ސުންނަތުގެ އަލީގައި ޙިޖާމާ ( 5 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ ( 5 ވަނަ ބައި )
ސުންނަތުން ފެންނާންހުރި ޙިޖާމާ ޕޮއިންޓްތައް
ކީރިތި ރަސޫލާ صلى الله عليه وسلم މުޅި އެކު 9 ޕޮއިންޓެއްގައި ޙިޖާމާ ޖެއްސެވިކަމަށް ވެއެވެ. އެހެންކަމުން މި ޕޮއިންޓް ތަކަކީ ޙިޖާމާގެ ސުންނަތް ޕޮއިންޓްތަކެވެ.
ގަޒްވާ ޚައިބަރުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވިހަވެ ވަޑައިގަތުމުން އެކަލޭގެފާނު 3 ތަނެއްގައި ޙިޖާމާ ޖެއްސެވިކަމަށް ވެއެވެ. އެއީ ޢަރަބި ބަހުން “ކާހިލް” ( ބުރަކަށި ފުޅުގެ މަތީ ބައިގެ މެދު ) އޭ ކިޔުތަނުގަޔާއި ހިތްޕުޅާއި ދިމާވާގޮތަށް ބުރަކަށިފުޅުންނާއި ( ކާހިލްގެ ވައަތްފަރާތް ) އަދި މި ޕޮއިންޓްގެ ތަންކޮޅެއް ތިރީގައި ނުވަތަ ކާހިލްގެ ކަނާއަތް ފަރާތުގައި ކަމަށް ބެލެެވެއެވެ.
އަބްދުއްރައްޒާޤު ރިވާކުރައްވާފައިވެއެވެ. ޔަހޫދީ އަންހެނަކު، ރަސޫލާ صلى الله عليه وسلم ޚައިބަރުގައި ހުންނަވަނިކޮށް ވިހަލާފައިވާ ފިހުނު ކަންބަޅިއެއް އެކަލޭގެފާނު އަރިހަށް ގެނައެެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. ” މި އީ ކޮން އެއްޗެއްތޯއެވެ؟ ” އެއީ ހަދިޔާއެއް ކަމުގައި އަންހެން މީހާ ބުންޏެވެ. އެހެނީ އެއީ ޞަދަޤާތެއްނަމަ އެކަލޭގެފާނު ފަރީއްނުކުޅުއްވަ ފާނެތީއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ސަޙާބީން އެއިން ފަރީއްކުޅުވިއެވެ. ދެން އެކަލޭގެފާނު ފަރީއްކުޅުއްވުން ހުއްޓަވާލެއްވުމަށް އަސްޙާބު ބޭކަލުންނަށް އަމުރުފުޅުކުރެއްވިއެވެ. އަދި އެ އަންހެން މީހާ ގާތުން އެ ކަންބަޅި ބަކަށްޓަށް ވިހަ އަޅާފައިހުރިތޯ ހަދީޘްކުރެއްވުމުން، އެއީ ކާކު ބުނި ވާހަކައެއްތޯ އެކަލޭގެފާނު އަރިހުން އަންހެން މީހާ އެހިއެވެ. ހަދީޘް ކުރެއްވިއެވެ. ” މި ކަށިގަނޑެވެ. ” ( މާނައަކީ އެކަލޭގެފާނުގެ އަތްޕުޅުގައި އޮތް ކަންބަޅީގެ ފައެވެ ). ދެން އެ އަންހެންމީހާ ބުންޏެވެ. ” އާނ އެކެވެ” . ހަދީޘްކުރެއްވިއެވެ. “ކީއްވެގެންހެއްޔެވެ؟ ” .އޭނާ ބުންޏެވެ. ” އަހަރެން ހިތައް އެރީ ކަލޭގެފާނަކީ ދޮގުވެރިއެއްނަމަ މީސްތަކުން ކަލޭގެފާނުގެ އަރިހުން ސަލާމަތްވާނެ ކަމަށެވެ. އެހެނެއްކަމަކު ކަލޭގެފާނަކީ ތެދުވެރި ނަބިއްޔެއްނަމަ ކަލޭގެފާނަށް ގެއްލުމެއްނުވާހުށިކަމެވެ.” ދެން އިތުރު އެކަލޭގެފާނު ކާހިލް ( ބުރަކަށީގެ މަތީ ބައިގެ މެދު ) ގައި 3 ފަހަަރު ޙިޖާމާ ޖެއްސެވިއެވެ. އަދި ސަޙާބީންނަށް އެގޮތަށް ކަންތައް ކުރެއްވުމަށް އަމުރުފުޅުކުރެއްވިއެވެ. އެހެނެއް ކަމަކު ބައެއް ބޭފުޅުން އަވާހަރަފުޅުވިއެވެ.) ރިވާކުރެއްވީ އިމާމް އަޙްމަދު ( 305/1 ، މިއީ ހަސަނު ދަރަޖައިގެ ހަދީޘެކެވެ. ) ( ހަދީޘް އައިސްފައިވަނީ ރަނގަޅު ސަނަދަކުންނެވެ )
ޢަލީ رضي الله عنه ޢަންހުގެ އަރިހުން އިބްނު މާޖާ ރިވާ ކުރައްވާފައިވެއެވެ. “ޖިބްރީލް ޢަލައިހިއްސަލާމަ ، ނަބިއްޔާ صلى الله عليه وسلم ގެ އަޚަދަޢިން ( ކަނދުރާގެ 2 ފަރާތް، އަދި ކާޙިލް ( ބުރަކަށީގެ މަތީ ބައިގެ މެދު ) ގައި ޙިޖާމާ ޖެއްސެވުމަށް ނަސޭޙަތްތެރިވެ ވަޑައިގަތެވެ.”
އަބޫ ޚަބްޝާ އަލް އަންމާރީ ގެ އަރިހުން އަބޫ ދާވޫދާއި އިބްނު މާޖާ ރިވާކުރައްވާފައިވެއެވެ. ” ކީރިތި ރަސޫލާ صلى الله عليه وسلم ޙަމާޙްގަޔާއި ދެ ކޮނޑު ދޭތެރޭ ( ކާޙިލް ) ގައި ޙިޖާމާ ޖެއްސެވިއެވެ.”
އަބްދުﷲ ބިން ބުޖައިނާ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “ރަސޫލާصلى الله عليه وسلم މައްކާއަށް ދަތުރުފުޅު ކުރައްވަނިކޮށް އިޙުރާމް ބަންނަވައިގެން ހުންނަވައި، އެކަލޭގެފާނުގެ އިސްތަށިފުޅުގެ މެދު ( ޔަޚޫޕް ) ޙިޖާމާ ޖެއްސެވިއެވެ. ( މަޑުކުރައްވައިވަޑައިގެންނެވި ތަނަކީ ލަޙްޔީ ޖަމަލް ކަމަށްވެއެވެ ) ”
” ޤަމައްދުވާ ( ކަނދުރާގެ މަތީ ) ޙިޖާމާ (ތެތް ޙިޖާމާ) ޖައްސަވާށެވެ. އެހެނީ އެއީ 70 ބައްޔަށް ހުރި ފަރުވާއެކެވެ.” ( ރިވާކުރެއްވީ ޠަބަރާނީ )
ޖާބިރު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ގައިގެ ވަރު ދޫވެ ބާރުދެރަވުމުގެ އުނދަގޫފުޅަށް އުނަގަނޑުގައި ( ތެތް) ޙިޖާމާ ޖެއްސެވިއެވެ. ( ރިވާޙު އަބޫދާވޫދު )
” ކީރިތި ރަސޫލާصلى الله عليه وسلم އުނަގަނޑުޕުޅުގަޔާއި ފައިންޕުޅުގެ މަތީގައިވެސް ޙިޖާމާ ޖެއްސެވިއެވެ.މިކަމުން ދޭހަ ކޮށްދެނީ ތަދުވާ ތަނެއްގައިވެސް ޙިޖާމާ ޖަހަންވާނެކަމެވެ. ( ޠިއްބު އައްނަބަވީ )
އަނަސް رضي الله عنه ގެ ކިބައިން އަބޫ ދާވޫދު ރިވާކުރައްވާފައިވެއެވެ. “ނަބިއްޔާ صلى الله عليه وسلم (އިޙްރާމް ބަނދެ ވަަޑައިގެން ހުންނަވާ ) އެކަލޭގެފާނުގެ ފައިންޕުޅުގެ މައްޗައް ތަދުފުޅުވެލެއްވުމުން ފައިންޕުޅުގެ މަތީގައި ޙިޖާމާ ޖެއްސެވިއެވެ.”
ޙިޖާމާ ޖެއްސެވުމަށް ބައެއް ޢިލުމްވެރިން ވިދާޅުވެދެއްވި ޕޮއިންޓްތައް
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ރަނގަޅު ވަޤުތުގައި، ދަތްދޮޅި ދަށާށް ޙިޖާމާ ޖަހައިފިނަމަ. ދަތުގެ ރިހުމާއި، މޫނުމައްޗަށާއި ކަރުތެރެއަށް ތަދުވުމުން ސަލާމަތްކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. ބޮލާއި ކޯ ކަށިގަނޑު ސާފުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ. ”
މޭދަށަށް ޙިޖާމާ ޖެހުމުން ހަންގަނޑު ހިކުމާއި، ކުރަކިވުމާއި، ފުރަގަސްފަރާތުގެ ބަލިތަކަށާއި، ފައިދުޅަވުމާއި ބުރަކަށި ކެހާގޮތްވުމަށް ފަރުވާލިބެއެވެ. ( ޒާދް އަލް މަޢާދް 58/4 )
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم އަށް ސިޙުރު ޖެހިވަޑައިގަތުމުން ބޮލުގައި ޙިޖާމާ ޖެއްސެވިއެވެ. ބޮލަށް ޙިޖާމާ ޖެހުމަކީ ރަނގަޅުގޮތުގައި ކުރެވިއްޖެނަމަ މިކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއެވެ. ( ޒާދް އަލް މަޢާދް 126-125 /4 )
އެކި ބަލިތަކަށް ޙިޖާމާ ޖެހިދާނެ ޕޮއިންޓްތައް
ތިރީގައި މިވަނީ ބައެއް ބަލިތަކަށާއި ސިއްޙީ މައްސަލަތަކާއި އެކަންތައްތަކަށް ފަރުވާ ކުރުމަށްޓަކައި ޙިޖާމާ ޖަހަންވާ ތަންތަނެވެ ނުވަތަ ޕޮއިންޓްތަކެވެ. މީގެއިން ބައެއް ޕއިންޓްތައް ނާރުތަކުގެ މަތީގައި ވާއިރު އަނެއްބައި ޕޮއިންޓްތައް ލޭ ނާރުތަކުގެ ތިރީގައިވެއެވެ. އަދި އެއްބައި ޕޮއިންޓްތައް ހުންނަނީ “އިކުއި ޕަންޗާ” ޕޮއިންޓްތަކުގެ މަތީގައެވެ. ބުރަކަށީގައިވާ ” ރިޕްލެކްސް ޕޮއިންޓް”ތަކުގެ މަތީގައި އެއްބައި ޕޮއިންޓްތައްވާއިރު “ލިންފެޓިކް ގްލޭންޑްސް” އޭ ކިޔުނު ގްލޭންޑްސްތަކުގެ މަތީގައިވެސް ބައެއް ޕޮއިންޓްތައް ހުރެއެވެ. ޙިޖާމާ ޖަހާއިރު ބޭނުން ކުރާ ބައެއް ޕޮއިންޓްތައް ހަށިގަނޑުގެ ވަކި ހިސާބަކަށް ލޭ ޖަމާ ކުރުމަށް ބޭނުންކުރެއެވެ. ހަމައެހެންމެ ސިކުނޑި ވަރުގަދަ ކުރުމަށާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ބާރުގަދަކުރުމަށާއި “އެންޑޯކުރައިން ގްލޭންޑް” ތަކުގައި އުފައްދައިދިނުމަށް އެހީތެރިވެދިނުމަށްޓަކައި ބައެއް ޕޮއިންޓްތައް ބޭނުންކުރެއެވެ.
ގްރޫޕް A
- ހުޅުތަކާ، މަސްތަކާ، ކަށިތަކާއި ނާރުތަކުގައި ރިއްސުން ( ރިއުމެޓިސްމް ) : ޕޮއިންޓް 1، 55 އަދި ތަދުވާ ހުރިހައި ތަނެއްގައި ޙީޖާމާ ޖަހާށެވެ.
- ކަކުލައް ގެއްލުމެއް ލިބުމުގެ ސަބަބުން ނުވަތަ ބާރު ބޮޑުވުމުގެ ސަބަބުން ( ރަފްނެސް ނީޒް ) : ޕޮއިންޓް 1، 55، 11، 12، 13 އަދި ކަކޫ ވަށައިގެން، އަދި ހަމައެހެންމެ 53 އަދި 54 ހިމެނިދާނެއެވެ.
- ފެންއުދެމުގެ ސަބަބުން ޓިޝޫތައް ދުޅަވުމުގެ ސަބަބުން ( އޮއިޑީމާ ) : ޕޮއިންޓް 1، 55، 130 އަދި ފުންނާބުގެ ކަނާތް ފަރާތަށާއި ވާތް ފަރާތުގެ އިތުރުން 9 އަދި 10 ވަނަ ޕޮއިންޓްވެސް އިތުރުކުރެވިދާެނެއެވެ.
- ފޫކޮޅުގެ މަސްގަނޑުން ފެށިގެން ތިރިއަށްދާ ނާރުގެ ތަދައް ( ސިއަޓިކް ޕެއިން ) : (ކަނާތްފަރާތުގެ ފަޔަށް) 1، 55. 11، 12، 26، 51 ވަނަ ޕޮއިންޓް އަދި ފައިގެ ތަދުވާ ތަންތަނަށް ( ޚާއްސަކޮށް މަސްގަނޑު ފެށޭ ހިސާބަށާއި ނިމޭ ހިސާބައް ) . ( ވައަތު ފަޔަށް ) 1، 55، 13، 27، 52 ވަނަ ޕޮއިންޓް އަދި ފައިގެ ތަދުވާ ތަންތަނަށް ( ޚާއްސަކޮށް މަސްގަނޑު ފެށޭ ހިސާބަށާއި ނިމޭ ހިސާބައް ).
- ބުރަކަށީގައި ރިއްސުން ( ބެކްޕެއިން ) :1، 55 އަދި މައިބަދައިގެ 2 ފަރާތުގަޔާއި ތަދުވާ ތަންތަނަށް.
- ކަރަށް އަދި ކޮނޑަށް ތަދުވުން : 1، 55، 40، 20، 21 އަދި ތަދުވާ ތަންތަނަށް.
- ހަށިގަނޑުގައި ޔޫރިކް އެސިޑް ގިނަވުމުގެ ސަބަބުން ހުޅު ހުޅު ދުޅަވުން ( ގޮއުޓް ) : 1، 55، 28، 29، 30، 31، 121 އަދި ތަދުވާ ތަންތަނަށް.
- ހުޅު ހުޅުގައި ރިއްސުން ( ރިއޮމޮޓައިޑް އާތްރައިޓިސް ) : 1، 55، 120، 49، 36 އަދި ކުދި ހުޅުތަކާއި ބޮޑެތި ހުޅުތަކަށް.
- ހަށިގަނޑުގެ 1 ފަޅި ވާގިނެތުން ( ހެމިޕްލީގިއާ ) : 1، 55، 11، 12، 13، 34 އަދި 35 އަދި ހުރިހައި ހުޅުތަކަށް. އަދ ކޮންމެ ދުވަހަކުވެސް ވާގި ގޮސްފައިވާ ފަޅި މަސާޖް ކުރައްވާ.
- ހަތަރެސްފައި ވާގިނެތުން ( ކުއަޑްރިޕްލީގިއާ ) : 1، 55، 11، 12، 13، 34، 35 އަދި ހުރިހައި ހުޅުތަކަކަށް. ކޮންމެ ދުވަހަކުވެސް ހަތަރެސްފައި މަސާޖް ކުރައްވާ.
- ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުން: 1، 55، 120، އަދި 49 ޕޮއިންޓް.
- މަސްގުޅަކެއުން ( މަސުލް ސްޕެސްމް ) : މަސްގުޅަވާ ހިސާބުގެ ވަށައިގެން ހިކި ޙިޖާމާ ޖެހުން.
- ހަށިގަނޑުގައި ލޭދައުރު ކޮށްދޭ މިންވަރު ދަށްވުން : 1، 55، 11 އަދި ދިހަ ކަޕް މައިބަދައިގެ ކަށިގަނޑުގެ ދެ ފަރާތުގައި މަތިން ފެށިގެން މައިބަދައިގެ އެންމެ ތިރިއަށް ވާގޮތަށް ޖަހާށެވެ. އަދި ޙިޖާމާ ޖެހުމަށްފަހު ކޮންމެ ދުވަހަކު އެއް ސައިސަމްސަލުގެ އެޕްލް ސައިޑރ ވިނިގާ އަދި މާމުއި ބޯށެވެ.
- އަތުގެ މަސްތަކަށް ކަށި ހެރޭ ކަހަލަ އިޙްސާސެއް ކުރެވުން ( ޓިންގްލިން އާމްސް ) : 1، 55، 40، 20، 21 އަދި އަތުގެ މަސްތަކަށާއި އަސަރުކޮށްފައިވާ ހުޅުތަކަށް.
- ފައިގެ މަސްތަކަށް ކަށި ހެރޭ ކަހަލަ އިޙްސާސެއް ކުރެވުން ( ޓިންގްލިން ފީޓްް ) : 1، 55، 11، 12، 13، 26، 27، އަދި ފައިގެ ހުޅުތަކަށާއި އަސަރުކޮށްފައިވާ މަސްތަކަށް.
- ބަނޑުގައި ރިއްސުން: 1، 55، 7، 8، އަދި ހިކި ޙިޖާމާ 137، 138، 139، 140 ވަނަ ޕޮއިންޓްގައި ޖަހާށެވެ. އަދި ބަނޑަށް ތަަދުވާ ދިމާލުން ބުރަކަށްޓަށް ހިކި ޙިޖާމާޖަހާށެވެ
ގްރޫޕް B
މުހިންމު ނޯޓް: ތިރީގައި ވާ ޕްއިންޓްތައް ތަރުތީބު ކުރެވިފައިވަނީ އެ ޕޮއިންޓްތަކުގެ މުހިއްމުކަމުގެ މައްޗަށް ރިއާޔަތްކޮށެވެ. ބައެއްފަހަރު ހުރިހާ ޕްއިންޓްތަކަށް ޙިޖާމާ ޖަހާކަށް ނުޖެހެއެވެ. އަނެއްބައި ފަހަރު ޖެހިފައިވާ ބައްޔަކަށް ބަލައި ހުރިހާ ޕްއިންޓަކަށްވެސް ޙިޖާމާ ޖަހަން ޖެހިދާނެއެވެ.
- ފުރަގަސްފަރާތު ދޮރުގެ ނާރުތައް ދުޅަވުން ( ހެމަރޮއިޑްސް ) : 1، 55، 121، 11، 6، 137، 138، 139 ވަނަ ޕްއިންޓްއަށް ހިކި ޙިޖާމާ ޖަހާށެވެ.
- ފުރަގަސްފަރާތު ދޮރުގެ ކައިރީގެ ހަންގަނޑު ހުޅުވިފައި ހުންނަ ހަނގަޑުން މަގެއް އުފެދި ދިޔާ އެއްޗެހިތަކެއް ބޭރުވުން ( އެނަލް ފިސްޓުލަރ) : 1، 55، 6، 11، 12، 13 ވަނަ ޕްއިންޓް އަދި ފުރަގަސްފަރާތުގެ ދޮރުގެ ވަށައިގެން ފިސްޓުލަރ ހޮރުގެ މަތީގައި ޙިޖާމާ ޖެހުން
- ފިރެހެން ގުނަވަނުގައި މައްސަލަ ހުރުން ( ބާރުނެތުން/އަވަހަށް އެދުން ފުދުން ) އަދި ޕްރޮސްޓްރޭޓް ދުޅަވުމުގެ ސަބަބުން ކުޑަ ކަމުދިއުމަށް އުނދަގޫވުން : 1، 55، 6، 11، 12، 13 ވަނަ ޕްއިންޓް އަދި ފިރެހެން ގުނަވަނުގެ މައްސަލައަށް 125، 126، 131 ވަނަ ޕޮއިންޓް ( ދެފައިގެ ވެސް ) ، ހަމައެހެންމެ 140 އަދި 143 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖެހުން.
- ގިނަދުވަސްވަންދެން ކެއްސާ ކެއްސުމާއި އަދި ފުއްޕާމޭގެ ބަލިތަކަށް: 1، 55، 4، 5، 120 ،49، 115، 116، 9، 10، 117، 118، 135، 136 ވަނަ ޕްއިންޓައް އަދި 2 ކަކުލުގެ ތިރިއަށް 2 ކަޕް ޖަހާށެވެ.
- ލޭމައްޗަށް ދިއުން: 1، 55، 2، 3، 11، 12، 13، 101، 32، 6، 48، 9، 10، 7، 8 ވަނަ ޕޮއިންޓް ( 2ވަނަ ޕްއިންޓާއި 3 ވަނަ ޕްއިންޓްގެ ބަދަލުގައި 43 އަދި 44 ވަނަ ޕޮއިންޓް ބޭނުންކުރެވިދާނެއެވެ.)
- މައިދާގެ މައްސަލަތަކަށް އަދި ފޮޅުތަކަށް ( އަލްސާރ ) : 1، 55، 7، 8، 50، 41، 42 ޕޮއިންޓަށް ތެތް ޙިޖާމާ އަދި 137، 138، 139، 140 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ.
- ޤުރުދާ ( ކިޑްނީ ) ގެ ބަލިތަކަށް: 1، 55، 9، 10، 41، 42 ވަނަ ޕޮއިންޓަށް ތެތް ޙިޖާމާ އަދި 137 އަދި 140 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ.
- ގަދަޔަށް ބަނޑުގައި ރިއްސުން ، ބަނޑު ފުއްޕުން، ވައި ހެދުން، އެއްބައި ފަހަރު ބަނޑު ދިޔާވުން އަދި އަނެއްބައި ފަހަރު ބަނޑު ހަރުވުން ( އިރިޓެބްލް ބަވުލް ސިންޑްރަމް ) : 1، 55، 6، 48، 7، 8، 14، 15، 16، 17، 18، 45، 46 ވަނަ ޕޮއިންޓަށް ތެތް ޙިޖާމާ އަދި 137 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ.
- ދިގުމުއްދަތަކަށް ބަނޑުހަރުވުން: 1، 55، 11، 12، 13، 28، 29، 30، 31 ވަނަ ޕޮއިންޓް
- ބޭރަށް ހިންގުން: 137، 138، 139، 140 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ.
- އަމިއްލަ އިޚްތިޔާރާ ނުލައި ކުޑަކަމުދެވުން : 137، 138، 139، 140، 142، 143، 125، 126 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ.
- ޑިޕްރެޝަން، އެކަހެރިވުން، ނިދަން އުނދަގޫވުން ( އިންސޮމްނިއާ) ، ކަންކަމާއި ހާސްވުން އަދި ނަފްސާނީ މައްސަލަތަކަށް: 1، 55، 6، 11، 32 ވަނަ ޕޮއިންޓަށް އަދި ކަކުލުގެ ދަށަށް.
- ސަރުބީ ޖެހުމުގެެ ސަބަބުން ނުވަތަ މަސްތައް ކޮންޓްރެކްޓްވުމުގެ ސަބަބުން ލޭނާރުތައް ހިމަވުން: 1، 55، 11 ވަނަ ޕޮއިންޓަށް އަދި ތަދުވާ ތަންތަނަށް ޙިޖާމާ ޖެހުމުގެ އިތުރުން 1 ސައިސަމްސަލުގެ އެޕަލް ސައިޑާ ވިނެގަރ އާއި މާމުއި ޙިޖަމާ ޖަހާދުވަސް ނޫން އެހެން ދުވަސްތަކުގައި ބޭނުންކުރުން.
- މައިދާގެ ފަށަލަ ދުޅަވުން ( ގޭސްޓްރައިޓިސް ) : 1، 55، އަދި 121 ވަނަ ޕޮއިންޓް.
- މާގިނައިން ނިދުން ނުވަތަ ނިދިއައުން : 1، 55، 36 ވަނަ ޕޮއިންޓް އަދި 1 ސައިސަމްސަލުގެ އެޕަލް ސައިޑާ ވިނެގަރ އާއި މާމުއި ޙިޖަމާ ޖަހާދުވަސް ނޫން އެހެން ދުވަސްތަކުގައި ބޭނުންކުރުން.
- ކާ އެއްޗެއްސަށް އެލާޖިކްވުން : ފޫޅުމަތީގައި ޙިކި ހިޖާމާގެ 1 ކަޕް ލުއިކޮށް ( ޙިޖާމާ ޖެހުމުގައި ބޭނުންކުރާ ގަން އަށް ކުޑަ ބާރެއްލުމަށް ފަހު ) ޖަހާށެވެ.
- ތަންތަނުގައި ރިއްސުން، ފައިގެ އަދި ފަލަމަސްގަނޑުގަައި ދޮސް ހެދުން އަދި އުނަގަނޑުގެ ތަންތަން ހުރުވުން : 1، 55، 129، 120 ވަނަ ޕޮއިންޓް.
ނޯޓް: ހިކި ޙިޖާމާ : ލޭ ނުނަގައި ހަމަ އެކަނި ކަޕް ޖަހާލައިގެން ދެވޭ ޙިޖާމާ
ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.
ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ،އަލީ އާސިރު އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ
މަޢުލޫމާތު ނެގި މަޞްދަރުތައް:އަލް ޙިޖާމާ ސަޓިފިކޭޝަން.ކޮމް، ޙިޖާމާނީޑްސް.ކޮމް،
މިލިޔުމާއި ގުޅޭ އެހެން ބައިތައް:
ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )