ޖިންނީން ( 4 ވަނަ ބައި )

 

jinneen part 4

ޖިންނީން ( 4 ވަނަ ބައި )

އަސްލު ލިޔުއްވީ: އަލް އުޚްތު އުންމު އަބްދުﷲ

މިތަނުގައި މުރާދަކީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށްކަމެވެ. ޖިންނީން ޤުރުއާން އަޑުއެހިކަމާ އަދި އެއަށް އީމާންވިކަމަށް ޤުރުއާނުގައި ﷲ ތަޢާލާ ޚަބަރު ކުރައްވާފައިވެއެވެ. އެއީ އަންނަނިވި ވަޙީ ބަސްފުޅުގައި ވާފަދައިންނެވެ.

﴿وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ [٢٩] قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ [٣٠] يَا قَوْمَنَا أَجِيبُوا دَاعِيَ اللَّـهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ [٣١] وَمَن لَّا يُجِبْ دَاعِيَ اللَّـهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَـٰئِكَ فِي ضَلَالٍ مُّبِينٍ [٣٢]﴾ [سورة الأحقاف]

މާނައީ: “ތިމަންއިލާހު ޖިންނީންގެ ތެރެއިންބަޔަކު ޤުރުއާނުގެ އަޑުއެހުމަށް ކަލޭގެފާނުގެ އަރިހަށް ފޮނުއްވިހިނދު ހަނދުމަކުރައްވާށެވެ! ފަހެ، އެއުރެން އެކަލޭގެފާނުގެ އަރިހަށް ޙާޟިރުވިހިނދު (އެކަކު އަނެކަކަށް) ބުނޫއެވެ. ތިޔަބައިމީހުން ކަނުލައި އަހާބަލާށެވެ! ދެންފަހެ، ކިޔަވާވިދާޅުވެ ނިމުމުން އެއުރެން، އެއުރެންގެ ޤައުމުގެ މީހުންގެ ގާތަށް އިންޛާރުކުރާ ބަޔެއްގެގޮތުގައި އެނބުރި ހިނގައްޖައޫއެވެ. [29]  އެއުރެން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށްފަހު، ބާވައިލެއްވެވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އޭގެކުރީގެ ފޮތްތައް ތެދުކުރަނިވި ގޮތުގައެވެ. ޙައްޤުގޮތަށާއި، ސީދާވެގެންވާ ތެދުމަގަށް އެފޮތް މަގުދައްކަަތެވެ. [30]  އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ﷲ ގެ މަގަށް ގޮވާލައްވާ ނަބިއްޔާއަށް (އެބަހީ: މުޙައްމަދުގެފާނަށް) ތިޔަބައިމީހުން އިޖާބަދޭށެވެ! އަދި ތިޔަބައިމީހުން އެކަލޭގެފާނަށް އީމާންވާށެވެ! (އޭރުން) އެއިލާހު ތިޔަބައިމީހުންގެ ފާފަތައްފުއްސަވާ ވޭންދެވިނި ޢަޛާބުން ތިޔަބައިމީހުން ދިންނަވާނެތެވެ. [31]  އަދި ﷲ ގެ މަގަށް ގޮވާލައްވާ ނަބިއްޔާއަށް އިޖާބަ ނުދޭމީހާ (ދަންނައެވެ!) ފަހެ، އޭނާއީ ބިމުގައި (ﷲ) ނުކުޅައްދާ މީހަކު ކަމުގައި ނުވެތެވެ. އަދި އެއިލާހު ފިޔަވައި އޭނާއަށް އެހީތެރި ފަރާތްތަކެއްވެސް ނުވެތެވެ. އެއުރެންވަނީ ފާޅުވެގެންވާ ފުރެދުމެއްގައެވެ. [32]”

ދެން އެއަށްފަހު އެންމެހާ މީސްތަކުންނަށް އެޚަބަރު ދެއްވުމަށް އެކަލޭގެފާނަށް އަމުރުކުރައްވާ ވަޙީކުރެއްވިއެވެ.

﴿قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا [١] يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا [٢] وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا [٣] وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّـهِ شَطَطًا [٤] وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّـهِ كَذِبًا [٥]﴾ [سورة الجن]

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (ޤުރުއާނުގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް ވަޙީ އިއްވަވައިފިއެވެ. ފަހެ، (އެއުރެންގެ ޤައުމުގެ މީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން ޢަޖާއިބުވާފަދަ ޤުރުއާނެއްގެ އަޑު އަހައިފީމުއެވެ. [1] އެ ޤުރުއާން މަގުދައްކަނީ، ޙައްޤު ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ ޤުރުއާނަށް އީމާންވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރި  رَبُّ އާ އެއްވެސް އެއްޗެއް ޝަރީކެއް ނުކުރާނަމެވެ. [2] އަދި އަޅަމެންގެ ވެރި رَبُّ ގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެއިލާހު އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ. [3] އަދި ތިމަންމެންގެ ތެރެއިން ޖާހިލުކަންބޮޑު މީހާ، ﷲ އާމެދު ޙައްޤުން އެއްކިބާވެ، ހައްދުފަހަނައަޅާފައިވާ ބަސްބުނާކަމުގައިވިއެވެ. [4] އަދި ﷲ އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ. [5]”

އެފަދައިން މީސްތަކުންނަށް ބުނެދިނުމަށް އެކަލޭގެފާނަށް އަމުރު ކުރެއްވުނީ އިންސާނުންނަށް ޖިންނީންގެ ކަންތައްތައް އަންގައިދިނުމަށާއި އެކަލޭގެފާނު ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށްކަން އަންގައިދިނުމަށެވެ. އެއީ ﷲ ތަޢާލާއަށާއި، އެއިލާހު ފޮނުއްވި ރަސޫލުބޭކަލުންނަށް އަދި އާޚިރަތްދުވަހަށް އީމާންވުމުގައި ވާޖިބުވާކަންތައްތަކަށް އިންސީންނާއި ޖިންނީންނަށް މަގު ދައްކައިދިނުމަށެވެ. އަދި ރަސޫލުބޭކަލުންނަށް ކިޔަމަންތެރިކަން އަދާކުރުމާއި ޖިންނީން ނުވަތަ އެނޫންވެސް ބައެއް ބައިވެރިކޮށް ﷲ އަށް ޝިރުކުކުރުމަކީ ޙަރާމް ކަމެއްކަން އަންގައިދިނުމަށެވެ. އެއީ އަންނަނިވި ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.

﴿وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ [سورة الجن ٦]

މާނައީ: “އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ، (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ.”

ވާދީތަކުގައި ޖިންނީން އުޅޭކަމަށް ބެލެވެއެވެ. ފަހެ އުސް ބިންތަކަށްވުރެ ގިނައިން ވާދީތަކުގައި ޖިންނީން އުޅެއެވެ. އެހެންކަމުން އިންސާނުންގެ ތެރެއިން މީހަކު ވާދީއަކަށް ފައިބާނަމަ، أَعُوذُ بِعَظِيمِ هَذَا الْوَادِي مِنْ سُفَهَائِهِ (މާނައީ: މިވާދީގެ މޮޔައިންގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި މިވާދީގެ މަތިވެރި ފަރާތުގެ ކިބައިން އެދެމެވެ.) މިފަދައިން ކިޔާއުޅުނެވެ. ފަހެ އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭތަން ފެނުމުން އެބައިމީހުންގެ ނުބައިކަން އިތުރުވެއެވެ. އެހެންކަމުން ތަވީދުތަކާއި ޖިންނީންނާއި އެމީހުންގެ ބޮޑުންގެ ނަންތައް ހިމެނޭ (ޝިރުކުގެ) ރުޤްޔާތައް އިންސާނުން ހަދާ އޭގެ ބޭނުން ކުރެއެވެ.

ފަހެ އެބައިމީހުން މަތިވެރިކުރާ ޖިންނީންގެ ނަންތަކުން އެބައިމީހުން ހުވާކުރެއެވެ. އޭރުން ޖިންނީންގެ ކިބައިން އިންސާނުން އެދޭ ބައެއް ކަންތައްތައް އެ ޖިންނީން ފުއްދައިދެއެވެ. މިކަމުގެ ސަބަބުން އިންސާނުންގެ މައްޗަށް ޖިންނީން މަތިވެރިވެ ޝަރަފުވެރިވެއެވެ. އެހެނެއްކަމަކު ޖިންނީންނަށްވުރެ އިންސާނުން ޝަރަފުވެރިވެގެންވާކަމާއި އެބައިމީހުންގެ ޤަދަރު މަތިވެރިވެގެންވާކަން ޖިންނީންނަށް އެނގެއެވެ. އިންސާނުން ޖިންނީންގެ ގާތުން ރައްކާތެރިކަމަށް އެދޭނަމަ އޭނާގެ މިސާލަކީ، މީސްތަކުންގެ ތެރެއިން ބޮޑުން، ނިކަމެތިންގެ ގާތުން އޭނާގެ ޙާޖަތެއް ފުއްދައިދިނުމަށް އެދުންފަދަ ކަމެކެވެ

ޝައިޠާނުންނަކީ އެބައިމީހުންގެ ތެރެއިން ކުފުރުވެ، ޝިރުކުކޮށް އަދި އެބައިމީހުންގެ ރައްބަށް އުރެދުނު މީހުންނެވެ. އަދި އިބިލީހާއި އޭނާގެ ޝައިޠާނުންގެ ތެރެއިންވާ އޭނާގެ ލަޝްކަރު ނުބައި ކަންތައްތަކަށް އެދުންވެރިވެއެވެ. އަދި އެފަދަ ކަންކަމުން އުފާ ޙާޞިލުކުރެއެވެ. އަދި އުފަލާއެކު އެކަންކަން ލިބިގަނެއެވެ. އެއީ އެބައިމީހުންގެ ނަފްސުތަކުގެ ނުބައިކަމުންނެވެ. އެބައިމީހުންގެ އެޢަމަލުތަކުގެ ސަބަބުން އަދި އެބައިމީހުން އެ މަގުފުރެއްދި މީހުންގެ ސަބަބުން ޢަޛާބު ދެވޭނެކަން އެނގޭއިރުވެސް އެބައިމީހުން އެގޮތުގައި ކުރިއަށް ދެއެވެ. އެއީ އިބިލީސް ބުނިކަމަށް ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ [٨٢] إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ [٨٣]﴾ [سورة ص]

މާނައީ: ” އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާ ހުށީމެވެ. އެއުރެންކުރެ، އިބައިލާހު ޚިޔާރުކުރައްވާފައިވާ އަޅުން މެނުވީއެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿قَالَ أَرَأَيْتَكَ هَـٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا﴾ [سورة الإسراء ٦٢]

މާނައީ: “އެކަލޭގެ ދެންނެވިއެވެ. އިބައިލާހު ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބައިލާހު އަންގަވައިދެއްވާނުތޯއެވެ؟ ޤިޔާމަތަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِّنَ الْمُؤْمِنِينَ﴾ [سورة سبإ ٢٠]

މާނައީ: ” ހަމަކަށަވަރުން އިބިލީސް އޭނާގެ ހީ، އެއުރެންގެ މައްޗަށް ސީދާކޮށްފިއެވެ. ފަހެ، މުއުމިނުންކުރެ ބަޔަކު މެނުވީ، އެ އެންމެން، އިބިލީހާ ތަބަޢަވިއެވެ.”

އިންސާނާގެ ނަފްސު ނުވަތަ މިޒާޖު ފަސާދަވެއްޖެނަމަ އޭނާއަށް ގެއްލުންހުރި ކަންކަމަށް އެދުންވެރިވެއެވެ. އެފަދަ ކަންކަމަށް ލޯބިކުރުމުގެ ސަބަބުން އޭނާގެ ބުއްދިއާއި، ދީނާއި، އަޚްލާޤާއި، ހަށިގަނޑާ އަދި މުދާ ފަސާދަވެއެވެ. ޝައިޠާނާއަކީ އޭގެ ނަފްސުގައިވެސް ނުބައި އެއްޗެކެވެ. ފަހެ، ޝައިޠާނުން ލޯބިވާފަދަ ކުފުރާއި ޝިރުކު އެކުލެވޭ ރުޤްޔާތަކާއި، ހުވާތަކާއި، ރޫޙާނިއްޔަތާއި ސިޙުރުގެ ފޮތްތަކާ އަދި މިނޫންވެސް ކަންކަމުން ޝައިޠާނުންނާ ގާތްވާނަމަ އޭނާ އެއެދޭ ބައެއް ކަންތައް އެބައިމީހުން ކޮށްދެއެވެ. އެއީ އެބައިމީހުންނަށް ރިޝްވަތު ދިނުންފަދަ ކަމެކެވެ. އެއީ މިޘާލަކަށް މީހަކު ޤަތުލުކުރަން ބޭނުންވާ މީހަކު ޤަތުލުކުރުމަށްޓަކައި އެހެންމީހަކަށް ފައިސާ ދިނުންފަދަ ކަމެކެވެ. ނުވަތަ ފާޙިޝް ކަމެއް ކުރުމަށް މީހަކަށް އެހީތެރިވެދިނުން ނުވަތަ މީހަކާއެކު ފާޙިޝް ކަމެއް ކުރުންފަދަ ކަމެކެވެ.

މިފަދަ ގިނަ ކަންކަމުގައި އެބައިމީހުން ލޭ ނުވަތަ އެނޫންވެސް ނަޖިސް ތަކެތިން ﷲ ތަޢާލާގެ ކަލާމްފުޅު (އެބަހީ: ކީރިތި ޤުރުއާން) ލިޔެއެވެ.  އެގޮތުން އެބަސްފުޅުތަކުގެ އަކުރުތައް އޮޅުވާލައިގެން (ތަރުތީބު ބަދަލުކޮށްގެން) ލިޔެއެވެ. ފާތިޙާގެ އަކުރުތައް ނުވަތަ قُلْ هُوَ اللهُ أَحَد ގެ އަކުރުތައް އެގޮތަށް ލިޔެއެވެ. ނުވަތަ މިނޫންވެސް ޝައިޠާނާ ރުހޭފަދަ އެއްޗެތި ލިޔެއެވެ. ނުވަތަ އެފަދަ ބަސްތައް ކިޔައެވެ. ފަހެ، ޝައިޠާނުން ރުހޭފަދަ ބަސްތައް ކިޔުމުން ނުވަތަ ލިޔުމުން އެޝައިޠާނުން އެބައިމީހުން އެދޭ ބައެއް ކަންތައްތައް ކޮށްދެއެވެ. އެއީ ފެންގަނޑެއް ހިންދާލުން ނުވަތަ ވައިގެ މަގުން ތަނަކަށް ގެންގޮސްދިނުން ނުވަތަ އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެވިފައިނުވާ މީސްތަކުންގެ މުދަލާއި ޚާއިނުންގެ ބައެއް މުދާތަކާ އަދި އެނޫންވެސް އެހެންމުދާ ވަގަށް ނަގައިގެން ޝައިޠާނުން އޭނާއަށް ގެނެސްދިނުން ފަދަ ކަންކަމެވެ.

މިތަނުގައި މަޤްޞަދަކީ މުޙައްމަދު صلى الله عليه وسلم ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށް ކަމެވެ. އަދި ޖިންނީން އެކަލޭގެފާނު ކިޔަވާ ވިދާޅުވި އަޑުއެހުމަށްފަހު އެބައިމީހުންގެ ޤައުމުގެ މީހުންގެ ގާތަށް ގޮސް އިންޛާރުދިން ކަމެވެ. އެއީ ﷲ ޢައްޒަވަޖައްލަ ޚަބަރު ދެއްވާފައިވާ ފަދައިންނެވެ. މިއީ މުސްލިމުން އިއްތިފާޤުވެފައިވާ މައްސަލައެކެވެ. ދެން ފަހެ، ޞަޙާބީންނާއި ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުން ވިދާޅުވެފައިވަނީ ޖިންނީން (އެޙާދިޘާއަށްފަހު) އެނބުރި ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް އައުމުން އެކަލޭގެފާނު އެބައިމީހުންނަށް ޤުރްއާން ކިޔަވާ ވިދާޅުވެދެއްވާ އެބައިމީހުންގެ ކިބައިން ބައިޢަތު ހިއްޕެވިކަމަށާ އަދި އެބައިމީހުންގެ ކޮއްތާއި ޖަނަވާރުތަކާ ބެހޭ ގޮތުން ސުވާލުކުރެއްވިކަމަށެވެ…

އެކަލޭގެފާނު އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ.

((لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللهِ عَلَيْهِ يَقَعُ فِي أَيْدِيكُمْ أَوْفَرَ مَا يَكُونُ لَحْمًا وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ))

މާނައީ: “ތިޔަބައިމީހުންނަށް ލިބޭ ކަށީގެ ތެރެއިން، (އެއެއްޗެއް ކެއުމުގެ ކުރިން) ﷲ ގެ ނަންފުޅު ގަނެވިފައިވާ ކޮންމެ ކަށްޓެއް ފުރާ މަސްލެއްވޭނެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތަކަށްވަނީ (އިންސާނުންގެ ޖަނަވާރުތަކުގެ) ބޮޑުކަމުދާ ތަކެއްޗެވެ.”

ދެންފަހެ، (ޞަޙާބީ ބޭކަލުންނާ މުޚާޠަބުކުރައްވާ) ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((فَلَا تَسْتَنْجُوا بِهِمَا فَإِنَّهُمَا طَعَامُ إِخْوَانِكُمْ)) [وهذا ثابت في صحيح مسلم، وغيره من حديث ابن مسعود]

މާނައީ: “ފަހެ އެދޭތިން [އެބަހީ: ކަށިންނާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން] ތިޔަބޭކަލުން އިސްތިންޖާ ނުކުރާހުށިކަމެވެ. އެހެނީ އެއީ ތިޔަބޭކަލުންގެ އަޚުންގެ (އެބަހީ: ޖިންނީންގެ) ކާނާއެވެ.”…

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މަޢުލޫމާތު ނެގި މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް

Leave a Reply

Your email address will not be published. Required fields are marked *