ޝަރުޢީ ރުޤްޔާ (ހުއްދަ ފަންޑިތަ ) އަކީ ކޮބާ ؟

 

ޝަރުޢީ ރުޤުޔާއަކީ ކޮބާ

ޝަރުޢީ ރުޤްޔާ (ހުއްދަ ފަންޑިތަ ) އަކީ ކޮބާ ؟

އެކުލަވާލީ : ޢަލީ އާޞިރު

ދިވެހި ބަހުގައި ފަންޑިތައޭ ބުނުމުން މާނައަކީ ލިޔާ ތަވީދު، ކިޔަވާ ކިޔެވެލި ނުވަތަ ކުރާ މިބާވަތުގެ ކަންކަމެވެ. އެހެންކަމުން މާނައަކީ ކާބަފައިންގެ ޒަމާނުއްސުރެ ހަދަމުން އައި އިސްތިރު ވަރިތޮޅިއާއި އެހެނިހެން ސިޙުރުވެސް އެމާނައިގެ ތެރޭގައި ހިމެނޭކަމެވެ. ފަންޑިތަ މަނާކުރެވިފައިމިވަނީ އޭގައޮ ޝިރުކުވެސް ހިމެނޭގޮތަށެވެ.ޒަމާނުއްސުރެ އެކަން ދިވެހީންގެ ތެރޭގައި ޢާއްމުވެފައި މިވަނީވެސް އެމާނައާއި އެއްގޮތަށެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ކަމުގެ ހަޤީގަތް ނޭނގޭތީއެވެ. ސިޙުރަކީ ކޮބައިކަމާއި އެބާވަތުގެ ކަންތަކުގައި ހިމެނޭ ޙަރާމް ކަންތައްތަކާއި ޙަލާލު ކަންތައްތައް އެނގިފައި ނެތީމައެވެ. މިހެންގޮސް މިހާރު މިވަނީ މުޅި މުޖުތަމަޢު ފަސާދަވެ ޝިރުކުގެ ތެރެއަށް ގެނބި މިކަމުގެ ސަބަބުން މުޞީބާތްތައް ޢާއްމުވެފައެވެ. ދީނުގެ އަޅުކަމެއްގެ ކުރާނެ ގޮތަކާއިމެދު ވާހަކަ ދެއްކުމުގެ ކުރިން ދީނުގައި ހުރެވޭ ގޮތާއި ދީނުން ބޭރުވާ ގޮތާއި، ތައެޙީދާއި ޝިރުކު މިއީ ކޯއްޗެއްކަން އެނގުން މާ މުހިއްމުކަން ބޮޑެވެ. ސަބަބަކީ އަޅުކަމެއް ކުރެވޭނީވެސް އިސްލާމްދީނުގައި ހުރެގެން ކަމަށް ވާތީއެވެ. މުޞީބާތްތައް ޖެހުމުގެ އެއްމެ ބޮޑު އަސްލަކީ ޝިރުކެވެ. ޝިރުކަށް އެއްމެ ފަސޭހައިން މީހާ ވެއްޓިގެން ދަނީ ސިޙުރުގެ ތެރެއިންނޭ ބުނުން ދޮގަކަށް ވޭބާއެވެ؟ ޝައިޠާނާގެ ވަސްވާހަށް ހެއްލި ޝައިޠާނާއާއި އެއްބައިވެ އެބައިމީހުނާއި ވާގިވެރިވެގެން ސިޙުރުވެރިން ސިޙުރުހަދައެވެ.

ރުޤްޔާ އަކީ ކޮބައިހެއްޔެވެ؟

ޢަރަބި ބަހުގައި ރުޤްޔާ އޭ ބުނުމުން މާނަކުރެވެނީ ދިވެހި ބަހުގައި މިބަސް އައިސްފައިވާގޮތަށެވެ. އެހުރިހާ މާނައެއްވެސް ހިމެނިގެނެވެ. އޭގެ ތަފްޞީލް މިއަދު ކޮންމެ ދިވެއްސަކަށްމެ އެނގެން އެބަ ޖެހެއެވެ. ސަލާމަތުން ދީނުގައި ސާބިތުވެ ތިބުމަށްޓަކައެވެ.

މިގޮތުން މައިގަނޑު ގޮތެއްގައި ރުޤުޔާ މާނަކުރެވެނީ އެއީ ބައްޔެއް ރަނގަޅުކުރުމަށް ނުވަތަ މުޞީބާތެއް ޖެހިފައިވާ މީހަކު މުޞީބާތުން ސަލާމަތް ކުރުމަށް ނުވަތަ ވަކި ކަމެއް ޙާސިލް ވުމަށްޓަކައި ކިޔެވޭ ކިޔެވުން ނުވަތަ ކުރާ އެފަަދ ކަންތައްތަކެވެ. މިމާނައިގައި ބަލާނަމަ ރުޤުޔާގެތެރޭގައި ސިޙުރުވެސް ހިމެނެއެވެ. ރުޤްޔާ ބެހިގެންވާ ބައިތަކަށް ބަލައިލާއިރު ރުޤުޔާއަކީ:

  1. ރުޤްޔާ ޝަރުޢިއްޔާ ( ޝަރުޢީ ހުއްދަ ފަންޑިތަ ) : ﷲ ގެ ކަލާމްފުޅާއި ( ޤުރުއާން ) ﷲ ގެ އިސްމަފުޅުތަކާއި ސިފަފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި ބަަސްފުޅުތައް ބޭނުންކޮށްގެން ޝިރުކު ނުވާގޮތަށް ކުރާ ރުޤުޔާ.މިފަދަ ރުޤުޔާ ތަކަކީ ހުއްދަ އަދި ސުންނަތުން ސާބިރުވާ ކުރުން އެދެވިގެންވާ ރުޤުޔާއެވެ.

ރުޤްޔާ ޝަރުޢިއްޔާގެ ޝަރުތުތައް: އެބަހީ ހުއްދަ ފަންޑިތަ ހެދުމުގެ ޝަރުޠުތައް

  • ﷲ ތަޢާލާގެ ވަހީ ބަސްފުޅުތަކުން، އެއިލާހުގެ ސިފަފުޅުތަކުން، އެއިލާހުގެ ނަންފުޅުން ނުވަތަ ސުންނަތުން ސާބިތުވާ ދުޢާ ތަކުން ކިޔެވޭ އެއްޗަކަށްވުން.
  • ޢަރަބި ބަހުން ކިޔެވޭ އެއްޗަކަށްވުން.
  • ޝިފާ ދެއްވަނީ ﷲ ކަން ޤަބޫލުކުރުން އަދި ޝިފާ ލިބެނީ އެއްވެސް ޙާލެއްގައި ކިޔަވާ މީހާ ( ރާޤީ ) ގެ މޮޅުކަމުން ނޫންކަން ޢިއުތިޤާދުކުރުން.
  • ޝިރުކުުން ބަރީޢަވެގެންވާ ރުޤުޔާ ( ފަންޑިތަ ) އެއް ކަމުގައިވުން.
  1. ރުޤްޔާ ޝިރުކިއްޔާ ( ޝިރުކު ހިމެނޭ ފަންޑިތަ ) : ޖިންނި ޝައިޠާނުންގެ ކިބައިން ވާގި އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، ފާލުބެލުމާއި، އަތްބެލުމާއި، އެއްވެސް މާނައެއް ދޭހަނުވާފަދަ ގޮވެލިތަކާއި، ބަނދިތަކާއި، އަކަ ޖެހުމާއި ، ތަވީދު އެޅުވުމާއި މިފަދަ ހުއްދަނޫން ކަންކަމަށް އަރައިގަނެ ޤުރުއާނުނާއި

 

  • ޝައިޠާނީ ތަކެއްޗާއި ކަންތައްތައް މަސްހުނިކޮށް ކުރާ ރުޤުޔާތައް. މިފަދަ ރުޤުޔާ ތަކަކީ ދީނުން ބޭރުވާ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ.

 

މީގެ ތަފްޞީލުތަކަށް ބަލާނަމަ، އޭގައި ޝިރުކު ނުހިމެނޭ ނަމަ އަދި ޙަރާމް ކަމެއް އެކުލެވިގެން ނުވާނަމަ އެ ރުޤުޔާއެއް ހުއްދައެވެ. ނަމަވެސް ބައެއް މީހުން މި ފުޅާ ދާއިރާ ހަނިކޮށްލާފަދަ ގޮތަކަށް ވާހަކަދައްކާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ސިޙުރުފަދަ ބަލިތައް ޖެހުމުން ހަދާނެގޮތް ހުސްވެ އެންމެފަހުން ދަނީ ފާލުބަލާ މީހެއް ކައިރިއަށް ނުވަތަ ނޭނގިނަމަވެސް ސިޙުރުވެރިއެއް ގާތަށެވެ. ނޭނގި ޝިރުކުގެތެރެއަށް ގެނބިގެންދަނީއެވެ. ޝަރުޢީ ފަންޑިތަ ހުއްދަކަން އެނގޭ ދަލީލުތައް ވަރަށް ފުރިހަމަ ގޮތުގައި ފެންނާން އެބަހުއްޓެވެ. އަދި ޤުރުއާނުން ފަރުވާ ކުރެވިދާނެކަމާއި އެއީ ފަރުވާ ލިބެނިވި ކަލާމްފުޅުތަކެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ :

“ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.” (سورة الإسراء 82 )

މިއާޔަތުންވެސް ވަރަށް ޞަރީޙަކޮށް ޤުރުއާނަކީ ފަރުވާ އެކުލެވިގެންވާ ކަލާމްފުޅުތަކެއްކަން އެނގެއެވެ. ރޫޙާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ޤުރުއާނަކީ ﷲ ގެ ރަޙުމަތުން ފަރުވާ ލިބިދޭ ކަލާމްފުޅެކެވެ. މިފަދަ ކިތައްމެ އާޔަތެއް ޤުރުއާނުގައި ވެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅުތަަކށް ބަލައލާ އިރު މިކަމުގެ ދަލީލުތައް ވަރަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ. މިގޮތުން ބަލާއިރު އަންނަނިވި ދަލީލުތައް ފުދެއެވެ.

” ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ( މުސްލިމު ) އަޚާއަށް ފައިދާއެއް ( ރުޤްޔާއެއް ނުވަތަ ފަރުވާއެއް ) ކޮށްލައިދިނުމަށް ކުޅަދާނަވެގެންވާނަމަ އެކަމެއް ކޮށްލައިދޭށެވެ.” ( ރަވާޙު މުސްލިމް 5727 )

“ތިޔަބައިމީހުންގެ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ! އެ ރުޤްޔާއެއްގައި ޝިރުކު ހިމެނިފައިނުވާ ކޮންމެ ރުޤުޔާއެއް ހުއްދައެވެ. ( ރަވާހު މުސްލިމް )

މަޢުލޫމާތު ނެގި މަސްދަރު : ” ޤުރުއާނާއި ސުންނަތުގެ އަލީގައި ރުޤްޔާކުރުން ” މި ފޮތުން ( މި ފޮތް މުރާޖަޢާ ކުރައްވާފައިވަނީ އައްޝައިޚް އަބޫބަކުރު އިބްރާހިމް ( ރަޙިމަހުﷲ ) ، އައްޝައިޚް އިބްރާޙިމް ފަރީދް، އައްޝައިޚް އިލްޔާސް ޖަމާލް، އައްޝައިޚް އިބްރާޙިމް އަލީ އެވެ. )

Leave a Reply

Your email address will not be published. Required fields are marked *