ރެއިކީ އާއި އެފަދަ ފަރުވާތަކުގެ ހަޤީގަތް( 1 ވަނަ ބައި)

1992ވަނަ އަހަރު ޖަޕާނުގެ މިކާއޯ އުސުއި (Mikao Usui) ނަމަކަށް ކިޔާ މީހަކު ހޯދާފައިވާ ފަރުވާއެއް ކަމަށް ބުނާ ރެއިކީ (Reiki) އަކީ އިންސާނުންގެ ހަށިގަނޑާއި ކައުނުގެ ތެރޭގައި ވާކަމަށް ބުނެވޭ ރޫހާނީ (ނުފެންނަ) ބާރުތަކެއްގެ އެހީގައި، އެ ބާރުތަކަށް ގެނެވޭ ބަދަލުތަކެއްގެ ޒަރިއްޔާއިން ދެވޭ ފަރުވާއެކެވެ. ބުޑިސްޓު ދީނުގެ ފޮތްތަކުން މިކާއޯ ދަސްކޮށްފައިވާ މި ފަރުވާގެ އަސާސް ކަމުގައިވާ ހަށިގަނޑާއި ކައުނުގައި ދައުރުވާކަމަށް ބުނާ މި ބާރު ނުވަތަ ހަކަތަތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަން ކިޔާ އުޅެއެވެ. މި ގޮތުން ޗައިނާގެ ސަރަހައްދުތަކުގައި މި ބާރަށް “ޗީ” އޭ ކިޔާ އިރު ޖަޕާނުގައި ކިޔާ އުޅެނީ “ކީ” އެވެ. އަދި އިންޑިޔާގެ ބައެއް ހިސާބުތަކުގައި “ޕްރާނާ” ނުވަތަ “ޗަކްރާ” އޭ ވެސް ކިޔާ އުޅެއެވެ. އަދި މި ނޫން ވެސް ތަފާތު ނަންނަމުގައި މި ބާރުތަކުގެ ވާހަކަ އައިސްފައި އެބަހުއްޓެވެ. އެކި ކަންކޮޅުތަކުގެ އެކި މީހުން އެކި ނަންނަން ކިޔާއުޅޭ މި ބާރުތައް ސިފަ ކުރުމުގައި ކުދިކުދި ތަފާތުތައް ހުރިކަމުގައި ވިޔަސް އެ ހުރިހާ ސިފަކުރުންތަކުގެވެސް މައިގަނޑު އަސާސަކީ އެކައްޗެއްކަމާމެދު ޝައްކެއް ނެތެވެ. އަދި މި ބާރުތައް ބޭނުންކޮށް “ރެއިކީ” ނުވަތަ “ކްރިސްޓަލް ތެރަޕީ” ނުވަތަ މި ނޫން ވެސް ނަންނަމުގައި އެކި ކަހަލަ ފަރުވާތައް ދެއެވެ. މި ހުރިހާ ފަރުވާއެއް ވެސް ބިނާވެފައިވަނީ، ވާކަމަށް ސާބިތުކުރެވިފައި ނުވާ މި ބާރުތަކަށް އެކި ގޮތްގޮތުން ބަދަލުތަކެއް ގެނެސްގެން ކަމަށް ބުނެއެވެ.

ޗީ ނުވަތަ މި ނޫންވެސް ނަންނަން ކިޔާފައިވާ މި ބާރު ނުވަތަ ހަކަތަތަކަކީ ހަޤީޤަތުގައިވެސް ވާއެއްޗެއް ކަމަށް އެއްވެސް ސައިންޓިފިކް ޤަރީނާއެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މި ވާހަކަ ދެކެވޭ ބާރުތަކަކީ ހަމައެކަނި ބައެއްގެ ޤަބޫލު ކުރުމުގައިވާ އެއްޗެކެވެ. އަދި މި ބާރުތައް ބޭނުން ކޮށްގެން ކުރެވޭ ފަރުވާ ތަކުން ބަލިމީހާއަށް އެއްވެސް ހަޤީޤީ އަސަރެއް ކުރާކަމަކަށް ކޮށްފައިވާ ދިރާސާތަކުން ފެންނާކަށް ނެތެވެ. މިގޮތުން “އިންޓަރނޭޝަނަލް ޖަރނަލް އޮފް ކްލިނިކަލް ޕްރެކްޓިސް” ގެ 2008 ވަނަ އަހަރުގެ ޖޫން މަހުގެ ޢަދަދުގައި ޝާއިޢު ކޮށްފައިވާ ދިރާސާ “ރެއިކީ އިން ބަލިމީހުންނަށް ކުރާ އަސަރު”ގެ ނިންމުމުގައި ބަޔާން  ކޮށްފައިވެއެވެ. “އެއްވެސް ބައްޔަކަށް ފަރުވާއެއް ލިބޭކަމަށް އެކަށީގެންވާވަރު ހެއްކެއް ލިބިފައެއް ނުވެއެވެ. ސައިންޓިފިކް ގޮތުން ބަލާނަމަ ރެއިކީ އަކީ އެއްވެސް ބަރުދަނެއް ހުރި އެއްޗެއްކަން ސާބިތު ކުރެވިފައެއް ނުވެއެވެ.” ހަޤީޤަތެއް ނެތް މި ޤަބޫލުކުރުންތަކާމެދު ވިސްނާ ފިކުރު ކޮށްލަމާ ހިންގަވާށެވެ.

އެއްވެސް ބުރަދަނެއް ނެތް މި ބާތިލު ޤަބޫލުކުރުންތަކުގެ އަހުލުވެރިންގެ ކިބައިން ފެނިގެން ދަނީ ސާބިތުކަމެއް ނެތް ދޮގު ވިސްނުންތަކެއް ބަޔަކަށް ވިސްނައިދީ، އެ ބަޔަކު ލައްވާ، އެ ކަމުގައި އެއްވެސް ފައިދާއެއް މަންފާއެއް ނެތް ކަމަކަށް ޚަރަދު ކުރުވާ، މަޅިބައްދާ މަންޒަރެވެ. މަކަރުވެރިކަމުގެ ތެރެއިން މީހުންގެ މުދާ، ކާ މަންޒަރެވެ. ބުޑިސްޓުންގެ ފޮތްތަކުން ނަގާފައިވާ މި ޤަބޫލުކުރުންތަކަކީ އިސްލާމީ ޢަޤީދާއާއި ޚިލާފު، ޚުރާފީ އަމަލުތަކެވެ. އެއް ކަމަކަށް މިއީ ޣައިރު ދީނެއްގެ ޤަބޫލުކުރުން ތަކެކެވެ. އޭގެ އިތުރަށް މި ކަމުގެ ތެރޭގައި ސިޙުރު ހާހޫރުގެ އަމަލުތައްވެސް ބޭނުން ކުރެވެމުން ދެއެވެ. މި ފަދަ ކަންކަން ބަލާ ދިރާސާ ކުރައްވާ ބޭފުޅުން މިކަންކަމުގެ ހަޤީޤަތް މީސްތަކުންނަށް ބަޔާން ކޮށްދީފައި އެބަހުއްޓެވެ.

މި ގޮތުން ޢަޤީދާ އާއި ދީނާއި ފިރުޤާތަކުގެ ޢިލްމުގެ ތަޙައްސުސް ބޭކަނބަލެއް ކަމަށްވާ ޑރ. ފައުޒް ބިންތި ޢަބްދުއްލަތީފް ކުރްދީ -حفظها الله- މިފަދަ ފަރުވާ ތަކާއި މެދު ދިރާސާ ކުރައްވާ ބަހުސް ލިޔުއްވާފައިވެއެވެ. ޑރ. ފައުޒްގެ ޕީ.އެޗް.ޑީ ތީސިސް “المذاهب الفلسفية الإلحادية الروحية وتطبيقاتها المعاصرة” ގައި މިފަދަ ފަރުވާތަކާއި މެދު އަލި އަޅުވާލާފައި ވެއެވެ. އަދި މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޑރ.ފައުޒްގެ ވެބްސައިޓުގައި މި ފަދަ ބާތިލު ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ޙަޤީޤަތް ހާމަ ކުރައްވާ، އެތަކެއް ލިޔުންތަކެއް ޝާއިޢު ކުރައްވާފައިވެއެވެ. އެ ގޮތުން “ހަށިގަނޑުގައި ދައުރުވާ، ނުފެންނަ ބާރުތަކުން ކުރާ ފަރުވާތައް” މި ސުރުޚީގެ ދަށުން ލިޔުއްވައިފައިވާ ލިޔުމެއްގައި ބަޔާން ކުރައްވާފައިވެއެވެ.

މަޞްދަރު

ނޯޓް: މި ލިޔުމަކީ ދިސަލަފިއްޔާ ވެބްސައިޓަށް އަލް އަޚް ހަސަން ޒިޔާން ލިޔެފައިވާ ލިޔުމެކެވެ. 

 

Leave a Reply

Your email address will not be published. Required fields are marked *