ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )

hijama 3

ޙިޖާމާއާއި ގުޅޭ ޙިކުމްތައް

ރޯދައަށް ހުރެ ޙިޖާމާ (ކަވާ) ޖެހުމުގެ ޙުކުމް

މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިން ކަމުގައިވާ އިމާމް އަބޫޙަނީފާ، ޝާފިޢީ އަދި މާލިކްގެ ރައުޔަކީ ޙިޖާމާ ޖެހުމުގެ ސަބަބުން ރޯދަ ނުގެއްލުމެވެ.

ދަލީލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ. (أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ ، وَاحْتَجَمَ وَهُوَ صَائِمٌ ) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޙްރާމް ބަންނަވައިގެން ހުންނެވި ޙާލުގައި ޙިޖާމާ ޖެއްސެވިއެވެ. އަދި ރޯދަ އަށް ހުންނަވައިގެން ވެސް ޙިޖާމާ ޖެއްސެވިއެވެ.” އިބްނު ޢައްބާސް އާއި ޢިކްރިމާ ވިދާޅުވިއެވެ. “ރޯދަ ހިފަން ޖެހެނީ އެތެރެއަށް އެއްޗެއް ލިޔަ ނުދީއެވެ. އެއްޗެއް ބޭރުވުމަކުން ނޫނެވެ.” އުއްމު ޢަލްގަމާ ގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” ރޯދަ އަށް ތިބޭ ޙާލު، ޢާއިޝަތުގެ ފާނުގެ އަރިހުގައި ތިމަންމެން ޙިޖާމާ ޖަހާ އުޅުނީމެވެ. އެކަމަނާ އެކަން މަނައެއް ނުކުރައްވައެވެ.”

އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ރައުޔަކީ ޙިޖާމާ ޖެހުމުން ރޯދަ ގެއްލުމެވެ. ދަލީލަކީ: ރާފިޢު ބިން ޚުދައިޖު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާ ކުރެއްވި ޙަދީޘެވެ. (أَفْطَرَ الْحَاجِمُ وَالْمَحْجُومُ) މާނައަކީ: “ޙިޖާމާ ޖަހާ މީހާ އާއި ޖެހޭ މީހާގެ ރޯދަ ގެއްލިއްޖެ އެވެ.”

މި މައްސަލާގައި ރާޖިޙް ގޮތަކީ: ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. އަލްޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- “ފަތްޙުލް ބާރީ” ގައި ޙަދީޘް (أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ ، وَاحْتَجَمَ وَهُوَ صَائِمٌ) ޝަރަޙަ ކުރައްވަމުން ލިޔުއްވާފައިވެއެވެ. މި ޙަދީޘުން ދޭހަވަނީ (أَفْطَرَ الْحَاجِمُ وَالْمَحْجُومُ ) މަންސޫޚު ވެފައިވާ ކަމެވެ. ބައެއް ޢިލްމުވެރިން (أَفْطَرَ الْحَاجِمُ وَالْمَحْجُومُ ) ގެ މާނަ ކުރައްވަމުން ވިދާޅުވެއެވެ. މި ޙަދީޘްގެ މުރާދަކީ ޙިޖާމާ ޖެހުމަކީ ރޯދަ ވީއްލުމަށް ބާރުލިބޭ ކަމެކެވެ. ސަބަބަކީ ހަށިގަނޑުން ލޭ ދަމާލުމުގެ ސަބަބުން މީހާ ވަރުބަލިވެ، ރޯދަ ވީއްލާ ހިސާބަށް ދާތީވެއެވެ. އަދި ބައެއް ފަހަރު ލޭގެ އަޘަރު ކަރަށް ކުރާތީއެވެ.

މި މައްސަލާގައި އެންމެ ރަގަޅު ގޮތަކީ: ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑު ވަރުބަލި ކޮށްލަފާނެ ކަމަށް ބިރު ހީވާ މީހުން ރޭގަނޑުގެ ވަގުތަކަށް ޙިޖާމާ ޖެހުމުގެ ކަންތައް ލަސްކޮށްލުމެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އަލްއިމާމް މާލިކް އެކަލޭގެފާނުގެ “އަލްމުވައްޠައު” އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. “އެކަލޭގެފާނު ރޯދަ އަށް ހުންނަވައިގެން ޙިޖާމާ ޖައްސަވާ އުޅުއްވިއެވެ. ނަމަވެސް ފަހުން އެކަން ދޫކޮށް ލެއްވިއެވެ. އަދި ރޯދަ އަށް ހުންނަވާ ނަމަ ރޯދަ ވިއްލައިގެން މެނުވީ ޙިޖާމާ ނުޖައްސަވައެވެ.” އިމާމް ޒުހުރީ- ރަޙިމަހުﷲ ގެ ކިބައިން ރިވާވެގެން ވެއެވެ. “ރަމަޟާން މަހުގައިވެސް، އަދި އެހެނިހެން މަސްތަކުގައި ވެސް ރޯދަ އަށް ހުންނަވައިގެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ޙިޖާމާ ޖެއްސެވިއެވެ. ނަމަވެސް، ހަށިގަނޑު ބަލިކަށިވާން ފެށީމާ ފަހުން ދޫކޮށްލެއްވީއެވެ.” والله أعلم ( ފަތުވާ ޑރ.އިޔާޟް އަބްދުއް ލަތީފު )

ޙިޖާމާއަށް ފަހު ނުވަތަ ޙިޖާމާގެ ކުރިން ވުޟޫކުރުމާއި ހިނައިގަތުމުގެ ޙުކުމް

ޙިޖާމާ ޖެހުމުގެ ކުރިން ވުޟޫ ކުރުން: ޙިޖާމާ ޖެހުމުގެ ކުރިން ވުޟޫ ކުރުމަށް ނުވަތަ ނުކުރުމަކަށްވެސް ނަބަވީ އިރްޝާދެއް އައިސްފައި ނުވެއެވެ. ވީމާ، ކޮންމެހެން ޙިޖާމާ ޖަހާތީވެ ވުޟޫ ކުރުމެއް ނެތެވެ.

ދެން އޮތީ ޙިޖާމާ ޖެހުމުގެ ސަބަބުން ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ. އެސުވާލުގެ ޖަވާބަކީ: ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ޙިޖާމާ ޖެހުމުގެ ސަބަބުން ހަށިގަނޑުން ބޭރުވާ ލޭގެ ސަބަބުން ވުޟޫ އެއް ނުގެއްލޭނެއެވެ. ހަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި: ބައިވަރު ލޭ ފައިބާ ނަމަ ވުޟޫ ގެއްލޭނެއެވެ. މި ބޭފުޅުންގެ ދަލީލަކީ އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާ ކުރައްވާފައިވާ ރިވާޔަތެކެވެ. (مَنْ أَصَابَهُ قَيْءٌ أَوْ رُعَافٌ أَوْ قَلَسٌ أَوْ مَذْيٌ ، فَلْيَنْصَرِفْ ، فَلْيَتَوَضَّأْ ، ثُمَّ لِيَبْنِ عَلَى صَلَاتِهِ وَهُوَ فِي ذَلِكَ لَا يَتَكَلَّمُ ) މާނައަކީ: “ހޮޑުލެވިއްޖެނަމަ، ނުވަތަ ނޭފަތުން ލޭއަތުވެއްޖެނަމަ، ނަމާދު ދޫކޮށްދާށެވެ. އަދި ވުޟޫ ކޮށްގެން އަލުން ނަމާދު ކުރާށެވެ. މިދެމެދުގައި ވާހަކަ އެއް ނުދައްކާނަމަ ނަމާދު ނިންމާލި ހިސާބުން ކުރިޔަށް ގެންދާށެވެ.”

ނަމަވެސް މި ޙަދީޘްގެ ސަނަދުގައި އިސްމާޢީލް ބިން ޢައްޔާޝް ކިޔާ މީހަކު އުޅެއެވެ. އޭނާ އަކީ ޟަޢީފް މީހެކެވެ. ވުމާއި އެކު ޝައިޚް އަލްބަނީވެސް ވިދާޅުވަނީ މިއީ ޟަޢީފް ޙަދީޘެއް ކަމަށެވެ.

ވީމާ، މިމައްސަލައިގެ ރާޖިޙް ގޮތަކީ: ޙިޖާމާ ޖެހުމުގެ ސަބަބުން ވުޟޫ ނުގެއްލުމެވެ. والله أعلم.

ޙިޖާމާ ޖެހުމުގެ ސަބަބުން ހިނައިގަންނަން ޖެހޭނެތޯ ނުވަތަ ނޫންތޯ؟ ޙިޖާމާ ޖެހުމަށް ފަހުގައި ހިނައިގަތުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ޝާފިޢީންނާއި ޙަނަފީންގެ ގާތުގައި އެއީ މުސްތަޙައްބު ކަމެކެވެ. ޙަންބަލީ މަޛްހަބުގައި އެއީ މުސްތަޙައްބު ކަމެއް ނޫނެވެ. މާލިކީ މަޛްހަބުގައި ޙިޖާމާ ޖެހިތަންކޮޅު ދޮވެލުމުން ފުދޭނެއެވެ. ޙިޖާމާ ޖެހުމާއި ގުޅިގެން ހިނައިގަންނަން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އޮންނަ ޙަދީޘަކީ ޟަޢީފް ޙަދީޘެއް ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވައެވެ. والله أعلم (ފަތުވާ ޑރ.އިޔާޟް އަބްދުއް ލަތީފު )

ޙިޖާމާ ޖެހުމަށް ތަނެއް ހުޅުވުމާއި ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމުގެ ޙުކުމް

ޙިޖާމާ ޖެހުމަށް ތަނެއް (ކްލިނިކް ފަދަ) ހުޅުވުމާއި، ޙިޖާމާ ޖެހުމަށް މީސްތަކުން އަތުން އުޖޫރަ ނެގުމަކީ ހުއްދަ ކަމެއްތޯއެވެ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد: ޙިޖާމާ ޖެހުމަށް ފައިސާ ނެގުމުގެ މައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެއީ މަކްރޫހަ ކަމެއްތޯ؟ ނުވަތަ ހުއްދަ ކަމެއްތޯ؟ އެވެ. އިޚްތިލާފު އުފެދެން ޖެހުނު ސަބަބަކީ މި ކަމަށް ވާރިދުވެފައިވާ ޙަދީޘްތައް ފަހުމްވުމުގައި ތަފާތު ވުމުގެ ސަބަބުން އުފެދިފައިވާ ޚިލާފެކެވެ. ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުން މަކްރޫހަ ނުވަތަ ހުއްދަ ނޫން ކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި:

  1. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (كَسْبُ الْحَجَّامِ خَبِيثٌ) رواه مسلم (1568) . މާނައަކީ: “ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ ހުތުރުކަން ބޮޑު އެއްޗެކެވެ.”
  2. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (شَرُّ الْكَسْبِ مَهْرُ الْبَغِيِّ وَثَمَنُ الْكَلْبِ وَكَسْبُ الْحَجَّامِ ) رواه مسلم (1568). ‏ މާނައަކީ: “އެންމެ ނުބައި ޢާމްދަނީ އަކީ އަންހެނަކު ހަށިވިއްކައިގެން ހޯދާ ފައިސާ އާއި، ކުއްތާ ވިއްކައިގެން ލިބޭ ފައިސާ އާއި ޙިޖާމާ ޖަހައިދީގެން ހޯދާ ފައިސާ އެވެ.”
  3. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައެވެ. (نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ كَسْبِ الْحَجَّامِ ) رواه أحمد (7635) والنسائي (4673) وابن ماجه (2165) وصححه الألباني في صحيح النسائي . ‏ މާނައަކީ: “ޙިޖާމާ ޖަހައިގެން ޢާމްދަނީ ހޯދުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީ ކުރެއްވިއެވެ.”

ޙިޖާމާ ޖަހައި ދިނުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއް ކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި:

  1. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. (حَجَمَ أَبُو طَيْبَةَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَمَرَ لَهُ بِصَاعٍ مِنْ تَمْرٍ ) رواه البخاري (2102) ومسلم (1577) މާނައަކީ: “އަބޫ ޠައިބާ އޭ ކިޔުނު މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޙިޖާމާ ޖަހައި ދިނުމުން އޭނާ އަށް ކަދުރުގެ ގެ ޞާޢެއް ދިނުމަށް އަމުރު ކުރެއްވިއެވެ.”
  2. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (احْتَجَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَعْطَى الَّذِي حَجَمَهُ وَلَوْ كَانَ حَرَامًا لَمْ يُعْطِهِ ) رواه البخاري (2103) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖާމާ ޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް ޙިޖާމާ ޖަހައިދިން މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ޙަރާމް އެއްޗެއް ނަމަ އެކަލޭގެފާނު ނުދެއްވީހެވެ.”

އަދިވެސް ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (وَأَعْطَى الْحَجَّامَ أَجْرَهُ وَلَوْ عَلِمَ كَرَاهِيَةً لَمْ يُعْطِه ) رواه البخاري (2278) މާނައަކީ: “ޙިޖާމާ ޖެހި މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ހުއްދަ ނޫން އެއްޗެއް ނަމަ ނުދެއްވީހެވެ.” އިމާމް މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. ( وَلَوْ كَانَ سُحْتًا لَمْ يُعْطِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم ) رواه مسلم (1202). މާނައަކީ: “އެއީ ޙަރާމް ފައިސާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުދެއްވީހެވެ.”

މިމައްސަލާގައި ދެކޮޅަށްވެސް ދަލީލު ލިބޭ ގޮތަށް ޙަދީޘް ވާރިދުވެފައިވާތީވެ ޢިލްމުވެރިން ވިދާޅުވަނީ ދެކޮޅަށް ހުރި ޙަދީޘްތައް ޖަމްޢު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޖަމްޢު ކުރުމުން މަނާކަމަށް އައިސްފައިވާ ޙަދީޘްތަކުން ދޭހަވަނީ އެއީ މަކްރޫހަ ނުވަތަ އެދެވިގެން ނުވާ ކަމެއްގެ ގޮތުގައެވެ.

އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “އޭނާ އަށް ޙިޖާމާ ޖަހާދޭނެ މީހަކު ކުއްޔަށް ހިފުމަކީ ހުއްދަ ކަމެކެވެ. އޭނާގެ އުޖޫރަ އަކީ ހުއްދަ އެއްޗެކެވެ. މިއީ އަބުލް ޚައްޠާބު އިޚްތިޔާރު ކުރެއްވި ރައުޔެވެ. އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ބަސްފުޅެވެ. މިފަދައިން އިމާމް މާލިކް، ޝާފިޢީ އަދި އަޞްޙާބުއްރައުޔު ވިދާޅުވެއެވެ. ޙަންބަލީ މަޛްހަބުގެ ޢިލްމުވެރި އެއް ކަމުގައިވާ އަލްގާޟީ އަބޫ ޔަޢްލާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. “ޙިޖާމާ ޖަހައިދޭ މީހާގެ އުޖޫރަ ހުއްދަ އެއް ނުވާނެއެވެ. އިމާމް އަޙްމަދު މިފަދައިން އެތައް ތަނެއްގައި ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވާ ކަމަށްވެއެވެ. “އެއްބަސްވުމަކާއި ނުލާ އަދި ޝަރްޠު ކުރުމަކާއި ނުލާ އެއްޗެއް ދީފިނަމަ ހިފުމުގައި މައްސަލަ އެއް ނެތެވެ. ނަމަވެސް، މިތަކެތި ބޭނުން ކުރަންވާނީ އޭނާގެ ސަވާރީ އިޞްލާޙު ކުރުމަށާއި، އަޅުންނަށް ކާންދިނުމަށާއި، އޭނާގެ މަސައްކަތުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމަށެވެ. މިގޮތަށް ލިބޭ ފައިސާ އިން އަމިއްލަ އަށް ކައިބޮއި ނުވަތަ އަމިއްލަ ބޭނުންތައް ފުއްދައިގެން ނުވާނެއެވެ.

ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުން ރަގަޅު ނޫން ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ޢުޘްމާން ބިން ޢައްފާން، އަބޫހުރައިރާ، ޙަސަން. އައްނަޚަޢީ ހިމެނި ވަޑައިގަންނަވައެވެ. އެބޭފުޅުންގެ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅު (كَسْبُ الْحَجَّامِ خَبِيثٌ) رواه مسلم (1568) . މާނައަކީ: “ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ ހުތުރުކަން ބޮޑު އެއްޗެކެވެ.”

އަދި ޙިޖާމާ ޖަހާ މީހާގެ އުޖޫރަ އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ސުވާލު ވެވުނު ހިނދުގައި ޙަދީޘް ކުރެއްވިއެވެ. (أطعمه ناضحك ( أي : البعير ) ورقيقك ) މާނައަކީ “ތިބާގެ ޖަމަލަށާއި، އަޅުންނަށް އެއިން ކާންދޭށެވެ.” رواه أحمد والترمذي (1277) وصححه الألباني في صحيح الترمذي . ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއްކަން އަންގައިދޭ ދަލީލުތަކުގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. (احْتَجَمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَعْطَى الَّذِي حَجَمَهُ وَلَوْ كَانَ حَرَامًا لَمْ يُعْطِهِ ) رواه البخاري (2103) މާނައަކީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖާމާ ޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް ޙިޖާމާ ޖަހައިދިން މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ޙަރާމް އެއްޗެއް ނަމަ އެކަލޭގެފާނު ނުދެއްވީހެވެ.” އަދިވެސް ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. (وَأَعْطَى الْحَجَّامَ أَجْرَهُ وَلَوْ عَلِمَ كَرَاهِيَةً لَمْ يُعْطِه ) رواه البخاري (2278) މާނައަކީ: “ޙިޖާމާ ޖެހި މީހާ އަށް އުޖޫރަ ދެއްވިއެވެ. އެއީ ހުއްދަ ނޫން އެއްޗެއް ނަމަ ނުދެއްވީހެވެ.” އިމާމް މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައި ވެއެވެ. ( وَلَوْ كَانَ سُحْتًا لَمْ يُعْطِهِ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّم ) رواه مسلم (1202). މާނައަކީ: “އެއީ ޙަރާމް ފައިސާނަމަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުދެއްވީހެވެ” ހިމެނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއް ކަމުގައިވާ (أطعمه ناضحك ( أي : البعير ) ورقيقك ) މާނައަކީ “ތިބާގެ ޖަމަލަށާއި، އަޅުންނަށް އެއިން ކާންދޭށެވެ.” މި ޙަދީޘް އިން ދޭހަވަނީ ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމަކީ ހުއްދަ ކަމެއް ކަމެވެ. އެހެނީ މިނިވަނުން ކެއުން ޙަރާމް އެއްޗެއް އަޅުންނަށްވެސް ދިނުން ހުއްދަ ވެގެން ނުވެއެވެ. އަޅުންނަކީވެސް އިންސާނުންނެވެ. މިނިވަނުންނަށް ކެއުން ޙަރާމް ކޮންމެ އެއްޗެއް އަޅުންނަށްވެސް ޙަރާމް ވެގެން ވެއެވެ.

ޙިޖާމާ ޖަހައިގެން ލިބޭ އުޖޫރަ އަކީ “ހަޑި” އެއްޗެއްގެ ގޮތުގައި ސިފަ ކުރައްވާފައި އޮތުމުން އެއީ ޙަރާމް އެއްޗެއް ކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އެހެނީ ފިޔައާއި ލޮނުމެދުވެސް ހަޑިއެއްޗެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ. ނަމަވެސް އެއީ ކެއުން ޙަރާމް އެއްޗެއް ނޫނެވެ. ޙިޖާމާ ޖެހުމުން ލިބޭ ޢާމްދަނީ އިން މިނިވަނުން ކެއުން އެދެވިގެންނުވާ ކަމުގައި ޙަދީޘްކުރައްވާފައިވަނީ، މިފަދަ މަސައްކަތަކީ މިނިވަނަކަށް އެކަށީގެންވާވަރަށްވުރެ ކުޑަ މަސައްކަތަކަށްވާކަމަށްޓަކައެވެ. އަދި އެއިން އަޅުންނަށް ކާން ދިނުމަށް އަމުރު ކުރައްވާފައި ވުމުން ދޭހަވަނީ އެއީ ހުއްދަ އެއްޗެއް ކަމެވެ. އެހެންކަމުން، މަނާ ކުރެއްވުމަށް އައިސްފައިވާ ދަލީލުތައް ބެލެވެނީ ކަރާހާ އަށެވެ. ޙަރާމް ކަމަކަށް ނޫނެވެ. (އަލްމުޣްނީ 6/133.) އެހެންކަމުން، ޙިޖާމާ ޖަހައިދޭ ތަނެއް ހުޅުވުމަކުން މައްސަލަ އެއް ނެތެވެ. އަދި ހިޖާމާ ޖަހައި ދިނުމަށް މީސްތަކުން އަތުން ނެގޭ އުޖޫރަ އަކީ ޙަރާމް އެއްޗެއްވެސް ނޫނެވެ. والله أعلم

ޙިޖާމާ ޖަހާނީ ކޮންވަގުތު ތަކެއްގައިތޯ؟

 

އަނަސްގެފާނު އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 2 މައިނާރާއި ބުރަކަށީގެ މަތި ގައި، 17، 19 އަދި 21 ވަނަ ( ޙިޖްރީ ގޮތުން މަހެއްގެ މި ދުވަސްތަކުގައި ) ދުވަހު ޙިޖާމާ ޖެއްސެވިއެވެ. ( އައްތިރިމިޜީ )

އަނަސްގެފާނު އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ” ވިހަ ލޭގެ ސަބަބުން މަރުވުމުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ސަލާމަތްވުމަށް، 17، 19، އަދި 21 ވަނަ ދުވަހު ޙިޖާމާ ޖަހާށެވެ.

މީގެ އިތުރުންވެސް އަބޫ ދާވޫދާއި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ.  17، 19، އަދި 21 ވަނަ ދުވަހު ޙިޖާމާ ޖަހާ މީހުންނަށް ހުރިހައި ބައްޔަކަށް ޝިފާއެއްވެއެވެ.

މަތީގައިވާ ހަދީޘްގައިވާ ” ހުރިހައި ބައްޔަކަށް” މާނައަކީ ” ލެއާއި ގުޅިފައިވާ” ބަލިތަކެވެ . ހަމައެހެންމެ މަތީގައި ބަޔާންވެގެން ގޮސްފައިވާ ފަހު 2 ހަދީޘަކީ ދަރަޖައިގެ ގޮތުން ޟައީފް 2 ހަދީޘެވެ.

މިހަދީޘްތަކުންވެސް ދޭހަވާގޮތުން ޑޮކްޓަރުން ޙިޖާމާ ޖެހުމަށް ބަޔާންކުރައްވާ ދުވަސްތައް ދިމާވެއެވެ. ޑޮކްޓަރުންވެސް ދެކިލައްވާގޮތުގައި ޙިޖާމާ ޖެހުމަށް އެންމެ ރަނގަޅީ މަހުގެ ކުރީކޮޅަށް ވުރެ މަސް ދެބައިވާ ހިސާބު ނުވަތަ މަހުގެ ތިންބައި ކުޅަ އެއްބައި ފާއިތުވުމުންނެވެ. ނަމަވެސް ، ޙިޖަމާ ކޮންމެހެންވެސް ޖަހަން ޖެހިއްޖެނަމަ މަހުގެ ކޮންމެ ދުވަހެއްގައި ވެސް ޖެހިދާނެއެވެ. މަހުގެ ކުރީކޮޅުގައި ނުވަތަ ފަހުކޮޅުގައި ވިޔަސްމެއެވެ. އިމާމް އަޙްމަދް އިބްނު ހަންބަލްގެ ހަށިގަނޑުގައިވާ ލޭ ފާސިދުވެއްޖެނަމަ ، މަހުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޙިޖާމާ ޖެއްސެވިކަމަށް އައިސްފައިވެއެވެ.

އަލްޤަނޫންގެ މުޞައްނިފު ވިދާޅުވެފައިވެއެވެ. ” ޙިޖާމާ ޖެހުމަށް އެންމެ ރަނގަޅީ ދުވާލުގެ ވަޤުތުގައި ، ފެންވެރުމަށްފަހު 2 ނުވަތަ 3 ގަޑި އިރު ފަހުންނެވެ. މީހަކު ޙިޖާމާޖެހުމަށް ކޮންމެހެންވެސް ޖެހިއްޖެ ޙާލަތުގައި، ފެންވެރުމަށްފަހު ގަޑިއިރެއްހައި އިރު އަރާމްކޮށްލުމަށްފަހު ޙިޖާމާ ޖަހާށެވެ. ބަނޑުފުރައި ކައިގެން ހުންނަ ޙާލަތުގައި ޙިޖާމާ ޖެހުން އެދެވިގެން ނުވެއެވެ. އެހެނީ މިހެން އަމަލުކޮށްފިނަމަ ފަހަރުގައި ތަފާތު މުސީބާތްތަކާއި ކުރިމަަތިލާން ޖެހިދާނެތީއެވެ.

ހުސްބަނޑާ ނުވަތަ ހައިބަނޑާ ހުރެ ޙިޖާމާ ޖެހުމަކީ ފަރުވާއެއްކަމުގައި ބަޔާންވެގެންވާއިރު ބަނޑު ފުރައި ހުރެ ޙިޖާމާ ޖެހުމަކީ ބައްޔެއްކަމުގައިވެސް ބުނެވިފައިވެއެވެ. ހަމައެހެންމެ ކޮންމެ ހިޖްރީ މަހެއްގެ 17 ވަނަ ދުވަހު ޙިޖާމާ ޖެހުމަކީ ފަރުވާއެއްކަމުގައިވެސް ބަޔާންވެގެންވެއެވެ. ރަނގަޅު ވަޤުތެއްގައި ޙިޖާމާ ޖެހުމަކީ މީހާ ދުޅަހެޔޮ ސިއްޙަތެއްގައި ބަހައްޓައިދީ އެކި ސިއްޙީ ނުރައްކާ ތަކުން ހަށިގަނޑު ސަލާމަތްކޮށްދޭ ކަމެކެވެ. މިހެން މިކަން އޮތްކަމުގައި ވީނަމަވެސް، މީހަކަށް ޖެހިފައިވާ ބައްޔެއް ބޮޑުވުމުގެ ސަބަބުން ޙިޖާމާ ޖެހުން އެއީ ޜަރޫރަތަކަށް ވެއްޖެނަމަ ކޮންމެ ފަދަ ހާލަތެއް ނުވަތަ ވަޤުތެއްގައިވެސް ޙިޖާމާ ޖެހިދާނެއެވެ. ނަބިއްޔާ… ގެ މި ޢިރުޝާދުގެ މަތީންނެވެ.

” ފާސިދު ލޭގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުނުވާނީ މިގޮތަށް ޢަމަލުކުރުމުންނެވެ”

ކުރިންވެސް ބަޔާންކުރެވުނު ފަދައިން އިމާމް އަޙްމަދަށް ޙިޖާމާ ޖެހުން ޒަރޫރަތަކަށް ވެއްޖެނަމަ ޙިޖްރީ މަހުގެ ކޮންމެ ދުވަހެއްގައިވެސް ޙިޖާމާ ޖެެއްސެވިއެވެ.

ޙިޖާމާޖެހުމަށް ހަފްތާގެ އެންމެ ރަނގަޅުދުވަސްތަކާ ގުޅޭގޮތުން ދަންނައެވެ. އަލް ޚައްލާލް ވިދާޅުވެފައިވެއެވެ. ޙިޖާމާ ޖެހުމަށް އެންމެ އެދެވިގެން ނުވާ ދުވަސްތަކާއި ބެހޭގޮތުން އިމާމް އަޙްމަދާއި ސުވާލުދެންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ބުދަ ދުވަހާއި ހޮނިހިރު ދުވަހެވެ. ” މީގެ އިތުރުންވެސްެ އަލް ޚައްލާލް ރިވާކުރައްވާފައިވެއެވެ. ޙިޖާމާ ޖެހުމަށް އެންމެ އެދެވިގެންނުވާ ދުވަސްތަކަކީ ކޮބައިތޯ އިމާމް އަޙްމަދާއި ސުވާލު ދެންނެވުނެވެ. އިމާމް އަޙްމަދު ދެންނެވިއެވެ. ” ހޮނިހިރު ދުވަހާއި ބުދަދުވަހެވެ. މީގެ އިތުރުން  ހުކުރދުވަސްވެސް މެއެވެ. ( ނަމަވެސް ޙިޖާމާ ޖެހުމަށް އެންމެ ރަނގަޅު ވަޤުތާއި އެންމެ ގޯސް ވަގުތާއި ބެހޭގޮތުން އައިސްފައިވާ ހަދީޘްތަކަކީ ޟައީފް ހަދީޘްތަކެއް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. )  ( އިމާމް އިބުނުލް ޤައްޔިމް ރަޙިމަހުﷲ / ޠިއްބު އައްނަބަވީ )

ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.

ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ، އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ

 

މަޢުލޫމާތު ނެގި މަޞްދަރުތައް : މައިތިރި.ކޮމް، ތިއްބުއް ނަބަވީ

މިލިޔުމާއި ގުޅޭ އެހެން ލިޔުންތައް

ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )

Leave a Reply

Your email address will not be published. Required fields are marked *