ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 7ވަނަ ބައި )
- ހިލޭ އަންހެނުންނަށް ރުޤުޔާ ކުރާއިރު ގައިގައި އަތްލުން
ހިލޭއަންހެނުންނަށް ރުޤުޔާ ކުރާއިރު ބޮލުގައި އަތްލުމާއި އަދި ހަށިގަނޑު ތެރެއަށް ޖިންނި ޙާޟިރުވާހިނދު ބަނޑުގައި އަތްލައިގެން ކިޔެވުމާއި ގައިގައި ހިފެހެއްޓުމަކީ ރުޤުޔާކުރާ ބައެއް މީހުންގެ ކުރާކަމެކެވެ. ހަށިގަނޑުގައި އަތްލައިގެން ކިޔަވައިގެން ބަލިމީހާއަށް އަންނަ އަސަރުތަކާއި އަތްނުލާކިޔެވުން އަންނަ އަސަރުތަކާއި ތަފާތުކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. ޖެހިފައިވާ ރޫޙާނީ ބަލިމަޑުކަން އަވަހަށް ރަނގަޅުވުމުގައި ބަލިމީހާގެ ގައިގައި އަތްލައިގެން ކިޔެވުން އެއީ ތަޖުރިބާއިން ދެނެގަނެވިފައިވާ ކަންތައްތައްކަންވެސް މިފަދަ މީހުން ހުއްޖަތެއް ގޮތުގައި ގެނެއެވެ. ޚާއްޞަކޮށް ސިޙުރުޖެހިފައިވާނަމަ ނުވަތަ ސިޙުރު ހަދާފައިވާ އެއްޗެއް ކެވިފައިވާނަމަ ބަނޑުގައި އަތްލައި އަދި ކަރުގައި އަތްލައިގެން ކިޔެވުމުން އެތަކެތި ހަށިގަނޑުން ބޭރުކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާކަމަށް ވަރަށް މުޖައްރިބުގޮތުގައި މިގޮތަށް ޢަމަލުކުރާ މީހުން ޤަބޫލުކުރެއެވެ.
- މިކަމަށް އޮތް ރައްދު:
ބަލިމީހާ އަވަހަށް ރަނގަޅުވުމާއި، ކެވިފައިވާ ސިޙުރުތައް ބަނޑުތެރެއިން ނެރެލުމުގައި ބަލިމީހާ ގައިގައި އަތްލުމަކީ ވަރަށް އަސަރުކުރުވަނިވި ކަމެއްކަމުގައި ވީނަމަވެސް ހިލޭ އަންހެނެއްގެ ގައިގައި ބީހުމަކީ އެއްވެސް ޙާލެއްގައި ހުއްދަވާނޭކަމެއް ނޫނެވެ. ރުޤުޔާ ކުރާ މީހެއްގެ ޙައިޞިއްޔަތުން މަތީގައި ބަޔާންވެގެން އެދިޔަ ކަންކަމަކީ ރުޤުޔާއިން ޝިފާލިބުން އަވަސްވާ ކަންތައްތަކެއްކަން ޚުދު އަޅުގަނޑުވެސް އެއްބަސްވަމެވެ. ނަމަވެސް ހިލޭ އަންހެނެއް ގައިގައި އަތްލުން ހުއްދަވެގެންނުވެއެވެ.
لأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لا تَحِلُّ لَهُ “. [رواه الطبراني في “الكبير” والروياني في مسنده وصححه الألباني في السلسلة رقم: ٢٢٦]
މާނައީ: “ހުއްދަނުވާ ހިލޭ އަންހެނެއްގެ ގައިގަ ބީހުމަށްވުރެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް މާހެޔޮކަންބޮޑެވެ.”
ހަމައެހެންމެ ފިރެހެން ޑޮކްޓަރުންގެ ގާތަށް ހިލޭ އަންނެހްނުން އައުމުން ފަރުވާކުރުމުގައިވެސް ގައިގައި އަތްލަން ޖެހިއްޖެ ޙާލަތުގައި އަތްލުމަކީ ޝަރުޢީ ރުޤުޔާ ކުރަން އަންނަ ހިލޭ އަންހެނާގެ ގައިގައި ބީހުމަށް އޮތް ހުއްޖަތެއް ނޫނެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ ބަލިމީހާ ގައިގައި އަތްނުލައި ވެސް ބަލިމީހާއަށް ޖެހިފައިވާ ރޫޙާނީ ބަލިމަޑުކަން ﷲ ގެ ވާގިފުޅާއެކު ޝަރުޢީ ރުޤްޔާކޮށްގެން ރަނގަޅުވުމެވެ. އަދި ދަންނައެވެ. ޝަރުޢީ ރުޤުޔާ ކުރުމަކީ އެކަމުގައި ޑޮކްޓަރީގޮތުން ކުރަންޖެހޭ ބޮޑެތި އޮޕަރޭޝަންފަދަ ކަންކަން އޭގައި ހިމެނިގެން ވާކަމެއް ނުމެ ނޫންމެއެވެ. އަދި ޑޮކްޓަރީ ފަރުވާގައިވެސް އަތްލުން ހުއްދަވެގެންވަނީ ޟަރޫރީގޮތުން ކޮންމެހެން އަތްލަން ޖެހިއްޖެ ޙާލަތުގައެވެ.
ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދީ ދިރާސާކުރައްވާ ދާއިމީ ކޮމިޓީއަށް މިމައްސަލައިގައި ސުވާލުކުރުމުން އަންނަނިވި ޖަވާބުދެއްވާފައިވެއެވެ.
ސ: ފިއްތުންތައް ޖިންނިޔަށް އިތުރުކޮށް، ދަތި ކުރުމަށް ކަމުގައި ބުނެ އެއްވެސް ހުރަހެއް ނެތި (ޖިންނީންގެ އުނދަގޫ ކުރިމަތިވާ) ހިލޭ އަންހެނެއްގެ ހަށިގަނޑުގައި، އެއީ އަތްކަމުގައި ވިޔަސް ނުވަތަ ނިތްކުރި ކަމުގައި ވިޔަސް ނުވަތަ ކަނދުރާ ކަމުގައިވިޔަސް ބީހެވިދާނެތޯއެވެ؟ އަދި އެފަދައިން ބީހުމަކީ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ފަރުވާ ދިނުމަށް ޓަކައި ބަލިމީހާގެ ހަށިގަނޑުގައި ބީހުން ފަދަ ކަމެއް ކަމުގައި ވާނެތޯއެވެ.؟ އެކަމުގައި ގެންގުޅެންޖެހޭ މިންގަނޑަކީ ކޮބައިތޯއެވެ؟
ޖ: ރުޤްޔާ ކުރާ މީހާ (ރުޤްޔާ ކުރުމަށްޓަކައި ހިލޭ) އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ އެކަމުގައި އެކުލެވިފައިވާ ފިތުނައިގެ ބޮޑުކަމުންނެވެ. އަދި (ރުޤްޔާ ކުރާމީހާއަށް ވަނީ) އެއްވެސް ބީހުމަކާ ނުލައި ރުޤްޔާ ކިޔެވުމެވެ. ރުޤުޔާކުރާމީހުން ކުރާކަމާއި ޑޮކްޓަރުން ކުރާކަމުގައި ތަފާތެއްވެއެވެ.
އެހެނީ ޑޮކްޓަރީ ފަރުވާ ދިނުމުގައި، އެފަރުވާ ދޭންވާ ތަނެއްގައި ނުބީހި ފަރުވާ ދިނުމަކީ ބައެއް ފަހަރު ވާނޭކަމެއްނޫނެވެ. މިއާ ޚިލާފަށް ރުޤުޔާ ކުރާ މީހާގެ ޢަމަލަކީ (އެކަމަށް ވާރިދުވެފައިވާ ތަކެތި) ކިޔެވުމާއި އަނގައިން ފުމެލުން ފަދަ ކަންކަމެވެ. އެއީ ނުބީހި ކުރެވިދާނެ ފަދަ ކަންކަމެވެ. [فتاوى اللجنة الدائمة للبحوث العلمية / مجلد: ١ / ص: ٩٠-٩١ / طبعة: الرئاسة العامة]
ހިލޭ އަންހެނެއްގެ ގައިގައި ބީހުމަކީ ޙަރާމްވެގެންވާ ކަމެއްކަމުގައި، މި ދަލީލުތަކުން ހާމަވެގެންދެއެވެ.
ރަސޫލާ صلى الله عليه وسلم ހިލޭ އަންހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމުކޮށް ނޫޅުއްވައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.: “إِنيِّ لا أُصَافِحُ النِّسَاءَ “. [سنن النسائي / كتاب: البيعة / باب: بيعة النساء / رقم: ٤١٨١، وسنن ابن ماجه/ كتاب: الجهاد / باب: بيعة النساء / رقم: ٢٨٧٤، وصححه الألباني في السلسلة رقم: ٥٢٩]
މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާ އަތާއަތްޖޯޑުކޮށް ސަލާމުނުކުރަމެވެ.”
މީގެ އިތުރުން ހިލޭ އަންހެނެއްގެ ގައިގައި ބީހުމަކީ އެކަމުން އެތައް ފިތުނަތަކަކަށް މަގުފަހިވެގެންދާނެ ކަންކަމެވެ.އެއީ ޒިނޭ ފަދަ ފާޙިޝް ކަންކަމަށް ހުޅުވާލެވޭ ދޮރެކެވެ. ޤުރުއާނުގައި ޒިނޭއާއި ކައިރިނުވުމަށް އަންގާފައިވަނީ އެހެންވެއެވެ. ޒިނޭއާއި މަގުފަހިކުރުވާ ކަންކަމުން ދުރުވެތިބުމަށެވެ.
وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴿٣٢﴾
“އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”
ފޮތް މުރާޖަޢާ ކޮށްދެއްވީ: އައްޝައިޚް ޖައުފަރު ފާއިޒް