ސުންނަތުގެ އަލީގައި ޙިޖާމާ ( 2ވަނަ ބައި )
ޙިޖާމާގެ ވައްތަރުތައް
ތިރީގައި މި ބަޔާންކޮށްލަނީ ޙިޖާމާ ޖެހުމުގައި އާންމުކޮށް ބޭނުންކުރާ ވައްތަރު ތަކެވެ.
ޙިޖާމާގެ 3 ވައްތައްތަރެއް ވެއެވެ.އެއީ
1.ހިކި ޙިޖާމާ ( ޑްރައި ކަޕިން )
މިއީ އެއްވެސް ވަރަކަށް ހަންގަނޑު ކަފާނުލައި ހަމައެކަނި ކަޕް ޖަހާލައިގެން ފަރުވާދިނުމަށް ކިޔާ ނަމެކެވެ. މިހެން ހެދުމުން ކަޕް ޖަހާ ހިސާބަށް ލޭޖަމާވެއެވެ. މިގޮތަށް ޙިޖާމާ ޖަހައި އުޅެނީ ހަށިގަނޑުގައި ލޭ ދައުރުކޮށްދެން ޖެހޭ ހިސާބަށް ލޭ ޖަމާނުވާތީ އެކަމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
ހިކި ޙިޖާމާ ނުވަތަ “ޑްރައި ކަޕިން” ގައި ބޭނުންކުރަނީ ޚާއްސަ ކަޕްތަކެއް ވަކި ޚާއްސަ ޕޮއިންޓެއްގައި ، “ސަކްޝަން ގަން” އެއް ބޭނުންކޮށްގެންނެވެ. މިގޮތަށް ޙިޖާމާ ޖެހުމުން، ކަޕްތައް ހަރުކޮށްފައި ހުންނަ ޕޮއިންޓްތަކުގެ ތެރެއަށް (ކަޕްތަކުގެ ތެރެއަށް) ހަށިގަނޑުގެ މަސްގަނޑު ދެމިފައި ހުރެއެވެ. އަދި މިގޮތަށް 5 ވަރަކަށް މިނިޓް ކަޕްތައް ނައްޓައިނުލައި، ލޭގެ ހިނގުން ރަނގަޅަށް މަސައްކަތް ކުރުވުމަށް ބަހައްޓައެވެ. މިކަމުން ހަށިގަނޑުގަައި ހަކަތަ ޖައްސައިދީ މީހާއަށް ތާޒާކަން ގެނުވައެވެ. ޙިކި ޙިޖާމާއިން ބައެއް ފަހަރު ހަންގަނޑުގައި ކޫރުން އެޅިދާނެއެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުވަތަ ތަދެއް އިހުސާސެއް ނުކުރެވޭނެއެވެ. ޙިޖާމާ ޖެހުމުން ހަށިގަނޑުގައި ފާހަގަވާން ހުންނަ ތަންތަން 3 ނުވަތަ 10 ދުވަސްތެރޭގައި އެއްކޮށް ފިލައިގެންދާނެއެވެ. އެކި މީހުންގެ ގައިގައި ހުންނަ ލަކުނުތައް ފިލުމައް އެކި ވަރަށް ވަޤުތު ނަގަނީ އެމީހެއްގެ ގައިގައި ހުންނަ ލޭގެ ވައްތަރު ސަބަބުންނެވެ. ހިކި ޙިޖާމާ ޖެހުމައް ވަކި ވަޤުތެެއް ޚާއްޞަވެގެން ނުވެއެވެ. ކޮންމެ ވަޤުތެއްގައި ބަލި މީހާ ބޭނުން މިންވަރަކަށް މިކަން ކުރެވިދާނެއެވެ.
2. މަސާޖް ޙިޖާމާ ( މަސާޖް ކަޕިން )
މަސާޖްކަޕިން ނުވަތަ “މޫވިން ކަޕިން” އަށް ދިވެހިން ކިޔާ އުޅެނީ މަސާޖް ޙިޖާމާއެވެ. މި ވައްތަރުގެ ޙިޖާމާވެސް ޖަހައި އުޅެނީ ހަމަ ހިކި ޙިޖާމާ ޖަހައި އުޅޭ އުސޫލުންނެވެ. ތަފާތަކީ ހަމައެކަނީ ޙިޖާމާ ޖެހުމަށް ބޮޑު އެއް ކަޕް ( ތަށި ) ބޭނުންކުރާ ކަމެވެ. ( ބައެއް ފަހަރު 1 ކަޕަށްވުރެ ގިނައިން ބޭނުން ކުރާ ކަމަށް ބައެއް ލިޔުންތަކުގައި އައިސްފައި އެބަހުއްޓެވެ.) ޙިޖާމާއަށް ބޭނުންކުރާ ކަޕް ޖެހުމުގެކުރިން ޙިޖާމާ ޖެހުމަށް ބޭނުންވާ ހިސާބުތަކުގައި ތެޔޮ އުނގުޅައެވެ. ބުރަކަށި، އަތް ނުވަތަ ފައިގައި މިފަދައިން ތެޔޮ އުނގުޅުމަށްފަހު “ޑީޕް ޓިޝޫ” މަސާޖް ދެއެވެ. މަސާޖް ޙިޖާމާ ޖަހާއިރު، މަސާޖް ކުރަނީ ބަލި ހުންނަ ހިސާބެއްގެ މަތިން ތިރިއަށްވާ ގޮތަށެވެ. މިކަމުން ހަށިގަނޑަށް ފަސޭހަކަމާއި، އަރާމު ލިއްބައިދެއެވެ. މި ބާވަތުގެ ޙިޖާމާއަކީ ކުރިން ބަޔާން ކުރެވުނު ފަދައިން ކޮންމެ ވަޤުތެއްގައިވެސް ޖެހިދާނެ ޙިޖާމާއެކެވެ.
%70 ބަލިތަކާއި، ތަދުތަކާއި އެކި ކަހަލަ އުނދަގޫތަކަކީ ހަންގަނޑުގައި ލޭދައުރު ކުރަންޖެހޭ ގޮތަށް ލޭ ދައުރު ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. ހިކި ޙިޖާމާއާއި މަސާޖް ޙިޖާމާގެ އެހީގައި ހަށިގަނޑުގެ ލޭ ދައުރުކޮށްދިނުން ރަނގަޅުކޮށްދީ މިކަމުގެ ސަބަބުން ދިމާވާ އެކި އުނދަގޫތަކަށް ފަރުވާ ލިބެއެވެ.
3. ތެތް ޙިޖާމާ ( ވެޓް ކަޕިން )
“ވެޓް ޙިޖާމާ” ނުވަތަ ތެތް ޙިޖާމާއަކީ ، ހިކި ޙިޖާމާ ޖަހައި އުސޫލުން ޖަހައި އުޅޭ ޙިޖާމާއެކެވެ. ނަމަވެސް ކުޑަ ތަފާތަކީ ތެތް ޙިޖާމާ ޖަހައި އިރު، ޙިޖާމާ ޖަހައި ޕޮއިންޓްތައް ( ހަންގަނޑުން ) ކުޑަކޮށް ކަފައިލުމެވެ. އަސްލު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުނަތުގައި ބާރުއަޅާފައިވާ އިސްލާމީ ފަރުވާއަކީ މިއީއެވެ. މި ބާވަތުގެ ޙިޖާމާ ޖަހާ އިރު، ފުރަތަމަ ބަލިމީހާގެ ގައިގައި ބަލި ހުންނަ ހިސާބުތަކަުގައި ކަޕްތައް އަތުރާލުމަށްފަހު 3 ނުވަތަ 5 މިނިޓްވަންދެން ބަހައްޓައެވެ. އެއަށްފަހު ކަޕުތައް ނައްޓާލައި އެޕޮއިންޓްތަކުގައި ފުރަތަމަ ކަޅުދިރި ތެޔޮ ( މި އީ ޤުދުރަތީ އެންޓި ބެކްޓީރިއަލް އެއް ) ހާކައެވެ. ( މިކަން ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއްނޫން ކަމަށް ބައެއް ލިޔުންތަކުގައި ފެންނަން އެބަހުއްޓެވެ. ) އެޕޮއިންޓްތަކުގައި ސްޓެރިލައިޒް ކޮށްފައި ހުންނަ ރޭޒާއެއް ނުވަތަ “ކަޕިން ޕިން” އެއްގެ އެހީގައި ކުޑަކޮށް ކަފާލުމަށްފަހު ކަޕްތައް އެތަންތަނުގައި އަލުން ހަރުކޮށްލައި “ކަޕިން ވެކިއުމް ގަން” ނުވަތަ ޙިޖާމާ ބަޑީގެ އެހީގައި ލޭތައް ދަމާލައެވެ. މިހެން ލޭދަމާއިރު ގިނަ ފަހަރަށް ބަލިމީހާއަށް އެއްވެސް ކަހަލަ ތަދެއް އިޙުސާސެއް ނުކުރެވޭނެއެވެ. މިފަދައިން ނިކުންނަ ފާސިދު ނުވަތަ ކުނި ލެޔެކީ އަސްލު ހަށިގަނޑުން “ޔޫރިކް އެސިޑް” އާއި އެކު ބޭރުކުރަން ޖެހޭ ލެއެކެވެ. މި ލޭ ހަށިގަނޑުގައި ޖަމާވެ ހުންނަ ކަމުގައި ވާނަމަ ، ގުނަވަންތަކުގެ މަސައްކަތްތަކަށް ބުރޫއަރައި ހަށިގަނޑުގެ އެކި ނިޒާމުތަކަށް އެކި މައްސަލަތައް ކުރިމަތިވާގޮތްވެއެވެ. ހަމައެހެންމެ އެކި ކަހަލަ ބަލި މީހުން އިތުރަށް ބަލި ބޮޑުވުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަ މީހުން ބަލި ޖެހުމަށް މެދުވެރިވެއެވެ. މިބާވަތުގެ ޙިޖާމާ ޖަހާ އިރު ހަންގަނޑުން ކަފައި ތަންތަން ޙިޖާމާ ޖަހާ ދުވަހު ނުވަތަ 30 ދުވަހުގެ ތެރޭގައި އެއްކޮށް ފަސޭހަވެގެންދާނެއެވެ. އިންޝާ ﷲ. ޙިޖާމާ ޖަހައި ނިމުމުން “ޑިސް އިންފެކްޓެންޓް ” އެއްގެ ( މިސާލަކަށް ބެނެޑިކްޓް ސޮލިއުޝަން ) އެހީގައި ކަފާފައިވާ ތަންތަން ސާފުކުރެއެވެ. ހަމައެހެންމެ މާމުޔާއި ތާފަނާ ފެނައް އެއްކުރުމަށްފަހު ބުއިމަކީވެސް މިތަންތަން ފަސޭހަވުމަށް އަވަސްވާނެެ ކަމެކެވެ.
ފޮޓޯ5: ޙިޖާމާ ކަޕް
މަތީގައި އެވަނީ ޙިޖާމާ ޖެހުމަށް ބޭނުންކުރާ “ކަޕް” ނުވަތަ ތަށިތަކެވެ. ކޮންމެ ތައްޓެއްގެެވެސް ފެހިކުލައިގައި އެވަނީ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް އިންނަ ބައެވެ. ހަމައެހެންމެ މީގައި ނައްޓާލެވޭގޮތަށް ހުންނަ ދަގައްފާނުކޮޅުތަކެއް ހުރެއެވެ. ( މިއީ ” ބަޔޯ މެގްނެޓިކް ކަޕިން ތެރަޕީ” އަށް ބޭނުންކުރާ އެއްޗެކެވެ ). މި ފަރުވާގެ އަސްލު ބިނާވެގެންވަނީ އިންސާނާ ގައިގައި ވާ ސެލްތަކުގެ މައްޗަށެވެ. ކޮންމެ ސެލްއަކީވެސް ވަކި “ފްރިކުއެންސި” އެއްގައި “ވައިބްރޭޓް” ވާ އެއްޗެކެވެ. ނަމަވެސް މި ސެލްތައް ވައިބްރޭޓް ވާންޖެހޭ ފްރިކުއެންސީގައި ވައިބްރޭޓް ނުވާނާމަ ސެލްތައް އެވަނީ ބަލިވެފައެވެ. ނުވަތަ ކޮންމެވެސްަ ކަހަލަ ބައްޔެއް ޖެހިފައެވެ.
ފޮޓޯ6: ޙިޖާމާ ޖެހުމުގައި ބޭނުންކުރާ ތަކެތި
މިއީ އާންމުގޮތެއްގައި ޙިޖާމާ ޖެހުމަށް ބޭނުންކުރާ “ކަޕް ސެޓް” އެވެ. މީގައި އެވަނީ ޙިޖާމާ ޖަހަން ބޭނުންކުރާ “ވެކިއުމް ގަން” ( ބަޑި) ،ތިލަ، ކަޕްތައް އަދި ވެކިއުމް ގަން އާއި ކަޕްތަކާއި ގުޅުވަން ބޭނުންކުރާ ހޮޅިއެވެ. ޙިޖާމާ ޖަހަން ބޭނުންކުރާ އެއްޗެއްސަކީ ރައްކާތެރި އެއްޗެއްސަށް ވާންޖެހޭނެއެވެ. މިގޮތުން
- ސަރޖިކަލް ބްލޭޑް ނުވަތަ ކަޕިން ޕިން އަކީ އެއްފަހަރު ބޭނުންކުރުމަށް ފަހު ނައްތާލެވޭ އެއްޗެހި ކަމުގައި ވާންޖެހޭނެ
- ކޮންމެ ބަލިމީހަކަށްވެސް ބޭނުންކުރަން ޖެހޭނީ ވަކި އަންގި ސެޓެކެ
- ގައިން ނަގައި ލޭ ޓިޝޫއިން ފުހުމަށްފަހު މި ތަކެތި ރަނގަޅަށް ނައްތާލެވެން ޖެހޭނެ
މިކަމުގެ އިތުރު ތަފްޞީލު ކުރިއަށް ހުރި ބައިތަކުގައި އިންޝާ ﷲ ގެނެސްދެވޭނެއެވެ.
ޙިޖާމާގެ މުހިންމުކަން ސުންނަތުން
إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ (1) ” ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ. ”
އިސްރާއާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުންވަނީ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް ޙިޖާމާޖެއްސެވުމަށް އިރުޝާދުދެއްވުމަށްފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދުދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ (2) ”ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.”
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) ”ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރައްެވާށެވެ.” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.
އެހެން ހަދީޘެއްގައިވެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) “އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ.” އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ.
وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) ”ބޮލުގައިރިއްސާތީ ޝަކުވާކުރާ ކޮންމެމީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ. ޙިޖާމާޖަހާށެވެ.”
އަބްދުﷲ އިބްނު އައްބާސް އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ” ތިނެއްޗެއްގައި ފަރުވާއެއްވެއެވެ: އެއީ ޙިޖާމާ ޖަހައިދޭ މީހެއްގެ ކެފުމުގައި، މާމުއި ބުއިމުގައި އަދި އަލިފާނުން ހޫނުކުރުމުގައެވެ. ނަމަވެސް ތިމަންކަލޭގެފާނުގެ އުންމަތަށް އަލިފާނުން ހޫނުކޮށްގެން ފަރުވާކުރުން މަނާކުރައްވަމެވެ.(6)
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. ” ހަމަކަށަވަރުން ޙިޖާމާޖެހުމުގައި ފަރުވާއެއްވެއެވެ. ” (7)
ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. “ޙިޖްރީ ތާރީޚުން ކޮންމެ މަހެއްގައިވެސް 17، 19، 21 ވަނަ ދުވަހުގައި ޙިޖާމާ ޖަހާ މީހަކަށް ކޮންމެ ބައްޔަކަށް ފަރުވާއެއްވެއެވެ.” (8)
އަނަސް އިބްނު މާލިކް ރިވާކުރައްވާފައިވެއެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ ” ފަރުވާއެއްގެ ގޮތުގައި އެންމެ މޮޅު އެއްޗެއް ވާނަމަ އެ އެއްޗަކީ ޙިޖާމާއެވެ” (9)
(ނުނިމޭ)
1 صحيح مسلم/ باب حِلِّ أُجْرَةِ الْحِجَامَةِ
2 صحيح الجامع
3 صحيح الجامع
4 صحيح البخاري/ باب الحجامة والقيئ للصائم
5 سلسلة الأحاديث الصحيحة
6 صحيح البخاري (5681) އަދި ޞަޙީހު އިބްނު މާޖާ (3491
7 صحيح مسلم (5706 )
8 ސުނަނު އަބޫ ދާވޫދު (3861 )
9 ސަޙީހް ސުނަނު އަބޫ ދާވޫދު ( 3875 ) ސަޙީހް ސުނަނު އިބްނު މާޖާ ( 3476 )
ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.
ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ، އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.
މަޢުލޫމާތު ނެގި މަސްދަރު :
“ޙިޖާމާ ވެޓް ކަޕިން ތެރަޕީ” ހިޖާމާ ނޭޝަން.ކޮމް-
އަލް އިމާމް އިބްނުލް ޤައްޔިމް ލިއުއްވާފައިވާ “ޕްރޮފެޓިކް މެޑިސިން”-
މިލިޔުމާއި ގުޅޭ އެހެން ބައިތައް:
ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )