޑް އެހެން މީހުން ބޭނުންކުރުމުގެ ސަބަބުންނެވެ. ބަލިޖެހިފައި ހުންނަ ކަން ނޭނގި ނުވަތަ ޓެސްޓްތަކުންވެސް ނުދައްކާ، 2 ހަފްތާ ނުވަތަ 2 މަސް ހިނގައިދާނެ އެއިޑްސް ބަލި މީހަކަށް ޖެހިއްޖެނަމަ، އެމީހަކު އާންމުކޮށް ދުނިޔޭގައި ހުންނަނީ 4 ވަރަކަށް އަހަރުވަންދެނެވެ.
އެޗް.އައި.ވީ ވައިރަސް
ބޭނުންކޮށްފައިހުންނަ ޕްލާސްޓިކް ނުވަތަ ބިއްލޫރި ކަޕް ދެވަނަ ފަހަރަށް އެހެން ބަލިމީހަކަށް ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ތަފާތު އިންފެކްޝަންތަށް ޖެހުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. މިގޮތުން އިންޕިޓިގޯ އަކީ މިފަދައިން ޖެހޭ އިންފެކްޝަނެކެވެ. މި އިންފެކްޝަންގެ ސަބަބުން މޫނުގައި އަދި ނޭފަތުގެ މަތީގައި މުލިހި ނުވަތަ ފޮޅު ނެގުންފަދަ ކަންކަން މެދުވެރިކުރުވައެެވެ. މިކަން މެދުވެރިވަނީ ހަށިގަނޑުގައި ކަނޑައިގެން ގޮސް ނުވަތަ ހަލާކުވެފައިވާ ހަންގަނޑުގެ މަތީ ފަށަލައިގެ ތެރެއަށް ބެކްޓީރިއާއެއް ވަނުމުގެ ސަބަބުންނެވެ. މީގެ އިތުރުން ހަންގަނޑަށް ޖެހޭ ބައްޔެއްކަމަށްވާ “އެޒީމާ” ގެ ސަބަބުން ހަންގަނޑު ހަލާކުވުފެައިވާނަމަވެސް މި ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވަނުމަށް މަގުފަހިވެގެންދެއެވެ.
ޓީނިއާ ނުވަތަ ރިންގް ވާމް އަކީ ފަންގަލް އިންފެކްޝަންއެއްގެ ސަބަބުން ހަންގަނޑުގައި ވަށް ބުރެއްހެން ރަތް ނުވަތަ ރިހި ކުލައެއްގެ ތަނެއް އުފެދޭ ބައްޔަކަށް ކިޔާނަމެކެވެ. މިބަލި ޖެހެނީ، ބަލިޖެހިފައިވާ މީހެއްގެ ހަންގަނޑުގައި އުފެދިފައި ހުންނަ ލައްގަނޑުގައި ޖެހުމުގެ ސަބަބުން ނުވަތަ އެފަދަ ބަލިމީހެއްގެ ހަނގަނޑުގައިވާ މިފަދަ ލައްގަނޑެއްގައި އެއްޗެއްޖެހި މި ޖެހުނު އެތި އެހެން މީހެއްގެ ގައިގާ ޖެހުމުގެ ސަބަބުންނެވެ. އެހެން ކަމުން ސީދާ ގޮތުންނާއި ނުސީދާގޮތުން އިންފެކްޝަން ފެތުރި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިބަލި އެރުމަށް ދިމާވެއެވެ.
ޓީނިއާ ނުވަތަ ރިންގް ވާމްސް
މަތީގައި ބަޔާންވެގެން އެދިޔަ ނުރައްކާތެރި އިންފެކްޝަންތަކުން ސަލާމަތްވުމަށްޓަކައި ޙިޖާމާ ޖަހައިދޭ ތަނެއްގައި ( ކްލިނިކެއްގައި ވިޔަސްމެ) ޙިޖާމާ ޖެހުމަށްފަހު ކަޕްތަކާއި، ކަށި، ރޭޒާ އަދި ލޭނަގަން ބޭނުންކުރާ ޓިޝޫފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލަން ޖެހޭނެއެވެ. މިކަމަކީ ޙިޖާމާ ޖަހަން އަންނަ މީހަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރެމެ އެއްވެސް އިންފެކްޝަނެއް ނެތް މީހަކު ކަމުގައިވާނަމަވެސް ޢަމަލުކުރަން ޖެހޭނެގޮތެވެ. ހަމައެހެންމެ ޙިޖާމާ ޖަހަން ގެންގުޅޭ ގަންއާއި، ޙިޖާމާ ޖަހައިތަން ޑިސްއިންފެކްޓެންޓް ( އިންފެކްޝަންތައް ނައްތާލާ ޒާތުގެ އެއްޗެއް ) ގެ އެހީގައި ވަރަށް ރަނގަޅަށް ސާފުކުރަން ޖެހޭނެއެވެ. ހަމައެހެންމެ ބަލިމީހާގެ ގައިގައި ޙިޖާމާ ޖެހި ތަންތަނުގަޔާއި ލޭ އުނގުޅިފައި ހުންނަ ތަންތަން ޑިސްއިންފެކްޓެންޓެއް ( މިސާލަކަށް ، ސާރޖިކަލް ސްޕިރިޓް ) ބޭނުންކޮށްގެން ސާފުކުރަންވާނެއެވެ.
ބައެއް ފަރާތްތަކުން ބިއްލޫރި ކަޕް ބޭނުންކުރުމަށް ފަހު ލޭތައް ރަނގަޅަށް ފޮހެލައިގެން އިތުރު ބަލިމީހުންނަށް ޙިޖާމާ ޖެހުމަށް ބޭނުންކޮށް ހަދައެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ގޯހެކެވެ. ސީދާ ހަށިގަނޑުން ނިކުންނަ ލޭ އުނގުޅިފައި ހުންނަ އެއްޗެއް ސްޓެރިލައިޒްނުކޮށް ބޭނުންކޮށްގެން ނުވާނެެއެވެ. ވަރަށް ކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ކަޕްތައް ހޫނުކޮށްލައިގެން އަދި އެންމެ ފުރިހަމައަށް ސްޓެރިލައިޒެއް ނުކުރެވޭނެއެވެ. މިކަމަށް ބޭނުންވާ ވަޤުތު ދީގެން ކަޕްތައް ޑިސްއިންފެކްޓެންޓެއް ބޭނުންކޮށްގެން ތަކުރާރުކޮށް ރަނގަޅަށް ދޮވެ، ހޫނުކުރުމަށްފަހު ފޮހޭށެވެ. ތަންކޮޅެއް ގިނަ ވަޤުތު ކަޕްތައް ހިއްކުމަށް ދިނުމުން ބާކީ މަރުނުވެ ހުންނަ ވައިރަސްތައް މަރުވެގެންދާނެއެވެ. ހަމައެހެންމެ މިކަންކަމަށް ފަހު ކަޕްތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ވަރަށް ރަނގަޅަށް ބަލަންވާނެއެވެ. ދަންނާށެވެ! މިފަދައިން މިކަން ކުރެވޭނީ ޙިޖާމާ ޖަހަން ގެންގުޅޭ ކަޕްތަކަކީ ބިއްލޫރި ކަޕްތަކެއް ކަމުގައިވާނަމައެވެ.
ހަމައެހެންމެ ބަލިމީހާ ގަޔަށް ޙިޖާމާ ޖަހަން ބޭނުންކުރާ އަންގިއާއި ކަށި އަދި ރޭޒާ އަކީ އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލާ އެއްޗެއްކަމުގައި ހަދަން ޖެހޭނެއެވެ. މީގެ އިތުރުން ޙިޖާމާ ޖެހުމަށް ބޭނުންކުރާ ކަޕްތަކަކީ ޕްލާސްޓިކް ކަޕްތަކެއް ކަމުގައިވާނަމަ އެންމެ ރައްކާތެރިގޮތަކީ އެއްފަހަރު ބޭނުންކުރުމަށްފަހު ނައްތާލުމެވެ. އަދި އިތުރު ބަލިމީހުން ގަޔަށް އެ ކަޕްތައް ޖަހަން ބޭނުން ނުކުރުމެވެ. ސަބަބަކީ މަތީގައި ބަޔާންކުރެވުނު ފަދަ ބަލިތަކުން ޙިޖާމާ ޖެހުމަށް އަންނަ ފަރާތްތައް ރައްކާތެރިކުރުމެވެ. ނަމަވެސް މިކަމަކީ ވަރަށް ގިނަ މީހުންނަށް ޤަބޫލުކުރަން ދަތިކަމަކަށްވަނީވެފައެވެ. އެހެންކަމުން ކުރިއަށް ހުރި ބައިތަކުގައި މިކަމުގެ އިތުރު ތަފްޞީލުތަކާއި ޙިޖާމާ ޖެހުމުގައި ސަމާލުކަންދޭންވީ ކަންތައްތައް ހިމަނާލާނަމެވެ. އިންޝާ ﷲ!
މަޢުލޫމާތުނެގި މަސްދަރު: https://puretherapyclinic.wordpress.com/2016/01/01/hijama-and-the-risks-of-re-use/