ތާޒާ މާމުއި ދެނެގަންނާނެ ބައެއް ގޮތްތައް

ތާޒާ މާމުއި ދެނެގަންނާނެ ބައެއް ގޮތްތައް

ތާޒާ މާމުއި ދެނެގަންނާނެ ބައެއްގޮތްތައް

 

ތާޒާ މާމުޔަކީ ކޮބާ؟

ތާޒާ މާމުއި އަންނަނީ ފެކްޓްރީއަކުން ނޫނެވެ. ނަމަވެސް މާމުއި ކުޅަދުރުންނެވެ. އަދި މި ކުޅަނދުރު ހަތައިންވެސް މާމުއި ނަގައެވެ. ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَأَوۡحَىٰ رَبُّكَ إِلَى ٱلنَّحۡلِ أَنِ ٱتَّخِذِى مِنَ ٱلۡجِبَالِ بُيُوتً۬ا وَمِنَ ٱلشَّجَرِ وَمِمَّا يَعۡرِشُونَ (٦٨) ثُمَّ كُلِى مِن كُلِّ ٱلثَّمَرَٲتِ فَٱسۡلُكِى سُبُلَ رَبِّكِ ذُلُلاً۬‌ۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٌ۬ مُّخۡتَلِفٌ أَلۡوَٲنُهُ ۥ فِيهِ شِفَآءٌ۬ لِّلنَّاسِ‌ۗ إِنَّ فِى ذَٲلِكَ لَأَيَةً۬ لِّقَوۡمٍ۬ يَتَفَكَّرُونَ (٦٩) (سُوۡرَةُ النّحل)

މާނައީ: “ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް إلهام ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުން ހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ! ދެން ތިޔަ ކުޅަނދުރު، ހުރިހާ މޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.”

ބަންދުކޮށްފައި ހުންނަ މާމުޔަށް ބަލާލާފައި އެއީ ތާޒާ މާމުއި ކަމެއް ނުވަތަ “ފޭކް” މާމުއި ކަމެއް ބުނެދިނުމަކީ ވަރަށް ނާދިރުކަމެކެވެ. މިކަން ކަށަވަރުކުރުމަށް ޓެސްޓުތަކެއް ހަދައިގެން ނޫންގޮތަކަށް “އޯގަނިކް މާމުއި” ނުވަތަ ތާޒާ މާމުއި ފާހަގައެއް ނުކުރެވޭނެެއެވެ.

ތާޒާ ނޫން މާމުޔޭ ބުނެވެނީ ކިހިނަކުން؟

ތާޒާނޫން މާމުޔޭ ބުނެވެނީ ގަޑުބަޑުކޮށްފައިވާ މާމުޔަށެވެ. އެ މާމުޔެއްގެ ތެރެއަށް އެކި ކަހަލަ އެއްޗެހި އެއްކޮށްފައިވާ މާމުޔަށެވެ. މިގޮތުން އެއްކޮށްފައި ހުންނަ ބާވަތްތަކުގެ ތެރޭގައި ގްލުކޯޒް، ޑެކްސްޓްރޯސް، މޮލަސެސް، ސުގަރ ސިރަޕް، ފުއް، ކޯން ސިރަޕް، ސްޓާޗް ފަދަ ތަފާތު މާއްދާތައް ހިމެނެއެވެ.

ތަފާތު ދެނެގަންނާނީ ކިހިނެތް؟

އާންމު ދިރިއުޅުމުގަޔާއި ބޭސްފަރުވާއަށް އަޅުގަނޑުމެންނަށް ފިހާރަތަކުން ލިބެންހުންނަަ މާމުޔަކީ ތާޒާ މާމުއިތޯ ދެނެގަތުމަށް އޭގެ ކޮލިޓީއަށް ބެލިދާނެގޮތްތަކެއް އެބަހުއްޓެވެ. މިގޮތުން ތިރީގައި މިވަނީ މި ތަފާތުތައް އަންގައިދޭ ތާވަލެކެވެ.

 

ތާޒާނޫން ނުވަތަ ފޭކް މާމުއި ތާޒާ މާމުއި
ފޯމުގަނޑެއް އުފެދިފައިހުރުން އެއްވެސް ކަހަލަ ފިނިހޫނުމުނެއްގައިި ބެހެއްޓުމުން ފޯމެއް ނުއުފެދޭނެ
ދިޔާކޮށްހުރުމާއެކު ފަސޭހައިން ފައިބައިގެންދިއުން އޮލަކޮށް ތަތްކޮށްހުރުން
ރާޅުކަމެއްހުރުން މަޑުއަދި ސާފުކަމެއްހުރުން
ބައިބަޔަށް ވަކިވެގެން ދިއުން އެއްވެސް ގޮތަކަށް ބައިބަޔަށް ވަކިނުވުން
ބައެއްފަހަރު ވަހެއްހުރުމާއިއަނެއްބައި ފަހަރު އެއްވެސް ވަހެއް ނުހުރުން އަބަދުވެސް މާމުއިގެ މީރުވަސް ހުރުން

 

މާމުއިން ލިއްބައިދޭ ފައިދާތައް އޭގެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ތާޒާ މާމުއި ވަކިކުރަން އެނގެން ޖެހޭނެއެވެ. ބާޒާރުގައި ހުންނަ ގިނަ މާމުޔަކީ އަސްލު ތާޒާ މާމުޔެއްނޫެނެވެ. މާމުއިން ލިބޭ ސިއްޙީ ފައިދާތައް ގިނަ ކަމުގެ ސަބަބުން މީހުން ގަންނާނެކަން އެނގި ހުރެ ވިޔަފާރިކުރާ ފަރާތްތަކުން މީހުންނަށް ވަރަށް ބޮޑަށް އޮޅުވާލައެވެ. މަތީގައި ފާހަގަކޮށްފައިވާ ކަންކަން ދެނެގަތުމަށް ބައެއް މީހުންނަށް އުނދަގޫވެދާނެއެވެ. އެހެން ކަމުން ތިރީގައި މި ގެނެސްދެނީ ތާޒާ މާމުއި ވަކި ކުރަން ކުރެވިދާނެ ބައެއް ކަންކަމެވެ.

  1. އަތުގެ ބޮޑުވައި އިނގިލި ބޭނުންކޮށްގެން ކުރެވިދާނެ ޓެސްޓް
  • ކުޑަ މާމުއި ކޮޅެއް ބޮޑުވައި އިނގިލީގެ މައްޗަށް އަޅާށެވެ.
  • އެ މާމުއިކޮޅު ފެތުރިގެން ދޭތޯ ނުވަތަ ފައިބައިގެން ދޭތޯ ބަލާށެވެ.
  • މިހެންވާނަމަ އެއީ ތާޒާ މާމުޔެއް ނޫނެވެ.
  • ތާޒާ މާމުއި ނަމަ ބޮޑުވައި އިނގިލީގައި ރަނގަޅަށް ހަރުލާފައި އިންނާނެއެވެ.

 

  1. ފެން ބޭނުންކޮށްގެން ކުރެވިދާނެ ޓެސްޓް
  • ބިއްލޫރިތައްޓެއްގެ 4/3 އަށް ފެން އަޅާށެވެ.
  • މޭޒުމަތީ ސަމްސަލެއްގެ މާމުއި ފެނަށް އަޅާށެވެ.
  • ފެނުގެތެރެއަށް މާމުއި އެޅުމުން އޭގެ އަމިއްލަ ޒާތުގައި ގިރިގެން ދާނަމަ އެއީ ތާޒާ މާމުޔެއް ނޫނެވެ.
  • ތާޒާ މާމުއި ފެނުގެ ތެރެއަށް އެޅުމުން ފެނުގެ އަޑީގައި ރީތިކޮށް ނުގިރި ފެންނަން ހުންނާނެއެވެ.

 

  1. އަލިފާން ބޭނުންކޮށްގެން ކުރެވިދާނެ ޓެސްޓް

އޯގަނިކް ހަނީ ( ތާޒާ މާމުއި ) އަކީ އަލިފާން ހިފާ އެއްޗެކެވެ. ތިރީގައި މިވާ ޓެސްޓަކީ %100 ތާޒާ މާމުއި ދެނެގަނެވިދާނެ ޓެސްޓެކެވެ.

  • ހިކި އަލިފާން ދަނޑިއެއް ނަގާށެވެ.
  • މާމުއި ކޮޅެއް އަލިފާން ދަނޑީގައި ހޭކުމަށްފަހު ، އަލިފާންފޮށި ބޭނުންކޮށްގެން އަލިފާން ރޯކުރުމަށް މަސައްކަތްކުރާށެވެ.
  • ތާޒާ މާމުއި ކަމުގައި ވާނަމަ އަލިފާން ދަނޑި ރޯވާނެއެވެ.
  • ނަމަވެސް ތާޒާ މާމުއި ކަމުގައި ނުވާނަމަ އަލިފާން ރޮލެއްނުވާނެއެވެ.

މިނޫން އެހެން ގޮތަކަށްވެސް މި އަލިފާން ބޭނުންކޮށްގެން ޓެސްޓުކުރެވިދާނެއެވެ.

  • އިލޮށި ކޮޅެއްގައި ކަފަކޮޅެއް އޮޅާލާށެވެ. އެއަށް ފަހު މާމުއިގެ ތެރެއަށް މި އިލޮށިކޮޅު ލުމަށްފަހު ނަގާށެވެ.
  • ލައިޓަރެއްގެ އެހީގައި މި ކަފަކޮޅުގައި އަލިފާން ރޯކުރުމަށް މަސައްކަތް ކުރާށެވެ.
  • ތާޒާ މާމުއި ނަމަ އަލިފާން ރޯވެ އަނދަ އަނދަ ހުންނާނެއެވެ.
  • ނަމަވެސް ތާޒާ މާމުއި ނޫންނަމަ ރޮލެއް ނުވާނެއެވެ.

 

  1. ވިނިގާ އެސެންސް ބޭނުކޮށްގެން ކުރެވިދާނެ ޓެސްޓް
  • މާމުއިކޮޅެއްގެ ތެރެއަށް 3-2 ތިކި ވިނިގާ އެސެންސާއި ފެންފޮދެއް އަޅާ އެއްކޮށްލާށެވެ.
  • ރަނގަޅަށް އެއްކޮށްލުމުން ފޮނުއަރާނަމަ އެއީ ތާޒާ މާމުޔެއް ނޫނެއެވެ.
  • ތާޒާ މާމުއި ބޭނުންކޮށްގެން މި ޓެސްޓް ހަދައިފިނަމަ ފޮނެއް ނާރާނެއެވެ.

 

  1. ބްލޮޓިން ޕޭޕަރ ބޭނުންކޮށްގެން ކުރެވިދާނެ ޓެސްޓް

ބްލޮޓިން ޕޭޕަރ ނުވަތަ އެއްޗެހީގައި ހުންނަ ތެތްކަން ދަމައިގަންނަ މެޓީރިއަލްއެއް ބޭނުންކޮށްގެން މިކަން ދެނެގަނެވިދާނެއެވެ. ތާޒާނޫން މާމުއި މިފަދަ އެއްޗައެއްގައި އުނގުޅުމުން، މާމުއިތައް އޭގެތެރެއަށް ދަމައިގަންނާނެއެވެ. ނުވަތަ ތެތްވެފައި ހުންނަ ނިޝާނެއް މިފަދަ ކަރުދާހުން ފެންނަން ހުންނާނެއެވެ. ނަމަވެސް ތާޒާ މާމުއި ބޭނުންކޮށްފިނަމަ މިފަދައިންނެއް ނުވާނެއެވެ. ހަމައެހެންމެ ސުގަރ ސިރަޕްއާއި ތާޒާ މާމުއި އެކެއް ނުވާނެއެވެ.

 

  1. ފިނިކޮށްގެން ކުރެވިދާނެ ޓެސްޓް

މި ޓެސްޓަކީ ވަރަށް ގިނަ މީހުން ތަޖުރިބާކޮށްފައިވާ ޓެސްޓަކަށް ވުމަކީ އެކަށީގެންވާކަމެކެވެ.

  • ތާޒާނޫން މާމުއި ފުޅިއެއް އައިސް އަލަމާރިއެއްގެ ތެރެއަށް ލާށެވެ.
  • 2 ގަޑި އިރުވަންދެން ފިނިކުރުމަށް ބަހައްޓާށެެވެ.
  • އެއަށްފަހު އަލަމާރިން ނަގާއިރު މާމުއި ފުޅީގެ ތިރިއަށް ހަކުރުކެއް ފައިބާފައި ހުންނަ ތަން ފެންނާނެއެވެ.
  • ނަމެވެސް ތާޒާ މާމުއި މިހެން ފިނީގައި ކިތައްމެ ގިނައިރު ބެެހެއްޓި ކަމުގައިވިއަސް ހަކުރު ގަނޑުވެފައި ހުންނަ ތަނެއް ނުފެންނާނެއެވެ.

މީގެ އިތުރުންވެސް ބައެއް މީހުންގެ މެދުގައި ބަހުޘް ކުރެވިފައި ހުރި ޓެސްޓްތައް އެބަހުއްޓެވެ. މިގޮތުން ބައެއް މީހުން ދެކޭގޮތުގައި ތާޒާ މާމުޔަށް ހިންޏެއް ނާރާނެއެވެ. ނަމަވެސް “ފޭކް” މާމުޔަށް ހިނއަރާނެއެވެ. މިގޮތަށް ތަޖުރިބާކުރެވުންކަމުގައި ވިއަސް ހަކުރާއި އެއްކޮށްފައިވާ މާމުއި ބުއިމަށް ހިނި ބޭނުންވާކަމުގެ ހެކިތަކެއް ހޯދިފައެއް ނުވެއެވެ. އެކި ކަހަލަ މަލުން ފޮނިބޯ މާމުއި ކުޅަނދުރުން ނިކުންނަ މާމުއި ތަފާތުވާނެއެވެ. ފޮނިކަންވެސް ތަފާތުވެދާނެއެވެ. އެހެންކަމުން މިފަދައިން ހުންނަ ތާޒާ މާމުޔަށް ހިނި އެރުމަކީ ހަމައެކަށީގެންވާ ކަމެއް ނޫންތޯއެ؟ އެހެންކަމުން މި ޓެސްޓަކީ އެހައި ޔަޤީން ޓެސްޓެއް ނޫނެއެވެ.

މި ލިންކްގައި މިވަނީ މަތީގައި ބަޔާންކުރެވިފައިވާ ޓެސްޓް ތަކުގެތެރެއިން ބައެއް ޓެސްޓްތަކުގެ ޔޫޓިއުބް ވީޑިއޯއެކެވެ. ނަމަވެސް މި ވީޑިއޯގައި މިޔުޒިކް ހިމަނާފައިވާތީ ހުރިހާ ބޭފުޅުންވެސް ވީޑިއޯ ބައްލަވާއިރު އަޑު ކަނޑާލުމަށް ( މިއުޓްކޮށްލުމަށް ) ނަޞޭހަތްތެރިވަމެވެ.

އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގަޔާއި އެކި ބަލިތަކަށް ފަރުވާކުރުމުގައި މާމުޔަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން މިފަދަ ކަމަކަށް މާމުއި ހޯދާއިރު ކޮލިޓީ ތާޒާ މާމުއި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ މާމުއި ދެނެގަނެވިދާނެ ތަފާތު ފަސޭހަ ގޮތްތައް އެބަހުއްޓެވެ. ވީމާ މިކަހަލަ ޓެސްޓެއް ކޮށްލުމަކީ ހަމަ ބުއްދިވެރިކަމެކެވެ.

 

 

މަޢުލޫމާތު ނެގި މަޞްދަރުތައް

www.lorebay.com

www.mybeeline.co

 

 

Leave a Reply

Your email address will not be published. Required fields are marked *