ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 8ވަނަ ބައި )

 

  • ބަލިމީހާއަށް ޖެހިފައިވާ ސިޙުރު ބާޠިލު ކުރުމަށް ގޭގައި ހިފާ ގެންގުޅޭ އެއްޗެއްސާއި ފަރުނީޗަރު ފަދަ އެއްޗެހި އެންދުން އަދި ހަލާކުކުރުން

ބަލިމީހާ ގާތުގައި ރުޤުޔާގެ އާޔަތްތައް ކިޔަވާހިނދު ބަލިމީހާ ލައިގެން ހުންނަ ހެދުމުގައި ހިފަހައްޓައިގެން ކިޔެވުމަށްފަހު އެމީހާއަށް އެއްވެސް އުނދަގުލެއްވާނަމަ އެއީ އެމީހާގެ ހެދުމަށް ސިޙުރު ހަދާފައިވާ ކަމަށް ނިންމާ ރާޤީން ވެސް އަޅުގަނޑުމެންގެ މުޖުތަމަޢުން މިއަދު ފެންނަމުން ދެއެވެ. މިހެން ދިމާވެއްޖެނަމަ އެފަދަ ބަލިމީހަކު ގެންގުޅޭ ހުރިހައި އަންނައުނުތައް އަންދާލުމަށް ބުނެއެވެ. ހަމައެހެންމެ ބަލިމީހާގެ ގޭގެ ޗާޓު ކުރެހުމަށްފަހު، އެ ޗާޓަށް ކިޔަވުމުން، އެ ޗާޓުން ބަލިމީހާއަށް އުނދަގޫވާ ތަންތަން ފާހަގަކޮށް އެފަދަ ތަނެއްގައި ހުންނަ ފަރުނީޗަރުތައް އަންދާލަން ބުނެއެވެ.

މީގެ އިތުރުން ގޭގެ ވަޅަކަށް ސިޙުރު ހަދާފައިވާނަމަ ގޭގައި ގެންގުޅޭ ތެލި ތަށިފަދަ ތަކެތި އުކާލައި އަދި ހަލާކުކޮށްލުމަށް ވެސް މިފަދަ ރާޤީން އިރުޝާދުދެއެވެ. ހަމައެހެންމެ ބަލިމީހާގެ އަރައިގެން ހުންނަ ފައިވާން ވެސް މިފަދައިން އަންދާލުމަށް އަމުރުކުރެއެވެ. މިނޫނަސް އެތައް އުނދަގޫ ކަންތައްތަކެއް ބަލިމީހާއަށް ކުރުމަށް އިރުޝާދުދީ ބަލިމީހާ މާޔޫސްކަމުގެ ތެރެއަށް ގެނބިގެންދާފަދަ ކަންކަން ކުރާކަމީ ހިތާމަހުރި ކަންކަމެވެ. މިގޮތުން ގޭގައި ހުންނަ ސިޙުރު ރަނގަޅުވާނީ ބަލިމީހާ ދިރިއުޅޭ ގެ ދޫކޮށް އެހެން ގެއަކަށް ބަދަލުވެގެންކަމަށް ބުނުން ހިމެނެއެވެ.

  • މިކަމަށް އޮތް ރައްދު:

ބަލިމީހާ ލައިގެން ހުންނަ ހެދުމުގައި ހިފަހައްޓައިގެން ކިޔެވުމާއި، ބަލިމީހާ އަަރައިގެން ހުންނަ ފައިވާންފަދަ އެއްޗެއްގައި ހިފަހައްޓައިގެން ހުރެ ކިޔެވުމާއިމެދު ދަންނައެވެ. ރޫޙާނީ ބައްޔެއް ޖެހިފައި ހުންނަ މީހެއް ލައިގެން ނުވަތަ އަރައިގެން ހުންނަ ކޮންމެ އެއްޗެއްގައި ހިފަހައްޓައިގެން ކިޔަވައިފިނަަމަ އެކިޔެވެލީގެ އަޑުއިވުމުގެ ސަބަބުން ނުވަތަ ބަލިމީހާއަށް ޝައިޠާނާ ވަސްވާސްދިނުމުގެ ސަބަބުންވެސް އަސަރުކޮށްފާނެއެވެ. މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެ އެއްޗެއްސަށް ސިޙުރު ހަދާފައި ހުރުން ނުވަތަ އެފަދަ އެއްޗެއްގައި ރޫޙާނީ އަޘަރެއް ހުރިކަން ދަލީލުކޮށްދޭ ކަމެއްނޫނެވެ. ހަމައެހެންމެ ފެންވަރަން ބޭނުންކުރާ ވަޅެއްގައި ހުންނަ ސިޙުރެއްގެ އަޘަރުގެ ސަބަބުން ބަލިމީހާ ލާންގެންގުޅޭ އަންނައުނާއި، ގެންގުޅޭ ތެލިތަށި ފަދަ ތަކެތީގައި ސިޙުރުގެ އަސަރު ހުރުމަކީ އެކަމުގައި އެއްވެސް ހަޤީގަތެއް އެކުލެވޭ ކަމެއް ނޫނެވެ.

ސިޙުރުގެ އަސަރު މިފަދަ ޙާލަތުގައި ކުރާނީ ބަލިމީހާއަށެވެ. ލާން ގެންގުޅޭ އަންނައުނަށް ސިޙުރު ހަދާނަމަ ސިޙުރުވެރިން ސިޙުރުހަދާނީ އެ އަންނައުނެއް ފޮރުވުމަށްފަހު އެއަށެވެ. ނުވަތަ ބައެއްފަހަރު ބަލިމީހާގެ ހެދުމުގެ ބައެއް ނުވަތަ އަސަރެއް ނަގައިގެން ސިޙުރުވެރިން ސިޙުރުހަދާ އުޅެއެވެ.

ގޭގެ ޗާޓު ބެލުމަށްފަހު ފަރުނީޗަރު ހުންނަ ތަނަކާއި ދިމާވެއްޖެނަމަ އެއީ ސިޙުރު ހުރީކަމަށް ބަލާ އެތަކެތި އަންދާލަން ބުނުމަކީވެސް ޤަބޫލުކުރެވޭ ވާހަކަތަކެއް ނޫނެވެ.

ގޭގައި ގެންގުޅޭ އެއްޗެއް ނުވަތަ ގޭގައި ހުންނަ އެއްޗަކަށް ސިޙުރު ހަދާފައިވާކަމަށް ޤަބޫލުކުރެވޭނަމަ އެތަކެއްޗަށް ސިޙުރު ބާޠިލުކުރުމަށް ކިޔަވާފައިވާ ފެންޖެހުމުން އިންޝާﷲ ފުދޭނެއެވެ.

ހަމައެހެންމެ ގޭގައި ސިޙުރު ހުރުމުގެ ސަބަބުން އެގެޔަކުން ނިކުމެގެން ދިއުމަކީ އެއްވެސް ޙާލެއްގައި ބަލިމީހާއަށް ވާ އުނދަގޫތައް ކެނޑި އެ ސިޙުރެއް ބާޠިލްވެގެންދާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް ސިޙުރު ހުރިތަން ދެނެގަނެ އެތަނެއްގައިވާ ސިޙުރު ބާޠިލްކުރުމަކީ އެކަމަށް އޮތް ޙައްލެވެ.

ރުޤުޔާކުރާ މީހުން ވާންޖެހޭނީ ބަލިމީހާއަށް އުނދަގޫތަކާއި ތަކުލީފުތައް އިތުރުކުރާ ބަޔަކަށް ނޫނެއެވެ. އެހެންނަމަވެސް އެމީހުންނަށް ލުއިގޮތްތައް ހޯދައިދީ ޖެހިފައިވާ މުޞީބާތުން ސަލާމަތްވާނެ ގޮތް ޤުރުއާނުންނާއި ސުންނަތުގެ އަލީގައި ފެންނަން އޮތް އެންމެ ރަނގަޅުގޮތުގައި ބުނެދީ، އެގޮތަށް ޢަމަލުކުރާ އަދި ޢަމަލުކުރުމަށް ބާރުއަޅާ ބަޔަކަށެވެ.

عَنْ أَنَسِ بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَسِّرُوا وَلَا تُعَسِّرُوا وَبَشِّرُوا وَلَا تُنَفِّرُوا وفي رواية أخرى قال وسكِّنوا ولا تُنفِّروا ( ބުޚާރީ އަދި މުސްލިމް )

އަނަސްބިން މާލިކް ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ  صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.

” މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ. ކަންކަން އުނދަގޫނުކުރާށެވެ. އަދި މީސްތަކުންނަށް ހެޔޮ ޚަބަރު ދީ އުފާވެރިކަން ގެނެސްދޭށެވެ. އަދި ނަފްރަތު އުފެދޭ ކަންކަމުން މީސްތަކުން ދުރުކުރާށެވެ.”

ފޮތް މުރާޖަޢާ ކޮށްދެއްވީ: އައްޝައިޚް ޖައުފަރު ފާއިޒް

Leave a Reply

Your email address will not be published. Required fields are marked *