ހައިޟުގެ ދުވަސްވަރު މުސްޙަފުގައި ބީހި ޤުރުއާން ކިޔެވުމާއި އަމިއްލަ ނަފްސަށް ރުޤްޔާ ކުރުމުގެ ޙުކުމް

 

Hailuge shuvas varu

މުރާޖަޢާ ކުރެއްވީ: އައްޝައިޚް މުހައްމަދު ސިނާން

ޙައިޟުގެ ދުވަސްވަރުގައި އަޅުގަނޑުގެ އަމިއްލަ ނަފްސައް ރުޤްޔާ ކުރެވިދާނެތޯ؟ އަދި ހަން ހުރަހަކާ އެކު މުސްޙަފުގައި ބީހި، އަޅުގަނޑުގެ އަމިއްލަ ނަފްސަށް ރުޤްޔާ ކުރެވިދާނެތޯ؟

الحمد لله

ޢިލްމުވެރިންގެ ރައުޔުތަކުގެ ތެރެއިން އެންމެ ޞައްޙަ ރައުޔަކީ ޙައިޟުގައިވާ އަންހެނާއަށް ކީރިތި ޤުރުއާން ކިޔެވިދާނެއެވެ. ޚާއްޞަގޮތެއްގައި އެ އަންހެނަކަށް އޭނާ ޤުރުއާނުން ހިތުދަސްކޮށްފައިވާ ތަކެތި ހަނދާން ނެތިދާނެ ކަމުގެ ބިރަށް، ނުވަތަ އިމްތިޙާނަކަށް ދަސްކުރުމަށްޓަކައި ނުވަތަ ފަރުވާއަކަށްޓަކައި ޤުރުއާނުގައި ނުބީހި ކިޔެވިދާނެއެވެ. ޠާޙިރު ޙާލަތުގައި ވާ މީހާ މެނުވީ ޤުރުއާނުގައި ނުބީހޭނެއެވެ. މުސްޙަފުން ކިޔަވަން ބޭނުންވާނަމަ ފޮތިގަނޑެއް ނުވަތަ ރުމާލެއް ނުވަތަ އަންގިއެއް ފަދަ ހަން ހުރަހަކާއެކު މުސްޙަފުގައި އަތްލެވިދާނެއެވެ.

ޝައިޚުލް އިސްލާމް އިބްނު ޠައިމިއްޔާ ( ރަޙިމަހުﷲ ) ވިދާޅުވެފައިވެއެވެ:
“ނަބިއްޔާ (صلى الله عليه وسلم) ގެ ޒަމާނުގައިވެސް އަންހެނުންނަށް ހައިޟުގެ ކަންތައް ޖެހޭ ކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަޤީގަތެކެވެ. ނަމަވެސް އެކަނބަލުން ޤުރުއާން ކިޔެވުމަށް އެއްވެސް ވަރަކަށް އެކަލޭގެފާނު މަނާކުރައްވާފައެއް ނުވެއެވެ. އަދި ޛިކުރުތައް ކުރުމާއި ދުޢާ ކުރުންވެސް އެކަލޭގެފާނު މަނައެއް ނުކުރައްވައެވެ. ހަމައެހެންމެ އެކަލޭގެފާނު، ހައިޟުގައިވާ އަންހެން ކަނބަލުން ޢީދުދުވަހު (ޢީދުނަމާދުކުރާ ތަނަށް) ނުކުތުމަށާއި، މުސްލިމުން ތަކްބީރު ކިޔާއިރު އެކަނބަލުންވެސް ތަކްބީރު ކިޔުމަށް އަމުރުކުރައްވާފައިވެއެވެ.” މަޖުމޫއަލް ފަތަވާ، 21/460.

މީގެ އިތުރުންވެސް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ( ރަޙިމަހުﷲ ) ވިދާޅުވެފައިވެއެވެ:
“ހައިޟުގައިވާ އަންހެންނާއަށް ޤުރުއާން ކިޔެވުން މަނާކުރައްވާފައިވާކަމަށް ސުންނަތުގައި އެއްގޮތަކަށްވެސް އައިސްފައި ނެތެވެ. ނަބިއްޔާ (صلى الله عليه وسلم) ގެ ޒަމާނުގައިވެސް އަންހެނުންނަށް ހައިޟުގެ ކަންތައް ދިމާވެއެވެ. މިދުވަސްވަރުގައި، ނަމާދު ފަދައިން ޤުރުއާން ކިޔެވުމަކީ އެކަނބަލުންނަށް ޙަރާމް ކަމެއްކަމުގައި ވާނަމަ، މިކަން އުންމަތައް މަނާކުރައްވާ އަންގަވައިދެއްވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމުގައި ވީހެއެވެ. އަދި މުއުމިނުތަކުންގެ މަންމައިންނަށް (އެބަހީ؛ ރަސޫލާގެ އަނބިއަނބިކަނބަލުންނަށް) މިކަން އެނގިވަޑައިގަންނަވާނެއެވެ. އަދި އެހެން މީސްތަކުންނަށް މިކަން އަންނާނީ ފޯރަމުންނެވެ. މިގޮތުން އިތުރު އެކަލޭގެފާނު (صلى الله عليه وسلم) އެކަން ނަހީކުރެއްވިކަން އެއްވެސް ބޭކަލެއް ނުވަތަ ބޭކަނބަލެއް ފޯރުކޮށްދެއްވާފައެއް ނުވެއެވެ. އެހެންކަމުން، އެކަލޭގެފާނު އެކަން ނަހީނުކުރައްވާކަން އެނގެން އޮތްއިރު، މިކަން ޙަރާމްކަމެއް ކަމުގައި ކަނޑައެޅުން ހުއްދަވެގެން ނުވެއެވެ. އަދި ހައިޟުވާ ވަރަށް ގިނަ އަންހެނުން އެކަލޭގެފާނު (صلى الله عليه وسلم ) ޒަމާނުގައި ތިބެމެ އެކަނބަލުން ޤުރުއާން ކިޔެވުން މަނާނުކުރެއްވުމަކީ މިކަން ކުރުމަކީ ޙަރާމްކަމެއް ނޫންކަން އަންގައިދޭކަމެކެވެ.” މަޖުމޫއަލް ފަތަވާ، 26/191

ސަޢުދީ އަރަބިއްޔާގެ ފަތުވާ ކޮމިޓީގެ ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ:
“ޤުރުއާނުން ދަސްކޮށްފައިވާ މިންވަރެއް ހަނދާނެތިވެ ނުދިޔުމަށްޓަކައި، ހައިޟުވެރިޔާއަށް ސީދާ މުސްޙަފުގައި ނުބީހި، ހިތުން ޤުރުއާން ކިޔެވިދާނެއެވެ.” ފަތާވާ އަލްލަޖްނަތިއް ދާއިމާ، 4/232

ޝައިޚް އިބްނު ބާޒް ( ރަޙިމަހު ﷲ ) ވިދާޅުވެފައިވެއެވެ:
“ޙައިޟުގައިވާ އަންހެނާއާއި ނިފާސްކަމުގައިވާ އަންހެނާ ހިތުން ޤުރުއާން ކިޔެވުން ހުއްދަވެގެންވެއެވެ. އެހެނީ، މިދެކަމަކީ ދިގުދެމިގެންދާ ދެކަމެވެ. މި ދެމީހުން ޖުނުބުވެރިޔާއާ ޤިޔާސްކުރުމަކީ ޞައްޙަގޮތެއް ނޫނެވެ. މިކަންކަމަށް ރިޢާޔަތްކޮށް، އަންހެން ދަރިވަރަކު ނުވަތަ ކިޔަވައިދޭ މުދައްރިސަކު އިމްތިޙާނަކަށްޓަކައި ނުވަތަ އިމްތިޙާނަކަށް ނޫނަސް، މުސްޙަފުގައި ނުބީހި، ހިތުން ޤުރުއާން ކިޔެވުމުގައި އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް އެއިގެ ތެރެއިން މީހަކު މުސްޙަފުން ކިޔަވަން ބޭނުންވެއްޖެ ކަމަށްވާނަމަ، ހަންހުރަހަކާ ލައިގެން ބީހިގެން، ޤުރުއާން ކިޔެވުމަކުން އެއްވެސް މައްސަލައެއްނެތެވެ.” މަޖްމޫޢުލް ފަތާވާ އިބްނު ބާޒް، 6/360.

ޝައިޚް އިބްނު އުޘައިމީން ( ރަޙިމަހުﷲ ) ވިދާޅުވެފައިވެއެވެ:
“ޙައިޟުގައިވާ އަންހެނާއަށް ޤުރުއާނުން ހިތުދަސްކޮށްފައިވާ މިންވަރެއް ހަނދާން ނެތިދާނެކަމުގެ ބިރު ހީވާނަމަ، ޤުރުއާނުގެ ތަފްސީރުން ނުވަތަ ތަފްސީރުން ނޫނަސް ކިޔެވުން ހުއްދަވެގެންވެއެވެ. ތަފްސީރުން ޤުރުއާން ކިޔަވާ ކަމުގައި ވަނީނަމަ ޠާޙިރު ޙާލަތުގައި ހުރުމަކީ ޝަރުޠެއް ނޫނެވެ. ނަމަވެސް ކިޔަވަނީ ތަފްސީރުން ނޫންކަމުގައި ވެފައި، މުސްޙަފުން ކަމުގައި ވާނަމަ، ބީހެންޖެހޭނީ ރުމާލެއް ނުވަތަ އަންގިއެއް ފަދަ ހަންހުރަހަކާއެކުގައެވެ. އެހެނީ، ހައިޟުގައިވާ އަންހެނާއަށް ނުވަތަ ޠާޙިރު ހާލަތުގައި ނުވާ އެއްވެސް މީހަކަށް މުޞްޙަފުގައި ބީހުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.” “فتاوى نور على الدرب”- لابن عثيمين 27/123.

ރުޤްޔާގެ ފަރުވާއަކަށްޓަކައި ނުވަތަ ހައިޟުގައިވާ އަންހެނާ ޘަވާބު ހޯދުމަށްޓަކައި ހިތުން ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯ ޝެއިޚް އިބްނު އުޘައިމީންއާ ސުވާލުކުރެވުނެވެ.
ޖަވާބުގައި ދެންނެވިއެވެ:
“ހަމައެކަނި ޤުރުއާން ކިޔަވާލުމުގެ ބޭނުން ފިޔަވައި އެހެން ކަމަކަށް ޙައިޟުވެރިޔާ ޤުރުއާން ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ފަހެ، ޤުރުއާން ކިޔަވަނީ ފަރުވާއަކަށްޓަކައި ނުވަތަ ކިޔަވާ ވިރުދެއްގެ ބައެއްގެ ގޮތުގައި، ނުވަތަ އުނގަންނައިދިނުމަށް ނުވަތަ އުނގެނުމަށްޓަކައި ނަމަ އެއްވެސް މައްސަލައެއްނެތެވެ. އެއީ މި ޙާލަތުގައި އޭނާ އެ ކިޔަވަނީ ސަބަބަކަށްޓަކައި ކަމަށް ވާތީއެވެ.” “فتاوى نور على الدرب”- لابن عثيمين 21/123.

މަތީގައިވާ ފަތުވާތަކުގެ އަލީގައި، ހައިޟުވެރިޔާ އަމިއްލަ ނަފްސަށް ރުޤްޔާކުރުމުގައި ޤުރުއާން ކިޔެވުމާއި، ދީނުގައި ކަނޑައަޅުއްވާފައިވާ ދުޢާތަކާއި ޒިކުރުތައް ކިޔެވުމުގައި އެއްވެސް މައްސަލައެއްނެތެވެ. ހަމައެހެންމެ، ޙައިޟުވެރިޔާއަށް މުޞްޙަފުން ކިޔެވުމުގައިވެސް އެއްވެސް މައްސަލައެއްނެތެވެ. ނަމަވެސް ޝަރުޠަކީ ހަންހުރަހަކާއި ލައިގެން މެނުވީ މުޞްޙަފުގައި ނުބީހުމެވެ. والله أعلم .

ނޯޓް: މިއީ އިސްލާމް ކިއު އޭ ވެބްސައިޓުން ނެގުމަށްފަހު ތަރުޖަމާ ކޮށްފައިވާ ފަތުވާއެކެވެ.

ފަތުވާގެ އަސްލު ބެއްލެވުމަށް

Leave a Reply

Your email address will not be published. Required fields are marked *