ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 2 ވަނަ ބައި )
- އުޚްތުން ތުނި ފޭރާމެއް ލައްވައި، އެތެރޭން އެއްވެސް އެއްޗެއް ނުލައި ހުރުމަށް ޝަރުތުކޮށް ކިޔަވާފައި ހުންނަ ފެން، ފަރުވާ ކުރާ މީހާ ކުރިމަތީގައި ގަޔަށް އެޅުވުން.
ރުޤުޔާ ކުރުމުގެ ނަމުގައި އުޅޭ ބައެއް މީހުން މި ޢަމަލު ކުރަމުންދާކަމީ ވެސް ވަރަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. މިބައިމީހުން އުޚްތުންނަށް ރުޤްޔާކުރާއިރު، ރާޤީ ( ރުޤުޔާ ކުރާ މީހާ ) ފެންކިޔެވުމަށްފަހު، އުޚްތުން ތުނި ފޭރާމެއް ލައްވައި، އެކަނބަލުން އެތެރޭން ލާންޖެހޭ އެއްވެސް ފޭރާމެއް ނުލައި، މިހާލުގައި ބެހެއްޓުމަށްފަހު، އެކަނބަލުންގެ ގަޔަށް ފެން އަޅުވާކަމީ ހަޤީގަތުގައި ވެސް މިހާރަކަށް އައިސް ކުރާ ކަމެކެވެ. މިހާލަތުގައި ބަހައްޓައިގެން މިގޮތަށް ކަންތައް ކުރުމުން ބަލި ފަސޭހަވާނެ ކަމަށް ބުނެ އޮޅުވާލާ މި ޖަރީމާ ހިންގުމަކީ ކިހައި ނުބައި ކަމެއްތޯއެވެ. ވަކި ޙާލަތެއްގައި ޑޮކްޓަރުންނަށް ވެސް އައުރަ ކަޝްފުކޮށްގެން ފަރުވާ ކުރެވޭ ކަމުގައި މިބައިމީހުން ދަޢުވާކޮށް މިކަން މީހުން ކުރިޔަށް ގެންދެއެވެ. ހަމައެހެންމެ ބަލިމީހާ ރުޤުޔާ ކުރާ މީހާއާ އެކު އެކަހެރިވުމަށް ވެސް ބުނެއެވެ.
މިކަމަށް އޮތް ރައްދު:
ދަންނައެވެ. އައުރަ ނިވާކުރުމަކީ މުސްލިމުންނަށް ﷲ ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިކަމުގައި އަންހެނުންނާއި ފިރެހެނުންވެސް ހަމަހަމަ ވެގެން ވެއެވެ. އެހެން ކަމަށް ވާނަމަ ރުޤުޔާ ކުރާއިރު ބަރަހަނާ ޙާލުގައި ތިބެގެން މިކަން ކުރުމުން އެއްވެސް ޝިފާއެއް ލިބޭނެތޯއެވެ؟ ރުޤުޔާގެ ބޮޑެތި ޢިލްމުވެރިން ކަމުގައިވާ، އައްޝައިޚް ޚާލިދް ޙިބަޝީ، އައްޝައިޚް ވަޙީދް އަބްދުއް ސަލާމް ބާލީ ފަދަ ބޭފުޅުން ރުޤުޔާ ކުރާއިރު ހަމަވާން ޖެހޭ ޝަރުތުތައް ބަޔާން ކުރައްވަމުން، ޚާއްޞަކޮށް އަންހެން ކަނބަލަކަށް ރުޤްޔާކުރާ ކަމަށް ވާނަމަ، އައުރަ ނިވާ ނުކޮށް ( ބުރުގާ ނާޅައި ) ހުންނަ މީހެއް ނަމަ، އައުރަ ނިވާކުރުވުމަށް ފަހުގައި ނޫނީ ރުޤްޔާކޮށްގެން ނުވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ. ހަމައެހެންމެ މަތީގައި ބަޔާންކުރެވިފައި އެވާ ފަދަ ޢަމަލުތަކަކީ ސިޙުރުވެރީންގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ މުޑުދާރު އަމަލުތައްކަމަށް ރުޤުޔާގެ ބޮޑެތި ޢީލްމުވެރިން ވެސް ބަޔާންކުރައްވާފައިވެއެވެ.
ﷲ ޙަރާމްކުރެއްވި އެއްވެސް ކަމެއް ކޮށްގެން ފަރުވާ، ނުވަތަ ޝިފާއެއް ނުލިބޭނެއެވެ. ޤުރުއާން ޝިފާއެއް ކަމުގައި ލައްވާފައިވަނީ މުއުމިނުންނަށެވެ. އެއްވެސް ޙާލެއްގައި އެކަލާނގެއަށް އުރެދޭ އަޅުންނަށް ޤުރުއާނުން ގެއްލުމެއް ނޫން އެހެން އެއްޗެއް ނުލިބޭނެތެވެ. ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾ މާނައީ : ” ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.”
އުންމު ސަލަމާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلّى الله عليه وسلّم ހަދީޘްކުރެއްވިއެވެ.
” ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެއްގައި ޝިފާއެއް ނުވެއެވެ.” ( އަލްބައިހަޤީ، ސަޙީހް އިބްން ޙިއްބާން )
އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ.
” وَلا يَجُوزُ التَّدَاوِي بِمُحَرَّمٍ , وَلا بِشَيْءٍ فِيهِ مُحَرَّمٌ ”
” ﷲ ޙަރާމްކުރެއްވި އެއްޗެއް ފަރުވާގެ ގޮތުގައި ބޭނުންކުރުން ހުއްދަވެގެން ނުވެއެވެ. ހަމައެހެންމެ އެ އެއްޗެއްގައި ޙަރާމް އެއްޗެއް އެކުލެވިގެންވާ އެއްޗެއް ފަރުވާގެ ގޮތުގައި ބޭނުންކުރުންވެސް ހުއްދަވެގެން ނުވެއެވެ. ”
ހަމައެހެންމެ ފިޤުހު ޢިލްމުވެރިން ވެސް ބަޔާންކުރައްވާފައިވާ ގޮތުގައި ޙަރާމް އެއްޗެއްގައި ޝިފާއެއް ނުވެއެވެ.
އަދި ޙަރާމް އެއްޗަކުން އެއްވެސް ފައިދާއެއް ކުރާކަމަށް ހީވާނަމަ އެއީ ޝައިޠާނީ ވަސްވާސްކަން ދަންނަހުއްޓެވެ.
އެހެން ކަމުން މަތީގައި ބަޔާން ކުރެވިފައިވާ ފަދަ މުޑުދާރު ޢަމަލުތަކަކީ ޤުރުއާނުން ފަރުވާ ހޯދުމުގެ ޝަރުތުތަކާއި މުޅީން ޚިލާފު ކަންތައްތަ ކަމުގައި ދަންނަވަމެވެ.
- ވަކި މުއްދަތެއްގެ ( ޚާއްޞަކޮށް 3 ދުވަސް ނުވަތަ 7 ދުވަސް ) ތެރޭގައި ޖެހިފައިވާ ރޫޙާނީ ބަލިތައް ރަނގަޅުވާނެ ކަމަށް ބުނުން
މިބައި މީހުންގެ ބުނުންތަކުގެ ތަރޭގައި، ސިޙުރު ހާހޫރަ ފަދަ ކަންކަން ސީދާ ކަނޑައެޅިގެން ވަކި ދުވަހެއްގެ ތެރޭގައި ރަނގަޅުވާނެ ކަމަށް ދަޢުވާ ކުރާމީހުން ވެސް އުޅެއެވެ. ” ތިމަންނަ ތިކަން 7 ދުވަސް ތެރޭގައި ރަނގަޅުކޮށްލާނަން” މިފަދައިން ބުނެ މީހުންނަށް އޮޅުވާލާ އެތައް ފައިދާތަކެއް ބަލިމީހާގެ ފަރާތުން ލިބިގަނެއެވެ. އެމީހުން ބުނާ ވަކި އެއްޗެއް ހޯދައިދޭން ޝަރުތުކޮށް ބަލިމީހާއަށް ބަލި ފަސޭހަވާނޭ ކަމުގެ ޔަޤީންކަށް ދެއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މި މަޅީގެ ޝިކާރައަކަށްވެގެން ދިއުމެވެ.
މިކަމަށް އޮތް ރައްދު :
ހަމަކަށަވަރުން ޣައިބުގެ ތަޅުދަނޑިތައް ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. މިކަން އަންގަވައި ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾
މާނައީ : “އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެން ނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ. ”
ބަލި ޖެއްސެވުމާއި، މުޞީބާތްތައް ކުރުމަތިވުމާއި، މަރާއި، މަރުގެ ވަޤުތަކީ ހަމައެކަނި ﷲ ދެނެވޮޑިގެންވާ ކަންކަމެވެ. ކުރުކޮށް ދަންނަވަނީ ކަމުގައި ވާނަމަ ކުރިއަށް ވާން އޮންނަ ކަމެއް ނުވަތަ މާދަމާ މެދުވެރިވާނެ އެއްވެސް ކަމެއް އެއްވެސް ނަފްސަކަށް އެނގޭނެ ހެއްޔެވެ؟ ނޭނގޭނެކަން ކަށަވަރެވެ. މިކަމުގައި ޝައްކެއްވާނަމަ ތިބާގެ ޢަޤީދާގެ ހަރުދަނާ ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކޮށް ލައްވާށެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ سورة الشعراء މާނައީ “އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ.”
މަތީގައިވާ އާޔަތްތަކަށް ވިސްނާ ފިކުރުކޮށްލުމުުން ވެސް އަޅުގަނޑުމެންނަށް ދިމާވާ ބަލިތައް އަންނަނީ ﷲ ހަޟްރަތުންކަމާއި ހަމައެހެންމެ ފަސޭހަކުރައްވަނީ ވެސް އެކަލާނގެކަން އެނގި ހާމަވެއެވެ. އެހެން ކަމުން ރުޤްޔާ ކުރާމީހަކަށް އޮތީ ސަބަބުތަކުގައި ހިފައިގެން ފަރުވާކޮށްދިނުމެވެ. ބަލިމީހާއާއި ފަރުވާކުރާ މީހާވެސް ﷲ އަށް ތަޤުވާވެރިވެ ކެތްތެރިވެ، ﷲ އަށް ވަކީލު ކުރި ވަރަކަށް ޝިފާލިބުން އަވަސްވާނެއެވެ. ވަކި ދުވަހެއްގެ ތެރޭގައި ރަނގަޅު ކުރާނެ ކަމަށް ބުނާ ފަރާތްތަކުން ބުނާބުނުން ތަކުގެ އަވައިގައި ޖެހި އެފަދަ ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ނުހެއްލޭށެވެ. މިކަމަކީ ޝިރުކުގެ ދަރަޖައަށް ވެއްޓިގެންދާފަދަ ކަންކަމެވެ.
ފޮތް މުރާޖަޢާ ކުރެއްވީ: އައްޝައިޚް ޖައުފަރު ފާއިޒު