ރުޤްޔާގެ ފައިދާ ފުރިހަމަގޮތުގައި ލިބިގަތުމަށް ކުރެވިދާނެ ކަންތައްތައް ( ފުރަތަމަ ބައި )
ރުޤްޔާގެ ފައިދާ ފުރިހަމަގޮތުގައި ލިބިގަތުމަށް ކުރެވިދާނެ ކަންތައްތައް ( ފުރަތަމަ ބައި )
الحمد لله والصلاة والسلام على رسول الله صلى الله عليه وسلم
ރޫޙާނީ ބަލިތަކަށާއި މާއްދީ ބަލިތަކަށްވެސް ޝަރުޢީ ރުޤުޔާކުރުން އަޅުގަނޑުމެންގެ ތެރޭގައި މިހާރުވަނީ ވަރަށް ޢާއްމުވެފައެވެ. ޤުރުއާނުގެ އާޔަތްތަށް އެކި ކަހަލަ ބަލިތަކަށް ފަރުވާލިބިނިވި ތަކެއްޗަށް ކިޔަވައިގެން ބޭނުންކުރަމުންދާ މީހުން އެއްދުވަހުން އަނެއްދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މާއްދީ ބޭސްތަކާއި ދުރަށް މީހުންގެ ވިސްނުމާއި ފިކުރުވަނީ ހުއްޓިފައެވެ. ރޫޙާނީ ގޮތުން ބައްޔަކަށް ފަރުވާއެއް ލިބެން އޮތްނަމަ އެފަރުވާއެއް ކޮބައިތޯ ހޯދާ ބަލައި އަދި އެކަން ދަންނަ މީހުންކުރެ އަހާކަމީ މިއަދު ހަމަ ކޮންމެ މީހަކަށްވެސް އެނގޭ ކަމެކެވެ.
މިހެން މިކަން ހިނގަމުން އައި ކަމުގައިވިޔަސް، ބައެއް މީހުންގެ ފަރާތުން އަންނަ ޝަކުވާއެއް އޮވެއެވެ. އެއީ މިގޮތަށް ފަރުވާކޮށްގެން ބަލިފަސޭހަ ނުވާކަމުގެ ޝަކުވާއެވެ. ނުވަތަ ދުވަސްކޮޅަކު ބަލި ފަސޭހަވެފައި ކުރިން ވީ އުނދަގޫތައް ވާކަން މިފަދަ ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބެއެވެ.
މިހެން މިކަން ދިމާވުމުގައި ސަބަބުތަކެއް ނުހުރެ ނުދާނެކަން ކަށަވަރެވެ. އެހެންކަމުން މި ލިޔުމުގައި އަޅުގަނޑު މި ހިމަނާލަނީ އެއްވެސް ބައްޔަކަށް ފަރުވާކުރާނަމަ ޚާއްޞަކޮށް ރުޤްޔާގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް ކުރެވިދާނެ މައިގަނޑު ކަންތައްތަކެވެ.
ދުޢާ އަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ވާގިފުޅާއެކު މި ލިޔުމުގެ ސަބަބުން ރުޤުޔާގެ ފަރުވާ ލިބިގަންނަ ފަރާތްތަކަށް އެކަމުގެ ފަރުވާ ހެޔޮގޮތުގައި ލިބިގަތުމަށް އިތުރު ބާރެއް ލިބިގެން ދިއުމެވެ. ހަމައެހެންމެ މިކަމަކީ މިއަޅާ ހެޔޮ ޢަމަލުގެ ފަތުގައި ލިޔެވިގެންދާ ކަމެއް ކަމުގައި ވެގެންދިއުމެވެ.
1. ފާފަތަކުން ތައުބާވުން
އަޅުގަނޑުގެމެންނަކީ އިންސާނުންނެވެ. އިންސާނުން އުފައްދަވާފައިވަނީ ފާފަކުރެވޭ ގޮތުގައެވެ. ފާފަތައް ޒީނަތްތެރިކޮށް އެފާފަތައް އިންސާނުންލައްވައި ކުރުވުމަށް ޝައިޠާނާ ކެނޑި ނޭޅި މަސައްކަތް ކުރަމުންދެއެވެ.އެހެންކަމުން އެންމެ ހެޔޮމީހަކީ އަބަދުވެސް ފާފަކުރެވޭ ހިނދުން އެ ފާފައިން ތަޢުބާވާ މީހާއެވެ. ކިތައްމެ ގިިނައިން ފާފަ ކުރެވިފައިވާ މީހާވެސް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލުމެއް ނެތެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾ سورة الزمر
” ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ. ”
އަޅުގަނޑުމެންނަށް އެނގިގެންވެސް އަދި ނޭގިވެސް ފާފަކުރެވޭނެއެވެ. އެހެންކަމުން ފާފަކުރާ ހާލު އެ ފާފަތަކުން ތައުބާނުވެ ހުރެ ރުޤްޔާގެ އެހީގައި ބަލިތަކަށް ފަރުވާ ކުރަމުން ދިއުމަކީ އެކަމުން ލިބެންޖެހޭ ފުރިހަމަ ފައިދާ ލިބިގެން ނުދާނެކަމެއްކަން ޔަޤީނެވެ. ބަލިތަކުން ފަސޭހަވުމަށް އަޅުގަނޑުމެން ފަރުވާކުރުމާއެކު ﷲ އަށް ދުޢާ ދަންނަވުމުއެވެ. ނަމަވެސް ފާފަކުރުމަކީ ދުޢާ އިޖާބަވުމަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾ سورة نوح
“ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ.(އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ.އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ.”
2. ގިނަގިނައިން އިސްތިޣްފާރުކުރުން
ގިނައިން އިސްތިޣްފާރުކުރުމަކީ އަޅުގަނޑުމެންނަށް ކަންކަން ކުރުމަށް ފަސޭހަވެ މަގުފަހިވެގެންދާނެ ކަމެކެވެ. އެއީ ބަލިތަކުން ސަލާމަތްވުން ކަމުގައިވިޔަސް، ރިޒްޤް ތަނަވަސްވުން ކަމުގައިވިޔަސް ނުވަތަ ދިރިއުޅުމުގައި ތިމާ ކުރާ އެހެނިހެން މަސައްކަތުގައި ވިޔަސްމެއެވެ. މިކަމަށް އިޝާރާތް ކުރައްވާ ﷲ ކީރިތި ޤުރުއާނުގައި ވަހީ ކުރައްވާފައިވެއެވެ.
وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى وَيُؤْتِ كُلَّ ذِي فَضْلٍ فَضْلَهُ ۖ وَإِن تَوَلَّوْا فَإِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ كَبِيرٍ ﴿٣﴾ سورة هود
“އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ أجل ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި عمل އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި عمل އެއްގެ ޖަޒާ (قيامة ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.”
އެހެންކަމުން މިކަމަކީ އެއްވެސް ހާލެއްގައި އަހަރެމެން ދޫކޮށްލައިގެން ވާނެކަމެއް ނޫނެވެ. އިސްތިޣްފާރު ކުރުމަކީ ނަބިއްޔާވެސް އެކަމުގައި އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވާފައެވެ. ފާފަތަކުން ޠާޙިރު ކުރައްވާފައިވާ ޙާލުގައިވެސް އެކަލޭގެފާނުވެސް ވަނީ އިސްތިޤްފާރު ކުރައްވާފައެވެ. އަދި އަޅުގަނޑުމެންފަދަ ބަލިކަށި ފާފަތަކުން ތަތްތެޅިފައިވާ އިންސާނުން މިކަން ކުރުން މާ އައުލާކަން ބޮޑު ނޫންތޯއެވެ.
އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރެއްވިއެވެ.
” ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމެވެ. އަދި ދުވާލަކު 70 ފަހަރަށްވުރެ ގިނައިން ތައުބާވުމަށް އެދި ދަންނަވަމެވެ. ” ( ރަވާހު ބުޚާރީ )
3. ޖަމާޢަތުގައި ނަމާދުކުރުމަށް ސަމާލުކަން ދިނުން
އިސްލާމްކަމުގެ އެންމެ ފުރަތަމަ ރުކުނަކީ ޝަހާދަތް ކިޔުމެވެ. އެއަށްފަހު ނަމާދު ޤާއިމް ކުރުމެވެ. އެހެން ކަމުން ދީނުގެ ރުކުނެއް ދޫކޮށްލުމަކީ ވަރަށް ބޮޑު ފާފައެކެވެ. ނަމާދު ކުރުމާއި ނަމާދު ޤާއިމް ކުރުމަކީ މުޅީން ދެކަމެކެވެ. ނަމާދު ޤާއިމް ކުރުމަކީ އެއްވެސް ޙާލެއްގައި ދުވާލަކު ނަމާދެއް ނުވަތަ ދެ ނަމާދު ނުވަތަ ތިން ނަމާދު ނުވަތަ ހަތަރު ނަމާދު ކުރުމެެއް ނޫނެވެ. 5 ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ. ޚާއްޞަކޮށް ޖަމާޢަތުގައި ނަމާދުކުރުމެވެ.
ނަމާދުނުކޮށް ކުރާ ރުޤުޔާއަކުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. މިކަން މިހެން ކުރުމަކީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމެކެވެ. ފުރަތަމަ ކަމަކީ ﷲ ގެ އެންގެވުންތަކަށް ބޯލަނގައި ކިޔަމަންވުމެވެ. ވަޤުތު ކަނޑައެޅިފައިވާ އަޅުކަމެއް އަދާ ނުކުރުމަކީ ﷲ އަށް ކިޔަމަންތެރިނުވުމެވެ. މިފަދައިން ޢަމަލުކޮށްގެން ރުޤްޔާގެ މަންފާ ހާޞިލްވާނެތޯ ތިބާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލައްވާށެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
….إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿١٠٣﴾ سورة النساء
“……ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.”
ﷲ ގެ މަތިން ހަނދުމަކުރުމުންނާއި އަދި އެކަލާނގެ ކިޔަމަންތެރިކަމުން ދުރުވެގަންފި މީހަކަށް ދުނިޔޭގައިވެސް އޮތީ ދަތި އުނދަގޫ ދިރިއުޅުމެއްކަން ކީރިތި ޤުރުއާނުން ފެންނަން އެބައޮތެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
ومَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ﴿١٢٤﴾ سورة طه
“އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި محشر އަށް ފޮނުއްވާހުށީމެވެ.”
އެހެންކަމުން ޤުރުއާނުން ފަރުވާލިބިގަންނަން ބޭނުންވާ މީހަކީ 5 ވަޤުތު ނަމާދު އަދާ ކުރާ މީހަކަށް ވާންޖެހޭނެއެވެ.
4. ގިނަގިނައިން ކީރިތި ޤުރުއާން ކިޔެވުން
ކީރިތި ޤުރުއާނަކީ އެއްވެސް ޙާލެއްގައި ، އޭގެން ބައެއް އާޔަތްތައް ނުވަތަ ސޫރަތްތައް ނަގައިގެން ގޭގެ ފާރުތަކުގައި ލިޔެ، ނުވަތަ އެހެން އެއްޗެހީގައި ލިޔެ ގޭގެ އެކި ތަންތަނުގައި ތަތްކޮށް ނުވަތަ އެލުވާ ހަދަން އޮތް އެއްޗެއްނޫނެވެ. އަދި ކިއެއްތަ، އޭގެން އާޔަތްތައް ކަރުދާހުގައި ނުވަތަ ޖަނަވާރުގެ ހަމުގައި ލިޔެ ތަވީދު ހަދައި ގައިގެ އެތަން މިތަނުގައި އެލުވަން އޮތް އެއްޗެއްވެސް ނޫނެވެ.
އަހަރެމެން އެ ޤުރުއާނުން ފައިދާ ލިބިގަތުމަށް އޮތީ އެފޮތް ކިޔެވުމެވެ. ﷲ ގެ ކާލާމްފުޅުގައިވާ އާޔަތްތަކާއި މެދު ފުންކޮށް ވިސްނައި އެޔާއި މެދު ފިކުރުކޮށް ހެދުމެވެ. މިކަމުގެ ސަބަބުން، އިންޝާ ﷲ، އަހަރެމެންނަށް ޖެހިފައިވާ ރޫޙާނީ ބަލިތަކާއި މާއްދީ ބަލިތަކަށްވެސް ޝިފާ ލިބިގެންދާނެއެވެ. ޤުރުއާނަކީ މުއުމިނުންނަށްވާ ޝިފާއެކެވެ. އަދި އަނިޔާވެރިންނަށް އޮތް ގެއްލުމެކެވެ. ﷲ ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾ سورة الإسراء
“ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ.”
އެހެންކަމުން ރުުޤުޔާގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް އޮތީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ގިނަގިނައިިން ކިޔެވުމެވެ. މިކަމުގެ ސަބަބުން ޝައިޠާނާ ބަލިމީހާއާއި ދުރަށް ދާނެއެވެ. ހަމައެހެންމެ ހަށިގަނޑުގައި ޖިންނިއެއްވަދެ އޮންނަ ނަމަ އެ ޖިންނިއެއް ބަލިވެ ހަށިގަނޑުން ނިކުތުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމެކެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތެވެ.
އަބޫ ޙުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
” އެ ގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ގެޔަކުން ޝައިޠާނާ ފިލަން ދުވެއެވެ. ” ( ޞަޙީހް މުސްލިމް )
މީގެ އިތުރުން ސޫރަތުލް އިޚްލާޞް، ސޫރަތުލް ފަލަޤް އަދި ސޫރަތުއް ނާސް ކޮންމެ ދުވަހަކުވެސް ކިޔެވުމަކީ މިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ހައްލެކެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔުމަށް އާދަ ކުރާށެވެ. ބަލި އެއްކޮށް ފިލާ ދިއުމުގެ ބޮޑު ބާރެއްކަމުގައި މިކަން ވެގެންދާނެއެވެ.
5. ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުން
ޝައިޠާނާގެ ފަރާތުން ރައްކާތެރިވުމަށް އޮތް އެންމެ މުހިއްމު އަނެއް ހަތިޔާރަކީ ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމެވެ. މިކަމުގެ ސަބަބުން ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރި ވުމުގެ އިތުރުން ދުނިޔޭގައި ތިބާއަށް ދިމާވާ ދަތި އުނދަގޫ ކަންކަމުންވެސް ﷲ ރައްކާތެރިކޮށްދެއްވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا ﴿٢٥﴾ سورة الانسان
“އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ”
މީގެ އިތުރުން ގެއަށް ވަންނަމުން އަދި ނިކުންނަމުން ކިޔާ ދުޢާތަކާއި، ފާޚާނައަށް ވަންނަމުން ކިޔާ ދުޢަތަކާއި ޛިކުރުތަކުގައި ވަރުގަދައަށް ހިފަހައްޓާށެވެ. ގެއިން ނިކުންނަމުންނާއި ވަންނަމުން ﷲ ގެ ރައްކާތެރިކަމަށް އެދި އެކަލާނގެއަށް ވަކީލު ކުރާ މީހަކަށް އެއްވެސް ޖިންނި ޝައިޠާނަކަށް ނުވަތަ ސިހުރުވެރިޔަކަށް ނުވަތަ އެއްވެސް މީހަކަށް ދެވޭނެ ގެއްލުމެއް ނޯންނާނެއެވެ.ހަމަ މިފަދައިން ފާޚާނައަކީވެސް އެތަނެއްގައި ޖިންނި ޝައިޠާނުންގެ ގޮވައްޗެކެވެ. މިތަންތަނަށް ވަންނަމުން އަދި ނިކުންނަމުންވެސް ﷲ ގެ ރައްކާތެރިކަމަށާއި ފުއްސެވުމަށް އެދޭނަމަ އެތަކެތީގެ ސަބަބުން ރައްކާތެރިވާނެއެވެ.
އަލް އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
” ހެނދުނާއި ހަވީރުގެ ޛިކުރުތައް އައްޑަނައެއްފަދައެވެ. އެ އައްޑަނައިގެ ބޯމިން އިތުރުވި ވަރަކަށް އަންނަ ތީރުގެ އަސަރު ކުޑަވެދެއެވެ. އަދި ކީއްހެއްޔެވެ. އަދި ކީއްހެއްޔެވެ. އެ ތީރު ޖެހި މީހާއާއި ދިމާލަށް އަނބުރާ ދާވަރަށް އެ އައްޑަނައިގެ ބާާރު ގަދަވެގެންދެއެވެ. ”
އިބްނުލް ޤައްޔިމް ރަޙިމަހުﷲެ ގެ މި ބަސްފުޅުން ވަރަށް ފުން މާނައެއް ދޭހަކޮށްދެއެވެ. މިސާލަކަށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ސަބަބުން ﷲ ގެ ރައްކާތެރިކަން ފުރިހަމައަށް ލިބިފައިވާ މީހަކަށް ، ބަޔަކު ގެއްލުމެއް ދިނުމަށް ބަޔަކު ރޭވިކަމުގައި ވިޔަސް އެމީހަކަށް ގެއްލުމެއް ނުލިބި އެކަން ރޭވިބަޔަކަށް އެކަމެއް ޖެހިދާނެކަން މިބަސްފުޅުން ހާމަވެއެވެ. މިގޮތުން ސިހުރުވެރިން ހަދާ ސިހުރާއި ޖިންނި ޝަިޠާނާގެ މަކަރުވެރި ރޭވުންތަކާއި އަދި އެހެނިހެން އިންސާނުންގެ ނުބައިކަމުންވެސް ޛިކުރުތަކުގެ ސަބަބުން ރައްކާތެރިވެގެންދާނެއެވެ. އިންޝާ ﷲ!
އެހެންކަމުން ރޫޙާނީ ބަލިމަޑުކަމުންނާއި މާއްދީ ބަލިތަކުން ސަލާމަތްވެ ރައްކާތެރިވެ ހުރުމަށް ދާއިމީ ގޮތެއްގައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ވަރަށްވެސް މުހިންމު ހަތިޔާރެކެވެ. ހަމައެހެންމެ ބަލިމަޑުކަމުގައި އުޅެމުންދާ ފަރާތްތަކަށް އެ ބަލިމަޑުކަމުން ސަލާމަތްވުމަށް ﷲ އަށް ޛިކުރުކުރުންމަތީ ދެމިހުރުމަކީ މިކަމަށް ލިބިގެންދާނެ އިތުރު ބާރެކެވެ.
( ނުނިމޭ )