ޖިންނީން ( 1 ވަނަ ބައި )

jinneen part 1

ޖިންނީން ( 1 ވަނަ ބައި )

އަސްލު ލިޔުއްވީ: އަލް އުޚްތު އުއްމު ޢަބްދިﷲ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޝައިޚުލްއިސްލާމް (އިބްނު ތައިމިއްޔާ) -رحمه الله- ވިދާޅުވިއެވެ:

ﷲ عز وجل، މުޙައްމަދުصلى الله عليه وسلم ރަސޫލުކަމައިގެން ފޮނުއްވީ އެންމެހާ އިންސީންނާއި ޖިންނީންގެ ގާތަށްކަން ދެނެގަތުން އިންސާނުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި ވާޖިބުވެގެންވަނީ މިކަމަށާއި، އަދި އެކަމަކާއިގެން އެކަލޭގެފާނު ވަޑައިގެންނެވި އެންމެހާ ކަމަކަށް އީމާންވެ ކިޔަމަންތެރިކަން އަދާކުރުމަށެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާصلى الله عليه وسلم ޙަލާލު ކުރެއްވި އެންމެހާކަންކަން ޙަލާލުކުރުމާއި، ޙަރާމްކުރެއްވި އެންމެހާ ކަންކަން ޙަރާމްކުރުމެވެ. އަދި ﷲ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلمވާޖިބު ކުރެއްވި އެންމެހާ ކަމެއް ވާޖިބުކުރުމާއި، ލޯބިވެވޮޑިގެންނެވި އެންމެހާކަމަކަށް ލޯބިކުރުމާއި އަދި ނުރުހުންތެރިވެވަޑައިގެންނެވި އެންމެހާ ކަމަކަށް ނުރުހުންވުމެވެ. އަދި އިންސީންނާއި ޖިންނީންގެ ތެރެއިން މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގެ ސަބަބުން އެމީހެއްގެ މައްޗަށް ޙުއްޖަތް ޤާއިމުވި މީހަކު އެކަލޭގެފާނަށް އީމާން ނުވެއްޖެނަމަ އެމީހެއްގެ މައްޗަށް ﷲ ތަޢާލާގެ ޢަޛާބު ޙައްޤުވެގެންވެއެވެ. އެބައިމީހުންގެ މައްޗަށް ރަސޫލުން ފޮނުއްވެވުމުން އެރަސޫލުންނަށް ކާފިރުވީ މީހުންގެ މައްޗަށް ޢަޛާބު ޙައްޤުވީފަދައިންނެވެ.

އަދި މިއީ އެންމެހާ ޞަޙާބީންނާއި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީ އެންމެހާ ބޭކަލުންނާއި މުސްލިމުންގެ އިމާމުންނާއި އެންމެހާ މުސްލިމު ޖަމާޢަތްތައް އެކަމުގެ މައްޗަށް އިއްތިފާޤުވެފައިވާ އަޞްލެކެވެ. އެއީ ސުންނަތުގެ އަހުލުވެރިންނާއި އެނޫން މީހުންވެސްމެއެވެ. رضي الله عنهم أجمعين.

ޖިންނީންނަކީ ވުޖޫދުގައިވާ ބައެއްކަމާއި ﷲ ތަޢާލާ، ޖިންނީންގެ ގާތަށް ރަސޫލުކަމައިގެން މުޙައްމަދު صلى الله عليه وسلم ފޮނުއްވިކަމާމެދު މުސްލިމު އެއްވެސް ޖަމާޢަތެއްގެ ބަޔަކު ޚިލާފުވެފައި ނުވެއެވެ. އަދި ކާފިރު ޖަމާޢަތްތަކުގެ ގިނަ މީހުން ޖިންނީން ވާކަން ޤަބޫލުކުރެއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން އަހުލުކިތާބީން، މުސްލިމުން އިޤްރާރުވާ ފަދައިން ޖިންނީން ވާކަމަށް އިޤްރާރުވެއެވެ. އެހެން ނަމަވެސް އެމީހުންގެ ތެރެއިންވެސް އެކަމަށް އިންކާރުކުރާ މީހުންވެއެވެ. އެއީ މުސްލިމުންގެ ތެރޭގައިވެސް އެކަމަށް އިންކާރުކުރާ މީހުން ވާފަދައިންނެވެ. އެއީ ޖަހްމިއްޔާއިންނާއި މުޢުތަޒިލާއިން އެކަމަށް އިންކާރުކުރާ ފަދައިންނެވެ. ނަމަވެސް ގިނަ ޖަމާޢަތްތަކާއި އެމީހުންގެ އިމާމުން އެކަމަށް އިޤްރާރުވެއެވެ.
މީގެ ސަބަބަކީ ޖިންނީން ވުޖޫދުގައިވާކަމަށް ނަބީބޭކަލުންގެ އަރިހުން މުތަވާތިރުކޮށް ޚަބަރު އައިސްފައިވުމެވެ. ޖިންނީންނާ ބެހޭގޮތުން ނަބީބޭކަލުން ޚަބަރު ދެއްވާފައިވަނީ އެއީ ދިރުންހުރި، ބުއްދި ހުރި، އަމިއްލަ އިޚްތިޔާރުގައި ކަންކަންކުރާ ބައެއް ކަމުގައެވެ. އެހެނެއްކަމަކު އެތަކެތީގެ މައްޗަށް އަމުރުވެގެންވާ ކަންތައްތަކަކާއި ނަހީވެގެންވާ ކަންތައްތަކެއްވެއެވެ. ބައެއް މުލްޙިދުން ދަޢުވާކުރާ ފަދައިން އެއީ އިންސާނުންނާ އެއްގޮތް ޞިފަތަކެއް ލިބިގެންވާ ބައެއް ނޫނެވެ. ނަބީބޭކަލުން މުތަވާތިރުކޮށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޖިންނީންގެ ޚަބަރު ދެއްވާފައިވުމުން އެކަން ޢާންމުންނާއި އެނޫންމީހުނަށްވެސް ވަނީ ދެނެގަނެވިފައެވެ.

އެހެންކަމުން ރަސޫލުބޭކަލުންނަށް އީމާންވާ ޖަމާޢަތްތަކުގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބަޔަކު ޖިންނީންނަށް އިންކާރު ނުކުރެއެވެ. އެއީ ރަސޫލުބޭކަލުންނަށް އީމާންވާ ޖަމާޢަތްތަކުގެ ތެރެއިން ބޮޑު ޖަމާޢަތެއްގެ ބަޔަކު މަލާއިކަތުންނަށް އިންކާރު ނުކުރާފަދައިންނެވެ. އަދި ހަށިތައް އަލުން ދިރުއްވާނެ ކަމަށް އިންކާރު ނުކުރާފަދައިންނެވެ. އަދި ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރުމާއި އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރިނުކުރުމަށް އިންކާރު ނުކުރާފަދައިންނެވެ. އަދި އެއިލާހުގެ ޚަލްޤުތަކުންގެ ގާތަށް އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވިކަމަށް އިންކާރު ނުކުރާފަދައިންނެވެ. އަދިވެސް އެފަދައިން މުތަވާތިރުކޮށް ނަބީބޭކަލުން ޚަބަރު ދެއްވާފައިވުމުގެ ސަބަބުން ޢާންމުންނާއި އެނޫންމީހުންނަށްވެސް އެނގިފައިވާކަންކަމަށް އިންކާރު ނުކުރާފަދައިންނެވެ.

އެއީ ފިރުޢައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވުމާއި ފިރުޢައުނު ޣަރަޤުވުމާއި، ޔަހޫދީންގެ ގާތަށް އަލްމަސީޙު (ޢީސާގެފާނު) ފޮނުއްވުމާއި އެބައިމީހުން އެކަލޭގެފާނަށް ޢަދާވާތްތެރިވުމާއި، މުޙައްމަދު صلى الله عليه وسلم މައްކާގައި ފާޅުވުމާއި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމާއި، ޤުރުއާނާއި ފާޅުވެގެންވާ ޝަރީޢަތާއިގެން އެކަލޭގެފާނު ވަޑައިގަތުމާއި، އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ފާޅުވި މުއުޖިޒާތްތަކުގެ ތެރެއިން ކާބޯތަކެތި އިތުރުވުމާއި، މާޟީގައި ހިނގާފައިވާ އަދި މުސްތަޤްބަލުގައި ވާނޭ ޣައިބުގެ ކަންތައްތަކުގެ ތެރެއިން އިންސާނުންގެ ތެރެއިން ﷲ ތަޢާލާ އެންގެވި ފަރާތަކަށް ނޫނީ ނޭނގޭނެ ފަދަ ކަންތައްތަކުން އެކަލޭގެފާނު ޚަބަރު ދެއްވުމާއި، އަދި މިނޫންވެސް އެފަދަ ޢާންމުންނާއި އެނޫންމީހުންނަށް އެނގޭ ކަންތައްތައް ފަދައިންނެވެ.

މިހެން މިކަން އޮތުމުން އަހުލުކިތާބީންގެ ގާތުގައި ތަކުރާރުކޮށް އައިސްފައިވާ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ﷲ ތަޢާލާ ރަސޫލުﷲ صلى الله عليه وسلمއަށް އަމުރު ކުރައްވާފައިވެއެވެ. އެއީ އެއިލާހުގެ އަންނަނިވި ބަސްފުޅުގައި ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿وَمَا أَرْسَلْنَا مِن قَبْلِكَ إِلَّا رِجَالًا نُّوحِي إِلَيْهِمْ ۚ فَاسْأَلُوا أَهْلَ الذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ [سورة النحل٤٣]

މާނައީ: “އަދި ކަލޭގެފާނުގެ ކުރިންވެސް އެބަޔަކަށް ތިމަންއިލާހު ވަޙީ އިއްވަވާ، ރަސޫލުކަމާއިގެން ފިރިހެނުން މެނުވީ، ނުފޮނުއްވަމެވެ. ފަހެ ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ.”

ފަހެ ﷲ ތަޢާލާ އިންސާނުންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވެވިކަމަށް އިންކާރުކުރި ބަޔަކު ކާފިރުންގެ ތެރެއިންވިއެވެ. ފަހެ މުޙައްމަދުގެފާނުގެ ކުރިން ފޮނުއްވެވި ރަސޫލު ބޭކަލުންނަކީ އިންސާނުންކަމަށް ފަހެ އެއިލާހު ޚަބަރު ދެއްވިއެވެ. އަދި އެކަން ނޭނގޭ މީހުން އަހުލުކިތާބީންނާއި ސުވާލުކުރުމަށް އަމުރު ކުރެއްވިއެވެ.

އަދި ހަމަ މިފަދައިން ﷲ ތަޢާލާ އެއްކައުވަންތަ ކުރުމާއި އަދި މިނޫންވެސް ނަބީބޭކަލުން އެކަންކަމައިގެން ވަޑައިގެންނެވި ކަންކަމާބެހޭގޮތުން އެބައިމީހުންނާ (އަހުލުކިތާބީންނާ) ސުވާލުކުރުމަށް އެންގެވިއެވެ. އެއީ ކާފިރުން އެކަންކަމަށް ކާފިރުވި ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿… قُلْ كَفَىٰ بِاللَّـهِ شَهِيدًا بَيْنِي وَبَيْنَكُمْ وَمَنْ عِندَهُ عِلْمُ الْكِتَابِ﴾ [سورة الرعد ٤٣]

މާނައީ: “… ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށްﷲ ފުދެތެވެ. އަދި ފޮތުގެޢިލްމު ލިބިގެންވާ މީހުންވެސްމެއެވެ.”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ فَإِن كُنتَ فِي شَكٍّ مِّمَّا أَنزَلْنَا إِلَيْكَ فَاسْأَلِ الَّذِينَ يَقْرَءُونَ الْكِتَابَ مِن قَبْلِكَ …﴾ [سورة يونس٩٤]

މާނައީ: “ފަހެ، ތިމަންއިލާހު ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު، ކަލޭގެފާނު ޝައްކެއްގައިވާނަމަ، ކަލޭގެފާނުގެ ކުރިން ފޮތްކިޔާއުޅުނު މީހުންނާ ސުވާލު ކުރައްވާށެވެ…”

އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ قُلْ أَرَأَيْتُمْ إِن كَانَ مِنْ عِندِ اللَّـهِ وَكَفَرْتُم بِهِ وَشَهِدَ شَاهِدٌ مِّن بَنِي إِسْرَائِيلَ عَلَىٰ مِثْلِهِ فَآمَنَ وَاسْتَكْبَرْتُمْ …﴾ [سورة الأحقاف١٠]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ޚަބަރު ދީބަލާށެވެ. އެޤުރުއާނަކީ، ﷲގެ ޙަޟްރަތުންއައި ފޮތެއް ކަމަށްވެފައި، (އަދި ތިޔަބައިމީހުން އެއަށް ކާފިރުވެއްޖެނަމަ ތިޔަބައިމީހުންނީ، އަމިއްލަ ނަފްސަށް އަނިޔާވެރި ބަޔަކުކަމުގައި ނުވޭހެއްޔެވެ.) އަދި އިސްރާއީލުގެ ދަރިންކުރެ ހެކިދޭމީހަކު އެފޮތުގެ މައްޗަށް (އެއީ ތެދުކަމަށް) ހެކިދީފިއެވެ. ފަހެ، އޭނާ (އެއަށް) އީމާންވިއެވެ. އަދި ތިޔަބައިމީހުން (އެއަށް އީމާންނުވެ) ބޮޑާވެގެންފީމުއެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.
މަޢުލޫމާތު ނެގި މަޞްދަރު : ދިސަލަފިއްޔާ ވެބްސައިޓް

Leave a Reply

Your email address will not be published. Required fields are marked *