ރުޤްޔާކުރުމުގައި ބޭނުން ކުރުން އެންމެ ރަނގަޅީ ކޮންކަހަލަ ފެނެއް؟
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
ރޫޙާނީ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުންކުރާނީ ކޮންކަހަލަ ފެނެއްތޯ؟ ނުވަތަ ޝަރުޢީ ރުޤްޔާގެ އެހީގައި ޖިސްމާނީ ނުވަތަ ނަފްސާނީ ބަލިމަޑުކަމަކަށް ފަރުވާ ކުރުމުގައި ވަކި ކަހަލަ ފެނެއް ބޫނުންކުރުން މަޖުބޫރުތޯ؟ މިއީ ވަރަށް ގިނަ ބޭފުޅުންގެ ފަރާތުން އަޅުގަނޑަށް ލިބޭ ސުވާލެކެވެ. އެހެންކަމުން މި ލިޔުމަކީ ﷲ ގެ ވާގިފުޅާއެކު މި ސުވާލުތަކަށް ފުރިހަމަ ތަފްޞީލީ ޖަވާބެއް ދިނުމަށް ގަސްދުކޮށް އަޅުގަނޑު ތައްޔާކުރި ލިޔުމެކެވެ.
- ޒަމްޒަމް ފެން
(إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]
މާނަ: “ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ.”
ޠަޔާލިސީގައި އައިސްފައި ވެއެވެ. “އަދި ބައްޔަށްވާ ފަރުވާއެކެވެ.”
[ބައްލަވާ: الطيالسي 61އިމާމް އިބްނުލް ޤައްޔިމް އަލްޖަވްޒިއްޔާ (ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ) ވިދާޅުވިއެވެ:
“ޒަމްޒަމް ފެނަކީ އެންމެ ރަނގަޅު އަދި އެންމެ މާތް ފެނެވެ. އެންމެ މަތިވެރި ދަރަޖައިގައިވާ، މީސްތަކުންނަށް އެންމެ ލޮބުވެތި، އެންމެ އަގުހުރި އަދި އެންމެ މުހިންމު ފެނެވެ. އެއީ ޖިބްރީލްގެފާނު ކޮނުއްވި އަދި ﷲ އިސްމާޢީލްގެފާނުގެ ކަރުހިއްކުން ފިލުއްވި ފެނެވެ.
ޞަޙީޙް މުސްލިމްގައި ރިވާވެގެންވެއެވެ. އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ނެތި (ޒަމްޒަމް ފެން ފިޔަވައި): ކަޢުބާގެ ކައިރީގައި އަދި އޭގެ ފޮތިގަނޑުގެ ކައިރީގައި 40 ދުވަހާއި ރޭ ހޭދަކުރެއްވި އަބޫޛައްރުގެފާނަށް ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ.
” މިތަނުގައި ހުންނަވާތާ ކިހާ ދުވަހެއް ވެދާނެތޯއެވެ؟ އަބޫޛައްރުގެފާނު ވިދާޅުވިއެވެ: ” މިތާ ހުންނަތާ 30 ދުވަހާއި 30 ރޭ ވެދާނެއެވެ.” ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ. ” މިތަނުގައި ކަލޭގެފާނަށް ފަރިއްކުޅު އެރުވީ ކޮންބައެއް ހެއްޔެވެ؟ ” އެކަލޭގެފާނު ވިދާޅުވިއެވެ: “ޒަމްޒަމް ފެން ނޫން އެހެން އެއްޗެއް ނުހިއްޕަވަމެވެ. އަދި ތިމަންކަލޭގެފާނު ބަނޑުގެ ރޫތައް އެނގޭވަރަށް ފަލަވެއްޖެއެވެ. ބަނޑުހައިހޫނުކަމުގެ ވަރުބަލިކަމެއް ނުވަތަ ބަލިކަށިކަމެއް ތިމަންކަލޭގެފާނަށް އިހުސާސެއް ނުކުރެވެއެވެ. އަދި ނުވެސް ހިކެއެވެ. ނަބިއްޔާ ﷺ ވިދާޅުވިއެވެ: “ހަމަކަށަވަރުން އެއީ ބަރަކާތްތެރި އެއްޗެކެވެ. އެއީ ބަނޑުހައިކަން ފިލުވަދޭ ކާނާއެކެވެ.” (މުސްލިމް 2473)
އެހެން ޢިލްމުވެރިން އިތުރުކުރެއްވިއެވެ، އެބޭކަލުންގެ އަމިއްލަ އިސްނާދުތަކާއެކު، “… އަދި ބަލިތަކަށް ޝިފާއެކެވެ.”
މި ޙަދީޘް ބައްޒާރު (1171، 1172) އަދި ޠަބަރާނީ އޭނާގެ އައްޞަޣީރުގައި (295) ރިވާކުރެއްވިއެވެ
ސުނަން އިބްނު މާޖާގައި (އަލް-މަނާސިކް، 3062) ޖާބިރު ބިން ޢަބްދުﷲގެ ކިބައިން ރިވާވެގެންވާ ގޮތުގައި ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: “ޒަމްޒަމްގެ ފެން ވަނީ އެ ބޯ މަޤްޞަދަކަށެވެ.” ސަލަފުއް ޞާލިޙުންނާއި ޢުލަމާއިން މި ޙަދީޘާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ. ޢަބްދުﷲ ބިން އަލް-މުބާރަކު ޙައްޖަށް ވަޑައިގެން ޒަމްޒަމް ގާތަށް އައިސް ވިދާޅުވިއެވެ: “އޭ ﷲ އެވެ، އިބްނު އަބްޢިލް މަވާލީ އަހަރެމެންނަށް މުޙައްމަދު ބިން އަލް-މުންކަދިރުގެ ކިބައިން، ޖާބިރު (ﷲ އެކަލޭގެފާނުގެ މައްޗަށް ރުހިވޮޑިގެންވާށިއެވެ) ގެ ކިބައިން އަންގަވާފައިވަނީ ތިބާގެ ނަބިއްޔާ ﷺ ހަދީޘް ކުރެއްވިއެވެ. ޒަމްޒަމްގެ ފެން ވަނީ އެ ބޯ މަޤްޞަދަކަށެވެ.’ ތިމަންކަލޭގެފާނު މި ބޮނީ ޤިޔާމަތް ދުވަހުގެ ކަރުހިއްކުން ފިލުވުމަށެވެ.” އިބްނު އަބްޢިލް މަވާލީ އަކީ ޘިޤާ (އިތުބާރުހުރި) ބޭކަލެކެވެ. އެހެންކަމުން މި ޙަދީޘަކީ ޙަސަން (ރަނގަޅު) ޙަދީޘެކެވެ.
އިބްނުލް ޤައްޔިމް ( ރަޙިމަހުﷲ ) ވިދާޅުވިއެވެ:
“އަހަރެންނާއި އެހެން މީހުން ޒަމްޒަމް ފެނުން ޝިފާ ހޯދަން މަސައްކަތްކުރީމެވެ. އަދި އަޖައިބުވެގެންވާ ކަންތައްތައް ދުށީމެވެ. އަހަރެން އެތައް ބައެއް ބަލިތަކަށް އެއިން ޝިފާ ހޯދަން މަސައްކަތްކުރިން، އަދި ﷲގެ އިޒުނަފުޅާއެކު ޝިފާ ލިބުނެވެ. މީހަކު އެތައް ދުވަހަކު، ދެ ހަފްތާއެއްހާ ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު އެ ކާނާއެއް ގޮތުގައި ބޭނުންކުރިތަން އަހުރެން ދުށީމެވެ. އޭނާއަށް އެކަމުން ބަނޑުހައިހޫނުކަން އިހުސާސެއް ނުކުރެވެއެވެ. އޭނާ އެހެން މީހުންނެކޭ އެއްފަދައިން ޠަވާފުކުރިއެވެ. އަދި 40 ދުވަހުގެ މުއްދަތަކަށް ހަމައެކަނި ޒަމްޒަމް ފެން ބޭނުންކުރިކަމަށާއި، އޭނާގެ އަނބިމީހާއާއެކު ޖިމާޢުވުމުގެ ބާރު، ރޯދަހިފުމުގެ ބާރު އަދި އެތައް ފަހަރަކު ޠަވާފުކުރުމުގެ ބާރު ލިބުނުކަމަށް އޭނާ އަހަރެން ގާތުގައި ބުންޏެވެ.” (ޒާދުލް މަޢާދު، 4/319، 320)
ޝައިޚް އިބްނު ޢުޘައިމީން ( ރަޙިމަހު ﷲ) ވިދާޅުވިއެވެ:
“އެހެންވީމާ، މި ފެން ބުއިމުން ތިބާ ހާސިލުކުރަން ބޭނުންވާ ކަމެއްގެ ނިޔަތް ގަންނަވާށެވެ. އޭނާ އޭގެ ފުރިހަމައަށް ބޯންވާނެއެވެ. އެބަހީ، މޭ ކަށިގަނޑާ ހަމައަށް ބަނޑު ފުރެންދެންނެވެ. އެއީ މި ފެނަކީ ރަނގަޅު ފެނެއް ކަމަށްވާތީއެވެ. މިކަމާ ގުޅޭގޮތުން ޙަދީޘެއް ރިވާވެގެން އައިސްފައިވެއެވެ: މުއުމިނުންނާއި މުނާފިޤުންގެ ދެމެދުގައިވާ ތަފާތަކީ ޒަމްޒަމް ފެން ފުރިހަމައަށް ބުއިމެވެ.” (އިބްނު މާޖާ އަލްމަނާސިކުގައި ރިވާކުރެއްވި، 1017؛ އަލްޙާކިމް، 1/472)
އަލްބޫސައިރީ ވިދާޅުވިއެވެ:
“މިއީ ޞަޙީޙް އިސްނާދެކެވެ. އޭގެ ރާވީންނަކީ އިތުބާރުހުރި ބޭކަލުންނެވެ.
މިއީ ޒަމްޒަމް ފެނަކީ ފޮނި ރަހައެއް ހުންނަ ފެނަކަށް ނުވާތީއެވެ. އެއީ ކުޑަކޮށް ލޮނުރަހައެއް ހުންނަ ފެނެކެވެ. އަދި މުއުމިނު މީހާ މި ކުޑަކޮށް ލޮނުރަހަ ހުންނަ ފެން ބޯނީ ހަމައެކަނި އީމާންތެރިކަމުން، އޭގައި ބަރަކާތް ވާކަމަށް ޤަބޫލުކޮށްގެންނެވެ. އެހެންކަމުން، އޭނާ އެއިން ފުރިހަމައަށް ބުއިމަކީ އީމާންތެރިކަމުގެ ނިޝާނެކެވެ.” (ޝަރްޙުލް މުމްތިޢު، 7/377، 378، 379)
- ވާރޭ ފެން
އުޑުން ވާރޭ ވެއްސަވަނީ ﷲ ތަޢާލާއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ [٦٨] أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ [٦٩]﴾ [سورة الواقعة 68 – 69]
މާނައީ: “ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟ [68] ވާރޭވިލާތަކުން އެ ފެން ވެއްސީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ ތިމަންއިލާހު ހެއްޔެވެ؟ [69]”
ވާރޭވެހި އޭގެ ސަބަބުން ބިންގަނޑަށް ދިރުން ލިބުމަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ [سورة فصلت ٣٩]
މާނައީ: “ގަހެއް ނެތި ހިކިފައިވާ ބިން ތިބާ ދެކޭނެއެވެ. ފަހެ އެ ބިމުގެ މައްޗަށް ތިމަންއިލާހު ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން އެ ބިންގަނޑު ދިރުއްވި އިލާހީ މަރުވެފައިވާ ތަކެތި ދިރުއްވާ އިލާހެވެ. ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَهُوَ الَّذِي يُنَزِّلُ الْغَيْثَ مِن بَعْدِ مَا قَنَطُوا وَيَنشُرُ رَحْمَتَهُ ۚ وَهُوَ الْوَلِيُّ الْحَمِيدُ﴾ [سورة الشورى ٢٨]
މާނައީ: “އެއިލާހީ، އެބައިމީހުންގެ އުންމީދު ކެނޑުމަށްފަހު، ވާރޭވެއްސަވައި، އެއިލާހުގެ ރަޙްމަތް ފަތުރުއްވާ އިލާހެވެ. އަދި އެއިލާހީ ގިނަގިނައިން ޙަމްދުލިބިވޮޑިގެންވާ، އެހީތެރިވަންތަ އިލާހެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا فَأَنبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ [٩] وَالنَّخْلَ بَاسِقَاتٍ لَّهَا طَلْعٌ نَّضِيدٌ [١٠] رِّزْقًا لِّلْعِبَادِ ۖ وَأَحْيَيْنَا بِهِ بَلْدَةً مَّيْتًا ۚ كَذَٰلِكَ الْخُرُوجُ [١١]﴾ [سورة ق 9 – 11 ]
މާނައީ: “އަދި ތިމަންއިލާހު އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. [9] އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) [10] (އެއީ) އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންއިލާހު ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ. [11]”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿أَلَمْ تَرَ أَنَّ اللَّهَ أَنزَلَ مِنَ السَّمَاءِ مَاءً فَسَلَكَهُ يَنَابِيعَ فِي الْأَرْضِ ثُمَّ يُخْرِجُ بِهِ زَرْعًا مُّخْتَلِفًا أَلْوَانُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَجْعَلُهُ حُطَامًا ۚ إِنَّ فِي ذَٰلِكَ لَذِكْرَىٰ لِأُولِي الْأَلْبَابِ﴾ [سورة الزمر ٢١]
މާނައީ: “ހަމަކަށަވަރުން ﷲ އުޑުން ފެން ވެއްސަވައި، ދެން ބިމުގެ ތެރޭގައިވާ ފެންފެންގަނޑަށް އެ ފެން ފޮނުއްވައި، ދެން އެ ފެނުން ކުލަތައް ތަފާތުވެގެންވާ ގޮވާމުގެ ބާވަތްތައް ނެރުއްވާތީ ތިބާ ނުދެކެމުހެއްޔެވެ؟ ދެން އެތަކެތި ހިކި، ރީނދޫކުލައިގައިވާތީ ތިބާއަށް ފެންނާނެއެވެ. ދެން އެއިލާހު އެތަކެތި ކުނޑިކުނޑި އެތިއެތިކޮޅުތަކެއް ކަމުގައި ލައްވައެވެ. ހަމަކަށަވަރުން އެކަންތަކުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދާންކޮށްދިނުން ވާކަން ކަށަވަރެވެ.”
ވާރޭވެހުމުގެ ސަބަބުން ބިމަށް ދިރުން ލިބި ގަސްތައް ފެޅުމަށްފަހުގައި، ދެން އެ ގަސްތަކުގެ ފަތްތައް ހިކި ގަސްތައް މަރުވެ، ކުނޑިކުނޑިވެގެން ދެއެވެ. އަދި އަނެއްކާވެސް ވާރޭވެއްސަވާ އަލުން ބިމަށް ދިރުން ލިބި ގަސްތައް ފަޅައެވެ. އިސްވެ ދިޔަ އާޔަތްތަކުގައި ﷲ ތަޢާލާ އެ ވަނީ މިކަމާމެދު ވިސްނާ ފިކުރުކުރުމަށް އަންގަވާފައެވެ. އެއީ އިންސާނުންވެސް މަރުވުމަށްފަހުގައި، އެ ގަސްތައް ފަދައިން ހަށިތައް ފަނާވެދާނެއެވެ. އެއަށް ފަހުގައި ޤިޔާމަތްދުވަހު، އިންސާނުންވެސް އަލުން ދިރުއްވާނެއެވެ.
- ރޯސްވޯޓަރ
ރޯސްވޯޓަރ ނުވަތަ ދިވެހިން ކިޔާނަމަ ފިނިފެނަކީ ފިނިފެންމަލުގެ ފިޔަ ބޭނުންކޮށްގެން ހަދާ ފެނެކެވެ. މިފެނަށް ކިޔަވައިގެން ރުޤްޔާ ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރެއެވެ. މި ފެނުގައި ޖިންނި ޝައިޠާނުންނަށް އަޘަރު ކުރުވައި ކޮންމެވެސް ކަމެއް ހިމެނޭ ކަމަށް ދެބަސްވެލައްވާނެ ރާޤީއަކު ނުހުންނާނޭވެސް ބުނެވިދާނެއެވެ. މިހެން ދިމާވަނީ މި ފެނުގައި ހުންނަ ވަހުގެ ސަބަބުން ކަމަށް ބައެއް ބޭފުޅުން ދެކިލައްވައެވެ. ޚާއްސަކޮށް ސިޙުރު އަދި އެސްފީނާ ޙަސަދައިގެ ސަބަބުން ބަލިމީހާގެ ހަށިގަނޑު ތެރެއަށް ވަދެ އޮންނަ ޖިންނި ޝައިޠާނުންނަށް މި ފެނުގެ ސަބަބުން އުނދަގޫތައް ވާކަމުގައި ރާޤީންނަށް ތަޖުރިބާ ކުރެވިފައިވެއެވެ.
އައްޝައިޚް ވަޙީދް އަބްދުއްސަލާމް އަލް ބާލީ އެ ބޭފުޅާ ލިޔުއްވާފައިވާ “އައްޞާރިމުލް ބައްތާރު” ފޮތުގައި އެކި ކަހަލަ މާ ފެނުގައި ކައްކައިގެން އެ ފެނަށް ކިޔަވާ ސިޙުރަށް ރުޤްޔާ ކުރުމުގައި ބޭނުންކުރެއްވުމަށް ޢިރުޝާދު ދެއްވާފައިވެއެވެ. އެހެންކަމުން މިކަމުންވެސް މާ މަލުގައި ޖިންނި ޝައިޠާނުންނަށް އަސަރު ކުރުވާ ކޮންމެވެސް އެއްޗެއް ހިމެނޭ ކަމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވެއެވެ. އެހެނީ ޝައިޚް އަކީ ޝަރުޢީ ރުޤްޔާގެ ޢިލްމުގައި ވަރަށް އަރާހުންނެވި ޝެއިޚެކެވެ.
އެންމެ ރަނގަޅީ ކޮން ފެނެއް؟
މަތީގައިވާ ހުރިހާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެއްވެސް ޝައްކެއް ނެތް ގޮތުގައި ޝަރުޢީ ރުޤުޔާކުރުމުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު ފެނަކީ ޒަމްޒަމްފެނެވެ. އެއީ އޭގައި ބަރަކާތްލެއްވިގެންވާ މާތް ފެނެކެވެ. އަދި ޝިފާ ލިބެނިވި ފެނެކެވެ. ނަމަވެސް އަޅުގަނޑުމެންނަށް މި ފެން ހޯދުމަކީ އެހާ ފަސޭހަކަމަށް ނުވެއެވެ. މިފެން ލިބުންކަމުގައި ވިޔަސް ، ލިބެނީ ވަރަށް މަދު އެތިފޮދެކެވެ. ޒަމްޒަމް ފެން ލިބޭނަމަ މި ފެނަށް ޤުރުއާނުގެ އާޔަތްތަކާއި ސުންނަތުން ސާބިތު ދުޢާ ތަކާއި އަދި މި ނޫނަސް ހުއްދަ ދުޢާތައް ކިޔަވައިގެން ބަލިތަކަށް ފަރުވާކޮށް ޝަރުޢީ ރުޤްޔާ ކުރުމަށް ބޭނުންކުރުން މޮޅުއިތުރުވެގެންވެއެވެ.
ދެވަނައީ ވާރޭ ފެނެވެ. ވާރޭފެނަކީ ﷲ ތަޢާލާ އުޑުން ވެއްސަވާ އޭގައި ދިރުންވާކަމަށް ބަޔާންކުރައްވާފައިވާ ފެނެކެވެ. ޒަމްޒަމްފެން ލިބެންނެތް ޙާލަތުގައި އެންމެ އައުލާވެގެންވަނީ ޝަރުޢީ ރުޤްޔާ ކުރުމުގައި ވާރޭފެން ބޭނުންކުރުމެވެ. އަޅުގަނޑުމެން އެކި ގޮތްގޮތުން ހަދައިގެން ބޭނުންކުރާ ފެނަށްވުރެ ހުރިހާ ގޮތަކުންވެސް ވާރޭފެން ރަނގަޅުވާނެކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.
މަތީގައި ބަޔާންކުރެވުނު ފެނުގެ ވައްތަރު ތަކުގެ ތެރެއިން ދެން ޝަރުޢީ ރުޤުޔާކުރުމުގައި ރަނގަޅު ފެނެއްކަމުގައި ތަޖުރިބާގެ ގޮތުން އެންމެ އަސަރުކުރުވަނިވި ފެނެއްކަމުގައި އަޅުގަނޑު ދެކެނީ ރޯސްވޯޓަރ ނުވަތަ ފިނިފެނެވެ. އެހެނީ މިފެނުގައި ރޫޙާނީ ބަލިތަކަށް ފަރުވާކުރުމަށް ޚާއްސަ އަސަރެއް އެކުލެވިގެންވުމަށް ތަޖުރިބާ ކުރެވިފައިވުމެވެ. ޤުރުއާނުގެ އާޔަތްތަކާއި ދުޢާތައް ކިޔަވާ މެތުރުމަށްފަހު މި ފެނުގެ މިންވަރެއް އާދައިގެ މިނަރަލް ފެނުގެ ތެރެއަށް އެއްކުރުމަށްފަހު ބުއިމަށްވެސް ބޭނުންކުރެވިދާނެއެވެ. އަދި ފެންވެރުމަށްވެސް ބޭނުންކުރެވިދާނެއެވެ.
މި ތަނުގައި ވަޅުފެން އަޅުގަނޑު ހިމަނާފައި ނުވަނީ ކީއްވެތޯ ބައެއް ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންފާނެއެވެ. ޢާއްމުގޮތެއްގައި ގޭގެއަށް ސިޙުރުހަދާ އިރު ގޭގެ ވަޅުތަކަށް ސިޙުރު ހަދާފައިހުރެއެވެ. ޚާއްސަކޮށް ޢާއިލާއަށް ސިޙުރުހަދާނަމަ މިގޮތަށް މިކަން ކޮށްފައި ހުންނަކަން ވަރަށް ތަޖުރިބާ ކުރެވިފައިވެއެވެ. އެހެންކަމުން ވަޅުފެން ޝަރުޢީ ރުޤްޔާގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ބުއްދިވެރިކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ.
އަޅުގަނޑުގެ ދުޢާއަކީ މި ލިޔުމުން ކިޔުންތެރިންނަށް މުޙިއްމު މަޢުލޫމާތު ތަކެއް ލިބިގެން ދިއުމެވެ.
މަޢުލޫމާތު ނެގި މަސްދަރުތައް:
- ދިސަލަފިއްޔާ ވެބްސައިޓް
- އިސްލާމް ކިއު.އޭ ވެބްސައިޓް
- ޝައިޚް ވަހީދް އަބްދުއްސަލާމް އަލް ބާލީގެ “އައް ސާރިމުލް ބައްތާރު” ފޮތް