އެޕަލްސައިޑާ ވިނިގާގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ (ފުރަތަމަބައި)

apple cider vinegar part one

އެޕަލްސައިޑާ ވިނިގާގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ (ފުރަތަމަބައި)

 

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

އެޕަލްސައިޑަރ ވިނިގަރ އަކީ އާފަލުގެ ބޭނުންކޮށްގެން ތައްޔާރުކޮށްފައިހުންނަ ރާހުތެކެވެ. މަޑު މުށިކުލައެއްގައި ހުންނަ މި ބުއިމުގައި ވަރަށް ގަދަ ހުތް ރަހައެއް ހުރެއެވެ. އިނގިރޭސި ހަރުބަހެއްގައި ވެއެވެ. ” އޭން އެޕަލް އަ ޑޭ ކީޕްސް ޑޮކްޓަރ އަވޭ ” . އެހެންކަމުން ކޮންމެ ދުވަހަކު އާޕަލެއް ކެއުމުން ބަލިތަކުން ސަލާމަތްވާނަމަ އެޕަލް ސައިޑަރ ވިނިގަރ ބޭނުންކުރުމުންވެސް ﷲ ގެ ރަޙްމަތުން ހަމަ މިކަން ހާސިލްކުރެވޭނެއެވެ.

މީގެ އެތައް އަހަރުތަކެއްގެ ކުރިންވެސް އެޕްލްސައިޑާ ވިނިގާ އަކީ ތަފާތު ކަންކަމަށް ބޭނުންކުރަމުން އައިސްފައިވާ އެއްޗެކެވެ. މީގެ ތެރޭގައި ދަނޑުތަކުގައި ހުންނަ ގަސްތައް ހަލާކުކުރާ ސޫފިތައް މަރާލުމަށް، ކޮފީ ހަދާ މެޝިން ސާފުކުރުމަށް، ދަހަނާ ޕޮލިޝްކުރުމަށް، ސެލެޑް ހެދުމަށް އަދި ތަފާތު ބަލިބައްޔަށް ފަރުވާކުރުމަށްވެސް އެޕަލްސައިޑާ ވިނިގާ ބޭނުންކުރެއެވެ. ކާ އެއްޗެހި ހެދުމުގައި އާއްމުކޮށް ބޭނުންކުރާ މި ވިނިގާގައި ގުދުރަތީގޮތުން އެތައް ސިއްޙީ ފައިދާ އެއް އެކުލެވިގެންވެއެވެ.

ޖާބިރު ބިން އަބްދުﷲގެ އަރިހުން ރިވާވެގެންވެއެވެ. ” ނަބިއްޔާ صلى الله عليه وسلم  އަނބިކަނބަލުންގެ ކިބައިން އެއްވެސް ކާއެއްޗެއް ހުރިތޯ އެއްސެވިއެވެ. އެހިނދު އެކަމަނާ ވިނިގާ އެބަހުރިކަމުގައި ދެންނެވިއެވެ. އެކަލޭގެފާނު އޭގެން މިންވަރެއް ދެއްވުމަށް އެދިލެއްވިއެވެ. އަދި އެއަށްފަހު ފަރިއްކުޅުވަމުން ހަދީޘްކުރެއްވިއެވެ.

” ވިނިގާ އަކީ ކޮންފަދަ ފުރިހަމަ ކާނާއެއްތޯއެވެ؟ ( އެކަލޭގެފާނުު ޕާނާއެއްކޮށް ވިނިގާ ފަރީއްކުޅުވިއެވެ )  ” ( ސަޙީޙް މުސްލިމް )

އަލް އިމާމް އިބްނުލް ޤައްޔިމް އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތް “ޠިއްބުއް ނަބަވީގައި” ބަޔާންވެގެންވެއެވެ.

” ވިނިގާގެ އެހީގައި ގޭސްޓްރިކް އިންފްލެމޭޝަން، ބައިލް އަދި ވިހަ ބޭސްތަކުން ކުރާ އަސަރުން ސަލާމަތްކޮށްދެއެވެ. މީގެ އިތުރުން ކިރާއި ލޭ ގަނޑުވުން ނައްތާލުމުގައި އެހީތެރިވެދީ، ހަށިގަނޑޫގައިވާ ހުންކޮށީ ( ސްޕްލީން ) ގެ މަސައްކަތައް އެހީތެރިވެދީ ގަދައަށް ބޭރަށް ހިންގުމުން ސަލާމަތްކޮށްދެއެވެ. ހަމައެހެންމެ ކަރުހިއްކުމުން ސަލާމަތްކޮށްދީ، ޓިއުމާ ފަދަ އެއްޗެހި ހަށިގަނޑުގައި އުފެދުމުން ސަލާމަތްކޮށްދެއެވެ. ހަޖަމްކުރުމުގެ ނިޒާމަަށް އެހީތެރިވެދީ، އަރިދަފުސް އާއި ދެކޮޅަށް މަސައްކަތްކޮށްދީ، ލޭގައި ހިމެނޭ މާއްދާތަށް މަޑުކޮށްދެއެވެ.

ލޮނާއި އެކު ވިނިގާ ބޭނުންކުރުމުން ވިހަ މަޝްރޫމެއް ކެވިއްޖެނަމަ، އެވިހައެއް ހަށިގަނޑުން ނައްތާލުމުގައި އެހީތެރިވެދެއެވެ. ދަތްދޮޅީގެ ތިރީގައި ލޭ ގަނޑުވެއްޖެނަމަ ވިނިގާ ފޮދެއް ބޯލުމުން އެ ލޭކޮޅު ދިޔާކޮށްލަދޭނެއެވެ. ހަމައެހެންމެ، ތާފަނާ ވިނިގާ ބޭނުންކޮށްގެން އަނގަ ދޮވެފިނަމަ ދަތުގައި ހުންނަ ރިހުން ކަނޑުވައިދިނުމާއި އެކު ހިރުގަނޑު ވަރުގަދަކޮށްދެއެވެ.

ދޮސްލާފައި ހުންނަ އިނގިލިތަކުގައި ވިނިގާ އުނގުޅައިފިނަމަ ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ގައިގާ ނަގާ ދޮސްބިހިތަކަށް  ފަރުވާލިއްބައިދީ، ޓިއުމާ އަދި ފިހިފައި ހުންނަ ތަންތަނަށް ފަރުވާލިއްބައިދިނުމުގައި ވެސް ވިނިގާ އެހީތެރިވެދެއެވެ. ބަނޑު ހަމަޖައްސައިދީ، ކެއުމަށް ބަނޑު ތައްޔާރުކޮށްދޭ ވިނިގާ އަކީ ޒުވާންފުރާގެ މީހުންނަށް، ޚާއްޞަކޮށް ހޫނު ހިސާބުތަކުގައި އުޅޭ މީހުންނަށް ވަރަށް ގުޅޭ ކާނާއެކެވެ. ”

އަދުގެ ސައިންސްގެ ގެ ހޯދުންތަކުގެ އަލީގައި ވިނިގާގައި ހަށިގަނޑަށް ސިއްޙީގޮތުން ފައިދާ ލިއްބައިދޭ އެތައް މާއްދާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި

  • މިނަރަލްސް ( ވަރަަށް ގިނަ އަދަދަކަށް )
  • ފޮސްފަރަސް
  • މެގްނީސިއަމް
  • ކޮޕާ
  • ވިޓަމިން އޭ
  • ވިޓަމިން ބީ 1
  • ވިޓަމިން ބީ 2
  • ވިޓަމިން ބ 6
  • ވިޓަމިން ސީ
  • ވިޓަމިން އީ
  • ބަޔޯފްލެވަނޮއިޑްސް އަދި ޕެކްޓިން ހިމެނެއެވެ.

މީގެ އިތުރުން އެޕަލްސައިޑާ ވިނިގާގައި ހިމެނޭ އެސެޓިކް އެސިޑް ގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިނަރަލްސްތައް ހަށިގަނޑަށް ނަގައިދިނުމުގައި އެހީތެރިވެދެއެވެ. އެހެންކަމުން މި ޒާތުގެ ވިނިގާގައި ހިމެނޭ ސިއްޙީ ފައިދާތައް ތަފްޞީލުކޮށް ބަލައިލުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ. ތިރީގައި މިވަނީ މީގެތެރެއިންވެސް ފާހަގަކޮށްލެވޭ އެންމެ މުހިންމު 10 ފައިދާއެވެ.

 

  1. ލޭގައި ހަކުރު ހިމެނޭ މިންވަރު ހިފަހައްޓައިދިނުން

ލޭގައި ހަކުރު ހިމެނޭ މިންވަރު ހިފަހައްޓައިދިނުމަށް ހަށިގަނޑުގައި “އިންސިއުލިން” ކިޔާ ހޯމޯން މަސައްކަތްކުރެއެވެ. އެޕަލްސައިޑާ ވިނިގާގައި ހިމެނޭ ” އެންޓިގްލައިސެމިކް އެފެކްޓް” ގެ ސަބަބުން އިންސިއުލިން ހޯމޯން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްދެއެވެ.

ހަކުރު މައްޗަށްދާ ބޭފުޅުން، އިންސިއުލިން އިންޖެކްޝަނަށް ނުގުޑާނަމަ، އެޕަލްސައިޑާ ވިނިގާގެ ޑޯޒެއް ކޮންމެ ދުވެހެއްގެވެސް ކެއުމަށްފަހު ބޭނުންކުރެވިދާނެއެވެ. މިގޮތުން 1 ސައިސަމްސަލުގެ އެޕަލްސައިޑާ ވިނިގާ ފެންތައްޓަކަށް އެއްކޮށްލުމަށްފަހު ބޯލާށެވެ.

ހަޖަމްކުރާ މިންވަރު ރަނގަޅުކުރުމަށްޓަކައި ދުވާލަކު 3 އިރު މި ބުއިން ބޯށެވެ. މީގެ ސަބަބުން ލޭގަައި އާ ހަކުރު އުފައްދައިދިނުމަށް ބޭނުންވާ ވަގުތު އިތުރުކޮށްދީ ލޭގައި ހަކުރު ހިމެނޭ މިންވަރު އިތުރަށް އެއްވަރެއްގައި ހިފަހައްޓައިދޭނެއެވެ.

 

  1. ދަތްތައް ހުދުކޮށްދިނުން

ދަތްތައް ރީނދޫކުލައިގައި ހުރުމުގެ ސަބަބުން ލަދުގަންނަ ބޭފުޅުންނަށް އެޕަލްސައިޑާ ވިނިގާއަކީ ވަރަށް އަގުހެޔޮ އަދި ފަސޭހައިން ދަތްތައް ހުދުކޮށްލަދީ ދަތުގައި ހުންނަ ވިދުވަރު އަނބުރާ ގެނައުމަށް ފަސޭހައިން ބޭނުންކޮށްލެވިދާނެ އެއްޗެކެވެ. ހަމައެހެންމެ ދަތުގައި ހަރުލާފައި ހުންނަ އެތިކޮޅުތަކާއި ، އަނގަޔާއި ހިރުގަނޑުގައި އުޅޭ ބެކްޓީރިއާތައް މަރާލުމުގައިވެސް އެޕަލްސައިޑާ ވިނިގާ އެހީތެރިވެދެއެވެ.

މިކަންކަން ހާސިލްކުރުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފަތިހު ދަތް އުނގުޅުމުގެ ކުރިން އެޕަލް ސައިޑާ ވިނިގާ ފޮދަކުން އަނގަ ދޮންނާށެވެ.

 

  1. ބަނޑުހަރުވުމުން ސަލާމަތްކޮށްދިނުން

އެޕަލްސައިޑާ ވިނިގާގައި “ޕެކްޓިން” ކިޔާ ފެނަށް ގިރޭ ފައިބާއެއްގެ ސަބަބުން ބޮޑުކަމުދިއުމަށް ފަސޭހަކޮށްދެއެވެ. އެހެންކަމުން މިކަމަކީ ޤުދުރަތީ ވަޞީލަތެއް ބޭނުންކޮށްގެން ބަނޑުހަރުވުމަށް އޮތް ވަރަށް ފުރިހަމަ ފަރުވާއެކެވެ.

2 މޭޒުމަތީ ސަމްސަލުގެ އެޕަލްސައިޑާ ވިނިގާ ފެންތައްޓަކަށް އެއްކޮށްލުމަށްފަހު ކޮންމެ ދުވަހަކުވެސް 3 އިރު ބޯށެވެ.

 

  1. ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭ

އާންމުގޮތެއްގައި ރޯ އެޕަލްސައިޑާ ވިނިގާ ބޭނުންކުރާނަމަ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެއެވެ. އެސެޓިކް އެސިޑު ލިއްބައިދިނުމަށް އެޕަލްސައިޑާ ވިނިގާއަކީ ވަރަށް ފުރިހަމަ އެއްޗެކެވެ.

ދިރާސާތައް ދައްކާގޮތުން ފަލަ މީހުން އެސެޓިކް އެސިޑް، 12 ހަފްތާވަންދެން މެދުނުކެނޑި ކެއުމުގައި ބޭނުންކުުރާ ބޭފުޅުން ވަރަށް ބޮޑަށް ބަރުދަން ލުއިވެފައިވެއެވެ. ހަމައެހެންމެ މި އެސެޓިކް އެސިޑް ބޭނުންކުރުމުން ހަށިގަނޑުގައި ސަރުބީޖެހުން މަދުކޮށްދިނުމާއެކު ބައެއް ކަހަލަ ސަރުބީ މޭގައި ޖެހުންވެސް ހުއްޓުވުމަށް މަސައްކަތްކޮށްދެއެވެ.

 

  1. އިސްތަށިގަނޑު ރީތިކޮށްދިނުން

އެޕަލްސައިޑާ ވިނިގާ އާއި ފެނާ އެއްވަރަކަށް އެއްކުރުމުން ބޮލުގައި އުނގުޅަން ބޭނުންކުރާ ވަރަށް ރަނގަޅު ކޮންޑިޝަނާއަކަށް ފުދެއެވެ. މި ކޮންޑިޝަނާއިން އިސްތަށިގަނޑު މަޑުކޮށްދީ، ކަޅުކުލަ ގަދަކޮށްދީ ، ވިދުވަރު ގަދަކޮށްދެއެވެ.

ހަމައެހެންމެ ބޮލުގައި ހަނފޮޅުމުން ސަލާމަތްކޮށްދިނުމުގައިވެސް މިއީ ރަނގަޅު ފަރުވާއެކެވެ. އެޕަލްސައިޑާ ވިނިގާގެ އެހީގައި ބޮލުގެ އިސްތަށިގަނޑުގައި ހަންފޮޅުމަށް އުފެދޭ ފަންގަސް ނައްތާލަދީ ހަންގަނޑުގެ ޕީއެޗް އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

ހަންފޮޅުމަށް ފަރުވާކުރުމަށް އެޕަލްސައިޑާ ވިނިގާއާއި ފެން އެއްވަރަކަށް އެއްކޮށްލާށެވެ. އަދި ބޮލުގެ ހަންގަނޑުގައި މީގެން އުނގުޅާށެވެ. އެއަށްފަހު 15 ވަރަކަށް މިނިޓުން 1 ގަޑިއިރާއި ދެމެދުގެ ވަގުތެއް ވަންދެން ބެހެއްޓުމަށްފަހު ބޯދޮވެލާށެވެ. މިފަރުވާ ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ކުރިއަށް ގެންދާށެވެ.

(ނުނިމޭ)

Leave a Reply

Your email address will not be published. Required fields are marked *