ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާނުލާށެ! ( 6ވަނަ ބައި )
- ހިލޭ އަންހެނަކާ އެކަހެރިވެ ރުޤުޔާކުރުން ނުވަތަ އޭނާއާއި އެކަހެރިކޮށް ރުޤުޔާކުރުން
ހިލޭ އަންހެނަކަށް ރުޤުޔާ ކުރާއިރު މަޙްރަމެއްގެ ޣައިރު ހާޟިރުގައި ކުރާކަމުގެ ޝަކުވާ ވަރަށް ގިނައިން މިހާރު އިވެމުންދެއެވެ. ހަމައެހެންމެ ރުޤުޔާ ކުރާއިރު ހިލޭ އަންހެންމީހާ އެކު ވަކި ތަނެއްގައި، އެހެން މީހުންނަށް ވަނުމަށް މަނާކުރުމަށް ޝަރުޠުކޮށްގެން ކުރާކަމަށްވެސް އެކި ފަރާތްތަކުން ޙިއްޞާކުރަމުންދެއެވެ. މިޙާލަތުގައި ރާޤީ ބަލިމީހާ ( ހިލޭ އަންހެން މީހާ ) އާއި އެކު ކުރަނި ކޮންކަހަލަ ކަމެއްކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. މީގެއިތުރުން ބަލިމީހާއާއި އެކަހެރިވެގެން މިގޮތަށް ރުޤުޔާކުރާއިރު، ބަލިމީހާގެ ހަށިގަނޑަށް ޖިންނި ހާޟިރުކޮށް ފާޙިޝް ޢަމަލުތައް ހިންގާ ކަމުގެ ޚަބަރުތައް އިވެމުންދެއެވެ.
- މިކަމަށް އޮތް ރައްދު:
- ޝަރުޢީ ރުޤުޔާގެ ޝަރުޠަކުގެ ތެރޭގައި ހިލޭއަންހެނަކަށް ރުޤުޔާކުރާނަމަ މަޙުރަމެއްގެ ހާޟިރުގައި މެނުވީ ރުޤުޔާ ނުކުރުން ހިމެނޭ ކަމަށް ބޮޑެތި ޢިލްމުވެރިންނާއި ޝަރުޢީ ރުޤުޔާ ކުރައްވާ ޢިލްމުވެރިންވެސް ވިދާޅުވެލައްވައެވެ. އެއްވެސްގޮތަކަށް މަޙްރަމެއް ނުލިބޭނަމަ އެންމެ ކުޑަމިނުން އޭނާގެ ޢާއިލާ މީހެއް ނަމަވެސް ރުޤްޔާކުރާ ތަނުގައި ހުންނަން ޖެހޭނެއެވެ. މިގޮތުން ޝަރުޢީ ރުޤުޔާގެ މައުޟޫޢުތަކަށް އެތައް ފޮތްތަކެއް ލިޔުއްވާ، މިކަމުގައި ޢަމަލީ ގޮތުން ފުންނާބު އުސް ޢިލްމުވެރިއެއް އަދި ދާޢީއެއްކަމުގައިވާ އައްޝައިޚު ވަޙީދު ޢަބްދުއްސަލާމު އަލް ބާލީވެސް މިކަމަށް އިންޒާރުކުރައްވައި އެބޭފުޅާގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވެއެވެ.
ރުޤުޔާ ކުރުމުގެ ނަމުގައި ނުވަތަ އެހެން ކަމެއްގައި ނަމަވެސް ހިލޭ އަންހެނަކާ އެކު ހިލޭ ފިރެހެނެއް އެކަހެރިވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަން ހާމަކޮށްދޭ ބައެއް ދަލީލުތައް ތިރީގައި ބަޔާންކޮށްލާނަމެވެ.ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ )) [صحيح البخاري / كتاب: الجهاد والسير / باب: باب من اكتتب في جيش… / رقم: ٣٠٠٦ ] މާނައީ: “(ހިލޭ)ފިރިހެނަކު (ހިލޭ)އަންހެނަކާއެކު އެކަހެރި ނުވާހުށިކަމެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ މާނައީ: “އަންހެނުންގެ ގާތަށް ވަނުމުގައި ތިޔަބައިމީހުން ސަމާލުވެ ރައްކާތެރިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ޅިއަނުންނާއި މެދު ކަލޭގެފާނު ދެކިލައްވަނީ ކިހިނެއްތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. الْحَمْوُ الْمَوْتُ )) މާނައީ: “ޅިއަނުންނަކީ މަރެވެ.” [(صحيح البخاري / كتاب: النكاح / باب: باب لا يخلون رجل بامرأة… / رقم: ٥٢٣٢)
“عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلَا يَخْلُوَنَّ بِامْرَأَةٍ لَيْسَ مَعَهَا ذُو مَحْرَمٍ مِنْهَا فَإِنَّ ثَالِثَهُمَا الشَّيْطَانُ “( مسند أحمد باقي مسند المكثرين 14241 المحدث الألباني خلاصة حكم المحدث صحيح في غاية المرام 180 )
” ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ( ހިލޭ ފިރެހެނާ ) ، ހިލޭ އަންހެނަކާ އެކު އެކަހެރިނުވާ ހުށިކަމެވެ. މަޙުރަމެއްގެ ހާޟިރުގައި މެނުވީއެވެ. އެހެން ނޫންނަމަ ހަމަކަށަވަރުން ތިންވަނަ ފަރާތަކަށް ޝައިޠާނާ ހުންނާނެތެވެ.” ( މުސްނަދު އަޙްމަދު 14241 ، ޞަޙީހް އަލްބާނީ )
އަދިވެސް ޖާބިރުގެފާނު އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ.
” ހިލޭ ފިރެހެނަކު، ހިލޭ އަންހެނަކާއެކު ވާނަމަ ތިންވަނަ ފަރާތަކަށް ޝައިޠާނާ ހުންނާނެތެވެ. “
އެހެންކަމުން މަތީގައި ބަޔާންކުރެވުނު ގޮތަށް ޢަމަލުކުރާ ރާޤީންނަކީ ޝަރުޢީ ރުޤުޔާގެ ނަމުގައި އޮޅުވާލައިގެން ކުރާބައެއް ކަމުގައި ނޫނީ ނުވާނެއެވެ.
ފޮތް މުރާޖަޢާ ކޮށްދެއްވީ: އައްޝައިޚް ޖައުފަރު ފާއިޒް