ރުޤްޔާހަދާމީހާ ހިލޭ އަންހެނެއްގައިގަ އަތްލުމުގެ ޙުކުމް

Ruqya hadhaa meeha ailun

ފަތުވާގެ އަސްލު ލިޔުއްވީ: އަލް އަޚް އަޙްމަދު ނާޒިލް މުޙައްމަދު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ކަރާމާތަށް ނުހަނު ބާރުއަޅާދީނެކެވެ. އަދި އިސްލާމްދީނުގެ އަހުލުވެރިންނަކީ ހުރިހާ ޒަމާނެއްގައިވެސް ރިވެތި އަޚްލާޤުގެ މަތިވެރި ޞިފަތަކުން ޞިފަލިބިގެން ތިބޭ ބައެކެވެ. ކަންމިހެންއޮތްއިރު ދެޖިންސުގެ މީހުން މަސްހުނިވެ ގައިގޯޅިވެ އުޅުމުގެ ހުރިހާ މަގެއް އިސްލާމްދީނުގައި ބަންދުކުރެވިފައިވާކަން މިއީ މުސްލިމުންނަށް ވަންހަނާވެފައި އޮންނަ ކަމެއްނޫނެވެ.

މިގޮތުން ރަސޫލާ صلى الله عليه وسلم ހިލޭ އަންހެނުންނާއި އަތާ އަތްޖޯޑުކޮށް ސަލާމްކޮށް ނޫޅުއްވައެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.: “إِنيِّ لا أُصَافِحُ النِّسَاءَ “. [سنن النسائي / كتاب: البيعة / باب: بيعة النساء / رقم: ٤١٨١، وسنن ابن ماجه/ كتاب: الجهاد / باب: بيعة النساء / رقم: ٢٨٧٤، وصححه الألباني في السلسلة رقم: ٥٢٩] މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނު (ހިލޭ) އަންހެނުންނާ އަތާއަތްޖޯޑުކޮށް ސަލާމްނުކުރަމެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “لأَنْ يُطْعَنَ فِي رَأْسِ أَحَدِكُمْ بِمِخْيَطٍ مِنْ حَدِيدٍ خَيْرٌ لَهُ مِنْ أَنْ يَمَسَّ امْرَأَةً لا تَحِلُّ لَهُ “. [رواه الطبراني في “الكبير” والروياني في مسنده وصححه الألباني في السلسلة رقم: ٢٢٦] މާނައީ: “ހުއްދަނުވާ ހިލޭ އަންހެނެއްގެ ގައިގަ ބީހުމަށްވުރެ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް މާހެޔޮކަންބޮޑެވެ.”

މިގޮތުން ހިލޭ އަންހެނެއްގައިގައި ހެދުމެއްގެ ފަހަތުން އަތްލުމާ ސީދާ ހަންގަނޑުގައި އަތްލުމުގައި މިކަމުގައި ތަފާތެއްނެތެވެ. މިފަދައިން ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ފަތުވާ ދެއްވާފައިވެއެވެ. 1
ހިލޭފިރިހެނަކާ ހިލޭ އަންހެނެއް ތަނެއްގައި އެކަހެރިވެތިބުމަކީވެސް އިސްލާމްދީނުގައި ނަހީކުރެވިފައވާކަމެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا مَعَ ذُي مَحْرَمٍ) [رواه البخاري كتاب: النكاح / باب: لا يخلون رجل بامرأة… / رقم: ٥٢٣٣] މާނައީ: “މަޙްރަމަކާއެކު މެނުވީ ހިލޭ އަންހެނަކު ހިލޭފިރިހެނަކާ އެކަހެރިނުވާހުށިކަމެވެ.”
(މަޙްރަމަކީ: އަންހެނާގެ ފިރިމީހާ ނުވަތަ ކައިވެނި ޙަރާމް ވާވަރުގެ ފިރިހެނުންނެވެ. މަޙްރަމުންގެ ތެރޭގައި ޅިޔަނު ނުހިމެނޭނެއެވެ)

އިސްލާމްދީނުގައި މިކަންކަމަކީ އެހާ ސާފުކޮށް ބަޔާންވެފައިވާ ކަންކަމަށްވާއިރު ޑޮކްޓަރުންނާއި ރާޤީން (ޖިންނިބައްޔާއި އެނޫން ބަލިތަކުގައިވެސް ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ގޮތަށް ފަރުވާކުރާމީހުން) މިކަމަށް ސަމާލުވާންޖެހެއެވެ. އަދި އެބައިމީހުންގެ ގާތަށް ފަރުވާ ހޯދަން ދާމީހުންނާއި އެބައިމީހުންގެ ބެލެނިވެރިންވެސް ޚާއްޞަ ސަމާލުކަމެއް މިކަމުގައި ދޭންޖެހެއެވެ.
އިސްވެ ބަޔާންކުރެވުނު ޝަރުޢީ ނައްޞުތަކާ ޚިލާފަށް ކަމެއްކުރެވޭނީ އެކަން ހުއްދަކުރާ އެހެން ޝަރުޢީ ދަލީލެއް އޮވެގެންނެވެ. މިގޮތުން ރުޤްޔާހަދާ ބައެއްމީހުން ހިލޭ އަންހެނުންގައިގަ އަތްލާ ހިފަހައްޓާ ހަދައެވެ. އެބައިމީހުންގެ ދައުވާއަކީ ބައެއް ޙާލަތްތަކުގައި ޝަރުޠުތަކާއެކު ޑޮކްޓަރުންނަށް ހިލޭ އަންހެނުންގައިގަ އަތްލުމަށް ހުއްދަދެވޭހެން ރުޤްޔާ ހަދާމީހުންނަށްވެސް އެފަދައިން ހުއްދަވުމެވެ. ފަހެ މިކަމުގައި ޢިލްމުވެރިން ބަހަކީ ކޮބާތޯ ބަލާ ދިރާސާކުރަންޖެހެއެވެ. މިފަދަ ޝަރުޢީ މައްސަލައެއްގައި ތިމާ އަމިއްލައަށް ފެންނަގޮތަށް ނުވަތަ ބޭނުންވާގޮތަށް ކަންކުރުމަކީ ރަނގަޅުގޮތެއްނޫނެވެ.

ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދީ ދިރާސާކުރައްވާ ދާއިމީ ކޮމިޓީއަށް މިމައްސަލައިގައި ސުވާލުކުރުމުން އަންނަނިވި ޖަވާބުދެއްވާފައިވެއެވެ.
ސ: ޖިންނިޔަށް ފިއްތުން އިތުރުކޮށް، ދަތި ކުރުމަށް ކަމުގައި ބުނެ އެއްވެސް ހުރަހެއް ނެތި (ޖިންނީންގެ އުނދަގޫ ކުރިމަތިވާ) ހިލޭ އަންހެނެއްގެ ހަށިގަނޑުގައި، އެއީ އަތްކަމުގައި ވިޔަސް ނުވަތަ ނިއްކުރި ކަމުގައި ވިޔަސް ނުވަތަ ކަނދުރާ ކަމުގައިވިޔަސް ބީހެވިދާނެތޯއެވެ؟ އަދި އެފަދައިން ބީހުމަކީ ހޮސްޕިޓަލް ތަކުގެ ޑޮކްޓަރުން ފަރުވާ ދިނުމަށްޓަކައި ބަލިމީހާގެ ހަށިގަނޑުގައި ބީހުން ފަދަ ކަމެއް ކަމުގައި ވާނެތޯއެވެ.؟ އެކަމުގައި ގެންގުޅެންޖެހޭ މިންގަނޑަކީ ކޮބާތޯއެވެ؟
ޖ: ރުޤްޔާ ކުރާ މީހާ (ރުޤްޔާ ކުރުމަށްޓަކައި ހިލޭ) އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ އެކަމުގައި އެކުލެވިފައިވާ ފިތުނައިގެ ބޮޑުކަމުންނެވެ. އަދި (ރުޤްޔާ ކުރާމީހާއަށް ވަނީ) އެއްވެސް ބީހުމަކާ ނުލައި ރުޤްޔާ ކިޔެވުމެވެ. ރުޤުޔާކުރާމީހުން ކުރާކަމާއި ޑޮކްޓަރުން ކުރާކަމުގައި ތަފާތެއްވެއެވެ.
އެހެނީ ޑޮކްޓަރީ ފަރުވާ ދިނުމުގައި، އެފަރުވާ ދޭންވާ ތަނެއްގައި ނުބީހި ފަރުވާ ދިނުމަކީ ބައެއް ފަހަރު ވާނޭކަމެއްނޫނެވެ. މިއާ ޚިލާފަށް ރުޤުޔާ ކުރާ މީހާގެ ޢަމަލަކީ (އެކަމަށް ވާރިދުވެފައިވާ ތަކެތި) ކިޔެވުމާއި އަނގައިން ފުމެލުން ފަދަ ކަންކަމެވެ. އެއީ ނުބީހި ނުވާނެފަދަކަމެއްނޫނެވެ. [فتاوى اللجنة الدائمة للبحوث العلمية / مجلد: ١ / ص: ٩٠-٩١ / طبعة: الرئاسة العامة]

އަދި ފަޟީލަތުއްޝައިޚް صالح بن محمد اللحيدان – حفظه الله – 5/4/1432هـ ގައި “އަލްޖަވާބުލްކާފީ” އޭކިޔުނު ޕްރޮގްރާމެއްގައި މިސުވާލުދެންނެވުމުން ދެއްވި ޖަވާބު ޛިކުރުކޮށްލާނަމެވެ.
ސ: ރުޤުޔާ ކުރާ ބައެއް މީހުން، އެމީހުންގެ އެ މަސައްކަތުގައި (ރުޤުޔާ ކުރެވޭ މީހުންގެ) ހަށިގަނޑުގައި އަތުން ބީހުމަކީ ވަރަށްވެސް އާދައިގެ ކަމެއްކަމުގައި ހަދައެވެ. ޚާއްޞަ ގޮތެއްގައި ހިލޭ އަންހެނުންގެ ގައިގަ އަތްލުމުގައެވެ. އެއީ އެމީހުންގެ ބޮލުގައި ނުވަތަ ތަދު އިޙްސާސްވާ ތަނެއްގައި ނުވަތަ އެނޫންވެސް ތަންތާނގައެވެ. މިއީ ހުއްދަކަމެއްހެއްޔެވެ؟ އަދި (މިކަން މިގޮތަށް ކުރުމަށް) ޙަދީޘެއް ވާރިދުވެގެން އައިސްފައި ވޭތޯއެވެ؟
ޖ: ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގެ އެއްވެސް ތަނެއްގައި ބީހުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އެއީ ހެދުމެއްގެ މަތިން ކަމުގައި ވިޔަސް މެއެވެ. ހެދުމުގެ މަތިންވިޔަސް އަތްލުމުން ވަރަށް ގިނަ ފަހަރަށް (ޖިންސީ) ޣަރީޒާތައް ހަރަކާތްކުރުވާލައެވެ. ފަހެ ބައިބޯތަނެއްގައިވެސް ހަމައެކަނި އަންހެނެއްގެ ގައިގަ ޖެހިލެވިއްޖެނަމަވެސް ވާކަމެއްވެއެވެ. އެހެނީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ރުޤުޔާ ކުރާ ފިރިހެނުންގާތު ރުޤުޔާ ކުރެވޭ އަންހެނެއްގެ ހަށިގަނޑުގައި އަތުން ބީހުމަށް އަންގަވާފައެއް ނުވެއެވެ.

ދެންފަހެ ރުޤުޔާ ކުރުންވަނީ ރުޤުޔާ ކުރުމަށްޓަކައި ވާރިދު ވެފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވައިގެންނެވެ. އެއަށްފަހު ޤަޞްދުކުރާ ތަނަކަށް ކުޑަކޮށް ކުޅު އަންނަފަދައިން ފުމެގެންނެވެ. އެއީ ރުޤުޔާ ކުރަނީ މީހެއްގެ ބޮލުގައި ރިހޭތީ ނުވަތަ ނުވަތަ އެމީހެއްގެ ނަފްސަށް ދަތިތަކެއްވާތީނަމަ ނުވަތަ އެފަދަ އެހެންކަމެއްގައިނަމަވެސް އޭނާއަށް ފުމޭށެވެ. އަދި އެމީހެއްގެ ގައިގައި އަތުން ނުބީހޭށެވެ.
ރުޤުޔާ ކުރާ ބައެއް މީހުން ސުންނަތުގައި ވާރިދުވެފައިވާގޮތާމެދު ޣާފިލުވެފައިވެއެވެ. އަދި އެމީހުންނަކީ ރުޤުޔާ ކުރާ މީހުންކަމުގައި ދެކި، އެކަމަށްޓަކައި އޭނާގެ ކަނާއަތުންނާއި ވާއަތުންވެސް ބީހުން ހުއްދަވާނޭ ކަމުގައި ދެކެއެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ބޮޑުވެގެންވާ މަގުފުރެދުމެކެވެ. ބޮލުގައި އަތްއަޅައިގެން ކިޔުމަކީވެސް ބޭނުންހުރި ކަމެއްނޫނެވެ. ފަހެ ރުޤުޔާ ކުރުމަކީ އަތުގެ ޒަރިޢާއިން ރުޤުޔާ ކުރާ މީހާގެ އިޙްސާސްތައް ކަރަންޓް ޝޮކެއް ދާ ބީދައިން ފޮނުވާލައިގެން ކުރާ ކަމެއް ނޫނެވެ…

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، ޖިބްރީލް ޢަލައިހިއްސަލާމް ރުޤުޔާ ކޮށްދެއްވެވި ހިނދު ވިދާޅުވިއެވެ. “ﷲ ގެ އިސްމުފުޅުން ވާގި އެދި ކަލޭގެފާނަށް ރުޤުޔާ ކުރަމެވެ. ކަލޭގެފާނަށް އުނދާގޫވާ ކޮންމެ ކަމަކުންނެވެ…
އައްޝައިޚް ޖިބްރީން رحمه الله ވެސް މިމައްސަލާގައި ވިދާޅުވެފައިވެއެވެ: …އެކަމަކު ރުޤުޔާ ކުރުމަށް ކަމުގައި ވިޔަސް ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ހަށިގަނޑުގައި ބީހުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އަދި އެކަމަށްޓަކައި އަންހެނެއްގެ ހަންގަނޑުގެ ބައެއް ދެއްކުމަކީ ވެސް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އެއީ މެއާއި ކަރާއި އަދި އެނޫނަސް އެފަދަ ތަންތަނެވެ. އޭނާ ޙިޖާބުއަޅައިގެން ހުރި ޙާލު އޭނާއަށް ކިޔަވާށެވެ… 2

އަޅުގަނޑުމެންގެ މުޖުތަމަޢުގައި ސިޙުރުވެރިންކުރާ ޢަމަލުތައް ބާޠިލުކުރުމުގެ މަޤުޞަދުގައި ބަޔަކުނުކުމެއްޖެއެވެ. މިބައިމީހުން މިކަމަށް އިސްނަގާފައިވުމީ ކޮންމެ މުސްލިމަކުވެސް އެކަމާ އުފާކޮށް ޝުކުރު އަދާކުރަންޖެހޭ ފަދަކަމެކެވެ. ނަމަވެސް މިކަމުގައި މަޝްޣޫލުވެ އުޅޭ ފަރާތްތަކަށް ލާޒިމުވެގެންވަނީ ކީރިތި ޤުރުއާނާއި ރަސޫލުﷲ صلى الله عليه وسلم ސުންނަތުގައި ވާރިދުވެފައި އޮތްގޮތްތަކުގައި ވަރުގަދައަށް ހިފާ، ދީނުގެ އިތުބާރު ހުރި ޢިލްމުވެރިންގެ ފަތުވާތަކަށް ބުރަވެ މިފަދަ ކަންކަންކުރުމެވެ. އަދި ދީނުގެ ޞައްޙަ ޢަޤީދާ ދެނެގަނެ ދީނީ ތަޢުލީމުން ރަނގަޅަށް ޙާޞިލުކުރުމެވެ. ނޫންނަމަ ޝައިތާނާގެ ދަންތުރަތަކުގައި ޖެހި ދީނުގެ ނަމުގައި ގިނަ ފިތުނަތަކަކަށް ވެއްޓިދާނެއެވެ.

މިގޮތުން މިފަދަ “ރާޤީން” ހިލޭ އަންހެނުންނާ މުޢާމަލާތުކުރުމުގައި ނުހަނު ފަރުވާކުޑަކަމަށް ހިތާމައާއެކު ފާހަގަކޮށްލަންޖެހެއެވެ.
ކަންއޮތްގޮތް ކުރިން ސާފުކުރެވިފައި ނުވާނަމަ ރަނގަޅު ގޮތް އެނގުމުން އެގޮތަށް ރުޖޫޢަވުމަކީ އިޚްލާޞްތެރިންގެ ގޮތެވެ.
ފަހެ ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނީ އިޚްލާޞްތެރި ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން.
________________________________________

1 حاشية مجموعة رسائل في الحجاب والسفور/ ص: ٦٩
2 ބައްލަވާ:
http://ibn-jebreen.com/?t=books&cat=6&book=67&toc=3966&page=3565&subid=

އަސްލު ލިޔުއްވީ: އަލް އަޚް އަޙްމަދު ނާޒިލް މުޙައްމަދު
މަސްދަރު : ދި ސަލަފިއްޔާ ވެބްސައިޓް

One thought on “ރުޤްޔާހަދާމީހާ ހިލޭ އަންހެނެއްގައިގަ އަތްލުމުގެ ޙުކުމް

  • November 17, 2015 at 9:48 pm
    Permalink

    ކަމުގެ ޙަޤީޤަތްއޮތް ގޮތަކީ ތިޔަ ވިދާޅުވެ ދެއްވީއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވާ ބައެއް ރާޤީންގެ އަމަލްތައް ހުންނަނީ އެފަދަޔަކުން ނޫނެވެ. އެއީ ނުހަނު ހިތާމަހުރި ކަމެކެވެ. މީހަކު ރަނގަޅުގޮތް ބުނެދިންކަމުގައި ވިޔަސް ޤަބޫލުކުރުމަށް ދެކޮޅު ހަދައެވެ. އެފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވާށިއެވެ. ފުރިހަމަ އިޙުތިރާމާ ޤަދަރުލިބޭ ރާޤީއަކު ކަމުގައި ލައްވާށިއެވެ.

    Reply

Leave a Reply

Your email address will not be published. Required fields are marked *