ސިޙުރުން ސަލާމަތްވެ ތިބެމާ!

ސިޙުރު ފެށުނު ގޮތް

ސިޙުރުގެ ތާރީހު މޫސާ ޢަލައިހިއް ސަލާމަށް ވުރެ މާކުރިއަށް ދެމިގެން ވާކަން ތާރީހުން އެނގެއެވެ. އެކަމަކު އިސްލާމީ ނަޒަރަކުން ބަލާއިރު ސީދާ އެކަން ފެތުރުނީ މިވެނި އަހަރެއްގައޭ ބުނެވޭހާ ސާފު މައުލޫމާތެއް ނުލިބުނެވެ. އެކަމަކު އިސްލާމީ އިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތި އެއް ކަމެއް އެނގެން އެބަ އޮތެވެ. އިންސާނުންނާއި ޖިންނީން ވެސް އެންމެ ފުރަތަމަ ސިޙުރު ދަސްކުރީ ކޮންބައެއްގެ ގާތުން ކަމެވެ. ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ﷲ ތަޢާލާ އެކަން ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އެ އާޔަތުގެ މާނައިގައި ވާގޮތުން އިންސީންނައި ޖިންނީންނަށް ސިޙުރު ދަސްކޮށްދެއްވީ ބާބިލަށް ފައިބައިވަޑައިގެންނެވި ދެ މަލާއިކަތެކެވެ. އެއީ ހާރޫތާއި މާރޫތެވެ. އެ ދެބޭކަލުންގެ އަރިހުން ސިޙުރު ދަސްކުރަން އައި މީހުންނަށް އެ ޢިލްމު އުގަންނަވައި ދެއްވުމުގެ ކުރިން ކުރެއްވި އިންޒާރެއް އެއާޔަތުގައި ވަޙީކުރައްވާފައި އެބަ އޮތެވެ. އެދެބޭކަލުން ވިދާޅުވާކަމުގައި ވީ ” ތިމަންމެންނަކީ ފިތުނައެކެވެ. ﷲ އަށް ކާފިރު ނުވާށެވެ” މިހެންނެވެ. މުރާދަކީ ސިޙުރު ދަސްކޮށްްފި ނަމަ އެބަޔަކު ކާފަރުވާނެ ކަމެވެ.

އެކަމަކު އެ އާޔަތުގެ މާނަަައިން އެނގޭ އަނެއް ކަމަކީ ސިޙުރަކީ ސުލައިމާން ޢަލައިހިއް ސަލާމްގެ ރަސްކަމުގެ ތެރެއިން އައި ކަމެއް ކަމަށް ޝައިތާނުން ދައްކާ ވާހަކައަކީ ދޮގެއް ކަމެވެ. އެ އާޔަތުގައި އަންގަވާފައި ވަނީ  ސިޙުރުގެ ތެރެއިން އެ ޝައިތާނުން ދަސްކޮށްްފައި ވަނީ ހާރޫތާއި މާރޫތަށް ބާވައިލެއްވި އިލްމުގެ ތެރެއިން ދަސްކުރި އެއްޗެއް ކަމެވެ. ސުލައިމާން ޢަލައިހިއް ސަލާމަކީ މޫސާ ޢަލައިހިއްސަލާމަށް ވުރެ ފަހުން ވަޑައިގެންނެވި ބޭކަލެކެވެ. އެހެންވީމާ ގަބޫލުކުރެވޭ ގޮތުގައި ހާރޫތާއި މާރޫތު ބާބިލުގައި ސިޙުރު ދަސްކޮށްދެެއްވީ މޫސާ ޢަލައިހިއް ސަލާމް އަށް ވަޑައިގެންނެވުމުގެ ވެސް މާކުރިންނެެވެ.

ސިޙުރު ހަދާ މައިގަނޑު ސަބުބުތައް

މީހުން ސިޙުރު ހަަދަން އެދުންވެރިވާ ގިނަ ކަންތައްތަކެއް ހުރިކަން އަހަރެމެންގެ މިހާރުގެ މުޖުތަމައުތަކުން ވެސް މިދަނީ ފެންނަމުންނެވެ. އޭގެ ތެރެއިން އެންމެ ގިނައިން އަޑު އިވޭ އެއް ކަމަކީ ދެމަަފިރިންގެ ދެމެދު ރުޅިވެރިކަން އުފައްދައި ދެމީހުން ވަކިކުރުމެވެ. މިއީ ޤުރުއާނުގެ ކުރިން ބުނެވި ދިޔަަ އާޔަތުގައި ވެސް ސާފުކޮށް ބަޔާން ކުރައްވާފައިވާ ހަގީގަތެކެވެ. ހާރޫތާއި މާރޫތުގެ އަރިހުން މީހުން ދަސްކުރި ކަމަށް އަންގަވާފައި އޮތް އެއް ކަމަކީ “މީހާއާއި އޭނާގެ އަންހެނުން ވަކިކުރުމެވެ”.

ތާރީހީ ފަތްފުށްތަކުން އެނގެން އޮތް އަނެއް ސަބަބަކީ އެކަކުގެ މައްޗަށް އަނެކަކު މޮޅުވެ، ކުރިއަރައި ދިއުމެވެ. މޫސާ ޢަލައިހިއް ސަލާމަށް ގޮން ޖެހުމަށް ފިރުއަނު ވެސް ކުރީ އެކަންތަކެވެ. މިސްރުގެ ސިޙުރުވެރީން އެއްކޮށް މުބާރާތެއްގެ ގޮތުގައި ސިޙުރު ހަދަން ފިރުއައުނު ނިންމީ އެސަބަބާ ހެދި ކަމަށް ވެދާނެ އެވެ.

މިޒަމާނުގައި ތުންތުން މަތިން އިވޭ ވާހަަކަތަކަށް ބަލާއިރު ސިޔާސީ ޕާޓީތައް ވަރުގަދަކޮށް އެހެން ޕާޓީތަކުގެ މައްޗަށް ގަދަވެ ގަތުމަށް ސިޙުރު ހަދާކަން އެނގެ އެވެ. އެކަމަކު މިއިން ކަމަކީ އަދި ރަނގަޅަށް ތަހުގީގު ކުރެވި ސާބިތު ކުރެވިފައިވާ ކަމެއް ނޫނެވެ. އެކަމަކު އެގޮތަށް ސިޙުރު ހެދިކަމަށް ޝައްކުކުރެވޭ ކަންތައްތައް ހިނގާފައި އެބަހުއްޓެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ އެއް ސަބަބަކަށް ފެންނަން އޮތީ ތައުލީމަށް ހުރަސް އެޅުމެވެ. އެކަމަށް ރާއްޖޭގައި ގިނަ ގިނައިން ސިޙުރު ހަދާއިރު އެފަދަ ކަންތައްތަކުގެ އަސަރު އެ ދަރިވަރުން ކިޔަވާ މުޅި ސްކޫލަށް ޖެހިފައި ވެސްް އެބަ ހުއްޓެވެ. ބައެއް ސްކޫލްތަކުގައި އެއް ފަހަރާ ގިނަ ކުދިން ތަކެއް ބަލިވުން ފަދަ ކަންތައްތައްކުގެ ވާހަކަ ގިނައިން އިވެނީ އެ ސަބަބާ ހެދި ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި ސިޙުރު ހަދާ ކަމަށް އެންމެ ގިނައިން އަޑު އިވޭ އަނެއް ކަމަކީ ވަކި މީހަކު ވަކި ރަށެއްގައި ނުވަތަ ގެއެއްގައި ދިރިއުޅުނަ ނުދިނުމެވެ. އެކަން އަޅުގަނޑަށްވެސް ފެނިފައި އެބަހުއްޓެވެ. އެހެންވެ އެ ފެނުނު ހާދިސާ މިތާނގައި ލިޔެލާނަމެވެ.

މެދުރާއްޖެ ތެރޭގެ ރަށެއްގައި އަލަށް އިމާރާތްކުރަން އުޅޭ ގެއެއްގެ އިންފާރު ރާނަން ކޯރު ކޮނުމަށް ފަހު ކޮންމެވެސް ސަބަބަކާ ހެދި އެ މަސައްކަތް ނުކޮށް ހުއްޓައިލި އެވެ. އެގޭގެ މީހުން އެނބުރި މަސައްކަތަށް އައީ ދެތިން ހަތަރު ދުވަހެއް ފަހުންނެވެ. ވެލިގަނޑުގެ ހިކިކަމާ ހެދި ކޯރުގެ އެކި ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ވެލި ފައިބާފައި އޮތުމުން އެމީހުން އެކަން ރަނގަޅު ކުރަން ވެލިތައް ކަހަން ފެށި އެވެ. އެގޮތުން ކަހައިލި ކަހައިލުމުން ފެނުނީ ޝައްކު އުފެދޭ ގޮތަކަށް އޮތް ކުޑަ ހިރިއެކެވެ. އެ ހިރިއާ މެދު ޝައްކުގެ ނަޒަރަކުން ބެލުނީ އޭގައި ކަޑި ލާފައި އޮތުމުންނެވެ.

ހިރި ނަގައި ބެލި އިރު އޭގައި އޭތި މީތި ލިޔެ، އަކަ ކުރަަހައި މޮހޮރެއް ވެސް ޖަހާފައި ހުއްޓެވެ. އެރަށުގައި ރާޤީއަކަށް އެ ހިރި ދެއްކުމުން އެއްވެސް ސުވާލެއް ނޫފައްްދައި އޭނާ ބުނީ އެއީ ސިޙުރު ހަދާފައި އޮތް ހިރިއެއް ކަމަށެވެ. ދެން އެމީހުން ހިރި އަންދާލީއެވެ.

ރާއްޖޭގައި ސިޙުރު ހެދުމުގެ ކަންތައް ފެށިގެން އައި ގޮތް

ރާއްޖެ އިސްލާމްވުމުގެ ފަހުގެ ތާރީހުން ފެންނަން އޮތް ގޮތުގައި އޭރުއްސުރެ އެކި ނަންނަމުގައި ސިޙުރު ހެދުމުގެ ނުބައި އަމަލު އަައީ ހިންގަމުންނެވެ. މަސްވެރިކަަމަށް ކިޔެވުމުގެ ނަމުގަޔާއި އިރުވަރުން ތަންތަނުގެ ބިންގާ އެޅުމުގެ ނަމުގަ އެވެ. އެކަން މޫލާފައި އޮތް ވަރަކީ ކޮންމެވެސް އެއްޗެއް ލިޔެ ވަޅުލައި ނުވަތަ އައްސައި ހަދައިގެން ނޫނީ ގެއެއް ބިނާކުރުން ނުވަތަ އޮޑިދޯނި ފަހަރު ބަނުން ފަދަ ކަންތައްތައް ވެސް ނުކުރާ ހިސާބަށް ގޮސްފައި އޮތުމެވެ. ފަންޑިތައިގެ ނަމުގައި އެކި އެއްޗިހީގައި އަކަ ކުރަހައި، ތަވީދު ލިޔެ ހެދުން އޮތީ އާއްްމުކޮށް މީހުން ބަލައިގަންނަ ކަމަކަށް ވެފަ އެވެ. އަދި އެފަދަ ކަންތައްތައް ކުރާ މީހުން ތިބީ މުުޖުތަމައުގައި ގަދަރު އުފުލިގެންވާ ބަޔަކަށް ވެސް ވެފައެވެ.

އިހުގެ އެކި އެކި ފުލޯކު ވާހަކަތަކާއި ތާރީހުގެ އެކި އެކި ހާދިސާތަކުން ފެންނަން އޮތީ މި ހަގީގަތެވެ. ސިޙުރު ހެދުމުގެ އިތުރުން ވެސް އިސްލާމީ ޢަޤީދާއާ ބީރަށްޓެހި ޚުރާފީ އެތައް ކަމެއް އައީ ކުރަމުންނެވެ. މަރުވެފައިވާ މީހުން މެދުވެރިކޮށް ކަންތައްތަކަށް އެދި ދުއާ ކުރުމަކީ ވެސް އެފަދަ ކަމެކެވެ. މާލޭގައި މިހިރަ މެދު ޒިޔާރަތަކީ މީގެ ހެއްކެކެވެ.

ސިޙުރުގެ ސަަބަބުން މީހުންނަށް ލިބޭ ގެއްލުންތައް

ސިޙުރުގެ ސަބަބުން މީހުންނަށް ލިބިފައިވާ ވަރަށް ބޮޑެތި ގެއްލުންތައް ފެންނަން އެބަ ހުއްޓެވެ. އަޅުގަނޑު ލޮލުން ދެކެ އަތުން ހިފާފައިވާ އެތައް  ކަމެއް ވެސް އެބަ ހުއްޓެވެ. ރާއްްޖޭގަައި މީގެ އެންމެ މަޝްހޫރު އެއް ވާހަކައަކީ ރާއްޖޭގެ ފުރަތަަަމަ ރައީސް މުޙައްމަދު އަމީން އަވަހާރަކޮށްލަން ބަޔަކު ސިޙުރު ހެދި ވާހަކައެވެ. އެކަމުގައި އަމީނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ވާހަަކައާއި ސިޙުރު ހެދި މީހުން ހޯދައި މަރުގެ އަދަބު ދިން ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އެހެންވެ އޭގެ ތަފްސީލަކަށް ނުދާނަމެވެ.

އެއަށް ވުރެ ކައިރިން ޚުދު އަޅުގަނޑު ތަޖުރިބާ ކޮށްފައިވާ ދެ ވާހަކައެއް މިތާނގައި ގެންނާނަމެވެ. އުތުރުގެ އަތޮޅެއްގައި ދެމަފިރިއެއްގެ ތިބި ހަތަރު ފިރިހެން ދަރިންގެ ތެރެއިން ދެވަނަ ދަރިފުޅު ރަށުން ބޭރަށް ވަޒީފާއަކަށް ފޮނުވަން އުޅުމުން އެކަމާ ދެކޮޅު ހަދާތީ އާދައިގެ މަތިން “ކަންވެރިބެ” ލައްވައި “ކަމެއް” ކުރި އެވެ. ނަތީޖާ އެހިނދަށް ވަރަށް ރަނގަޅެވެ. ޒުވާނާ ދާދި އަވަހަށް ފުރައިގެން މާލެ ހިނގައްޖެ އެވެ.

އެކަމަކު އެކަންވީ މައިންބަފައިން އެދުނު ފަދަ ކަމަކަށް ނޫނެވެ. ވަޒީފާއަށް ރަށުން ފުރައިގެން ދިޔަ ޒުވާނާ އާއިލާއާއި ހުރިހާ ގުޅުމެއްހެން ކަނޑައިލިއެވެ. އެ ދުވަސްވަރަކީ ސިޓީބިޓީގެ ޒަމާން ކަމަށް ވާތީ މައިންބަފައިން ރޮއި އާދޭސްކޮށް އެތައް ސިޓީއެއް އޭނާއަށް ލިއުނެވެ. ގިނަ ސިޓީތަކަށް ޖަވާބެއް ނުދިން ތާނގައި ރަށަށް ނުވެސް އައެވެ. އެހެން ގޮސް އޭނާ އެހެން ރަށެއްގެ މީހަކާ އިނދެ އެރަށުގައި ވަޒަންވެރިވި އެވެ.

އޭނާ ރަށަށް އަންނަން ކިރިޔާ ވިސްނާލީ ވެސް އުމުރުން 50 އަހަރުވީ ފަހުންނެެވެ. އޭރު ބައްޕަ އޮތީ މަރުބަލީގައި ޖެހި ބަލި އެނދުގައެވެ. މަންމަވެސް އެހާ ބައްޔެވެެ. ރަށަށް ހަމަ އައުމާ އެކު އެ ފިރިހެން މީހާގެ ސިކުނޑި ހަމައިން ނެއްޓެ އެެވެ. ކައިރި ރަށަކަށް ދާން ނަމަވެސް އެރަށުން ބޭރުވުމާ އެކު މައްސަލަ ހައްލުވެ އެވެ. އޭނާ މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. ކީރިތި ޤުރުއާނުގައިވާ ފަރުވާތަކެވެ.

ސިޙުރުވެިރންނަށް އަމާންކަން މަތީ އުޅެވެނީ ކީއްވެ؟

ސިޙުރުވެރިންނަށް ރާއްްޖޭގައި މިހާރު މި އޮތް ވަރުގެ އަމާންކަން ލިބުނީ ކުރިން ވެސް ދެންނެވި ފަދައިން އެމީހުން އެކުރަނީ ކިހާ ވަރެއްގެ ނުބައިކަމެއްކަން މުޖުތަމައަަށް ވިސްނައި ނުގަނެވޭތީ އެވެ. އެކަމުގެ ހަގީގީ ކަންބޮޑުވުން މުޖުތަމައުގައި ނުއުފެދޭ އެއް އެތައް ޒަމާނަަކުއްސުރެ ސިހުރުވެރިންގެ ގަދަރު ރާއްޖޭގައި އުުފުލިފައި އޮތުމެވެ.

ދެވަނަ އަދި އެންމެ އުނދަގޫ ސަބަބަަކީ އެމީހުންގެ ބޭނުން ހިފަމުން އަންނަނީ ގައުމުގައި ވަަރަށް ނުފޫޒުގަދަ ބަޔަކަށް ވުމެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބޮޑުންނާއި ބޮޑުންގެ ގޮތުގައި އަައުމުގެ ފުރުސަތު އޮތް އިދިކޮޅު ޕާޓީތަކުގެ މީހުން ހިމެނުމެވެ. އެހެންވެ، ސިޙުރުވެރިންނާ މެދުގައި ކަމާ ބެހޭ އިދާރާތަކުން މިހައިތަނަށް އަޅަމުން އަންނަތަން ފެންނަނީ ވަަރަށް ދޯހަޅި ފިޔަވަޅުތަކެވެ. ބައެއް ރަށްރަށުގައި ސިޙުރު ހަދާތީ މީހުން ޝަކުވާ އުފުލުމުން ފުލުހުން ގޮސް، ތުހުމަތު ކުރެވޭ މީސްމީހުންގެ ގެތައް ބަލައި ފާސްކޮށްފައި އެބަހުއްޓެވެ. އެ ތަންތަނުން ސިޙުރު ފޮތްތައް ފެނުމުން އެ ފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މީހުންނަށް ފިޔަވަޅެއް ނާޅަ އެވެ.

ޙައްލަކީ އިސްލާމީ ޝަރީއަތް

ސިޙުރު ހެދުމަކީ ޤުރުއާނުގެ ނައްސުން އެނގޭ ފަދައިން ކުފުރުގެ އަމަލެކެވެ. އެއީ ޝަރީކުރުމާ އެއްވަރު ކަމެކެވެ. އެކަމުގައި އެކުލެވިގެން ވަނީ ޝައިތާނުންނަށް އަޅުކަން ކުރުމަށް ކަމަށް ވާތީ އެވެ. އެހެންވެ އުއްމަތުގެ ބޮޑެތި ބޮޑެތި އިމާމުން އިއްތިފާގު ވެވަޑައިގަންނަވާފައިވާ ގޮތުގައި އެކަމަށް އިސްލާމްދީނުގައި އޮތް އަދަބަކީ މަރުގެ އަދަބެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންމެ އަރިސް ސަޙާބާއިން ކަމަށްވާ ޢުމަރުލް ފާރޫޤު އަދި އުސްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހުމާ ހިމެނިވަޑައިގަންނަވަ އެވެ.

އިސްލާމީ ޝަރީއަތް ކިރިޔާވެސް ތަންފީޒު ކުރާ ގައުމުތަކުގައި މިހާރުވެސް އެކުށަށް ދެނީ މަރުގެ އަދަބެވެ. ސައުދީ އަރަބިއްޔާގައި ސިޙުރު ހެދުމުގެ ކުށުގައި 2012 ވަނަ  އަހަރު މޫރީ ބިން އަލީ ބިން އިއްސާ އަލް އަސީރީ ނަމަކަށް ކިޔާ މީހަކަށް މަރުގެ އަދަބު ދިނެވެ. އެގައުމުގައި 2011 ވަނަ އަހަރު އާމިނާ ބިންް ސަލީމް ނަސީރު ނަމަކަށް ކިޔާ އަންހެނަކަށް އަދި 2014 ވަނަ އަަހަރު މުހައްމަދު ބިން ބަކުރު އަލް އަލާވީ ނަމަކަށް ކިޔާ މީހަކަށް މަރުގެ އަދަބު ދިނެވެ.

އެގައުމުގައި މަރުގެ އަދަބު ދެނީ ކަނޑިން ޖަހައި ބޯބުރިކޮށްލައިގެންނެވެ. އަދި އެއީ އާއްްމުންގެ ގިނަ ބަޔަކަށް ފެންނަ ގޮތަށް ދޭ އަދަބެކެވެ. އެ އަދަބުގެ މުރާދު ހާސިލުވާނީ އެގޮތަށް ކަންތައްް ކުރުުމުން ކަމަށް ވާތީ އެވެ.

މިކަން ހުއްްޓުވޭނީ އަހަރެމެންނަށް

ސިޙުރު ހެދުމަކީ ދިވެހިރާއްޖޭގެ ގާނޫނުގައިވެސް  ހަގީގަތުގައި ބޮޑު ކުށެކެވެ. އެހެނީ އެއީ އިސްލާމްދީނުން މީހާ ބޭރުވާ ފާފައެކެވެ. ދެވަނަ ކަމަކީ އެއީ މީހުންގެ ސިއްހަތަށާއި ފުރާނައަށް ގެއްލުން ދިނުމުގެ އަމަލެކެވެ. އެހެންވީމާ އެކަން ކުރާ ބަަޔަކު ކުރާކަން އެނގި ތިބެމެ ވަރިހަމަ ކޮށްލައިގެން ތިބުމަކީ މުޖުތައު އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމެކެވެ. ތަނެއްގައި ނުބައި އަމަލުތަކެއް ފެތުރިފައި އޮންނަ އޮތުމަށް ވުރެ ބޮޑު ނުބަޔަކީ އެ ނުބައި އަމަލާ ދެކޮޅު ހަދާނެ ބަޔަކު ނެތުމެވެ.

މިޒަމާނުގައި ސަރުކާރުތަކުން ކުރާ ކަމަކީ ރައްޔިތުން ރުއްސަން ބޭރުފުށުން ނަމަވެސް ބައެއް ކަންތައްތައް ކުރުމެވެ. އެހެން އެކަން އޮންނަ އިރު، ސިޙުރުވެރިންގެ މައްސަލަތައް އެންމެން ވެގެން ރިޕޯޓް ކުރާ ނަމަ ނުކުންނާނެ ނަތީޖާއާ މެދު ވިސްނަވައިލައްވާށެވެ.

ފުރަތަކަމަކީ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތައް ފުލުހުން ހިންގުމެވެ. ގިނަ ބަޔަކު ވެގެން ޝަކުވާ އުުފުލާ ނަމަ އެކަން އެގޮތަށް ހިނގާނެ އެވެ. ދެވަނަމަ ކަމަކީ އެފަދަަ އޮޕަރޭޝަންތަކުގެ ޚަބަރުތައް މީޑިއާތަކުގެ ފަލަ ސުރުޚީތަކަށް އައުމެވެ. އޭރުން ގައުމުގައި ދެކެވޭ ވާހަކައަކަށް އެކަންވެ، މީހުންގެ ސަމާލުކަން އެ މައްސަލައަށް ލިބޭނެ އެވެ.

އެހިސާބުން މިއުޅޭ ސިޔާސީ ދީނީ އިލްމުވެރިން ވެސް އެ ބަހުސްގެ ތެރެއަށް ވަންނަވައިފާނެ ތޯއްޗެކެވެ. އެނގޭ ކަމަކީ އެހިސާބަށް ގެންދެވިއްޖެއްޔާ ސިޔާސީ އިސްވެރިންގެ ސަމާލުކަމަށް ވެސް އެ މައްސަލަ އަންނާނެ ކަމެކެވެ. އޭރުން ދެން ކޮންމެވެސް ގަވައިދުތަކެއް ހަދައިފާނެ ކަމަށް ބަލަމާ ހިންގަވާށެވެ.

Leave a Reply

Your email address will not be published. Required fields are marked *