ތިބާގެ އެންމެ ބޮޑު ދުޝްމަނުގެ ވަނަވަރު
ޝައިޠާނާއަކީ އަހަރަމެންނަށް ފާޅުވެގެންވާ ޢަދުއްވެކެވެ. އެއީ އިންސާނުން މަގުފުރައްދާނެ ކަމަށް ﷲ އަށް އަހުދުކަށަވަރު ހިފައިގެން ހުރި ޖައްބާރެކެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ.
وَلَأُضِلَّنَّهُمْ وَلَأُمَنِّيَنَّهُمْ وَلَآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الْأَنْعَامِ وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّـهِ ۚ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّـهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا ( سورة النساء 119 )
” އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، حقيقة އެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، جمل ގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. އަދި، اللَّه ގެ دين ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. اللَّه ފިޔަވައި شيطان އާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، بيان ވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ “.
އެހެންކަމުން މި ނުބައި ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ އަހަރެމެން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކޮށް ﷲ ގެ ހަޟްރަތުން އަމާންކަން ލިބިގަންފި މީހާ އަށް ފަލާޙާ ކާމިޔާބު ހުއްޓެވެ. މިކަމަށް އިޝާރާތް ކުރައްވާ ﷲ ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ وَمَن يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنكَرِ ۚ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ اللَّـهَ يُزَكِّي مَن يَشَاءُ ۗ وَاللَّـهُ سَمِيعٌ عَلِيمٌ ( سورة النور 21 )
” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން شيطان އާގެ ފިޔަވަޅުތަކަށް تبع ނުވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް تبع ވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ شيطان އާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި اللّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން طاهر ވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު طاهر ކުރައްވައި، ސާފުކުރައްވަތެވެ. اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ “.
މިސަބަބު ތަކަށްޓަކައި ކޮންމެހެން ވެސް އެނގެންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެހެނީ މިއީ ތިބާގެ އެންމެ ބޮޑު ދުޝްމަނެވެ. ﷲ އެކަލޭގެއަށް ލަޢުނަތް ލައްވާށިއެވެ. އެހެންކަމުން ތިރީގައި މިހިމަނާލަނީ މި ފާސިގު ، ފާޖިރު ޝަޢިޠާނާގެ ކުޑަ ވަނަވަރެކެވެ.
1. ނަން :- އިބްލީސް
2. ފާޅުވި ދުވަސް :- އާދަމްގެފާނަށް ސަޖިދަޖަހަން އިންކާރު ކުރި ދުވަސް.
3. ހައިސިއްޔަތު :– ފުރަތަމަ ދަރަޖައިގެ ފާސިޤެއް.
4. އުޅޭތަން :- ﷲ އަށް ކިޔަމަންތެރި ނުވާ، ފަރުވާކުޑަ ހިތްތަކުގައި
5. އުޅޭ ސަރަހައްދު :- ﷲ ގެ އިސްމަފުޅު ނަން ނުގަނެވޭ ކޮންމެ ތަނެއްގައި
6. ނިސްބަތްވާ ޤަބީލާ :- ތާޣޫތުންގެ ތެރޭގައި.
7. އޭނާގެ ދަތުރުގެ މިސްރާބު :- ގެއްލި އޮޅިފައި
8. އެންމެ މީރު ކެއުން :- މީހުންގެ މުޅަމަސް ( ގީބަ ބުނުމުގެ ސަބަބުން )
9. އަނބިން :- ފުރިހަމައަށް ޢައުރަ ނިވާނުވާ އަންހެނުން.
10. ބައިވެރިން :- މުނާފިޤުން.
11. އޭނާގެ މުދާ :- ޙަރާމް މުދާ
12. އޭނާގެ ގެ :- ފާޚާނައާއި ގިފިލިތައް އަދި އެހެނިހެން މުޑުދާރު ނަޖިސް ތަންތަންނުގައި.
13. މަޖިލިސް ބާއްވާ ތަންތަން :- ބާޒާރުމަތި
14. އޭނާގެ ލިޔުން :- ޓެޓޫ
15. މިޒާޖު :- އެއްގޮތެއްގައި ނުހިފެހެއްޓޭ އަދި އަމިއްލަ ފައިދާ ވިސްނައިގެން އުޅުމުގެ އާދަ.
16. އެންމެ ކުރާހިތްވާ ކަންތައް :- މީހުން މަގުފުރެއްދުމާއި ހައްލާލުން.
17. މުނިފޫހިފިލުވާދޭ މީހުން :- މިޔުޒިކް ފަންނާނުން.
18. ކުރާ މަސައްކަތް :- ނުބައި ކަންކަމަށް ގޮވާލުން.
19. މަސައްކަތްކުރާ ކޮޓަރި :- ހަޑި މުޑުދާރު ތަންތަނާއި ، އެތަނެއްގައި ފާފަކުރާ ތަންތަން.
20. މަޤާމް :- މާތް ﷲ ގެ ކޯފާ ހައްޤުވެފައިވާ އަދި މަގުފުރެދިފައިވާ މީހުންގެ ޖެނެރަލް މެނޭޖަރ.
21. އޭނާ ކުރާ ޢަމުރު :- ފާފަތަކާއި ނުބައިކަން ކަމަށް އަރައިގަތުމުގެ އަމުރު.
22. ރަމްޒު :- އޭނާގެ އުޞޫލުތަކުގައި މުނާފިޤުކަން ހިމެނުން.
23. މަސައްކަތުގެ ބައިވެރިން :- ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިތާނުން.
24. މަސައްކަތައް އެހީތެރިވާ މީހުން :- ހައްޤު އެނގި އެކަން ފާޅުނުކޮށް މަޑުން ތިބޭ މީހުން.
25. މަސައްކަތުގެ މުއްދަތު :- ޤިޔާމަތާ ޖެހެންދެން.
26. މުސާރަ :- އޭނާއާއި އޭނާގެ އަހުލުވެރީންނަށް ތާއީދު އިތުރުވުން.
27. މަސައްކަތުން ލިބޭނެ ފައިދާ :- އަނދައަނދާ ހުންނަ އަލިފާނުގައި ނިމުން.
28. އެންމެ ބިރުގަންނަ މީހުން :- މާތް ﷲ ބިރުވެތިވާ މުއުމިނުން.
29. އެންމެ ރުޅިއަންނަ މީހުން :- ﷲ މަތިން ހަނދުމަކުރާ އަޅުން.
30. އޭނާގެ ދުޝްމަނުން :- މުސްލިމުން.
31. އެންމެ އުނދަގޫވާ ކަންތައް :- ﷲ އަށް ތައުބާވުން.
32. އެންމެ ގަޔާވާ މީހުން :- ﷲ ހަނދުމަކުރުމުން އެއްކިބާ ވެފައިވާ މީހުން.
33. އެންމެ ދެރަވެ ރޮވޭ ކަންތައް :- މާތް ﷲ އަށް ސަޖިދަޖެހުން.
34. އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް :- ހުރިހާ މީސްތަކުން މަގުފުރެދިފައިވާ ދުވަސް.
35. ނިމުން :- ނަރަކައިގައި
ﷲ އަޅަމެން މި ނުބައި شيطان ގެ ކިބައިން ސަލާމަތް ކުރައްވާނދޭވެ ! އާމީން !
މަޞްދަރު : ( ވިޤާޔަތުލް އިންސާން މިނަލް ޖިންނި ވައް ޝައިޠާނު)“ހައުޓު ޕްރޮޓެކްޓް ޔުއާސެލްފް ފޮރޮމް ޖިންނި އެންޑް ސައިޓަން “
ނޯޓް: މިއީ ކުރިން އަޅުގަނޑު މައިރިތި.ކޮމް އަށް ލިޔެފައިވާ ލިޔުމެކެވެ.