ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )

 

 

ޙިޖާމާގެ ކުރު ތަޢާރަފެއް   

ޙިޖާމާއަށް ދިވެހިން ކިޔަނީ ކަވާޖެހުމެވެ. އެއީ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި ދައުރުވަމުންދާ ބޭކާރު، ފާސިދު ލޭ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނެރުމަށް ކިޔާނަމެކެވެ. އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

އައްޝައިޚް ޞާލިޙުލް މުނައްޖިދު ވިދާޅޫވެފައިވާގޮތުގައި ، ޢަރަބި ބަހުގައި ” ޙިޖާމާ” މި ލަފުޒު ނެގިފައިވަނީ “އަލް ޙަޖްމް” މި ބަހުންނެވެ. މާނައަކީ ދަމާލުމެވެ. ނަމަވެސް މުޙައްމަދު އަމީނު އައްޝައިޚޯ އެބޭފުޅާގެ ޙިޖާމާއާއި ބެހޭގޮތުން ލިޔެފައިވާ ފޮތެއްކަމުގައިވާ ” ކަޕިން؛ އަ ޕްރޮފެޓިކް މެޑިސިން އިން އިޓްސް ނިއު ސައިންޓިފިކް ޕާސްޕެކްޓިވް” ބަޔާންކުރައްވާފައިވަނީ ޙިޖާމާ އައިސްފައިވަނީ ޢަރަބި ބަހެއްކަމުގައިވާ “ޙަޖަމާ” އަދި “ޙައްޖާމާ” މި ބަހުންނެވެ. މާނައަކީ ” ކުޑަކޮށްލުން” ނުވަތަ “އެއްޗެއް ހުންނަންޖެހޭ މިންވަަރަށް އަނބުރާ ގެންދިއުން” ނުވަތަ “އެއްޗެއް ހުންނަންޖެހޭ ވޮލިއުމް ކުޑަކޮށްލުން” މިއެވެ. ޙިޖާމާ ޖަހާ މީހާއަށް ޢަރަބި ބަހުން ކިޔަނީ ” އަލް ޙައްޖާމް” އެވެ. އަދި ޙިޖާމާ ޖަހަން ބޭނުންކުރާ އާލާތްތައް ( ވަޅި،ތިލަ،ކަށި ) ކިޔަނީ ” އަލް މިންހަޖެވެ”.

ޙިޖާމާ ޖެހުމަކީ “ކަޕްތަކެއް” ނުވަތަ ވަށްކޮށް އަދި އެކި ސައިޒުތަކަށް ބިއްލޫރިން ނުވަތަ ޕްލާސްޓިކުން ހަދާފައި ހުންނަ ތަށިތަކެއްގެ ތެރޭގައި ހުންނަ ވައި ހުސްކޮށްލުމަށްފަހު ( ވެކިއުމް ކޮށްލުމަށްފަހު ) ހަށިގަނޑުގެ އެކި ޕޮއިންޓްތަކުގައި ހަރުކޮށްލުމެވެ ނުވަތަ ތަތްކޮށްލުމެވެ.

ޢަރަބި ބަހުން ބުނެވެއެވެ. ” މިވެނި މީހަކަށް ދިމާވެފައިވާ މައްސަލަތައް ކުޑަ ކުރެއެްވިޖެއެ ” ، މީގެން މާނަކޮށްދެނީ އެމީހަކަށް ދިމާވެފައިވާ މައްސަލަތައް ރަނގަޅުވެ ކުރިން ހުރި ޙާލަތައް ރުޖޫޢަކޮށްދިންކަމެވެ. މީގެ އިތުރުންވެސް ޢަރަބި ބަހެއް ކަމައްވާ ” އަޙްޖާމާ” ގެ މާނާގައިވަނީ ” ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުން ނުވަތަ ސަލާމަތްވުން ” މިހެނެވެ.

އެހެންކަމުން ޙިޖާމާ ޖެހުމުގެ ސަބަބުން މީހަކަށް ދިމާވެފައިވާ ބަލިމަޑު ކަމަކުން ސަލާމަތްވެ ނުވަތަ ދިމާވެދާނެ ބޮޑު ބައްޔަކުން ސަލާމަތްވެއެވެ. ހަށިގަނޑުގައި ފާސިދު ލޭ ގިނަވުމުގެ ސަބަބުން މީހެއްގެ އުމުރުން 20 ނުވަތަ 21 އަހަރުވާ ހިސާބުން ހަށިގަނޑު ހެދިބޮޑުވުމަށް ހުރަސްތަކާއި ކުރިމަތިވެއެވެ. އާންމުގޮތެއްގައި މިފަދަ ފާސިދު ލޭ ހަށިގަނޑުގައި ޖަމާވާން ފަށަނީ ބުރަކަށީގައެވެ. އަދި އުމުރުން ދުވަސްވަމުންދާ ވަރަކަށް މުޅި ހަށިގަނޑުގައި ލޭ ދައުރުކުރާ ނިޒާމަށް މިކަމުގެ އަޘަރުތައް ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި ހިމެނޭ އާ “ރެޑް ކޯޕަސްލްސް” ގެ މަސައްކަތް ހުއްޓި ހަށިގަނޑު ބަލިވެ އެކި ކަހަލަ ބަލިތަކަށް މަގުފަހިކުރުވައެވެ. ނަމަވެސް ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑުގައި މިފަދައިން އަށަގަނެފައިވާ ލޭތައް ކުރިން ހުރި ޙާލަތައް ބަދަލުވެ ފާސިދުވެފައިވާ ލޭތައް ބޭރުވެގެންދެއެވެ. މި ލޭގެ ތެރޭގައި މަަސައްކަތް ހުއްޓިފަައިވާ ” ރެޑް ކޯޕަސްލަސް” އާއި އޭގެ ސެލްތަކާއި ހަލާކުވެފައިވާ “ރެޑް ބްލަޑް ސެެލް” ތަކާއި ތަފާތު އެކި ކަހަލަ ކުނިތައް ހިމެނެއެވެ.

މިކަން ކަމުގެ ސަބަބުން ހަށިގަނޑުގައިވާ ލޭ ދައުރުކޮށްދޭ ޕްރެޝަރ އަސްލު ހުންނަންޖެހޭ މިންވަރަށް ދަށްކޮށްދީ ، އާ “ރެޑް ކޯޕަސްލްސް” އިން އުފައްދާފައިވާ ތާޒާ ލޭ “ސެލް” ތަކަށާއި އަދި އެއަށްފަހު ގުނަވަންތަކަށް ވަރަށް އަވަހަށް ފޯރުކޮށްދެއެވެ. މީގެ ސަބަބުން ލޭގައި ހިމެނޭ ކުނިތަކާއި އެކި ކަހަލަ ބޭކާރު ތަކެތި ނައްތާލައެވެ.

rsz_hijama-islam-dawntravels

ފޮޓޯ1 :. މީހެއްގެ ގަޔަށް ޙިޖާމާ ޖަހަނީ

ޙިޖާމާގެ ތާރީޚް

ޙިޖާމާއަކީ ވަރަށް ކުރީ ޒަމާނުއްސުރެ މީހުން ކުރަމުންއައި ކަމެކެވެ. ރަސޫލުބޭކަލުން އުންމަތުގެ މީހުންނަށް މިކަން ކުރުމަށް ބާރުއަޅުއްވާފައިވާކަން ތާރީޚުން ހެކިދެއެވެ.

މިސްރުގެ ޤަދީމީ ބިނާތަކުގަޔާއި، ޕިރަމިޑްތަކުގަޔާއި ސަންދޯއްތަކުގައި ޙިޖާމާ ޖެހިކަން އަންގައިދޭ ކުރެހުންތައް ކުރަހާފައިވެއެވެ. ޙިޖަމާ ޖެހުން އޭގެ އެންމެ އެދެވޭ ގޮތެއްގައި ކުރަން ފަށާފައިވަނީ މިޞްރުގައި ކަމަށް ބުނެވެއެވެ. މީގެ 1150 ބީ.ސީ ގެ ކުރިން ލިޔެފައިވާ ބޭސްވެރިކަމުގެ އެންމެ ޤަދީމީ ފޮތެއް ކަމުގައި ބެލެވޭ އެމްބާސް ޕެޕިރަސްގައި ޙިޖާމާ ޖަހުމަކީ ހަށިގަނޑުން ލޭނެރެގެން ހަށިގަނޑަށް އެތެރެވާ ބޭކާރު މާއްދާތައް ބޭރުކުރުން ކަމުގައި ބަޔާންވެފައިވެއެވެ.

historyofhijama

ފޮޓޯ 2 :- ކުރީ ޒަމާނުގައި ޙިޖާމާ ޖަހާގޮތް

ނަމަވެސް ގިނަ ދުވަސްވުމުގެ ސަބަބުން މީސްތަކުން ހަނދާންނެތިފައިވާ ޙިޖާމާގެ އަސްލާއި އެކަން ކުރާނެގޮތްތައް އަހަރެމެންގެ ނަބިއްޔާ މުޙައްމަދު…. ވަނީ ގެނެސްދެއްވާފައެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް މިކަމުގައި ތަބާވާންވީ ގޮތްތައް ދައްކަވާދެއްވާފައިވެއެވެ.

އެކަލޭގެފާނު ވަނީ މިކަން މުޅި ދުނިޔެއަށް ހެޔޮގޮތުގައި ފޯރުކޮށްދީފައެވެ. ނަމަވެސް ދުވަސްތައް ފާއިތުވުމާއެކު، އަޅުގަނޑުމެން ސުންނަތާއި ދުރުވެ، އެކަލޭގެފާނުގެ ގޮތްތައް ދޫކޮށްލާ، ހަނދާންނައްތާލާ، ޣާފިލްވެ ޖަހުލުގެ ސަބަބުން، ޙިޖާމާ ޖެހުމާއި މިކަމުގައި ކަންތައްތައް ކުރަންވީ އުސޫލުތައްވަނީ ނެތިގޮސްފައެވެ.

ފާފަވެރިންގެ ދޮގުތަކާއި އެބައިމީހުންގެ ވާހަކަތައް މިކަމުގެ ތެރެއަށްވަދެ މީސްތަކުން މިކަމުން ދުރުވެ ހަނދާންނެތެންދެން މިބައިމީހުންވަނީ މަސައްކަތްކޮށްފައެވެ. މިކަން ބައެއް މީހުން ކުރިއަށް ގެންދިއަކަމަކީ ހަޤީގަތެކެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން މިބައިމީހުންވެސް އާންމުކޮށް ކުރާކަމެއްގެ ގޮތުގައި މިކަން ނުވިއެވެ. ނުވަތަ ޙިޖާމާ ޖެހުމުގެ ސަބަބުން އަސްލު ލިބެންޖެހޭ ފަރުވާ މީސްތަކުންނަށް ނުލިބުމުން މިކަމަކީ އެއްވެސް އަސްލެއް ނުވަތަ ހަޤީގަތެއް ކަމުގައި ބަލައި ނުގަތީއެވެ.

ބައެއް މީހުން ފިނިދުވަސްވަރުގައި އަދި ހޫނު ދުވަސްވަރުގައިވެސް ޙިޖާމާ ޖަހައި އުޅުނެވެ. ނުވަަތަ ޖިސްމާނީ މައްސަލައެއް ދިމާވުމުގެ ސަބަބުން ހަމައެހެންމެ ކެއުމުގެ ކުރިން ނުވަތަ ފަހުންވެސް ޙިޖާމާ ޖަހައި އުޅުނެވެ. ( ޙިޖާމާ ޖެހުމުގައި އެންމެ ރަނގަޅު ގޮތަކީ 3 ގަޑިއިރު ވަންދެން ނުކައި ހުރެ ޙިޖާމާ ޖެހުމެވެ. )

މި ސުންނަތް ދިރުވުމަށް މިފަހަކަށް އައިސް އެކި ބޭފުޅުން މަސައްކަތް ކުރައްވާފައިވާކަމީ ވަރަށް އުފާވެރިކަމެކެވެ. ޙިޖާމާގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން އިތުރުވެގެން ދިއުމުގެ ސަބަބުން މިފަހަކަށް އައިސް ޙިޖާމާގެ ފައިދާ ލިބިގަންނަ މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ފަހަކަށް އައިސް ފެންނަން ފެށި ބަލިތަކެއް ކަމުގައިވާ ކެންސަރާއި، ވާގިނެތުމާއި،މައިގްރެއިން، މޭގައި ރިއްސުން ( ހިތަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ) ، ކަނޑައިގެންދާ ތަންތަން ނުވަތަ ހަލާކުވާތަންތަނުގައި އުފެދޭ ފާރުގަނޑު ރަނގަޅު ނުވުން ފަދަ އެތައް ބޮޑެތި ބަލިތަކަށް ފުރިހަމަ ޝިފާއެއް މިކަމުން ލިބުމުން ޙިޖާމާއާއި މެދު މީހުންގެ މެދުގައި އޮތް ޔަޤީންކަމާއި އިތުބާރު އިތުރުވެގެން ދިޔައީއެވެ.

އެހެންކަމުން ޙިޖާމާ ޖަހާގޮތް ދަސްކޮށް މި ސުންނަތް ދިރުވައި މިކަމުން މީހުންނަށް އެހީތެރިވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ވަނީ އިތުރުވާން ފަށާފައެވެ.

(ނުނިމޭ)

    Ancient_Egyptian_%20hijama%20hajamah%20cupping    

 

 

 

 

 

 

 

 

 

ފޮޓޯ4 :. މިޞްރުގެ ޤަދީމީ ޕިރަމިޑެއްގައި ޙިޖާމާ ޖަހަން ބޭނުންކުރާ އާލާތްތައް ކުރަހާފައި

ކަޕިން ޓޫލްސް

 

 

 

 

 

 

 

 

ފޮޓޯ3 :. ޙިޖާމާ ޖެހުމަށް ކުރިން ގެންގުޅުނު އާލާތްތައް

ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.

ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ، އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

މަޢުލޫމާތު ނެގި މަޞްދަރު

-އިސްލާމް ކިއު އޭ .ކޮމް

-” މުޙައްމަދު އަމީން އައްޝައިޚޯ ލިޔުއްވާފައިވާ “ކަޕީން ، އަ ޕްރޮފެޓިކް މެޑިސިން އިން އިޓްސް ނިއު ސައިންޓިފިކް ޕާސްޕެކްޓިވް

 

މިލިޔުމާއި ގުޅޭ އެހެން ބައިތައް

ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )

 

 

 

Leave a Reply

Your email address will not be published. Required fields are marked *