ކަޅުދިރީގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ ( 2 ވަނަ ބައި )

kalhu dhireege faidhaa 2

ކަޅުދިރީގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ ( 2 ވަނަ ބައި )
ކަޅުދިރި، ސައިންސްގެ ނަމުން ނަމަ “ނައިޖެލާ ސަޓީވާ”، އަކީ އިންޑިއާ އަދި މެދުއިރުމަތީ ގައުމުތަކުގެ ކެއުންތަކުގައި އާއްމު ގޮތެއްގައި ބޭނުންކުރެވޭ ބާވަތެކެވެ. ކަޅުރިދިއަށް “އަނިއަން ސީޑްސް”، ފެނެލް ފްލާވަރ ސީޑްސް، “ބްލެކް ކެރަވޭ”، “ރޯމަން ކޮރިއެންޑަރ” އަދި “ކަލޯންޖީ” އޭ ކިޔާ އުޅެއެވެ.
މި ދިރީގައި، ތޫނު، ހިތި އަދި އަސޭމިރުސް ކަހަލަ ރަހައެއް އަދި އޮރެގާނޯ ކަހަލަ ވަހެއް ހުރެއެވެ. ރިހަ ކެއްކުމަށާއި ތަރުކާރީ ހިކިކޮށް ހެދުމަށް އަދި މިނޫންވެސް އިތުރު ސައިޑް ޑިޝްތައް ތައްޔާރުކުރުމަށް ކަޅުދިރި ހިކިކޮށް ހަނާ ކުރުމަށްފަހު ބޭނުންކުރެއެވެ. މީގެ އިތުރުން، ޕާމްފަދަ ތަކެތި ފިހުމުގައިވެސް ކަޅުދިރި ފުޅާގޮތެއްގައި ބޭނުންކުރެވެއެވެ.
ގަދީމީ ޒަމާނުއްސުރެ، މީސްތަކުން މި ދިރިއާއި އޭގެ ތެޔޮ ތަފާތު ބަލިމަޑުކަމުން ސަލާމަތްވުމަށް ވަނީ ބޭނުންކުރަމުން އައިސްފައެވެ. ކަޅުދިރީގައި އެއްވެސް ގެއްލުމެއް ނުވާއިރު، މިއިން ބަލިތަކުން ސަލާމަތްކޮށްދޭ ގޮތްތައް ނުހަނު ގިނަގުނައެވެ.
މިއިން ލިއްބައިދޭ ސިއްހީ ފައިދާތައް ލިބެނީ މި ދިރީގައި އެކުލެވޭ ގުދުރަތީ ތިން ކެމިކަލެއްގެ ސަބަބުންނެވެ. އެއީ “ތައިމޯކުއިނޯން (ޓީކިއު)”، “ތައިމޯހައިޑްރޮކުއިނޯން (ޓީއެޗްކިއު) އަދި “ތައިމޯލް” އެވެ. މީގެ އިތުރުން ކަޅުދިރީގައި ކެލްސިއަމް، ފައިބަރ، އަޔަން، ޕޮޓޭސިއަމް. ޕްރޮޓީން، ކާބޯހައިޑްރޭޓްސް އަދި ފައިދާހުރި ފެޓް ހިމެނެއެވެ.
މަތީގައި ބަޔާންކުރެވުނު ކެމިކަލްތަކުގެ އިތުރުން، ކަޅުދިރީގައި ތަދުކަނޑުވާ ބާރާއި ފަންގަސް ނައްތާލުމުގެ ބާރު، ގައިގެ މަސްތައް ބާރަކާ ނުލާ ތެޅުމުން ދުރުކުރުމުގެ ބާރުވެއެވެ. އަދި އެންޓިއޮކްސިޑަންޓް އަދި އެންޓިބެކްޓީރިއަލް އެއްގެ ދައުރު އަދާކުރުމާއި، ވައިގެ އުނދަގޫތަކުން ރައްކާތެރިކޮށްދިނުމާއި، ނާރުގެ ބަލިތަކުން ސަލާމަތްކޮށްދިނުމާއި ލޭމައްޗަށް ދިއުމުން ސަލާމަތްކޮށްދިނުމަށް މިދިރިން އެހީތެރިވެއެވެ.
ތިރީގައި މިވަނީ ކަޅުދިރިން ލިބިދޭ އެންމެ ފާހަގަކޮށްލެވޭ 10 ފައިދާއެވެ.
1.ބްލަޑް ޕްރެޝަރ ދަށްކޮށްދިނުން ނުވަތަ ލޭމައްޗަށް ދިއުމުން ރައްކާތެރިކޮށްދިނުން
މި ދިރީގައިވާ ލޭމައްޗަށް ދިއުމުން ސަލާމަތްކޮށްދިނުމުގެ ބާރުގެ ސަބަބުން ލޭމައްޗަށް ދާ މީހުންނަށް އެހީއަކަށް ވެގެންދެއެވެ. “ފަންޑަމެންޓަލް އެންޑް ކްލިނިކަލް ފާރމަކޮލޮޖީ” ޖާރނަލް އިން 2008 ގައި ކުރި ދިރާސާއަކުން ދައްކައިފައިވާ ގޮތުގައި ދެމަސް ވަންދެން ކޮންމެ ދުވަހަކު ވެސް ކަޅުދިރި ބޭނުން ކުރާ މީހުންގެ ލޭގެ ޕްރެޝަރ ދަށަށް ގޮސްފައިވެއެވެ.

މީގެ އިތުރުން، މި ދިރީގެ ސަބަބުން، “ލޯ-ޑެންސިޓީ ލައިޕޮޕްރޮޓީން” (އެލްޑީއެލް ނުވަތަ “ނުރަނގަޅު” ކޮލެސްޓްރޯލް) މިންވަރު ދަށްކޮށްދީ އާއްމުގޮތެއްގައި ހިތުގެ ސިއްޙަތު ރަނގަޅުކޮށް ދެއެވެ.
ލޭމައްޗަށް ދާ ފަރާތެއްނަމަ، ދުވާލަކު ދެފަހަރު 100 އާއި 200 މިލިގްރާމް ކަޅުދިރި އެކްސްޓްރެކްޓް ނުވަތަ އެސެންސް ބޭނުންކުރައްވާށެވެ. ބޭނުންކުރަންވީ މިންވަރު ޔަގީންކުރެއްވުމަށް ޑޮކްޓަރެއްގެ ލަފާ ހޯއްދަވާށެވެ.

2. ޓައިޕް 2 ޑައިބެޓީސް ނުވަތަ ހަކުރު ބަލި ކޮންޓްރޯލް ކުރުން
ދިރާސާކުރާ ފަރާތްތަކުން ވަނީ ކަޅުދިރީގެ ބޭނުންކުރާ ފަރާތްތަކުގެ ލޭގައި ހަކުރު ކޮންޓްރޯލް ކުރުމަށް ކަޅުދިރި މަސައްކަތް ކުރާގޮތް ދިރާސާ ކޮށްފައެވެ.
“އިންޑިއަން ޖާރނަލް އޮފް ފިޒިއޮލޮޖީ އެންޑް ފާރމަކޮލޮޖީ” ގައި 2010 ވަނަ އަހަރު ޝާއިރުކޮށްފައިވާ ދިރާސާއެއް ބުނާގޮތުން ދުވާލަކު 2 ގްރާމުގެ ކަޅުދިރި ބޭނުން ކުރުމުން ޓައިޕް 2 ގެ ހަކުރުބަލި ހުންނަ ފަރާތްތަކަށް ހަކުރު ކޮންޓްރޯލް ކުރެވިދާނެއެވެ.
އާއްމުގޮތެއްގައި ކަޅުދިރި ބޭނުން ކުރުމުން، ފާސްޓިންގ ބްލަޑް ޝުގަރ ލެވެލް ދަށްވުމަށާއި އިންސިއުލިން ރެސިސްޓަންސް  ދަށްވުމަށާއި އަދި މީގެ އިތުރުން ޗިސްމޭގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބެއެވެ. ހަކުރުބަލި ޖެހުމުން ދުރުހެލިވުމަށް ވެސް ކަޅުދިރި އަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ.

3.  ފުރަމޭގެ ސިއްހަތު ރަނގަޅުކޮށްދިނުން
ކަޅުދިރި ތެލަކީ ވެސް ފުރަމޭގެ ސިއްހަތު ރަނގަޅުކޮށްދޭ އެއްޗެކެވެ. ރަނގަޅަށް މަސައްކަތް ކުރާ ފުރަމޭ އެއް، ހަށިގަނޑުން ނުރައްކާތެރި ވިހަ މާއްދާތައް ބޭރުކޮށްދެއެވެ.
“ޔޫރަޕިއަން ރިވިއު ފޯރ މެޑިކަލް އެންޑް ފާރމަކޮލޮޖިކަލް ސައިންސަސް” ގައި 2013 ގައި ޝާއިރުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން ކަޅުދިރި ތެލުން ފުރަމޭ އަދި ކިޑްނީ އަށް ފައިދާކޮށްދެއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި މި ތެލުން “ހެޕަޓޯ-ރީނަލް ޕްރޮޓެކްޝަން މެކޭނިޒަމް” ރަނގަޅުކޮށްދީ، ބަލިން ދިމާވާ އުނދަގޫ މަދުކޮށް ބަލިޖެހުން ލަސްކޮށްދޭކަމެވެ. އެހެންނަމަވެސް، މި ތެލުގައި ހުރި ބޭހުގެ ބާރުތައް ދެނެގަތުމަށްޓަކައި އިތުރު ދިރާސާތައް ބޭނުންވެއެވެ.
ފުރަމޭގެ މަސައްކަތްތަކަށް އެހީތެރިވުމަށާއި، ފުރަމޭ އަށް ލިބޭ ގެއްލުން އަދި ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، ކެއުމުގެ ތެރޭގައި އާއްމުގޮތެއްގައި ކަޅުދިރި ބޭނުންކުރައްވާށެވެ.

4. ހަނދާން ވަރުގަދަކޮށްދިނުން
ކަޅުދިރިން ސިކުނޑީގެ ސިއްހަތްވެސް ދުޅަހެޔޮކަން ލިއްބައިދެއެވެ. މީގައިވާ އެންޓިއޮކްސިޑަންޓް، އެންޓި-އިންފްލަމެޓަރީ އަދި ނާރުތައް ވަރުގަދަކޮށްދޭ މާއްދާތަކުގެ ސަބަބުން، ކަޅުދިރިން ސިކުނޑީގައިވާ ހަނދާންކުރުމުގެ ބާރު ވަރުގަދަކޮށްދެއެވެ.
2013 ވަނަ އަހަރު “ޖާރނަލް އޮފް އެތްނޮފާރމަކޮލޮޖީ” ގައި ޝާއިރުކޮށްފައިވާ ދިރާސާ އެއް ދައްކާ ގޮތުން، ދުވާލަކު 500 މިލިގްރާމުގެ ހުސް ކަޅުދިރި ކުނޑިން ހަދާފައިވާ 2 ގުޅަ ކެއުމުން، ހަނދާންބެހެއްޓުމުގެ ބާރާއި ދަސްކުރުމުގެ ބާރު “ޕްލޭސިބޯ” ނުވަތަ ހުސް ބޭސްގުޅައެއް ކޭ ފަރާތްތަކަށް ވުރެ ރަނގަޅުވެގެން ދިޔައެވެ.
ދުވާލަކު ½ ސައި ސަމުސާ ގެ ހިމުންކޮށްފައިވާ ކަޅުދިރި ބޭނުންކުރާށެވެ. ނުވަތަ ކަޅުދިރި ސަޕްލިމެންޓެއް ޑޮކްޓަރެއްގެ ލަފަޔާއިއެކު ބޭނުންކުރާށެވެ.

5. ނޭވާގެ އުނދަގޫތަކުން ނުވަތަ “އެސްތްމާ” އަށް ފަރުވާއެއް
ކަޅުދިރި ތެލުގައި ނޭވާލުމުގައި ދިމާވާ އުނދަގޫތަކުން ރައްކާތެރިކޮށްދޭ ބާވަތްތައް ހިމެނޭކަމަށް 2010 ވަނަ އަހަރު “ފައިޓޯމެޑިސިން” ޖާރނަލް ގައި ޝާއިރުކޮށްފައިވާ ދިރާސާ އެއްގައިވެއެވެ.
މި ބާވަތުގެ ސަބަބުން ނޭވާލާން އުނދަގޫވާ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކޮށްދީ އެ ބަލިން ރަނގަޅުވާން މަގުފަހިކޮށްދެއެވެ. ކަޅުދިރީގައި ހިމެނޭ “ތައިމޯކުއިނޯން”  ނޭވާ ހޮޅިތައް ބެދުމުން ދުރުކޮށްދީ އަރިދަފުސް ހިފުން ދުރުކޮށްދެއެވެ.
މި ތެލަކީ ޓޮންސިލް ދުޅަވުން، ސައިނަސްގެ އުނދަގޫތައް އަދި ކަރުތެރޭގައި އަރިދަފުހުގެ އުނދަގޫ ވާނަމަ ބޭނުން ކުރަން ރަނގަޅު އެއްޗެކެވެ.
• ހޫނުފެން ތެއްޔަކަށް ދެތިން ތިކި ކަޅުދިރި ތެޔޮ އެޅުމަށްފަހު މޫނު ތުވާއްޔަކުން ނުވަތަ ފޮތިގަނޑަކުން ފޮރުވުމަށްފަހު އާވިއަރުވާ ނޭވާލާށެވެ. މިގޮތަށް އެކަށޭނަ ވަރަކަށް ކުރިއަށް ގެންދާށެވެ.
• މީގެ އިތުރުން ރުމާލަކަށް ކަޅުދިރި ތެޔޮ ދެތިން ތިކި ޖެހުމަށްފަހު އޭގެ ވަސްބަލަމުން ގެންދެވިދާނެއެވެ.

6. ކެންސަރުގެ ނުރައްކާތެރިކަން ކުޑަކޮށްދިނުން
ކަޅުދިރިއަކީ އުރަމަތި، ސިކުނޑީގެ، އަނގައިގެ، ރަހިމުގެ ދޮރު އަދި ގޮހޮރުގެ ކެންސަރުޖެހުމުން ދުރުކޮށްދޭ އެއްޗެކެވެ. 2012 ވަނަ އަހަރު “ބަޔޮކެމިކަލް ފާރމަކޮލިޖީ” ޖާރނަލްގައި ޝާއިރުކޮށްފައި ދިރާސާ އެއް ބުނާގޮތުން ކަޅުދިރީގައި ހިމެނޭ ތައިމޯކުއިނޯން ކެންސަރު އަދި ގުނަވަންތައް ދުޅަވުން ފަދަ ބަލިތައް ރަނގަޅުކޮށްދެއެވެ.

7. ބޭރަށް ހިންގުން ރަނގަޅު ކޮށްދިނުން
ކަޅުދިރިއަކީ ބަނޑު އަދި ގޮހޮރާއި ގުޅުން ހުރި ބަލިތައް، މިސާލަކަށް ބޭރަށް ހިންގުން، ގޭހުގެ އުނދަގޫ، އަދި ބަނޑުހަރުވުން ފަދަ ބަލިތަކުގެ ބޭހަށް ބޭނުންކުރާ ބާވަތެކެވެ. 2012 ވަނަ އަހަރު “ޕީއެލްއޯއެސް ވަން” ޖާރނަލް ގައި ޝާއިރުކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުން ކަޅުދިރި އެކްސްޓްރެކްޓް ޓެސްޓްކުރަން ބޭނުންކުރި މީދާތަކުގެ ބޭރަށް ހިންގުން މަދުކޮށްދިނެވެ.
• 1 ތަށި ޕްލެއިން ޔޯގަރޓް އަށް އެއް ސައިސަމުސާ މުގުރި ކަޅުދިރި އަޅާށެވެ.
• ބަލި ރަނގަޅު ވަންދެން ދުވާލަކު ދެއިރު ބޭނުންކުރާށެވެ.
8. އެކްޒީމާ ( ހަންގަނޑު ކުރަކިވެ،ކަހާ،ރަތްވެ،ބިހިނެގުމާއެކު ލޭއަންނަ ) ބަލި ފަސޭހަކޮށްދިނުން
އެކްޒީމާ އަކީ ކަޅުދިރި ތެލުން ރަނގަޅު ކުރެވިދާނެ ހަމުގެ ބައްޔެކެވެ. މި ތެލުގެ ސަބަބުން އެކްޒީމާ ބަލި ފެތުރުނަ ނުދީ ހަންގަނޑު ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން މި ތެލުން ދުޅަ ތިރިކޮށް އަދި ހަންގަނޑު ރަތްވެ ފިތްނެގުމުން ސަލާމަތްކޮށްދެއެވެ.
“ޖާރނަލް އޮފް ޔޫރަޕިއަން އެކަޑަމީ އޮފް ޑާރމަޓޮލޮޖީ އެންޑް ވެނެރިއޮލޮޖީ” ގައި 2013 ވަނަ އަހަރު ޝާއިރުކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުން މި ތެލުގެ ސަބަބުން އަތުގެ އެކްޒީމާ ރަނގަޅުވެގެންދެއެވެ.

9. ހަމުގެ ކުލަ އަލިކޮށްދިނުން
ދާއިމީގޮތެއްގައި ކަޅުދިރިތެޔޮ ބޭނުންކުރުމުން ހަމުގެ ކުލަ އަލިވެގެންދެއެވެ. މިތެލުން ހަމުގައި މެލަނިން އުފެދުން ހުއްޓުވައި މީގެ ސަބަބުން ހަންގަނޑު އިރު އަދި އަވިން ލިބޭ ގެއްލުން ކުޑަކޮށްދެއެވެ.
މީގެ އިތުރުން، މީގައިވާ އެންޓިއޮކްސިޑަންޓް އަދި މޮއިސްޗަރައިޒް ކޮށްދޭ ބާވަތްތަކުގެ ސަބަބުން ހަންގަނޑު ސާފުވެ، ތާޒާ ކަންމަތީ ބަހައްޓާދީ އުޖާލާކޮށްދެއެވެ.
މި ތެޔޮ ބުއިމަށްވެސް އަދި ހަންގަނޑުގައި އުނގުޅުމަށްވެސް ބޭނުން ކުރެވިދާނެއެވެ.

10. އިސްތަށި ފޭބުން ހުއްޓުވުން
ކަޅުދިރި ތެލަކީ ބޮލުން އިސްތަށިފޭބުމުން ދުރުކޮށްދޭ ތެލެކެވެ. މި ތެލުގައިވާ ބާރުގަދަ އެންޓިއޮކްސިޑަންޓް އަދި މައިކްރޯބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން އިސްތަށީގެ ބުޑު ވަރުގަދަވެ އިސްތަށި ފޭބުން ހުއްޓުވައެވެ. މީގެ އިތުރުން، މީގެ އެންޓިފަންގަލް މާއްދާތަކުގެ ސަބަބުން އިންފެކްޝަން ފަދަ އިސްތަށި ފޭބުން އިތުރުވާ ކަންތައްތަކުން ދުރުކޮށްދެއެވެ.
އޭގެ އިތުރުން، މި ތެލުގައިވާ މޮއިސްޗަރައިޒިން މާއްދާ ގެ ސަބަބުން އިސްތަށިގަނޑު ހަލާކުވުމުއް ދުރުކޮށްދީ އިސްތަށި ފެޅުން އަވަސްކޮށްދީ އިސްތަށިގަނޑުގެ ސިއްޙަތު ރަނގަޅުކޮށްދެއެވެ.
• ކަޅުދިރި ތެޔޮ އަދި ޒައިތޫނި ތެޔޮ އެއްވަރަށް އެއްކުރާށެވެ.
• އެއްކޮށްފައިވާ ތެޔޮފޮދު ކުޑަކޮށް ހޫނުކޮށްލުމަށްފަހު ބޮލުން އިސްތަށި މަދުވެފައިވާ ތަންތާނގައި އުނގުޅާށެވެ.
• 30 މިނިޓު ވަންދެން މަޑުކުރުމަށްފަހު ޝޭމްޕޫލައިގެން އިސްތަށިގަނޑު ދޮވެލާށެވެ.
• ބޮލުން އިސްތަށި ފޭބުވުން ހުއްޓުވުމަށް، ހަފްތާ އަކު ދެތިން ފަހަރު މިހެން ހަދާށެވެ.
ސަމާލުކަމަށް
• ދުވާލަކަށް 2 ނުވަތަ 3 ސައިސަމުސާ އާ ދެމެދުގެ އަދަދަކަށް ކަޅުދިރި ބޭނުން ކުރާމިންވަރު ހިފަހައްޓާށެވެ.
• ބޮލުގައި އުނގުޅުމަށް، ކަޅުދިރި ތެޔޮ ސެސަމީ ތެޔޮ ނުވަތަ ޒައިތޫނި ތެލާއި އެއްކުރާށެވެ.

ނޯޓް: މަތީގައި ބަޔާންވެގެން އެދިޔަ ފަރުވާތަކުގައި އެސްފީނާއާއި ހަސަދައިގެ އާޔާތްތައް ނުވަތަ އެސްފީނާއަށް ކުރެވިދާނެ ކުރު ރުޤްޔާގެ އާޔަތްތައް ހިމަނާލުމަކީ މުހިންމު ކަމެއް ކަމުގައި ރުޤްޔާކުރައްވާ ބޭފުޅުން ދެކިލައްވައެވެ. ސަބަބަކީ އިންސާނުންނަށް ގިނައިން މެދުވެރިފައި ހުންނަ ކަންކަމަކީ އެސްފީނާ ނުވަތަ ހަސަދައިގެ ސަބަބުން ކުރިމަތިވާ ކަންކަމުގައިވާތީއެވެ. އެހެންކަމުން މި ބޭޅުފުންގެ އިލްތިމާސްއާއި އެއްގޮތަށް ފަރުވާތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

މަޢުލޫމާތު ނެގި މަޞްދަރުތައް:
http:www.ncbi.nlm.nih.gov/pubmed/23198836
http://www.sciencedirect.com/science/article/pii/S0378874113003395

2 thoughts on “ކަޅުދިރީގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ ( 2 ވަނަ ބައި )

  • December 13, 2016 at 12:40 am
    Permalink

    Black seed axtrackt nuvatha kalhu dhiri eysensc eyko ceytha plx plx

    Reply
    • January 22, 2017 at 3:29 pm
      Permalink

      adhi thi vidhaalhuvaan ulhey ehcheh saafeh nuvey

      Reply

Leave a Reply

Your email address will not be published. Required fields are marked *