ސުންނަތުގެ އަލީގައި ޙިޖާމާ( 4 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )

 

ޙިޖާމާގެ ބައެއް ފައިދާތައް ( ސައިންސްގެ އަލީގައި )
– ލޭގައި ހިމެނޭ މަރުވެފައި ހުންނަ ސެލްތައް ގައިން ނެރުމާއިއެކު ލޭ ސާފުކޮށްދީ ، ވައިޓް ބްލަޑް ސެލް އަދި ރެޑް ބްލަޑް ސެލް އިތުރުކޮށްދެއެވެ.
– ލޭދަތުރުކުރާ މައި ނާރު ( އާޓަރީސް ) ތަކާއި، ނާރު ( ވެއިންސް ) ތަކާއި، ކުދި ނާރު ( ކެޕިލަރީސް ) ތައް ސާފުކޮށްދެއެވެ.
– ހަށިގަނޑުގެ އެކި ހިސާބުތަކުގައި ލޭގަނޑުވެފައި ހުންނަ ތަންތަނާއި ލޭ ދައުރުކުރުމަށް ހުރަސްއެޅި ބެދިފައި ހުންނަ ތަންތަން ރަނގަޅުކޮށްދެއެވެ.
– ހަށިގަނޑުގައި ލޭ ދައުރުކޮށްދިނުން ފަސޭހަކޮށްދިނުމާއި، ލޭގައި ހިމެނޭ ކާބަންޑައި އޮކްސައިޑްގެ މިންވަރު ދަށްކޮށްދީ އޮކްސިޖަންގެ މިންވަރު އިތުރުކޮށްދެއެވެ. މިކަމުން ލޭ ދައުރުވުމަށް އިތުރު ބާރެއް ލިބެއެވެ.
– ޙިޖާމާއިން ހަށިގަނޑުގެ ދިފާއީ ނިޒާމް ބާރުގަދަކޮށްދެއެވެ. ލޭގައި ހިމެނޭ ކުނިތައް ސާފުކޮށް ނައްތާލުމުގައި އިތުރަށް އެހީވެދީ އެކި ކަހަލަ ބަލިތައް ޖެހުމުގެ ފުރުޞަޠު ކުޑަކޮށްދެއެވެ.
– ހަށިގަނޑުގައި ހިމެނޭ ސެލްތަކުގެ މަސައްކަތް އިތުރަށް ހަލުވިކޮށްދީ، ލޭދައުރުކޮށްދިނުމުގައި ފަސޭހަކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން، ހަށިގަނޑުގައި ހޯމޯން އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ( މުސްކުޅިކަން ) ކުޑަކޮށްދެއެވެ.
– ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ނައްތާލުމުގައިވެސް ޙިޖާމާ ޖެހުން އެހީތެރިވެދެއެވެ.
– ހަމައެހެންމެ ޙިޖާމާގެ ސަބަބުން ލިންފެޓީކް ސިސްޓަމް ވަރުގަދަކޮށްދެއެވެ.
– ހަށިގަނޑަށް ބޭނުންވާ މުހިންމު ހަކަތަ ލިއްބައިދީ އެއްވަރެއްގައި ހިފަހައްޓައިދެއެވެ.

ލޭދިނުމާއި ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތަކުގެ ތަފާތު
ބައެއް ބޭފުޅުން ދެކިލައްވާގޮތުގައި ޙިޖާމާ ޖެހުމާއި ލޭދިނުމާއި މިއީ ހަމަ ދާދި އެއްވަރެއްގެ ދެކަމެވެ. މިކަމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި ލިއްބައިދޭ ފައިދާތައްވެސް ހަމަ އެއްވަރެކެވެ. ނަމަވެސް މިއީ މުޅީން ކުށްހީއެކެވެ. ޙިޖާމާ ޖަހައިގެން ހަށިގަނޑުން ލޭ ނެގުމާއި ، ކަށިހަރައިގެން ލޭނެގުން މިއީ ތަފާތު ދެކަމެކެވެ.
ކަށިހަރައިގެން ލޭނެގުން ނުވަތަ މިޒަމާނުގެ ގޮތަށް ބުނާ ކަމުގައި ވަނީނަމަ ލޭދިނުމުގެ ސަބަބުން، ލޭ ނެގެނީ ސީދާ ހަށިގަނޑުގައި ހިމެނޭ ލޭ ނާރުތަކުންނެވެ. ނަމަވެސް ޙިޖާމާ ޖަހައިގެން ލޭނަގަނީ ހަށިގަނޑުގައިވާ ދެހަން ފަށަލައިގެ ދޭތެރެއިންނެވެ.
donating blood
ލޭހަދިޔާ ކުރަން އޮތް މީހެއް

 

ކަށިހަރައިގެން ލޭނެގުމުގެ ސަބަބުން ނިކުންނާނީ ސާފު ލެޔެވެ. ނަމަވެސް ދެހަން ދޭތެރޭގައި ވާ ފާސިދު ލޭ މިފަދައިން ނުނެރެވޭނެއެވެ. މިކަން ހާޞިލްވާނީ ޙިޖާމާ ޖަހައިގެންނެވެ. އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ.
” ކަށިހަރައިގެން ( އެކުޕަންޗަރ) ލޭނެގުމަށްވުރެ، ޙިޖާމާގެ އެހީގައި ހަށިގަނޑުގައި ހުންނަ ފާސިދު ލޭ މާ ރަނގަޅަށް ނެގެއެވެ”. ހަމައެހެންމެ ޙިޖާމާގެ އެހީގައި ހަށިގަނޑުން ނަގާ ލެޔަކީ ލޭހަދިޔާ ކުރާ އުސޫލުން ހަދިޔާ ކުރެވޭނެ ލެއެއް ނޫނެވެ.
އެހެންކަމުން މި ދެކަމުގައި ހުރި ތަފާތު އިތުރަށް ތަފްޞީލުކޮށް ހިމަނާލާނަމެވެ.
1- ޙިޖާމާ ޖަހައިގެން ނެގެނީ ފާސިދު ނުވަތަ ހަޑި ލެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރާއިރު ނަގާލެޔަކީ ސާފު އަދި ރީތި ލެއެވެ. ހަޑި ނުވަތަ ތަޤައްޔަރު ވެފައި ހުންނަ ލެޔަކީ ވަރަށް ގިނަ ބަލިތަށް ޖެހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. މި ފަދަ ލޭ ހަށިގަނޑުން ނެރެވޭނީ ހަމައެކަނި ޙިޖާމާގެ އެހީގައެވެ. ހަމައެހެންމެ ޙިޖާމާ ޖަހައިގެން ނެގޭ ލެޔަކީ ވިހަ ލެއެކެވެ. އެހެން ކަމުން މިލެޔަކީ އެއްވެސް ޙާލެއްގައި އެހެން މީހެއްގެ ހަށިގަނޑަށް އަޅަން ބޭނުން ކުރެވޭނެ ލެއެއް ނޫނެވެ.
2- ޙިޖާމާ ޖަހައިގެން ނަގާ ލެޔަކީ ދެހަން ދޭތެރެއިން ( ހަށިގަނޑުގެ ގުނަވަަންތަކަށް އަދި ސެލްތަކަށް ލޭ ދައުރުކުރުމަށް އެހީތެރިވެދޭ ކެޕިލަރީސް ތަކުން ) ނެގޭ ލެއެކެވެ. މިއާ ޚިލާފަށް ލޭހަދިޔާ ކުރުމުގައި ނަގާ ލެޔަކީ ސީދާ ހަށިގަނޑުގައިވާ ނާރުތަކުން ( ވެއިންސް ) އިންނެވެ. ނާރުތައް ނުވަތަ ވެއިންސް އަކީ ކުދިނާރު ނުވަތަ ކެޕިލަރީސްތަކުން ހަށިގަނޑަށް ލޭފޮުނުވުމަށްފަހު އަނބުރާ ހިތައް ލޭ ފޮނުވައިދޭ ވަސީލަތެވެ.
veins and capillaries
3. ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑުން އަންނަ ފާސިދު ނުވަތަ ތަޤައްޔަރުވެފައިވާ ލޭގައި ކުނިވަހެއް ހުންނައިރު ލޭދޭއިރުގައި ނަގާ ލޭގައި އެއްވެސް ކަހަލަ ނުބައި ވަހެއް ނުހުންނާނެއެވެ.
4. ޙިޖާމާ ޖަހައިގެން ނަގާ ލޭގެ ކުލަޔަށް ބަލާލާއިރު އޭގައި ހުންނާނީ ކަޅު ރަތް ކުލައެކެވެ. އޭގައި ވަރަށް ގިނަ އަދަދެއްގެ ވިހަ އެކުލެވޭ މާއްދާތައް  ހިމެނެއެވެ. ހަމައެހެންމެ ހިޖާމާ ޖެހުމުން ހަށިގަނޑު ސާފުކޮށްދީ ވިހަތައް ނައްތާލަދެއެވެ. މިފަދަ ވިހަތައް ހަށިގަނޑުން ނައްތާލެވުމާއިއެކު ހަށިގަނޑުގައި ސާފު ލޭ އުފަައްދައިދޭން ފަށައެވެ. ނަމަވެސް ލޭ ހަދިޔާ ކުރާއިރު ނަގާ ލެއަކީ އާދައިގެ ސާފު ރަތް ކުލައިގައި ހުންނަ ދިޔާ ލެއެކެވެ.

 

 

faasidhu blood

5. ޙިޖާމާ ޖެހުމުގެ ސަބަބުން  ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުން މިފަދައިން ލޮލުގެ ފެނުމަށް އަލިކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ.
6. ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ނުވަތަ ކޮލެސްޓްރޯލް ( ޚާއްސަކޮށް ޓްރައިގްލީސަރައިޑްސް )  ދަށްކޮށްދިނުމަށް ޙިޖާމާ ޖެހުމުން އެހީތެރިވެދެއެވެ. ނަމަވެސް ލޭހަދިޔާކޮށްގެން މިގޮތަށް ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުން ދަށެއް ނުކޮށްދޭނެއެވެ.
7. ޙިޖާމާ ޖެހުމުން ހަށިގަނޑަށް ދިރުން ލިއްބައިދީ މަސްގުޅަކެއުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. ނަމަވެސް ލޭހަދިޔާކުރުމުން ގިނަ މީހުންނަށް ބޯ އެނބުރުމާއި އެކު ހަށަގަނޑަށް ވަރުބަލިކަން އިޙްސާސްކުރުވައެވެ.
8. ޙިޖާމާ ޖެހުމުގެ ސަބަބުން އަޖައިބުވަނިވި ގޮތަކަށް މައިގްރެއިން އަދި ބޮލުގައި ރިއްސުންފަދަ ބަލިތަކަށް ފަރުވާ ލިބެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ސަބަބުން މިކަހަލަ ކަންކަމަށް އެއްވެސް ބަދަލެއް ނުވަތަ ފައިދާއެއް ނުކުރުވައެވެ.
9. ޙިޖާމާގެ އެހީގައި ބުރަކަށީގައި ރިއްސުމާއި މައިބަދައިގެ އެކި މައްސަލަތަކުން އަންނަ ތަދުތަކަށް ފަރުވާ ލިބެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުގެ ސަބަބުން މި ދެންނެވިފަދަ ކަމަކަށް އެއްވެސް ފަރުވާއެއް ނުލިބެއެވެ.
10. ހިޖާމާ ޖެހުމުގެ ސަބަބުން އަންހެނުންގެ ރަޙިމުގެ ދޮރަށް ޖެހޭ ބައްޔެއްކަމަށްވާ ” ސާވިކަލް ސްޕޮންޑޮލައިސިސް” އަަށް ފަރުވާ ލިބިގެންދެއެވެ. ނަމަވެސް ލޭ ހަދިޔާ ކުރުމުން މިބައްޔަށް އެެއްވެސް ފަރުވާއެއް ނުލިބެއެވެ.
11. ޙިޖާމާގެ އެހީގައި ސިޙްރު،އެސްފީނާ އަދި ޖިންނި ބަލިތަކަށް ﷲގެ އިޒުނަފުޅާއިއެކު ޝިފާއެއްލިބެއެވެ. ނަމަވެސް ލޭހަދިޔާ ކުރުމުން މިފަދަ ބަލިތަކަށް އެއްވެސް ކަހަަލަ ފަރުވާއެއް ނުލިބެއެވެ.

ޙިޖާމާ ޖެހުމާއި ލޭހަދިޔާ ކުރުމުގެ ތަފާތު ދައްކައިދޭ ތާވަލެއް ތިރީގައި އެވަނީއެވެ.

 

މައްސަލަ

ޙިޖާމާ

ލޭދިނުން

ލޭނަގާ ތަން

ދެހަންގަނޑު ދޭތެރެއިން ނާރުތަކުގެ ތެރެއިން
ވަސް ކުނި އަދި ނުބައި ވަހެއް ވަރަށް މަދުން ނުނީ ނުބައިވަހެއް ނުދުވާ
ކުލަ ރަތް މުށި ކުލައިން ފެށިގެން ކަޅުކުލަ ހިމެނޭ ރަތް ކުލަ
ފެނުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭ ލޮލުގެ ފެނުމަށް ވަކި ބަދަލެއް ނުގެނުވާ
ކޮލެސްޓްރޯލް/ސަރުބީ ކޮލެސްޓްރޯލް ދަށްކޮށްދޭ ކޮލެސްޓްރޯލް ހިމެނޭ މިންވަރަށް ބަދަލެއް ނުގެނުވާ
ވަރުދެރަވުން ހަށިގަނޑުގައި ބާރު ޖައްސައިދޭ ހަށިގަނޑުގެ ވަރުދެރަކޮށްލާ
މައިންގްރެއެިން/ބޮލުގައި ރިއްސުން ޙީޖާމާއިން ބޮލުގެ ރިހުން ރަނގަޅުކޮށްދޭ ލޭ ދިނުމުން ބޮލުގެ ރިހުން ރަނގަޅެއް ނުވޭ
ބުރަކަށީގަ ރިއްސުން ބުރަކަށީގެ ރިއްސުން ރަނގަޅުކޮށްދޭ ބުރަކަށީގައި ހުންނަ ރިހުމަށް ފަރުވާއެއް ނުލިބޭ
އަންހެނުންގެ ކުރިމަތިފަރާތައް ދިމާވާ މައްސަލަތައް މައި ނާރުތަކަަށް ޙިޖާމާ ޖެހުމުން އަންހެނުންގެ ކުރިމަތިފަރާތައް ޖެހޭ މައްސަލަތައް ރަނގަޅުވޭ އަންހެނުންގެ ކުރިމަތިފަރާތައް ދިމާވާ މައްސަލަތަކަށް އެއްވެސް ފަރުވާއެއް ނުލިބޭ

ސިޙްރު،ޖިންނި މޮޔަވުން،އެސްފީނާ/ޙަަސަދު

މިފަދަ ރޫހާނީ ބަލިތައް ހަށިގަނޑުން އެއްކޮށް ނައްތާލުމުގައި އެހީތެރިވެދޭ ރޫޙާނީ ބަލިތަކަށް އެެއްވެސް ކަހަލަ ފަރުވާއެއް ނުލިބޭ

 

ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.

ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ، އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ

މަޢުލޫމާތު ނެގި މަޞްދަރުތައް:އަލް ޙިޖާމާ .ކޮމް، ޙިޖާމާ ހާބްސް.ކޮމް

މިލިޔުމާއި ގުޅޭ އެހެން ބައިތައް:

ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )

Leave a Reply

Your email address will not be published. Required fields are marked *