ޖިންނީން ( 3 ވަނަ ބައި )

ޖިންނީން 3 ވަނަ ބައި

 

ޖިންނީން ( 3 ވަނަ ބައި )

އަސްލު ލިޔުއްވީ: އަލް އުޚްތު އުންމު އަބްދިﷲ

އަދި މުޙައްމަދު صلى الله عليه وسلمގެ މައްޗަށް ބާވައިލެއްވުނު އާޔަތްތަކުން މުޚާޠަބު ކުރެވިފައިވަނީ ޚަލްޤުތަކުންގެ ތެރެއިން އެންމެހާ އިންސީންނާއި ޖިންނީންނަށެވެ. އެހެނީ އެރިސާލަތަކީ ޖިންނީންނާއި އިންސީންނަށް ޢާންމު ވެގެންވާ ރިސާލަތެކެވެ. ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ބައެއް އާޔަތްތައް ބާވައިލެއްވުނުކަމުގައި ވިޔަސް، އެއްވެސް އާޔަތެއް ހަމައެކަނި އެއާޔަތެއް ބާވައިލެއްވުނު ސަބަބަށް ޚާއްޞަވެގެންވާ ނުވާކަމަށް މުސްލިމުންވަނީ އިއްތިފާޤުވެފައެވެ. ޚިލާފުވެފައިވަނީ: އާޔަތެއް ބާވައިލެއްވުނު ސަބަބުގެ އެވައްތަރަށް އެއާޔަތެއް ޚާއްޞަވާނެ ތޯއެވެ؟ ނަމަވެސް މުސްލިމުންގެ ތެރެއިން މީހަކުކުރި ކަމަކާ ގުޅިގެން އާޔަތެއް ބާވައިލެއްވުމުން އެއާޔަތަކީ ހަމައެކަނި އެމީހާއަށް ޚާއްޞަވެގެންވާ އާޔަތެއްކަމުގައި މުސްލިމުންކުރެ އެކަކުވެސް ބުނެފައިނުވެއެވެ. އެއީ ވަރި ނުވަތަ ޡިހާރު ނުވަތަ ލިޢާން ނުވަތަ ވައްކަމާއި ޙިރާބާގެ ޙައްދާއި އަދި މިނޫންވެސް އެފަދަކަންކަމެވެ …

މިތަނުގައި މަޤްޞަދަކީ މުޙައްމަދު صلى الله عليه وسلمގެ ދަޢުވަތަކީ އެންމެހާ ޖިންނީންނާއި އިންސީން ޝާމިލުވާ ދަޢުވަތެއްކަމެވެ. ފަހެ ޙުކުމްތަކުގެ ތެރެއިން ޙުކުމެއް އެއީ ޙަޤީޤަތުގައި ޢަރަބީންނަށް ޚާއްޞަވެފައިވާ ޙުކުމެއް ކަމަށް ހީކޮށްގެން ނުވާނެއެވެ. އެހެނެއްކަމަކު ހަމަކަށަވަރުން ޙުކުމްތައް ގުޅިލާމެހިފައިވަނީ މުސްލިމުނާއި ކާފިރުން، މުއުމިނުންނާއި މުނާފިޤުން، ހެޔޮލަފާ ޞާލިޙުންނާއި ފާޖިރުން އަދި މުޙްސިނުންނާއި އަނިޔާވެރިން، މިނަންތަކާއި މިނޫނަސް ޤުރުއާނާއި ޙަދީޘްގައި ޛިކުރުކުރެވިފައިވާ މިފަދަ ނަންތައް ދެވޭ ފަރާތްތަކަށެވެ. އަދި ޝަރުޢީ ޙުކުމްތަކުގެ ތެރެއިން ޙުކުމެއް ޢަރަބީންނަށް ޚާއްޞަކޮށް ޤުރުއާނާއި ޙަދީޘްގައި އައިސްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޙުކުމްތަކުގައި އެފަދައިން ވާކަމަށް ބައެއް ޢިލްމުވެރިންނަށް ހީފުޅުވެފައިވެއެވެ. އަދި އެކަމުގައި ޖުމްހޫރު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ…

އަދި އެފަދައިން ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވިއެވެ:

ހަމަކަށަވަރުން ޢަރަބީން ހަޑި އެއްޗެހީގެ ގޮތުގައި ބަލާ އެއްޗެހި އެންމެހާ މުސްލިމުންނަށް ޙަރާމެވެ. އަދި އެބައިމީހުން ރަނގަޅު އެއްޗެހީގެ ގޮތުގައި ބަލާ އެއްޗެހި އެންމެހާ މުސްލިމުންނަށް ޙަލާލެވެ.

ފަހެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މިބުނުމާ ޚިލާފަށެވެ. އޭގެތެރޭގައި އިމާމު މާލިކާއި އަބޫ ޙަނީފާއާއި ޢަޙްމަދު އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ކުރީގެ ބޭކަލުން ހިމެނެއެވެ. ނަމަވެސް އަލްޚިރަޤީ އަދި ޙަންބަލީންގެ ބައެއް ބޭކަލުން ޝާފިޢީގެފާނާއި މިބަސްފުޅުގައި އެއްބަސްވެއެވެ. ނަމަވެސް ޚުދު އިމާމް އަޙްމަދު އެއްބަސްވެވަޑައިގަންނަވަނީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅާއެވެ. އަދި ޞަޙާބީންނާއި ތާބިޢީން  ދެކެވަޑައިގަންނަވާ ގޮތުގައި ޙަލާލާއި ޙަރާމް ބިނާވެގެންވަނީ ޢަރަބީންނަށް ރަނގަޅު އެއްޗެއްސާއި ހަޑި އެއްޗެހީގެ މައްޗަކަށް ނޫނެވެ. އެހެނީ އެބައިމީހުން ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗެހި ރަނގަޅު އެއްޗެހީގެ ގޮތުގައި ދެކުނެވެ. އެއީ ލެޔާއި މުޅަތަކެއްޗާއި ކަރުގައި ހިފައިގެން މަރާލާ ތަކެއްޗާއި، ޖަހާ މަރާލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެއްޗާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. އަދި އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ރަނގަޅު މީހުން ﷲ ތަޢާލާ ޙަރާމް ނުކުރައްވާ ތަކެއްޗާ ނުރުހުންތެރިވިއެވެ. އެއީ ޟައްބު މަސް ފަދަ ތަކެއްޗެވެ. ނަބިއްޔާ صلى الله عليه وسلم ޟައްބު މަސް ފަރީއްނުކުޅުއްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((…لَمْ يَكُنْ بِأَرْضِ قَوْمِي، فَأَجِدُنِي أَعَافُهُ)) [البخاري في أطعمة (٥٣٩۱) ومسلم في الصيد والذبائح (۱٩٤٥ / ٤٣ ، ٤٤]

މާނައީ: “ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންގެ ބިމުގައި އެޔެއް ނުހުރެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެއާ ނުރުހުންތެރި އެބަވެއެވެ.”

އަދި މިއާއެކު ޙަދީޘްކުރެއްވިއެވެ. “އެއީ ޙަރާމް އެއްޗެއް ނޫނެވެ.”

އަދި އެކަލޭގެފާނުގެ ސުފުރާގައި، އެކަލޭގެފާނު ބައްލަވަން އިންނަވަނިކޮށް (އެހެން ބޭކަލުން ޟައްބު މަސް) ފަރީއްކުޅުވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((لاَ آكُلُهُ وَلاَ أُحَرِّمُهُ)) [البخاري في الذبائح (٥٥٣٦) ومسلم في الصيد والذبائح (۱٩٤٣ / ٣٩ – ٤۱]

މާނައީ: “ތިމަންކަލޭގެފާނު އެއެއް ފަރީއްނުކުޅުވާނަމެވެ. އަދި އެ ޙަރާމްއެއްވެސް ނުކުރައްވާނަމެވެ.”

އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ: ﷲ ތަޢާލާ ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެއްޗަކީ އެތަކެތި ކެއުމުން އޭނާގެ ދީންވެރިކަމަށް ފައިދާކުރާ އެއްޗެއްސެވެ. އަދި ހަޑި ތަކެއްޗަކީ އޭގެން އޭނާގެ ދީންވެރިކަމަށް ގެއްލުންވާ އެއްޗެއްސެވެ.

ދީނުގެ އަޞްލަކީ ޢަދުލުވެރިކަމެވެ. އެއީ އެކަމެއް ޤާއިމުކުރެއްވުމަށްޓަކައި ﷲ ތަޢާލާ ރަސޫލުބޭކަލުން ފޮނުއްވެވި ކަމެވެ. ފަހެ އެގޮތުން އަނިޔާވެރިކަމާއި ހައްދުފަހަނަ އެޅުން އަށަގަންނުވައި ތަކެތި ކެއުން ﷲ ތަޢާލާ ވަނީ ޙަރާމްކުރައްވާފައެވެ. އެއީ ފޭރާދަތުން ޝިކާރަކުރާ ކޮންމެ މިނިކާ ޖަނަވާރެއް ޙަރާމްކުރެއްވި ފަދައިންނެވެ. އެއީ އެއެއްޗެހީގެ އަނިޔާވެރިކަމާއި އިންސާފެއް ނެތުމުގެ ސަބަބުންނެވެ. އަދި ކާމީހާވަނީ އެމީހަކު އެކޭ އެއްޗެއް ފަދައިންނެވެ. ފަހެ އެފަދަ އެއްޗެހީގެ މަސް ކެއުމުން އިންސާނާގެ ކިބައިގައި އަނިޔާވެރިކަމާއި ޢަދާވާތްތެރިކަމުގެ ޚުލްޤު އަށަގަނެއެވެ.

ހަމަ އެފަދައިން ނަފްސުގައި އުފެދޭ ބާރުތައް ކަމުގައިވާ ޝަހުވަތާއި ރުޅިވެރިކަން ޖަމާވެގެން އަންނަނީ ލެއިންނެވެ. ފަހެ އެފަދަ ތަކެތި ކެއުމުން އޭނާގެ ޝަހުވަތްތެރިކަމާއި ރުޅިވެރިކަން އިތުރުވެއެވެ. މިސަބަބާހުރެ އޮހޮރިގެންދާ ލޭ ފިޔަވާ ލޭގެ އެހެން ބާވަތެއް ޙަރާމްކުރައްވާފައި ނުވެއެވެ. އޭގެ ކުޑަ މިންވަރަކުން ގެއްލުމެއް ނުވެއެވެ.

ޢާންމު ގޮތެއްގައި ނުބައި އަޚްލާޤުގެ ގިނަ ކަންތައްތައް އޫރު މަސް ކެއުމުން އިންސާނާގެ ކިބައިގައި އަށަގަނެއެވެ. އެހެނީ އޫރަކީ އެއްވެސް ފަސްޖެހުމެއްނެތި، ހުރިހާ ބާވަތެއްގެ ތަކެތި ކެއުމުގައި އަރާހުރި ހައިވާނެކެވެ.

ފަހެ މުސްލިމުންނަށް ޙަރާމްވެގެންވަނީ އޮހޮރިގެންދާ ލޭފަދަ ހަޑި އެއްޗިއްސެވެ. ފަހެ ނާރުތަކުގައި ނުއޮހޮރި ހުންނަ ލޭ ޙަރާމްވެގެން ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. ޢާއިޝާ رضي الله عنهاގެ އަރިހުން ޛިކުރުވެގެން އައިސްފައިވަނީ އެބޭކަލުން މަސްތައް ތެއްޔަށް އަޅުއްވާއިރު ތެލިން ލޭގެ އަޘަރު ފެންނަކަމުގައިވެއެވެ. އެހެންކަމުން ހެދުމުގައި ނުވަތަ ހަށިގަނޑުގައި އޮހޮރިގެން އަންނަ ލޭ ފިޔަވައި ކުޑަ ލޭކޮޅެއް ހުރެއްޖެނަމަ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އެލޭކޮޅު ޢަފޫކުރެއްވިގެންވާ ކަމަށެވެ. ކެއުންބުއިމުގައި އެ ޢަފޫވެގެންވާނަމަ އެއަށްވުރެ އައުލާވެގެންވަނީ ހެދުމުގައްޔާއި ހިފާގެންގުޅޭ ތަކެތީގައި ހޭކުމުން ޢަފޫވުމެވެ

މިތަނުގައި މަޤްޞަދަކީ ޢަރަބީންގެ ތެރޭގައި ހިނގި ކަމަކާ ގުޅިގެން ޤުރުއާނުގެ ބައެއް އާޔަތްތައް ބާވައިލެއްވުނުކަމުގައި ވިޔަސް، ފަހެ އެއާޔަތްތަކުގެ ލަފްޒާއި މާނައިގެ ތެރެއަށް ވަންނަ ހުރިހާ ބާވަތަކަށް އޭގެ ޙުކުމް ޢާންމުވެގެންވުމެވެ. އެހެނީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށެވެ.

ގިނަ އުންމަތްތަކުގެ މީހުން ޖިންނީން ވާކަމަށް އެއްބަސްވެއެވެ. މިކަމާ ބެހޭގޮތުން ދިގުކޮށް ޞިފަކުރެވިފައިވާ ފަތްފުށްތައް އެބައިމީހުންނާއެކު ވެއެވެ. ޖާހިލުންނާއި ފިލޯސަފަރުންނާއި ޑޮކްޓަރުން ފަދަ މަދު ބަޔަކު މެނުވީ ޖިންނީން ވާކަމަށް އިންކާރު ނުކުރެއެވެ. ފަހެ އެއުރެންގެ ބޮޑުންނާމެދު ދަންނައެވެ. އެބައިމީހުން މިކަމާ އިޤްރާރުވެއެވެ. ނުވަތަ މިކަމާމެދު އެބައިމީހުންގެ ފަރާތުން ބަހެއް އައިސްފައިނުވެއެވެ…

ޖިންނީން ވުޖޫދުގައިވާކަން އިންކާރުކުރާ މީހުންނަށް އެމީހުން އެނަފީކުރާކަންތަކަށް ދަލީލުކޮށްދޭ ޙުއްޖަތެއް ނުވެއެވެ. އެބައިމީހުންގެ ޙުއްޖަތަކީ އެކަމުގެ ޢިލްމު ލިބިގެން ނުވުމެވެ. އެހެނީ އެބައިމީހުންގެ އެ ދާއިރާގައި އެކަމަށް ދަލީލުކޮށްދޭނެ އެއްޗެއް ނުވަނީއެވެ. މިޘާލަކަށް ޑޮކްޓަރު ބައްޔަށް ފަރުވާކުރުމުގައި ބަލަނީ ހަށިގަނޑަށެވެ. އަދި ފަރުވާކުރަނީ އެބަލީގެ ސަބަބުން ހަށިގަނޑުގެ މިޒާޖަށް އަންނަ ބަދަލުތަކަށެވެ. ނަފްސުގެ ފުށުން ނުވަތަ ޖިންނީގެ ފުށުން އަންނަ ކަމަކަށް ނުބަލައެވެ. އެއީ ބޭސްވެރިކަމުގެ ސަބަބުތަކަށްވުރެ ބޮޑަށް ނަފްސުގެ ސަބަބުން ހަށިގަނޑަށް އަޘަރުތަކެއް ކުރުވާކަން އޭނާގެ ބޭސްވެރިކަމުގެ ދާއިރާއިން ބޭރުން އެނގިފައިވީކަމުގައިވިޔަސް މެއެވެ. އަދި ހަމައެފަދައިން ޖިންނީގެ ސަބަބުން ވެސް އަޘަރުކުރުވައެވެ. އެއީ އަންނަނިވި ޞައްޙަ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.

((إِنَّ الشَّيْطَانَ يَجْرِي مِنَ ابْنِ آدَمَ مَجْرَى الدَّمِ)) [البخاري في الأحكام (٧١٧١) ومسلم في السلام (٢١٧٥ / ٢٤)]

މާނައީ: “އާދަމުގެ ދަރިންގެ ހަށިގަނޑުގައި ލޭ ދައުރުވާފައިން، ޝައިޠާނާ ދައުރުކުރެއެވެ.” …

____________________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް

Leave a Reply

Your email address will not be published. Required fields are marked *