ސިޙުރު ހަދާ މީހާގެ ޙުކުމް

sihuruveriyaage hukum

މުރާޖަޢާ ކުރެއްވީ : އައްޝައިޚު މުހައްމަދު ސިނާން

ސިޙުރު ހަދާ މީހުންގެ ޙުކުމަކީ ކޮބައިތޯ؟

الحمد لله

ހުރިހާ ޝަރީޢަތްތަކެއްގައާއި، އަދި ޢިލްމުވެރިންގެ އިޖްމާޢުން ސިޙުރުގެ ހުރިހާ ވައްތަރުތަކަކީ ޙަރާމް ތަކެއްޗެވެ. އަދި އެކަން އުނގެނުމަކީވެސް ޙަރާމް ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަޠަޢާލާ ރަސޫލުން ފޮނުއްވެވި މަޤްޞަދާއި، އެކަންކަމަކައިގެން އެކަލާނގެ ބާވާލެއްވި ފޮތްތައް ބާވައިލެއްވުނު ކަންކަމާ ސިޙުރު ފުށުއަރައެވެ.

ގިނަ ޢިލްމުވެރިން ދެކެލައްވާގޮތުގައި ސިޙުރު ހަދާ މީހަކީ ކާފަރެކެވެ. އަދި ވެރިކަމުގެ ފަރާތުން އެމީހަކު ޤަތުލުކުުރުން ވާޖިބުވާނެއެވެ.

ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެއްގެ މާނައިގައި ވެއެވެ:
” … سليمان ގެފާނު كافر ވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ شيطان ން كافر ވޫއެވެ. އެއުރެން މީސްތަކުންނަށް سحر އުނގަންނައި ދިނުމުންނެވެ…. ” (سورة البقرة 102 )

” …… ތިމަންމެން ވާކަން ކަށަވަރީ (إيمان ކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) امتحان އެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) كافر ނުވާށޭ ވިދާޅުވެ (نصيحة ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ ملائكة ން އުނގަންނަވައެއް ނުދެއްވަތެވެ…. ” ( سورة البقرة 102 )

އެބަހީ؛ ސިޙުރުގެ ޢަމަލުތަކަކީ ކުފުރުގެ ޢަމަލުތަކެކެވެ.

ޝާފިޢީ މަޛްޙަބުގެ ގިނަ ފިޤުޙުވެރިން ދެކިލައްވާ ގޮތުގައި، ސިޙުރުހަދާ މީހާ ( ސިޙުރުވެރިޔާ ) ސިޙުރަކީ ހުއްދަ އެއްޗެއްކަމުގައި ނުދެކޭހާ ހިނދަކު ނުވަތަ ބާބިލުގެ އަހުލުވެރިންގެ ތެރެއިން ބައެއް މީހުން ޤަބޫލުކުރިފަދައިން، ސިޙުރު ހެދުމުން ( އެމީހުން އަޅުކަން ކުރަން ގެންގުޅޭ ) 7 ތަރި އާ ކުއްތަން ކުރުވާކަމަށް ނުދެކޭހައި ހިނދަކު ސިޙުރުހަދާ މީހާ އަކީ ކާފިރެއް ނޫނެވެ.
މިގޮތަށް މި ބޭކަލުން ދެކިލައްވާ ދެކިލެއްވުން ރަނގަޅެއް ނޫނެވެ. އެހެނީ، ސިޙުރުވެރިޔާ ކާފަރުވުމަށް އެކަން ހުއްދަކުރުން، ނުވަތަ އެފަދަ ޤަބޫލުކުރުމެއް ޤަބޫލުކުރުން ޝަރުޠުވެގެންވާކަމަށް ދަލީލެއް އައިސްފައެއްނުވެއެވެ.

ޞައްޙަ ގޮތަކީ، ސިޙުރުވެރިޔާ ސިޙުރު ހަދަނީ ޙަރާމް ކަމެއްކަމުގައި ދެކިގެން ކަމުގައިވިޔަސް ނުވަތަ ޙަރާމް ކަމެއްކަމަށް ޤަބޫލުނުކޮށް ކަމުގައި ވިޔަސް އޭނާއަކީ ކާފިރެކެވެ. މިއީ ޤުރުއާނުގައި ( ކުރިން ބަޔާން ކުރެވުނު ވަޙީ ބަސްފުޅު ) ވާ ދަލީލުން ސާފުކޮށް ދޭހަވާ މާނައެވެ. އަދި މިކަމާ ތައާރުޟުވާ އެއްވެސް ދަލީލެއް ނުވެއެވެ.

މީހަކު ސިޙުރު ހަދާކަން ސާބިތުވެއްޖެނަމަ އެމީހަކު މަރާލަން ޖެހޭނެއެވެ. މިކަން ސަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވެފައިވެއެވެ. ނަމަވެސް ވަލިއްޔުލް ޢަމްރު ނުވަތަ ވަލިއްޔުލް އަމްރު އެކަމަށް ކަނޑައަޅާފައިވާ މީހެއްގެ އަމުރުނެތި، ޢާއްމުން އަމިއްލައަށް ދީނުގެ ޙައްދު ޤާއިމު ކުރުމެއް ނުވެއެވެ. ސަބަބަކީ މިކަމުން ފިތުނަވެރިކަމަށް މަގުފަހިކުރުވައި، މުޖުތަމަޢުގެ އަމަންއަމާންކަމާއި މަޞްލަޙަތު ގެއްލި، ވެރިޔަކަށް އައްޔަން ކޮށްފައި ހުންނަ މީހެއްގެ ހައިބަތު ގެއްލިދާނެއެވެ.

ޝައިޚް ސުލައިމާން ޢަލް އަލްވާން

ފަތުވާގެ އަސްލު ބެލުމަށް މި ލިންކް އަށް ފިއްތަވާލައްވާ

Leave a Reply

Your email address will not be published. Required fields are marked *