ޖިންނީން ( 6 ވަނަ ބައި )
އަސްލު ލިޔުއްވީ : އަލް އުޚްތު އުއްމު ޢަބްދިﷲ
އަދި ޖިންނީން ބުނިކަމަށް ﷲ ތަޢާލާ ޚަބަރުކުރައްވާފައިވެއެވެ.
وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا ﴿١١﴾ [سورة الجن]
މާނައީ: “އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.”
އެބަހީ: ތަފާތު އެތައް މަޛްހަބުތަކެއްވެއެވެ. މުސްލިމުންނާއި ކާފިރުންނެވެ. އަދި ސުންނަތުގެ އަހުލުވެރިންނާއި ބިދުޢައިގެ އަހުލުވެރިންނެވެ.
އެސޮރުމެން ބުންޏެވެ.
وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَـٰئِكَ تَحَرَّوْا رَشَدًا ﴿١٤﴾ وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا ﴿١٥﴾ [سورة الجن]
މާނައީ: “އަދި ތިމަންމެންގެ ތެރެއިން މުސްލިމުންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، އިސްލާމްވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު އިޚްތިޔާރު ކޮށްފިއެވެ. [14] އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވިއެވެ. [15]” …
އެސޮރުމެންގެ ތެރެއިން ކާފިރުންނަށް އާޚިރަތް ދުވަހުން ޢަޛާބުދެއްވާނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މުއުމިނުންވާނީ ސުވަރުގޭގައިކަމެވެ. ރިވާވެގެންވެއެވެ.
” أَنَّهُمْ يَكُونُونَ فِي رُبَضِ الْجَنَّةِ تَرَاهُمْ الْإِنْسُ مِنْ حَيْثُ لَا يَرَوْنَهُمْ “
މާނައީ: “ޖިންނީންވާނީ ސުވަރުގޭގެ މަލަމަތީގައެވެ. އެސޮރުމެންނަށް އިންސާނުން ނުފެނި، އިންސާނުންނަށް އެސޮރުމެން ފެންނާނެއެވެ.”
މިއީ މާލިކާއި، ޝާފިޢީއާއި، އަޙްމަދާއި، އަބޫޔޫސުފު އަދި މުޙައްމަދަށް ނިސްބަތްކުރެވިގެންވާ ބަސްފުޅެކެވެ. ބުނެވެއެވެ. އެބައިމީހުންގެ ޘަވާބަކީ އަފިލާނުން ސަލާމަތްވުމެވެ. މިއީ އަބޫޙަނީފަގެ ރަޢުޔެވެ. ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަނީ އަންނަނިވި އާޔަތުގައިވާފަދައިންނެވެ.
… لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَانٌّ ﴿٥٦﴾ [سورة الرحمن]
މާނައީ: “… އެއުރެންގެ ކުރިން އިންސިއަކުވެސް، އަދި ޖިންނިއަކުވެސް އެކަނބަލުންނާ ބީހިފައެއް ނުވެއެވެ.”
އެބޭފުޅުން ވިދާޅުވަނީ “ފަހެ، މިއާޔަތުން ދަލީލުކޮށްދެނީ އެސޮރުމެންނަށް ބީހެވޭނެކަމެވެ. އެއީ ސުވަރުގޭގައި ޙޫރުލްޢީނުންނާ ބީހުމެވެ.”
ޖިންނީންނަކީ ބުއްދިދެއްވާފައިވާ ދިރޭ އެއްޗެކެވެ. އެސޮރުމެންނަށް އަމުރުކުރައްވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް ވެއެވެ. އަދި އެސޮރުމެންނަށް ޘަވާބާއި ޢަޛާބުވެއެވެ. ނަބިއްޔާ صلى الله عليه وسلم އެސޮރުމެންގެ ގާތަށް ފޮނުއްވާފައިވުމުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރުމުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ އެހެން އިންސާނުންނާމެދު ޢަމަލުކުރާގޮތަށް އެސޮރުމެންނާމެދުވެސް ޢަމަލުކުރުމަށެވެ. އަދި ﷲ ތަޢާލާއަށާއި، އެއިލާހު ޝަރުޢުކުރައްވާފައިވާކަންކަމަށް ނަބިއްޔާ صلى الله عليه وسلم އެސޮރުމެންނަށް ދަޢުވަތުދެއްވިފަދައިން ދަޢުވަތުވޭންވާނެއެވެ. އަދި ޖިންނީންގެ ތެރެއިން ނުކިޔަމަންތެރިވާ ޖިންނީންނާމެދު ކަންތައްކުރަންޖެހޭނީ އިންސީންގެ ތެރެއިން ނުކިޔަމަންތެރިވާ މީހުންނާމެދު ކަންތައްކުރާގޮތަށެވެ. އިންސީންގެ ތެރެއިން މީހަކު ހަމަލާއެއް ދިނުމުން ދިފާޢުވާ ފަދައިން އެސޮރުމެންގެ ކިބައިން ދިވާޢުވުންވެސް ހުށްޓެވެ.
އިންސާނުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެސޮރުމެންގެ ޝަހުވަތްތެރިކަމާއި، ހަވާ ނަފްސާ އަދި ޢިޝްޤުގެ ސަބަބުންނެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް އެކަންކަންވާ ފަދައިންނެވެ… ގިނަ ފަހަރަށް އެސޮރުމެންގެ އުނދަގޫ ފޯރަނީ އެސޮރުމެން ރުޅިއައުމުން ބަދަލުހިފުމުގެ ގޮތުންނެވެ. އެއީ ބައެއް އިންސާނުން އެސޮރުމެންނަށް އުނދަގޫވާކަމެއް ކުރުމުންނެވެ. ނުވަތަ އުނދަގޫކުރީ ގަސްދުގައިކަމަށް އެސޮރުމެންނަށް ހީވުމުންނެވެ. މިޘާލަކަށް އެސޮރުމެންގެ ތެރެއިން ބައެއްގެ މައްޗަށް ކުޑަކަމުދިއުމުންނެވެ. ނުވަތަ ހޫނުފެން އެޅުމުންނެވެ. ނުވަތަ އެސޮރުމެންގެ ތެރެއިން ބަޔަކު ޤަތުލުވެގެންނެވެ. އިންސާނުންނަށް އެފަދަ ކަމެއް ވީކަން ނޭނގުނު ނަމަވެސް، ޖިންނީންގެ ޖާހިލުކަމާ އަނިޔާވެރިކަމުން، ޙައްޤުވާވަރަށްވުރެ ބޮޑަށް އިންސާނުންނަށް އެކަމުގެ ޢުޤޫބާތް ދެއެވެ. އަދި ބައެއްފަހަރު ކުޅިވަރެއްކަމުގައި ހަދައިގެން، އެސޮރުމެންގެ ނުބައިކަމުންވެސް އިންސާނުންނަށް އުނދަގޫކުރެއެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް ބައެއްފަހަރު އެކަން ވާފަދައިންނެވެ.
ފުރަތަމަ ކަންތަކާމެދު ދަންނައެވެ. އެއީ ﷲ ތަޢާލާ ޙަރާމްކުރައްވާފައިވާ ފާޙިޝްކަމެކެވެ. އެއީ އިންސާނުންގެ ތެރޭގައިވެސް ދެމީހުންގެ ރުހުމުގައިވެސް އެކަން ޙަރާމްކުރައްވާފައިވާ ފަދައިންނެވެ. ފަހެ، އަނެކާގެ ނުރުހުމުގާކުރަނަމަ ވާނީ ކޮންފަދައަކުން ހެއްޔެވެ؟ ފަހެ، އެއީ ފާޙިޝްކަމާ އަނިޔާވެރިކަން ނޫން ހެއްޔެވެ؟ މިޙާލަތުގައި ޖިންނިއާ މުޚާޠަބުކޮށް އެއީ ފާޙިޝް ޙަރާމްކަމެއްކަން އަންގައިދޭން ޖެހޭނެއެވެ. ނުވަތަ އެއީ ފާޙިޝް، އަނިޔާވެރި ޢަމަލެއްކަމާ އެފަދައިން ޤިޔާމަތްދުވަހުން އެސޮރުގެ މައްޗަށް ޙުއްޖަތް ޤާއިމުވާނެކަން އަންގައިދޭން ޖެހޭނެއެވެ. އަދި އެސޮރުމެންނަށް ޙުކުމްކުރެވޭނީ ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ޙުކުމްފުޅުންކަންވެސް ބަޔާންކޮށްދޭން ޖެހޭނެއެވެ. އެހެނީ އެއީ އިންސީންނާއި ޖިންނީނަށް ފޮނުވުނު ރަސޫލެކެވެ.
ދެވަނަ ކަންތަކާމެދު ދަންނައެވެ. އިންސާނަކަށް ނޭނގި ވެފައިވާކަމެއްނަމަ ޖިންނިއާ މުޚާޠަބުކޮށް އެކަން ބަޔާންކޮށްދޭން ޖެހޭނެއެވެ. އަދި ގަސްދަކާ ނުލާ އުނދަގޫކުރެވުމުން އެކަމަށް ޢޫޤޫބާތް ޙައްޤުނުވާކަން ބުނެދޭން ޖެހޭނެއެވެ. އޭނާގެ ގޭގައި ނުވަތަ އޭނާއަށް މިލްކުވެގެންވާ ތަނެއްގައި ހިނގިކަމެއްނަމަ އެކަން ޖިންނިއަށް އަންގައިދޭން ޖެހޭނެއެވެ. އަދި އިންސާނުންގެ ތަންތަނުގައި ޖިންނީން އުޅުމަކީ ހުއްދަކަމެއް ނޫންކަންވެސް ބަޔާންކޮށްދޭން ޖެހޭނެއެވެ. އަދި އެފަދަ ތަންނަނުގައި އިންސާނުންގެ ހުއްދަ ނުހޯދާ އެސޮރުމެންނަށް ނޫޅެވޭނެއެވެ. އެސޮރުމެން އުޅެންއޮތް ތަންތަނަކީ މީހުން ނޫޅެ ފަޅުވެ، ވީރާނާވެފައިވާ ގެތަކާއި ޞަޙަރާތަކެވެ. އެހެންކަމުން މީހުން ނޫޅެ ފަޅުވެ، ވީރާނާވެފައިވާ ގެތަކުންނާއި ސަހަރާތަކާ އަދި ފާޚާނާތަކާއި، ބޯގަސްތަކުތެރެއާއި، ކުނިއަޅާ ތަންތަނާއި މަޤްބަރާތައްފަދަ ނަޖިސް ތަންތަނުން ގިނަ ޢަދަދަކަށް ޖިންނީން ފެންނާނެއެވެ. ޝައިޠާނުންނާއެކު އުޅޭ ރަޙުމެއް ނެތް ޝައިޠާނީ ޞިފަތަކުގެ މީހުން މިފަދަ ޝައިޠާނުން ދިރިއުޅޭ ތަންތަނަށް ވަރަށް ގިނައިން ގޮސްއުޅެއެވެ.
އެފަދަ ނަޖިސް ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވާ އެތައް ޙަދީޘްތަކެއްވެއެވެ. އެއީ އެތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނަށްވާތީއެވެ. ބައެއް ޢިލްމުވެރިން ދެކެލައްވާގޮތުގައި އެފަދަ ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެތަންތަނުގައި ނަޖިސްތަކެތި ވާތީއެވެ. އަދި ބައެއް ބޭފުޅުން ވިދާޅުވަނީ އެކަންކަމަކީ އަޅުކަމާ ގުޅިފައިވާ ކަންތައްތަކެވެ. އަދި ބުއްދީގެ ޛަރީޢާއިން އެކަންކަން ދެނެ ނުގަނެވޭނެއެވެ. އެންމެ ޞައްޙަ ގޮތަކީ ފާޚާނާއާއި ޖަމަލު ކޮށި ފަދަ ތަންތަނުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެތަންތަނަކީ ޝައިޠާނުން ދިރިއުޅޭ ތަންތަނަށްވާތީއެވެ. އަދި މަޤްބަރާތަކުގައި ނަމާދުކުރުން މަނާކުރައްވާފައިވަނީ އެއީ ޝިރުކަށް މަގުފަހިވާ ކަމަކަށްވާތީއެވެ. އަދި އެއާއެކު އެތަންތަނަކީވެސް ޝައިޠާނުން ދިރިއުޅޭ ތަންތަނެވެ.
މިތަނުގައި މަޤްޞަދަކީ ބިދުޢައާއި މަގުފުރެދުމުގެ އަހުލުވެރިންގެ ތެރެއިން ޝަރީޢަތުގައި އައިސްފައިވާގޮތާ ޚިލާފަށް އަޅުކަންކޮށް ޒުހުދުވެރިވާމީހުން އެމީހުން އާދަޔާ ޚިލާފުކަންކަން ކުރުމަށްޓަކައި ޝައިޠާނުން އުޅޭ ތަންތަނަށާއި އެތަންތަނުގައި ނަމާދުކުރުން ނަހީކުރައްވާފައިވާ ތަންތަނަށް ދެއެވެ. އެހެނީ ކާހިނުންގެ ގާތަށް ގޮސް އެއުރެންނާ މުޚާޠަބުކުރާ ފަދައިން އެމީހުންގެ ގާތަށް އައިސްވެސް ޝައިޠާނުން މުޚާޠަބުކޮށް ހަދައެވެ. އަދި އެބައިމީހުން އަޅުކަންކުރަން ގެންގުޅޭ ބުދުތަކުގެ ތެރެއަށްވަދެ އެތަކެއްޗަށް އަޅުކަންކުރާ މީހުންނާ ވާހަކަ ދައްކާ އެބައިމީހުން އެދޭ ބައެއް ކަންތައްތައް ކޮށްދީވެސް ހަދައެވެ. އެއީ ސިޙުރުވެރިންނާއި ބުދަށާއި އިރަށާއި ހަނދަށާ އަދި ތަރިތަކަށް އަޅުކަންކުރާމީހުންނަށް އެސޮރުމެން އެހީތެރިވާ ފަދައިންނެވެ. އެގޮތުން އެސޮރުމެންނާ އެކަށީގެންވާކަމަށް އެބައިމީހުންނަށް ހީވާ އަޅުކަންތަކުން އެބައިމީހުން އެސޮރުމެންނަށް އަޅުކަންކޮށް ހަދައެވެ. އެއީ ތަސްބީޙަ ކިޔުމާއި ބައެއް ވައްތަރުތަކުގެ ހެދުންލުމާއި ދުން އެޅުމާ އަދި އެނޫންވެސް އެހެން ކަންތައްތަކުގެ ޛަރީޢާއިންނެވެ. ފަހެ އެހެނީ ހަމަކަށަވަރުން އެބައިމީހުންގެ ގާތަށް ބައެއް ޝައިޠާނުން އައިސް އުޅެއެވެ. އެއަށް އެބައިމީހުން ކިޔަނީ ތަރިތަކުގެ ރޫޙުތަކެވެ. އެބައިމީހުންގެ ބައެއް ކަންކަން އެސޮރުމެން ކޮށްދީފާނެއެވެ. އެއީ އެބައިމީހުންގެ ޢަދުއްވުން މެރުމާއި ބަލިކޮށްލުމާއި އެބައިމީހުން ބޭނުންވާ ބައެއް މީހުން ގެނެސްދިނުމާ އަދި ބައެއް މުދާ ގެނައުމެވެ. ނަމަވެސް އެބައިމީހުންނަށް އޭގެން ލިބޭ ފައިދާއަށްވުރެ ގެއްލުން އެތައް އެތައް ގުނައަކަށް އިތުރުވެދާނެއެވެ.
= ނުނިމޭ =
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.
މަޢުލޫމާތު ނެގި މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް