މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލާނަމަ ކުރެވިދާނެ ރުޤްޔާ

Maabandu dhuvasvaru hodulaanama kurevidhaane faruva2

މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް ގިނައިން ހޮޑުލާނަމަ ކުރެވިދާނެ ރުޤުޔާ
ޙަމްދާއި ޝުކުރުހުރީ ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންވެސް ޝާމިލު ކުރަމެވެ.

ޢާދެ! މާބަނޑު ދުވަސްވަރު މޭނުބައިކޮށްފައި ހޮޑުލެވުމަކީ ވަރަށް ގިނަ އަންހެނުނަށް ދިމާވާ ކަމެކެވެ. އިނގރޭސި ބަހުން މިއަށް ކިޔަނީ ” މޯނިން ސިކްނަސް ” އެވެ.ބައެއް މީހުންނަށް ހެނދުނުގެ ވަގުތުގައި މިކަން ބޮޑުވެދެއެވެ. އަދި ރޭގަނޑުގެ ވަގުތު ކައިރިވުމުން މިކަން ފަސޭހަވެދެއެވެ. ނަމެވެސް ގިނަ އަންހެނުންނަށް މުޅި ދުވަހުގައި މިކަމާ ކުރިމަތިލާން ޖެހެއެވެ.އެކި އަންހެނުންނަށް ހޮޑުލަވާ މޭނުބައި ކުރާ މިންވަރު ތަފާތު ވެދާނެއެވެ .

މާބަނޑު މީހުންގެ 3/4 ބައި މީހުންނަށް ފުރަތަމަ 3 މަސް ދުވަސް ތެރޭގައި ކުރިން ދެންނެވުނު ފަދަ އުނދަގޫތައް ދިމާވެއެވެ. މި 3/4 މީހުންގެ ތެރެއިން %50 އަންހެނުން މޭނުބައި ކުރުމާއި އެކު ހޮޑުލަވާގޮތް ވެއެވެ. އަނެއްބައި މީހުންނަށް ހަމައެކަނި މޭނުބައިކޮށްފައި ހުރެއެވެ. ހަމަ އެހެންމެ ބާކީ، މަދު ބަޔަކަށް އެއްވެސް އުނދަގުލެއް ދިމާނުވެ ހުރެއެވެ. މޭނުބައި ކުރާގޮތް ދިމާވަނީ އާންމު ގޮތެއްގައި ބަލިވެ އިންނަތާ 6 ވަރަކަށް ހަފްތާގެ ތެރޭގައެވެ. އެހެން ނަމަވެސް 4 ހަފްތާގެ ތެރޭގައިވެސް މިކަން ފެށޭ ފަހަރު އާދެއެވެ. އަދި މާބަނޑުދުވަސްވަރުގެ ދެވަނައަށް ވާ މަހުގެ ތެރޭގައި މިކަންތައް އިތުރަށް ބޮޑުވެގެން ދެއެވެ..

ހަމެއެކަނި މޭނުބައިކޮށްފައި ހުންނަ މީހުންގެ %50 މީހުން 14 ހަފްތާގެ ތެރޭގައި އިންޝާ ﷲ ރަނގަޅުވެދެއެވެ. އަނެއްބައި މީހުންގެ ތެރެއިން ގިނަ މީހުންނަށް އިތުރު މަހެއް ނުވަތަ މަހަކަށްވުރެ ގިނަ ދުވަސްކޮޅެއްގެ ތެރޭގައި ފަސޭހަވެދެއެވެ. މިހެން މިކަން އޮތްކަމުގައި ވީނަމަވެސް ބަލިވެ އިންނަ ދުވަސްކޮޅު ތެރޭގައި ދޭތެރެއަކުން ހޮޑުލަވާގޮތްވުމަކީ އެކަށީގެންވާ ކަމެކެވެ. ވަރަށް މަދު ބަޔަކަށް ނޫނީ ވިހެއުމާއި ހަމައަށް ދަންދެން މިފަދައިން މޭނުބައިކޮށް ހޮޑުލެވާގޮތް މެދެވެރިއެއް ނުވެއެވެ.

މިބައްޔަށް ކުރެވިދާނެ ފަރުވާއަކަަށް ދިއުމުގެ ކުރިން މިކަން މިހެން ދިމާވާން މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލައިލަމާތޯއެވެ. އެއްވެސް މީހަކަށް މިހާތަނަށް މިކަން ދިމާވާ އަސްލު ސަބަބެއް ހޯދިފައެއް ނުވެއެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެނގޭހައިވެސް ކަމަކީ ހަށިގަނޑަށް މިދުވަސްވަރުގައި އަންނަ ކޮންމެވެސް ބަދަލެއްގެ ސަބަބުން އެހެން ދިމާވާކަމެވެ. މިގޮތުން ދިރާސާކުރައްވާ ބައެއް ފަރާތްތަކުން މިކަން ދިމާވުމަށް ‘މެދުވެރިވެދާނެ ސަބަބުތަކެއް’ ބުނެދެއްވާފައިވެއެވެ. މީގެ ތެރޭގައި

– ހިއުމަން ކޮރިއޮނިކް ގޮނަޑޮޓްރޮޕިން ( އެޗް.ސީ.ޖީ ) ހޯމޯން
ބަލިވެ އިންނަ ދުވަސްވަރުގެ ކުރީކޮޅުގައި މި ހޯމޯން އާދަޔާ ޚިލާފަށް ހަށިގަނޑުގައި ގިނަވެއެވެ. ނަމަވެސް އެއްވެސް މީހަކަށް މި ހޯމޯން މޭނުބައި ކުރުމާއި ހޮޑުލުވުމަށް މަގުފަހި ކުރުވާގޮތެއް ބުނެދެވިފައެއް ނުވެއެވެ. މި ހޯމޯން ކަމަށް ލަފާކުރެވިފައިވަނީ އެންމެ ގަދަޔަށް މިކަންތައް ދިމާވާ ދުވަސްވަރުގައި މި ހޯމޯން ގިނަވާތީއެވެ. މޭނުބައި ކުރުން އެންމެ ބޮޑުވެގެން ދާ ދުވަސްކޮޅަކީ އެޗް.ސީ.ޖީ އެންމެ މަތިވެގެން ދާ ދުވަސްކޮޅެވެ. މި ހޯމޯން އިތުރުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި އެއްފަހަރާ 1 ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުން ހިމެނެއެވެ.

– އީސްޓްރޮޖެން ހޯމޯން
މި ހޯމޯންވެސް އެންމެ ގިނަވާން ދިމާވާ ދުވަސްވަރަކީ މާބަނޑު މީހުން އެންމެ ގަދަޔަށް މޭނުބައިކޮށް ހޮޑުލަވާ ދުވަސްވަރެވެ. ( މިނޫން އިތުރު ހޯމޯންވެސް މިހެން މިކަން މެދުވެރިވުމަށް ރޯލެއް ކުޅުކަމަކީ އެކަށީގެންވާ ކަމެކެވެެ )

– އެކި ކަހަލަ ވަހާއި ރަހަ ދެނެ ގަންނަ ހިއްސުތައް އާދަޔާ ޚިލާފަށް ސެންސިޓިވްވުން
ދުރުގައި ހުންނަ ކާއެއްޗެގެ ސަބަބުން ( މިސާލަކަށް އެހެން ގެއެއްގައި ކައްކާ ގަރުދިޔަ ފަދަ އެއްޗެއް ) ނުވަތަ މީހަކު ބޭނުންކުރާ ސެންޓް/އަަތަރު ފަދަ އެއްޗެއްގެ ސަބަބުން މާބަނޑު މީހުން އޯކާ ދެމޭގޮތް ވުމަކީ އާކަމެއް ނޫނެވެ. ( ބައެއް ދިރާސާ ކުރައްވާ ފަރާތްތަކުން ދެކޭގޮތުގައި މިއީ އީސްޓްރޮޖެން ހޯމޯން މަތިވުމުން ވާކަމެއްގައި ވެދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ޔަޤީންކޮށް ބުނެދޭކަށް ނޭނގެއެވެ. )

– ބަނޑުތެރެ އާދަޔާ ޚިލާފަށް ނާޒުކުވުން.
މާބަނޑުމީހުންގެ ތެރެއިން ބައެއް މީހުންގެ ބަނޑުތެރޭގައިވާ “ގޭސްޓްރޮއިންޓެސްޓިނަލް ޓްރެކް ” އޭ ކިޔާ ބައި، މާބަނޑު ދުވަސްވަރުގެ ކުރީކޮޅުގައި ދިމާވާ ބަދަލުތަކަށް އާދަޔާ ޚިލާފަށް މަސައްކަތް ކުރެއެވެ. ބައެއް ދިރާސާތައް ދައްކާގޮތުން ބައެއް އަންހެނުންގެ ބަނޑުގައިވާ ބެކްޓީރިއާ އެއްކަމުގައިވާ ” ހެލިކޮބޭޓަރ ޕައިލޯރީ” ގެ ސަބަބުން މޭނުބައިކޮށް ހޮޑުލަވާގޮތް ވުން ވަރަށް ގާތެވެ. ނަމެވެސް ހުރިހާ ދިރާސާއެއް މިކަން ޔަޤީން ކޮށްދީފައެއް ނުވެއެވެ.

– ކަންކަމާއި ފިކުރު ބޮޑުވުން
ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ، ބައެއް އަންހެނުން ނަފްސާނީ ގޮތުން ބަލިކަށިވުމުގެ ސަބަބުން މޭނުބައި ކުރުމާއި އެކު ހޮޑުލަވާގޮތް ވެއެވެ. ނަމަވެސް މިކަން ސާބިތުކޮށްދެވޭ ވަރުގެ ހެއްކެއް މި ބޭފުޅުންނަށްވެސް ދެއްކިފައެއް ނުވެއެވެ. ( އެއްވެސް ޝައްކެތް ނެތްގޮތުގައި މާ ގަދަޔަށް މޭނުބައި ކޮށް ހޮޑުލެވޭގޮތް ވާނަމަ ފިކުރު ބޮޑުވުމާއި ކަންބޮޑުވުމަކީ ހަމަ ނުވެ ނުދާނެ ކަމެކެވެ. )

ކުރީން ބުނެވުނު ފަދަައިން ވަރަށް މަދުބަޔަކަށް ނޫނީ ވިހެއުމާއި ހަމައަށް ދަންދެން މިފަދައިން އާދަޔާ ޚިލާފަށް މޭނުބައިކޮށް ހޮޑުލެވާގޮތް މެދެވެރިއެއް ނުވެއެވެ. މިހެން ވުމަށް އިނގިރޭސި ބަހުން ކިޔަނީ ” ހައިޕަރއެމެސިސް ގްރެވިޑެރަމް ( އެޗް.ޖީ ) ” އެވެ. މިކަން ދިމާވާމީހުން ކާއެއްޗެއް ހަމަ ކާލާ އިރަށް ހޮޑުލެވޭގޮތް ދިމާވެއެވެ.މީގެ ސަބަބުން ހަށިގަނޑުގައި ފެން ހިފަހައްޓަންޖެހޭ މިންވަރަށް ފެން ހިފަހައްޓައެއް ނުދޭނެއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ލުއިވުމާއި ތުއްތު ދަރިފުޅު ހެދިބޮޑުވާން ޖެހޭ މިންވަރަށް ބަނޑުތެރޭގައި ބޮޑުނުވާގޮތްވެސް މެދުވެރިވެއެވެ. މިގޮތަށް ދިމާވަނީ މާބަނޑު އަންހެނުންގެ ތެރެއިން %1 މީހުންނަށެވެ.

ޑޮކްޓަރުން މިފަދަ ބަލިމީހުން އެޑްމިޓްކޮށް އައ.ވީ ފަދަ އެއްޗެއް ނުވަތަ ވިޓަމިން ބީ 6 ފަދަ ބޭހެއްގެ އެހީގައި ފަރުވާކުރެއެވެ. ނަމެވެސް ގިނަ ފަހަރަށް މި ބޭހުގެ ސަބަބުން އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭތަން އާދެއެެވެ. ތިރީގައި އަޅުގަނޑު މި ބަޔާންކޮށްލަނީ ކީރިތި ޤުރުއާނުގެ އަލީގައި މިކަމަށް ތަޖުރިބާ ކުރެވިފައިވާ ފަރުވާއެކެވެ. އިންޝާ ﷲ މިފަރުވާއިން މި ބަލިމަޑުކަން އެއްކޮށް ފަސޭހަވެގެން ދާެނެެއެވެ. ހަމައެހެންމެ އާންމު ދިރިއުޅުމުގައި ( ވައިގެ ނުވަތަ ކަނޑުގައި ދަތުރުކުރާއިރު، ނުބައިވަސް ދުވުމުން..) ފަސޭހައިން މޭނުބައިކޮށް ހޮޑުލެވޭ މީހުންނަށް މިކަމުން ފަރުވާ ލިބިގެން ދާނެއެެވެ. އިންޝާ ﷲ.

ފަރުވާކުރާނެގޮތް
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ ) سورة البقرة ( 255

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (14

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾(سورة يونس57 (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( 69

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(82

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء ( 80

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت ( 44

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (

اللهم رب الناس ، أذهب الباس ، واشف أنت الشافي ، لا شفاء إلا شفاؤك ، شفاء لا يغادر سقماً

މަތީގައި ބަޔާންވެގެން ދިޔަ އާޔަތްތަކާއި ދުޢާ ބޯފެނަށް ކިޔަވާ ފުމޭށެވެ.

އަދި ތިރީގައި މިވާ ދުޢާ ސާފު މުށި ތައްޓެއްގައި ލިޔާށެވެ. 3 ފަހަރު، 7 ނުވަތަ 21 ފަހަރުވެސް ލިޔެވިދާނެއެވެ. ﷲ ތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.

اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا ، وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلًا
އެއަށްފަހު ފެންފޮދެއް ތައްޓަށް އެޅުމަށްފަހު، ތަށީގައި ލިޔުނު ދުޢާ ފުހެވެންދެން އެ ފެނުން ދޮވެލާށެވެ. އަދި ކުރިން ކިޔަވާފައި ހުރި ފެންފުޅީގެ ތެރެއަށް މި ފެންފޮދު އެއްކޮށްލުމަށްފަހު ބިސްމި ކިޔައި މަތިޖަހައި ލާށެވެ. މިފެން އާދަކޮށް މާބަނޑުމީހާ ( ނުވަތަ ހޮޑުލެވޭގޮތްވާ މީހާ ) ބޭނުންކުރާށެވެ.1

ހަމައެހެންމެ މާމުއި ފުޅިއަކަށް މަތީގައި ބަޔާންކުރެވުނު ރުޤުޔާ ކިޔަވައި ފުމޭށެވެ. އަދި ކުރިން ތަށީގައި ލިޔަން ބަޔާންކޮށްފައިވާ ދުޢާ މާމުއި ފުޅިއަށް ކިޔަވާށެވެ. ކިޔަވާފައިވާ މާމުއިން ހެނދުނު ހުސްބަނޑާ ސަމްސަލެއް އަދި ރޭގަނޑު ނިދުމުގެ ކުރިން ސަމްސަލެއް ބޮމުން ގެންދާށެވެ. އިންޝާ ﷲ ހަފްތާއެއްގެ ތެރޭގައި ހޮޑުލުން ހުއްޓި އެއްކޮށް ރަނގަޅުވާނެއެވެ. ނަމަވެސް ފަރުވާކުރުމަށް ކިޔަވާފައިވާ ތަކެތި ހުސްވަންދެން ބޭނުންކުރައްވާށެވެ.

މާބަނޑު ދުވަސްވަރުގައި ގިނައިން ހޮޑުލެވޭނަމަ ކުރެވިދާނެ ބައެއް ކަންތައްތައް:

– އަވަސް އަވަހަށް ނަމަވެސް މަދުން ކާށެވެ.ބައެއް އަންހެނުނަށް ކާބޯހައިޑްރޭޓް ގިނައިން ހިމެނޭ ކާނާ ކެއުމުން މޭނުބައިކުރުމަށް ލުޔެއް ލިބެއެވެ. އަނެއްބައި މީހުނަށް ޕްރޮޓީން ގިނައިން ހިމެނޭ ތަކެތި ކެއުމުން މިކަމަށް ފަރުވާއެއް ލިބެއެވެ.
– ކެއުމަށްފަހު ވަގުތުން އޮށޯވެގެން ނޯންނާށެވެ. ( ޚާއްސަކޮށް ވާތްފަރާތައް އޮށޯވެގެން ). މިކަމުގެ ސަބަބުން ކާ އެއްޗެހި ހަޖަމްވުމަށް ލަސްވެއެވެ.
– ނިދާހޭލުމަށްފަހު ވަގުތުން ކޮޅަށް ނުތެދުވާށެވެ. އެނދުގައި ކުޑަ އިރުކޮޅަކު އިށީނދެ އިނުމަށްފަހު މަޑުމަޑުން ތެދުވާށެވެ.
– ކާއެއްޗެހި މެދު މިނެއްގެ ފިނި ހޫނުމިނެއްގައި ބަހައްޓައިގެން ކާށެވެ. މާބޮޑަށް ހޫނުކޮށް ހުންނަ ކާއެއްޗެހީގައި ވަސްދުވާމިންވަރު އިތުރުވާނެއެވެ.
– ހަޖަމްކުރުމަށް ގިނަ އިރު ނަގާފަދަ ތަކެތި ގިނައިން ނުކާށެވެ. އަދި ހަވާދުގެ ބާވަތްތަކުން ހަދާފައި ހުންނަ ކާއެއްޗެއްސާ، އެސިޑްގެ މިންވަރު ގިނައިން އެކުލެވޭ އެއްޗެއްސާއި، ތެލުލި ތަކެތި ކެއުމުން ދުރުވާށެވެ.
– ގިނައިން ދިޔާތަކެތި ބޯށެވެ. މާގިނައިން ހޮޑުލެވޭނަމަ ކުރުނބާ ފެނަށް ގްލުކޯޒް ކޮޅެއް އެއްކޮށްލުމަށްފަހު ބޯށެވެ.
– ސާފު ވައި ލިބޭ ފަދަ ތަނެއްގައި ހުރުމަށް އާދަކުރާށެވެ. މިކަމުންވެސް މޭނުބައި ކުރާ މިންވަރު ދަށްކުރުމަށް އެހީ ވެދޭނެއެވެ.
– ކަންބޮޑުވުމާއި ހާސްކަން މެދުވެރިވާ ފަދަ ކަންކަމުން ދުރުވާށެވެ. އަދި ގިނަގިނައިން އަރާމުކުރާށެވެ.
– ހޮޑުލަވާނަމަ އިނގުރަކީ ރަނގަޅު ފަރުވާއެކެވެ. އެހެންކަމުން އިނގުރު ސައި ނުވަތަ އިނގުރުން ހަދާފައިވާ ކާއެއްޗެއް ބޭނުންކުރެވިދާނެއެވެ.

އަޅުގަނޑުގެ ދުޢާ އަކީ މި ރުޤްޔާގެ އެހީގައި މާބަނޑު ދުވަސްވަރު އާދަޔާ ޚިލާފަށް މޭނުބައިކޮށް ހޮޑުލާ އަންހެނުނަށް ޝިފާލިބިގެން ދިއުމެވެ. ﷲ އަޅަމެންނަކީ ބަލިތަކުން ސަލާމަތްކުރައްވާ ފުރިހަމަ ސިއްޙަތެއް ލައްވާފައިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން

1. فتاوى اللجنة الدائمة للبحوث العلمية والإفتاء (ج 1، ص 176- 177) ގައި ޤުރުއާނުގެ ބައެއް އާޔަތް އެއްޗެއްގައި ލިޔެ، އޭގެ ފެން ބުއިމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާދެއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *