- ދުރުތަނެއްގައި ހުރެގެން ފޯނު ފަދަ ވަޞީލަތެއްގެ އެހީގައި ފެނަށް ކިޔެވުން
މިކަމަކީ މިފަހަކަށް އައިސް ބައެއް ރުޤްޔާކުރުމުގެ ނަމުގައި އުޅޭ ބައެއް މީހުންގެ ފަރާތުން ފެންނަ މަންޒަރެކެވެ. ޚާއްޞަކޮށް ބަލިމީހާއަށް ސިޙުރު ހަދާފައިވަނީ އެމީހަކު ދިރިއުޅޭ ރަށުގެ ގެޔަށް ކަމަށްވާނަމަ، ރަށުގައި ހުންނަ މީހަކަށް ގުޅައިގެން، ފޯނު ލައުޑް ސްޕީކަރަށް ލުމަށްފަހު ( ފޯނު ) ފެން އެއްޗަކާ ކައިރިކުރެއެވެ. އަދި ރުޤުޔާކުރާ މީހާ ބަލިމީހާ ގާތުގައި ( ދެރުތަނެއްގައި ، މިސާލަކަށް އެހެން ރަށެއްގައި ) ފޯނުން ކިޔެވުމަށް ފަހު ފުމެއެވެ. އަދި އެގޮތަށް ފެން ކިޔެވުނީކަމަށް ބަލައި، އެފެން ސިޙުރު ހަދާފައި ހުރި ތަންތަނަށް އަޅައި ސިޙުރު ބާޠިލްވާނެ ކަމަށް ބުނެއެވެ.
- މިކަމަށް އޮތް ރައްދު:
ފޯނުގެ އެހީގައި ރުޤުޔާ ކުރުމާ ބެހޭގޮތުން ސަޢުދީ އަރަބިއްޔާގެ ފަތުވާ ކޮމެޓީ އާއި ސުވާލުކުރެވުނެވެ.
“ދުރު ހިސާބެއްގައި ބަލިމީހާ ހުންނަ ޙާލަތެއްގައި، ރުޤުޔާކުރުމުގައި ޤުރުއާން ކިޔަވާއިރު، ފޯނުގެ އެހީގައި ނުަވަތަ ފޯނު ލައުޑް ސްޕީކަރަށް ލައިގެން މިކަން މިގޮތަށް ކުރުމުގެ ޙުކުމަކީ ކޮބައިތޯ؟
ޖަވާބު:
އަލްޙަމްދުލިއް ﷲ
ރުޤްޔާކުރަން ޖެހޭނީ ސީދާ ބަލިމީއަށެވެ. އެއްވެސް ޙާލެއްގައި ލައުޑް ސްޕީކަރަށް ލައިގެން ނުވަތަ ފޯނަކުން ވެސް ނޫނެވެ. ސަބަބަކީ މިކަންތައް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމް ރުޤްޔާ ކުރެއްވިގޮތާއި ފުށުއަރާ ކަމަކަށް ވުމެވެ. އަދި އެކަލޭގެފާނު ( ޞައްލަﷲ ޢަލައި ވަސައްލަމް ) ގެ ސަޙާބީންނާ ( އެބޭކަލުންނަށް ﷲ ރުއްސުން ލައްވާށިއެވެ ) ، ހައްޤު ގޮތުގައި މިބޭކަލުންނަށް ތަބަޢަވީ ބޭކަލުންވެސް ރުޤްޔާކުރެއްވި ގޮތާއި ޚިލާފު ކަމަކަށް ވުމެވެ. ނަބިއްޔާ ( ޞައްލަﷲ ޢަލައި ވަސައްލަމް ) ހަދީޘް ކުރައްވާފައިވެއެވެ. 1 ” ތިމަން ނަބިއްޔާ މިގެންނެވި އިސްލާމް ދީނުގައި ނުވާކަމެއް އުފައްދައި އެދީނުގެ ތެރެއަށް ވައްދައިފި މީހާއަށް އެކަމެއް ރައްދުވެގެން ވެއެވެ. ”
އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ” ( ފަތުވާ : ލަޖްނާ އައް ދާޢިމާ ލިލް ބުހޫތު އަލް ޢިލްމިއްޔާ ވަލް އިފްތާ )
މިފަތުވާގައި އެވަނީ ބަލިމީހާއަށް ފޯނުން ނުވަތަ ފޯނު ލައުޑް ސްޕީކަރަށް ލައިގެން ރުޤުޔާކުރުމުގެ ޙުކުމެވެ. އެކަން އެވަނީ ބިދުޢެއް ކަމުގައި ނިންމާފައެވެ. އެހެން ކަމުގައި ވާނަމަ ހަމަ މިފަދައިން ފެނަށް ކިޔެވުންވެސް ހިމެނިގެންދާނީ ބިދުޢައިގެ ތެރެއިންނެވެ. އަދި ފެނަށް ކިޔަވާއިރު ކިޔަވާމީހާގެ އަނގަ ، ފެން އެއްޗަކާ ކައިރިކޮށްގެން ކިޔަވަމުން ފުމުމަށް ރުޤްޔާގެ ޢިލްމުވެރީން އިރުޝާދު ދެއްވައެވެ. މިގޮތަށް ކަންތައް ކުރުމުން އޭގެން ( ކިޔަވާފައި ހުންނ ފެނުން ) ބަލިމީހާއަށް ކުރާ އަޘަރު ބޮޑުކަމަށް މިބޭކަލުން ވިދާޅުވެއެވެ. ފޯނުން ކިޔަވާނަމަ މި ބަޔާންކުރެވުނު ފަދަ އެއްވެސް ކަމެއް ކުރެވޭނެތޯއެވެ.
ދީނުގައި ބިދުޢަ ހަދާ މީހުންނަށް ﷲ ތަޢާލާ ކޯފާގެ ބަސްފުޅު ވަޙީކުރައްވައެވެ.
أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ [الشورى 21]
މާނައީ: “ﷲ ތަޢާލާ އެކަންކަމަށް އިޒުނަ ދެއްވާފައިނުވާ ކަންކަން އެމީހުންނަށް ޝަރުޢުކޮށްދޭ ބައިވެރިންތަކެއް އެކާފަރުންނަށް ފަހެވަނީހެއްޔެވެ. އަދި ޤިޔާމަތް ދުވަހުން އެމީހުންނަށް ޢަޛާބުދެއްވުމުގެ ކަލިމަފުޅު ކަނޑައެޅިފައި ނުވާނަމަ ހަމަކަށަވަރުން (ދުނިޔޭގައި) އެމިހުންގެ މެދުގައި ނިޔާ ކުރައްވައި އެމީހުންނަށް ޢަޛާބުދެއްވައިފީހެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިން (ދަންނައެވެ) އެމީހުންނަށް ވޭންދެނިވި ޢަޛާބުވެއެވެ.”
ޝައްކެތް ނެތެވެ. ބިދުޢަވެރިންނާއި ﷲ ތަޢާލާގެ އިޒްނަ އަކާއި ނުލައި ދީނުގައި ކަންތައް ޝަރުޢުކުރާ މީހުންނާއި އެބައި މީހުންގެ ބަހަށް ކިޔަމަންތެރިވާ މީހުންނީ އަނިޔާވެރިންކަން މިއާޔަތުން ފާހަގަވެގެން ދެއެވެ.
وإياكم ومحدثات الأمور ؛ فإن كل محدثة بدعة ، وكل بدعة ضلالة [أبو داود 4583]
މާނައީ: “ދީނުގައި އަލަށްއުފައްދާ ކަންކަމަށް ތިޔަބައި މީހުން ބިރުވެތިވެ، އެކަންކަމާއި ގާތްނުވާށެވެ. ހަމަކަށަވަރުން ދީނުގައި އަލަށް އުފައްދާ ކޮންމެ ކަމަކީ ބިދުޢައެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.” އަދި މިޙަދީޘްގެ ބައެއް ރިވާޔަތުގައި ވަނީ، “ކޮންމެ މަގުފުރެދުމަކީ ނަރަކައިގައިވާ ކަމެކެވެ.”
- [أبو داود 4583]
ފަތުވާގެ އަސްލު ބެލުމަށް : http://islamqa.info/en/11115
- ރުޤުޔާގެ ފަރުވާ ކުރުމަށް ބޮޑެތި އަގުތައް ކިޔުން
މިފަހަކަށް އައިސް ބަލިމީހުންނަށް ރުޤުޔާ ކުރުމަށް ދާ މީހުން ބަލިމީހާގެ އަތުން ވަރަށް ބޮޑެތި އަދަދުން ފައިސާނަގައި އެ މީހާއަށް އެއްވެސް ފަރުވާއެއް ކޮށްނުދީ މަކަރުހަދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ޢާއްމުވެފައެވެ. އަދި ބަލިމީހާއަށް ދިނުމަށް ކުޅަދާނަވެގެން ނުވާ މިންވަރަށް ފައިސާ އަތުލައި ސިޙުރު ބާޠިލުކުރުމަށް ކަމަށް ބުނެ ސިޙުރުގެ ޢަމަލުތައް ހިންގާކަމުގެ ޝަކުވާދަނީ އިތުރުވަމުންނެވެ. ހަމައެހެންމެ ފަރުވާގައި ބޭނުންކުރުމަށް ކިޔަވާ ފެން، ތެޔޮ އަދި މާމުއި ފަދަ އެއްޗިއްސަށް ކިޔެވުމަށް އަގުނަގައިގެން ރުޤުޔާ ކުރާ މީހާގެ ގެޔަށް ގެންގޮސް ނުކިޔަވާ ބަލިމީހުންގެ އަތަށް ގެނެސްދޭ ކަމުގެ ހިތްދަތި ޚަބަރު އަޅުގަނޑަށް ވަނީ ލިބިފައެވެ.
- މިކަމަށް އޮތް ރައްދު:
ދަންނައެވެ. މީހަކަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ނުވަތަ ނުތަނަވަސްކަމުގެ ފައިދާ އޭގެ ނަހަމަގޮތުގައި ނަގައި ބަލިމީހާއަށް އިތުރު ތަކުލީފުތަކެއް ޖެއްސުމަކީ އެއްވެސް ޙާލެއްގައި އަހަރެމެންގެ މައްޗަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެކަން ހިމެނިގެންދާނީ އަނިޔާވެރިކަމުގެ ތެރެއިންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަމިއްލަ ޒާތުފުޅަށް ވެސް އަނިޔާވެރިވުންވަނީ ޙަރާމްކުރައްވާފައެވެ.
عَنْ أَبِي ذَرٍّ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ قال الله تبارك وتعالى يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا ( ޞަޙީހް މުސްލިމް 2577 )
އަބޫ ޛައްރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلّى الله عليه وسلّم ހަދީޘްކުރެއްވިއެވެ. ” ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އަމިއްލަ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާމުކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އެހެންކަމުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ. “
ރުޤުޔާ ކުރުމުގައި ފައިސާއަށް ރުޤުޔާކޮށްދިނުމަކީ ޢިލްމުވެރިން ހުއްދަކުރައްވާފައިވާ ކަމެއް ކަމުގައިވީނަމަވެސް މިކަމުގައި ހައްދުފަހަނަ އަޅައިދިއުމަކީ އެއްވެސް ޙާލެއްގައި ޝަރުޢީ ރުޤުޔާ ކުރާ މީހަކު ކޮށްގެންވާނެ ކަމެއް ނޫނެނެވެ. އަހަރެމެންނަށް އޮތީ މީހަކަށް ލުއިފަސޭހައެއް ކޮށްދެވެން އޮތް ނަމަ އެކަން ކޮށްދިނުމެވެ. ގިނަފަހަރަށް މިދެންނެވި ގޮތަށް ބޮޑެތި ޢަދަދުތަކުން ފައިސާނެގުމުގައި މަޝްޙޫރުވެފައިވަނީ ސިޙުރުވެރިންނާއި ޖިންނި ޝައިޠާނުންގެ ވާގިވެރިކަން ހޯދާ މީހުންނެވެ.
ނަބިއްޔާ صلّى الله عليه وسلّم ހަދީޘް ކުރައްވާފައިވެއެވެ.
“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ( މުސްލިމް ) އަޚާއަށް ފައިދާއެއް ( ރުޤުޔާއެއް ނުވަތަ ފަރުވާއެއް ) ކޮށްލައިދިނުމަށް ކުޅަދާނަވެގެންވާނަމަ އެކަމެއް ކޮށްލައިދޭށެވެ” ( ރަވާޙު މުސްލިމް 5727 )
އިތުރު ހަދީޘެއްގައި ވެއެވެ.
” މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭށެވެ. ކަންކަން އުނދަގޫނުކުރާށެވެ. އަދި މީސްތަކުންނަށް ހެޔޮ ޚަބަރު ދީ އުފާވެރިކަން ގެނެސްދޭށެވެ. އަދި ނަފްރަތު އުފެދޭ ކަންކަމުން މީސްތަކުން ދުރުކުރާށެވެ.” ( ބުޚާރީ އަދި މުސްލިމް )
ބައެއް ކަހަލަ ސިޙުރުތަކަކީ ދިރިއުޅުމުގައި ކުރިއަށްދިމަށް ހުރަސްއަޅާ ޒާތުގެ ސިޙުރުތަކެވެ. މިފަދަ ސިޙުރުން މީހާގެ އަތްމަތި ދަތިވެ ފައިސާ ހޯދުމަށް އެކި ކަހަލަ ހުރަސްތައް މިފަދަ ސިޙުރުން ދިމާވާކަން ޝަރުޢީ ރުޤުޔާގެ ދާއިރާގައި އުޅުއްވާ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން މިފަދަ ކަންކަމުން ނާޖާއިޒު ފައިދާ ނެގުމުން އަހަރެމެން ދުރުވާންޖެހޭނެއެވެ.
އެހެންކަމުން އަހަރެމެންނަށް އޮތީ ބަލިމީހުންގެ ޙާލަތަށްވެސް ރިޢާޔަތްކޮށް ރުޤުޔާގެ ކަންކަމުގައި އަގުކިޔުމުގައި ބަލިމީހާއަށްވެސް ފަސޭހަވާނޭ ފަދައިން ޢަމަލުތައް ބެހެއްޓުމެވެ.
ފޮތް މުރާޖަޢާ ކޮށްދެއްވީ: އައްޝައިޚް ޖައުފަރު ފާއިޒް