ރެއިކީ އާއި އެފަދަ ފަރުވާތަކުގެ ހަޤީގަތް ( 2 ވަނަ ބައި )
“މި ވިސްނުން ބިނާވެގެންވަނީ ޣައިބުގައިވާ ކަންކަމަކާ މެދު ޤަބޫލުކުރާ ހަމަނުޖެހޭ ޤަބޫލުކުރުންތަކަކަށް، ހަމަ އެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ. އަދި މިއީ ޣައިބު މޮޅަށް ދެނެވޮޑިގެންވާ އިލާހާއި އެ އިލާހު ފޮނުއްވެވި ނަބިއްޔުންގެ ގޮވާލެއްވުންތައް ޤަބޫލުކުރުމެއްނެތި، ކުރެވޭ ޝައިޠާނީ ހަރަކާތް ތަކެވެ. މި ފަރުވާ ކުރާ މީހުން ދައުވާ ކުރާ ގޮތުގައި މިއީ އިރުމަތީ ޤައުމުތަކުން ހޯދާފައިވާ އިންސާނާގެ ހަށިގަނޑަށް އަސަރު ކުރުވާ، ނުފެންނަ ބާރުތަކެއްގެ ޢިލްމަށް ބިނާވެފައިވާ ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީ ފަރުވާއެކެވެ. އަދި މި ހޯދުންތަކުން އެންމެ މުހިންމު ހޯދުމެއްކަމުގައި ބުނަނީ “ކީ”، “ޗީ” ނުވަތަ “ޕްރާނާ” އޭ ކިޔޭ ބާރުތަކެއް ކައުނުގައި ވާކަމެވެ. އަދި މި ބާރުތަކަށް ގެނެވޭ އެކިއެކި ބަދަލުތަކުން އެކި ކަހަލަ ބޮޑެތި ޖިސްމާނީ ބަލިތަކާއި ނަފްސާނީ ބަލިތަކުން އަދި ޑިޕްރެޝަނުން ސަލާމަތް ކޮށްދޭކަމަށާއި ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުން މީހުން ރަނގަޅު ކުރުމުގެ ކުޅަދާނަކަން ލިބޭ ކަމަށް މިބައިމީހުން ދައުވާ ކުރެއެވެ.”
އިސްވެ ބަޔާން ކުރެވުނު ފަދައިން ހަށިގަނޑާއި ކައުނުގައި ދައުރުވާކަމަށް މިބައިމީހުން ޤަބޫލުކުރާ ބާރު ނުވަތަ ހަކަތަތަކަށް ބިނާވެގެން ތަފާތު ނަންނަމުގައި އެކި ފަރުވާ ދެވެއެވެ. އެގޮތުން “ރެއިކީ” އަދި “ޗީ-ހޮންގް” އަކީ ދާދި އެއްގޮތަކަށް ދެވޭ ދެ ފަރުވާއެވެ. މި ފަރުވާ ދޭ މީހުން ބުނާ ގޮތުގައި ހަށިގަނޑު ތެރޭ ދައުރުވާ ބާރު “ކީ” ނުވަތަ “ޗީ”، ހަށިގަނޑުގައި އެ ބާރަށް އެންމެ ބޭނުން ޖެހިފައިވާ ގުނަވަންތަކަށް ވާސިލު ކޮށްދީ ހަށިގަނޑުގައި އެ ބާރު ހަމައަކަށް އަޅުވައިދިނުމުން ބަލިތައް ފަސޭހަވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މި ފަރުވާތަކަކީ މުސްލިމުން ޢަޤީދާ އާއި ޚިލާފު، ޚުރާފާތްތަކާއި ސިހުރު ހާހޫރަ އެކުލެވިގެންވާ ކަންކަމެވެ.
ހަމަ މި ބީދައިން ކުރެވޭ އަނެއް ފަރުވާއަކީ “ކްރިސްޓަލް ތެރަޕީ” ނުވަތަ ބައެއް ފަހަރު “ކްރިސްޓަލް ރެއިކީ” އޭވެސް ކިޔޭ ފަރުވާ އެކެވެ. މި ކަން ކުރާ މީހުން ބުނާ ގޮތުގައި އެކި ކަހަލަ ކްރިސްޓަލްސް ނުވަތަ މައުދަނީ ހިލަތަކުގައި، ހަށިގަނޑުގައި ދައުރުވާ މި ބާރުތައް ދަމައިގަތުމުގެ ގާބިލުކަން ހުރެއެވެ. މި ގޮތުން މި ބާރުތައް، (މި ބައިމީހުން ކިޔާ ގޮތުން ނަމަ “ޗަކްރާ”) ހަށިގަނޑުގައި ޖަމާވާ ސަރަހައްދުތަކުގައި ނުވަތަ ހަށިގަނޑު ވަށައިގެން އެކި ބައްޓަމަށް މައުދަނީ ހިލަ (ކްރިސްޓަލްސް/ ޖެމް ސްޓޯންސް) ބަހައްޓައިގެން ހަށިގަނޑުގައި ދައުރުވާ ބާރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވެއެވެ. އަދި އޭގެ ޒަރިއްޔާއިން ޖިސްމާނީ އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެއެވެ. މި ފަދަ ހުރިހާ ކަންކަމީ ހަޤީޤަތެއް ނެތް ބާތިލު ކަންކަމެވެ.
މީގެ އިތުރުން ޔޯގާ ކަސްރަތުތަކަކީ ވެސް މި ވާހަކަ ދެކެވޭ ބާރުތަކަށް ބިނާ ވެފައިވާ ކަމެކެވެ. މި ކަސްރަތުތަކަކީ އިންޑިޔާގެ ހިންދޫއިންގެ ތެރެއިން އައިސްފައިވާ، އެކި ގޮތް ގޮތަށް ނޭވާ ލައިގެން ހަރަކާތްތަކަކާއިއެކު ކުރާ ކަސްރަތެކެވެ. މި ކަމުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި މި ހަރަކާތް ތަކުގައި ނޭވާލާ ހިނދު ހަށިގަނޑަށް ވަންނަނީ ކާއިނާތުގައި ދައުރުވާ ބާރުތަކެވެ. މިބައިމީހުން މި ބާރަށް “ޕްރާނާ” އޭ ކިޔާ އިރު، މި ބާރުތަކުން ހަށިގަނޑުގައި ވަރު ޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުމާއި ހަމަޖެހުން ލިބޭކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. މި ފަދަ އެތަކެއް ފަރުވާތަކެއް އެކިއެކި ތަފާތު ނަންނަމުގައި ދިން ކަމުގައިވީ ނަމަވެސް މި ހުރިހާ ފަރުވާތަކެއްގެ ވެސް އަސްލު ބިނާވެގެން ވަނީ ބާތިލު ޤަބޫލުކުރުންތަކެއްގެ މައްޗަށެވެ. އަޅުގަނޑުމެން މުސްލިމުން މިފަދަ ބާތިލު ޢަމަލުތަކުން އެއްކިބާވެ ދުރުހެލިވާން ޖެހެއެވެ.
ހިތާމައަކީ މި ބާތިލު ވިސްނުން މުސްލިމުންގެ ޢަޤީދާއާއި ގުޅުވުމަށް ވެސް ބައެއް މީހުން މަސައްކަތް ކުރާ ކަމެވެ. މި ގޮތުން ދައްކާ ބާތިލު ވާހަކަ ތަކުގެ ތެރޭގައި، ކައުނުގައި ވާކަމަށް މި ބުނާ ބާރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމުގައި ބުނެއެވެ. އަދި އެ އިލާހުގެ އިސްމުފުޅު ތަކުން “النور” އެ މާނައިގައި ތަފްސީރު ކުރެއެވެ. އަދި ސަޖިދަ ކުރާ ހިނދު ސަޖިދައިގެ 7 ގުނަވަނުން ހަށިގަނޑުގެ ތެރޭގައި ހުންނަ ނުބައި ބާރުތައް ނުކުމެ ހަށިގަނޑަށް ފަރުވާ ލިބޭ ކަމުގައިވެސް ބުނެއެވެ. މިއީ އިސްލާމީ ޞައްޙަ ޢަޤީދާއާ ދުރު ބާތިލު ވިސްނުން ތަކެކެވެ. މި ފަދަ ބާތިލު ވިސްނުންތަކުން ރައްކާތެރިވެ ތިބުމަށް އެންމެހާ މުސްލިމުންވެސް ސަމާލުވާން ޖެހެއެވެ.
ހަމައެއާއެކު ފާހަގަކޮށްލަން ޖެހޭ އަނެއް ހިތާމަވެރި ނުކުތާއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއް ގޮތުގައި އޮތް އަޅުގަނުމެންގެ ދިވެހިރާއްޖޭގައިވެސް ފަރުވާގެ ނަމުގައި މިފަދަ ބާތިލު ޚުރާފީ އަމަލުތައް ހިންގަމުން ދާކަމެވެ. އިސްތިހާރު ކުރެވި މިފަދަ ފަރުވާތައް ދެވޭ ރިސޯޓުތައް ގިނައެވެ. އަދި ބޭރު ގައުމުތަކުން އަގު ދީގެން މިފަދަ ފަރުވާދޭ “މާހިރުން” ގެނެސްގެންވެސް މި ކަން އެބަ ކުރެއެވެ. އަދި މީގެ އިތުރަށް ދިވެހި ރައްޔިތުންނަށް އަމާޒު ކުރެވިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި، ސިއްހީ ވުޒާރާގެ ހުއްދައާއެކު މިފަދަ ފަރުވާ ދެވޭ ތަންތަން ހުރިކަމާ މެދު އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. މިފަދަ އިސްލާމީ ޢަޤީދާއާ ޚިލާފު ފަރުވާތައް ރާއްޖޭގެ ފަސްގަނޑުގައި ދެވޭ ކަމީ އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑު، ބިރުވެރި ކަމެކެވެ. ރިހެބިލިޓޭޝަންގެ ނަމުގައި ބޮޑެތި އަގުތައް ނަގައިގެން މިހިންގާ ޚުރާފީ އަމަލުތަކުގައި ޖެހިގެން ދާނީ ކިތައް ކިތައް ދިވެހިން ބާއެވެ؟ މަތިފުށް އޮމާންކޮށް ރީތި ފަށުވި އިބާރާތްތަކުން ސިފަކުރިކަމުގައި ވިޔަސް، ހަށިގަނޑުގައި އެކުލެވޭ ރޫހާނީ ބާރު ނުވަތަ ހަކަތައިން، ނުވަތަ “ހީލިންގ އެނަރޖީ” އަށް ބިނާވެގެން ދެވޭ ހުރިހާ ފަރުވާތަކަކީ އިސްވެ ބަޔާން ކުރެވެނު ފަދައިން ޣައިރު ދީންތަކުން އުފެދިގެން އައި، ސައިންޓިފިކް ހެއްކެއް ދަލީލެއް ނެތް، އިސްލާމީ ޢަޤީދާއާއި ފުށުއަރާ، ބާތިލު ޢަމަލު ތަކެކެވެ. އަދި އެއީ ޙަޤީޤީ ފަރުވާތަކެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. އަދި ބަލިވެއްޖެނަމަ އަޅުގަނޑުމެންނަށް އޮތީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ފަރުވާ ތަކުން ފަރުވާ ލިބިގަތުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَا أَنْزَلَ اللَّهُ دَاءً، إِلَّا أَنْزَلَ لَهُ دَوَاءً)) [أخرجه ابن ماجه وصححه الألباني]
މާނައީ: “އެ ބައްޔަކަށް ޝިފާ ބާވައިލައްވާފައި ނުވާ އެއްވެސް ބައްޔެއް ﷲ ބާވައިނުލައްވައެވެ.”
ނޯޓް: މި ލިޔުމަކީ ދިސަލަފިއްޔާ ވެބްސައިޓަށް އަލް އަޚް ހަސަން ޒިޔާން ލިޔެފައިވާ ލިޔުމެކެވެ.
-ނިމުނީ-