ދިވެހިންގެ އަޤީދާ އާއި ސިޙުރު ބާޠިލް ކުރުން

dhivehinge aqeedha ai sihuru baathil

ދިވެހިރާއްޖޭގައި ސިހުރު ހެދުން މިވަނީ އިންތިހާ ދަރަޖައަށް ޢާއްމުވެފައެވެ. އަދި މިކަމަށް ފަރުވާ ކުރުމުގައި އިސްލާމީ ޝަރީޢަތުގައި އޮތްގޮތް ދޫކޮށް ޙަރާމް ގޮތްގޮތަށް ފަރުވާކުރަމުން އަންނަ މީހުންވެސް މަދު ނޫންކަން ފާހަނގަކޮށްލަން ޖެހެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސިހުރުން ސިހުރު ބާޠިލުކުރުމަކީ އެއްވެސް މައްސަލައެއް ނެތް އާދައިގެ ކަމެއްގެ ގޮތުގައި ދެކުމަކީ މިހާރު ވަރަށްވެސް އާންމު ކަމެކެވެ. މިގޮތުން މިހިއްޞާކޮށްލަނީ މިކަންކަމުގައި ދިވެހިންގެ ކިބައިގައި އަށަގެންފައިވާ ނުބައި ޢަޤީދާގެ ވާހަކަތަކުގެ ތެރެއިން ޙަޤީޤީ ވާހަކައެކެވެ.

އެއްދުވަހަކު އަޅުގަނޑު ރާޤީ އަކާއި އެކު ރުޤްޔާ ކުރުމުގައި އެހީތެރިވުމަށް ގެއަކަށް ދިޔައީމެވެ. އެގޭގެ ދެކުއްޖަކަށް ވަނީ ސިހުރުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެއް ކުއްޖެއްގެ ކިޔެވުން ހަލާކުކޮށްލުމަށް ސިހުރުހަދާފައިވާއިރު އަނެއް ކުއްޖަކަށް ވަނީ އޭނާގެ ފިރިމީހާއާއި ދުރުކުރުމަށް ސިހުރުހަދާފައެވެ. ﷲ ގެ ވާޤިފުޅާއެކު އަޅުގަނޑުމެން އެމީހުންނަށް ރުޤްޔާ ކުރަން ފެށީމެވެ. ޤުރުއާން ކިޔަވަން ފެށުމުން ކުއްޖާގެ ހަށިގަނޑަށް ޖިންނި ހާޟިރުވެ ވާހަކަ ދައްކަން ފެށިއެވެ. އެކުއްޖާގެ ކިޔެވުން ހަލާކުކޮށްލާނެ ކަމަށާއި، ހަށިގަނޑު ދޫކޮށްފައި ނުދާނެ ކަމަށް ވެސް ޝައިޠާނާ ބުންޏެވެ. ނަމަވެސް ފަހުން ޝައިޠާނާ ނުކުމެގެން ދިޔައެވެ. އަދި ﷲ ގެ ވާގިފުޅުން އެކުއްޖާގެ ޙާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ރަނގަޅުވަމުންނެވެ. الحمد لله…

ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއްފަހުން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ. އެގެއަށް ދިޔައިރު ގޭގެ ދޮރުތަކުގައާއި އެކި ކަންތަކުގައިވަނީ އަކަ ކުރަހާފައިވާ ލިޔުންތަކެއް ތަތްކޮށް ޝިރުކުގެ ތަކެތިން މުޑުދާރުކޮށްފައެވެ. سبحان الله… އެކުދިންގެ މައިންބަފައިންގެ މޫނުމަތިން ފެނިގެންދިޔައީ މުޅިން އެހެން ކުލަވަރުތަކެކެވެ. މިހެންވުމުން އަޅުގަނޑުމެން ސުވާލު ކުރީމެވެ. “މިއީ ކީއްވެގެން ހަރުކޮށްފައި ހުރި އެއްޗެހިތަކެއް ތޯއެވެ؟ ކާކު ބުނެގެން ކޮން ބޭނުމަކު ކުރިކަމެއްތޯއެވެ؟” މިފަދަ ކަންތައްތަކަކީ އިސްލާމްދީނުގައި ފަރުވާ ކުރުމަށް ނަހީ ކުރައްވާފައިވާ ޙަރާމް ގޮތްތަކެއްކަން އެންމެ ފުރަތަމަ ދުވަހުވެސް ސާފު ސީދާކޮށް ކިޔައިދިނީމެވެ. އެހެން ނަމަވެސް އަޤީދާ ބަލިކަށިވެފައިވާ އެމީހުންގެ ޖަވާބު އެނގިލައްވާތޯއެވެ؟ ކުރިއަށް ވިދާޅުވަމުން ގެންދަވާށެވެ. “ވަކި ތިގޮތަށް ފަރުވާ ކޮށްގެން ވާ ފައިދާއެއް ކޮބާ؟… އަދިވެސް ރަނގަޅެއް ނުވެއެއްނު…” ! މިއީ އެކުދިންގެ ބައްޕަ ރުޅިއައިސް ރަތްވެގެން އަޅުގަނޑުމެންނަށް ރައްދުކުރި “އިޙްތިރާމްގެ” ބަހެވެ. نعوذ باالله … ޝަކުވާ މިދެންނެވެނީ ކޮންފަރާތަކަށް ތޯއެވެ؟ އެބުނި ގޮތުން ނަމަ، އަޅުގަނޑުމެންނަކީ ޝިފާ ދެއްވާ ފަރާތްތޯއެވެ؟ ހަމަހިލާ އެހެނަކުން ނޫނެވެ. ޝަކުވާ ރައްދުވަނީ ﷲ އަށެވެ. ހެޔޮވާނީ ކިހިނަކުން ތޯއެވެ. މާތް ﷲ އެއަޚާގެ ފާފަ ފުއްސަވާދެއްވާށިއެވެ! آمين

ﷲ އަށް ކަމަކަށް ދަންނަވާނަމަ އެކަމެއް ކުރަންޖެހޭނީ ތިމާގެ ހިތުގައި ފުރިހަމަ އަށް ޔަޤީންކަން ބާއްވައިގެންނެވެ. ﷲ އީ ހުރިހާ ކަމަކަށްމެ ކަށަކުޅަދުންވަންތަ އިލާހުކަން ހިތުގެ އަޑިން ޔަޤީންކޮށް ކަށަވަރު ކޮށްގެންނެވެ. އެކަމަށް ކެތްތެރި ވެސް ވެގެންނެވެ. ﷲ އަށް އުރެދި ޖިންނި ޝައިޠާނުންގެ އެހީ ހޯދުމަށް އަކަޖަހައި، ހަށިގަނޑުގެ އެތަން މިތަނުގައި އަޅައިގެން އުޅޭ ތަވީދުތަކުން މިކުރެވެނީ ޝިރުކުކަން މިބައިމީހުންނަށް ނޭނގެނީއެވެ. ނޫންނަމަ ޙައްޤު އެނގުމުންވެސް ކުރީގެ ކާބަފައިންގެ ޚިޔާލުތަކުގައި ހިފަހައްޓައިގެން ތިބުމުން “ލިބޭ މޭވާ އަދިވެސް ދޮންވެ ފައްކަލީކަމަށް” ވުންވެސް އެކަށީގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްފުޅުން އެފަދަ މޭވާއެއްގެ އެއްވެސް އޮއްޓަރެއް ނެތްކަން ހަމަބުއްދި ހުރިމީހަކަށް ޔަޤީންވާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ مَنْ تَعَلَّقَ تَمِيْمَةً فَقَدْ أَشْرَكَ މިފަދައިންނެވެ. މާނައަކީ :” ތަވީދެއް ބަނދެފިމީހާ ޝިރުކު ކޮށްފިއެވެ.” މީގެ އިތުރުން ﷲ ގެ މިވަޙީބަސްފުޅުން ޢިބުރަތެއް ޙާޞިލްކޮށްލުން ވެސް ހެޔޮކަން ބޮޑެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (سورة المائدة : 90) މާނައަކީ : “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.” (5:90)

މިފަދަ ކަންކަމަކީ ﷲ އަށް ކަމަކަށް އެދި ދެންނެވުމުގައި ހުރި އަޅަކު، “ތިމަންނަ މިދުޢާ ކުރާތާ މިވެނި ވަރަކަށް ދުވަސްވެއްޖެއޭ، އަދިވެސް އިޖާބަކުރައްވާކަށް ނޫޅެއޭ” ބުނެ، ދުޢާކުރުމަކުން ވީއެއްވެސް ކަމެއް ނެތްކަމަށް ބުނުންފަދަ ކަމެކެވެ. أستغفر الله !! މިއީ ދުޢާގެ ޝަރުޠުތަކާއި މުޅިން ޚިލާފުވުމެވެ. މިފަދަ ދުޢާ އިޖާބަވާނީ ކޮންފަދައަކުން ތޯއެވެ. އަޅުގަނޑުމެން އެމީހުންނަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އެފަދަ އެއްޗެހި ގޭގައި ހުރެ، ރުޤްޔާ ކުރުން ކުރިއަށް ނުގެންދެވޭނެ ވާހަކަވެސް ބުނީމެވެ. އެތަކެއްޗަށް ސަވާރުވާނީ ޖިންނި ޝައިޠާނުން ކަމާއި، އަދި އެއީ އަޅުގަނޑުމެން މަގުފުރެއްދުމަށް ބޭނުންކޮށްއުޅޭ ހަތިޔާރެއް ކަމުގައިވެސް ބުނެ ހަނދާން ކޮށްދިނީމެވެ. ނަތިޖާއަކީ ކޮބައިތޯއެވެ.

އެކުދިންގެ ބައްޕައަށް ވިސްނުމުގެ ބަދަލުގައި، އައިސްފާވާ ރުޅި އުތުރިއަރަން ފެށިއެވެ. އަދި ބުންޏެވެ. ”ކަލޭމެންނަށް މިކަންތައްތައް ރަނގަޅު ނުކުރެވިގެން ތިއުޅެނީ މިތަކެތި މިތާނގައި ހުރެގެން ހެއްޔެވެ؟ މީގެ ކުރިއަކުން ޤައިމު މިއެއްޗެއްސެއް ނެތެއްނުންހެއްޔެވެ؟” ! މިހެން ބުނުމަށްފަހު އެތަކެތި ހުރި ތަން ތަނުން ނެއްޓުމަށްފަހު އަންދާލިއެވެ. އަދި ގޮންޖެހުމުގެ ގޮތުން ބުންޏެވެ. “ދެން ނިކަން ރަނގަޅު ކޮށްބަލާށެވެ. އެއޮތީ އަންދާވެސް ލާފައެވެ” ! ތިމާއަށް އެ ގޮންޖެހުނީ ކޮންފަރާތަކަށް ކަން ނުވިސްނުނީތީ ހިތާމައިގެ މައްޗަށް ހިތާމަ ހުއްޓެވެ. ﷲ އަށް ގޮންޖެހުމުގެ ވިސްނުން ނިކަމެތި އިންސާނުންނަށް ލިބެންފެށީ ކޮން ވަޤުތަކު ތޯއެވެ؟ އެކަލާނގެއަށް ބިރުވެތިވުމުގެ ކަންފުޅެއްވެސް ނެތީތޯއެވެ؟ ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދެއްކޭނޭ އެކަކުވެސް ނުވެއެވެ. އަދި ތެދުމަގު ދައްކަވައިފި އަޅަކު މަގުފުރެއްދޭނޭ މީހަކުވެސް ނުވެއެވެ. މިއީ ޙައްޤު ތެދު ބަހެކެވެ.

އަޅުގަނޑުމެންގެ ވާޖިބު އަދާކުރުމަށްފަހު އަޅުގަނޑުމެން އެގެއިން ނިކުމެގެން ދިޔައީ ހިތާމަވެރި މޫނަކާއެކުއެވެ. އޭގެ ފަހުން ކަންވީގޮތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރާއްޖޭގެ ރައްޔިތުންނަށް، އިސްލާމްދީނާއި ތަންދޮރު އެނގިފައިވާ މިންވަރަކީ މިއީ ކަމުގައިވާނަމަ ދިންނެވުން ވަނީ ކޮން ގޮތަކުންތޯއެވެ؟

މިލިޔުމަކީ ދިއިސްލާމްގައި ކުރިން އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ

Leave a Reply

Your email address will not be published. Required fields are marked *