ޖިންނީން ( 5 ވަނަ ބައި )

Jineen 5 vana bai

އަސްލު ލިޔުއްވީ : އަލް އުޚްތު އުއްމު ޢަބްދިﷲ

ޞަޙީޙް މުސްލިމް އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި ސަލްމާންގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قِيلَ لَهُ: قَدْ عَلَّمَكُمْ نَبِيُّكُمْ كُلَّ شَيْءٍ حَتَّى الْخِرَاءَةَ، قَالَ: فَقَالَ: “أَجَلْ لَقَدْ نَهَانَا أَنْ نَسْتَقْبِلَ الْقِبْلَةَ بِغَائِطٍ أَوْ بَوْلٍ وَأَنْ نَسْتَنْجِيَ بِالْيَمِينِ وَأَنْ نَسْتَنْجِيَ بِأَقَلَّ مِنْ ثَلَاثَةِ أَحْجَارٍ وَأَنْ نَسْتَنْجِيَ بِرَجِيعٍ أَوْ عَظْمٍ.” [مسلم في الطهارة (٢٦٢/٥٧) وفي الترمذي في الطهارة (١٦)]

“އެކަލޭގެފާނުގެ އަރިހުގައި މީހަކު ބުނި ކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ނަބިއްޔާ ތިޔަބައިމީހުންނަށް ހުރިހާކަމެއް އުނގަންނައިދިން ހެއްޔެވެ؟ ފާޚާނާ ކުރާނެގޮތަށް ދާނދެން އުނގަންނައިދިން ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ! ތިމަންމެންނަށް ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގައި ޤިބުލައަށް ކުރިމަތިލުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. އަދި ކަނާއަތުން އިސްތިންޖާކުރުމާއި، ތިން ހިލަކޮޅަށް ވުރެ މަދުން ބޭނުންކޮށްގެން އިސްތިންޖާކުރުމާ އަދި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިންނާއި ކަށިން އިސްތިންޖާކުރުންވެސް ނަހީކުރެއްވިއެވެ.” “

އަދިވެސް ޞަޙީޙް މުސްލިމް އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قَالَ: “نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ نَتَمَسَّحَ بِعَظْمٍ أَوْ بِبَعْرٍ” [مسلم في الطهارة (٢٦٣/٥٨) وفي أبو داود في الطهارة (٣٨)]

އެކަލޭގެފާނު ވިދާޅުވިއެވެ. “ކަށިންނާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން ފުހުން [އެބަހީ: އިސްތިންޖާކުރުން] ރަސޫލުﷲ صلى الله عليه وسلم އަޅުގަނޑުމެންނަށް ނަހީކުރެއްވިއެވެ.”   …

ފަހެ، މިކަމުގެ ސަބަބު، ޞަޙީޙް މުސްލިމް އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އިބްނު މަސްޢޫދުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައި ބަޔާންކުރައްވާފައިވެއެވެ.

أن النَبِي صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((أَتَانِي دَاعِي الْجِنِّ فَذَهَبْتُ مَعَهُ فَقَرَأْتُ عَلَيْهِمُ الْقُرْآنَ))، قَالَ: فَانْطَلَقَ بِنَا فَأَرَانَا آثَارَهُمْ وَآثَارَ نِيرَانِهِمْ، وَسَأَلُوهُ الزَّادَ فَقَالَ: ((لَكُمْ كُلُّ عَظْمٍ ذُكِرَ اسْمُ اللهِ عَلَيْهِ يَقَعُ فِي أَيْدِيكُمْ لَحْمًا، وَكُلُّ بَعْرَةٍ عَلَفٌ لِدَوَابِّكُمْ))، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((فَلَا تَسْتَنْجُوا بِهِمَا فَإِنَّهُمَا زَادُ إِخْوَانِكُمْ))

މާނައީ: “ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ޖިންނީންގެ ތެރެއިން ބަޔަކު ތިމަންކަލޭގެފާނުގެ އަރިހަށް އައެވެ. (އެއީ އެއަށްފަހު އެސޮރުމެންގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލި ޖިންނީންނެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ.) ފަހެ، ތިމަންމެނާއެކު ވަޑައިގެން، އެސޮރުމެންގެ އަސަރުތަކާ އަލިފާނުގެ އަސަރުތައް ދެއްކެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ކޮއްތާމެދު ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންނަށް ލިބޭ ކަށީގެ ތެރެއިން، (އެއެއްޗެއް ކެއުމުގެ ކުރިން) ﷲ ގެ ނަންފުޅު ގަނެވިފައިވާ ކޮންމެ ކަށްޓެއް ފުރާ މަސްލެއްވޭނެއެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތަކަށްވަނީ (އިންސާނުންގެ ޖަނަވާރުތަކުގެ) ބޮޑުކަމުދާ ތަކެއްޗެވެ.” ފަހެ، ރަސޫލުﷲ صلى الله عليه وسلم (އަޞްޙާބުބޭކަލުންނަށް) ޙަދީޘްކުރެއްވިއެވެ. “ފަހެ އެދޭތިން [އެބަހީ: ކަށިންނާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން] ތިޔަބޭކަލުން އިސްތިންޖާ ނުކުރާހުށިކަމެވެ. އެހެނީ އެއީ ތިޔަބޭކަލުންގެ އަޚުންގެ (އެބަހީ: ޖިންނީންގެ) ކާނާއެވެ.” “

ޞަޙީޙް ބުޚާރީއާ އަދި އެނޫންވެސް ޙަދީޘް ފޮތްތަކުގައި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّهُ كَانَ يَحْمِلُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إدَاوَةً لِوُضُوئِهِ وَحَاجَتِهِ، فَبَيْنَمَا هُوَ يَتَّبِعُهُ بِهَا قَالَ: ((مَنْ هَذَا؟)) قُلْت: أَبُو هُرَيْرَةَ، قَالَ: ((ابْغِنِي أَحْجَارًا أَسَتَنْفُضُ بِهَا، وَلَا تَأْتِنِي بِعَظْمٍ وَلَا بِرَوْثَةٍ)) فَأَتَيْته بِأَحْجَارٍ أَحْمِلُهَا فِي طَرَفِ ثَوْبِي حَتَّى وَضَعْتهَا إلَى جَنْبِهِ، ثُمَّ انْصَرَفْت حَتَّى إذَا فَرَغَ مَشَيْت، فَقُلْت: مَا بَالُ الْعَظْمِ وَالرَّوْثَةِ؟ قَالَ: ((هُمَا مِنْ طَعَامِ الْجِنِّ وَإِنَّهُ أَتَانِي وَفْدُ جِنِّ نصيبين – وَنِعْمَ الْجِنُّ – فَسَأَلُونِي الزَّادَ فَدَعَوْت اللَّهَ لَهُمْ أَنْ لَا يَمُرُّوا بِعَظْمِ وَلَا رَوْثَةٍ إلَّا وَجَدُوا عَلَيْهَا طَعَامًا)). [البخاري في الوضوء (١٥٥) وفي مناقب الأنصار (٣٨٦٠)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ވުޟޫކުރައްވާ އަދި ބޭނުންކުރެއްވުމަށް ފެން ކަންވާރެއް އެކަލޭގެފާނު އުފުއްލެވިއެވެ. ފަހެ، އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގަންނަވަނިކޮށް ދެންނެވިއެވެ. “ކޮންބޭކަލެއް ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އަބޫހުރައިރާއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު އިސްތިންޖާ ކުރެއްވުމަށް ހިލަކޮޅުތަކެއް ގެނެސްދެއްވާށެވެ. ކައްޓާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތި ނުގެންނާށެވެ.” ދެންފަހެ، ތިމަންކަލޭގެފާނުގެ ހެދުމުގެ ފަސްބަޔަށް ހިލަކޮޅުތަކެއް އަޅައިގެން ގެނެސް އެކަލޭގެފާނުގެ އަރިހުގައި ބެހެއްޓީމެވެ. އަދި އެކަލޭގެފާނު ނިމިވަޑައިގަންނަވަންދެން ދުރަށް ޖެހުނީމެވެ. (އެކަލޭގެފާނު ނިމިވަޑައިގަތުމުން) ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ކައްޓާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތިން (އިސްތިންޖާ ނުކުރެއްވީ) ކީއްވެ ތޯއެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ ދޭއްޗަކީ ޖިންނީންގެ ކާނާއެވެ. ތިމަންކަލޭގެފާނުގެ އަރިހަށް ނަޞީބައިނި ގެ ތެރެއިން ޖިންނީންގެ ވަފުދެއް އައެވެ. – އެއީ ވަރަށް ރަނގަޅު ބަޔެކެވެ. – ފަހެ ތިމަންކަލޭގެފާނުގެ އަރިހުގައި ކޮއްތާމެދު ބެހޭގޮތުން ސުވާލުކުރިއެވެ. ފަހެ، އެބައިމީހުން ހުރަސްކޮށްފައިދާ ކޮންމެ ކައްޓަކާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެއްޗެއްގައި އެބައިމީހުންނަށް ކާނާ ލެއްވުމަށް ﷲ ޙަޟްރަތުގައި ދުޢާދެންނެވީމެވެ.” “

ނަބިއްޔާ صلى الله عليه وسلم، ޖިންނީންނާއި އެސޮރުމެންގެ ޖަނަވާރުތަކުގެ ކާނާއިން އިސްތިންޖާކުރުން ނަހީކުރެއްވުމުން އެއީ އިންސާނުންނާއި އެބައިމީހުންގެ ޖަނަވާރުތަކުގެ ކާނާވެސް އެފަދައިން ފަސާދަ ނުކުރުމަށް ބާރުލިބޭ ކަމެކެވެ. ނަޖިސް އުނގުޅިފައިވާ ކާނާއަށް ނުރުހުންތެރިވުމަކީ އިންސާނުންގެ ފިތުރަތުގައިވާކަމަކަށް ވާތީ އެވާހަކަ ގެންނަވާފައި ނުވަނީއެވެ. ނަމަވެސް ޖިންނީންގެ ކާނާއަކީ ކޮބާކަން އިންސާނުންނަށް ނޭނގޭތީ ކައްޓަކާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ ވާހަކަ ގެންނަވާފައި ވަނީއެވެ. އެހެންކަމުން އެތައް ޞައްޙަ ޙަދީޘެއްގައި އެކަން ނަހީކުރައްވާފައިވަނީއެވެ. އަދި މިޞައްޙަ ޙަދީޘްތަކުން ޖިންނީންނާ އެކަލޭގެފާނު މުޚާޠަބުކުރެއްވިކަމާއި، އެސޮރުމެންވެސް އެކަލޭގެފާނާ މުޚާޠަބުކުރިކަމާއި، އެސޮރުމެންނަށް ޤުރުއާން ކިޔަވައި ދެއްވިކަމާ އަދި އެސޮރުމެންގެ ކޮއްތާ ބެހޭގޮތުން ސުވާލުކުރެއްވިކަން ޘާބިތުވެއެވެ.

ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމްގައި އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވީ ނަބިއްޔާ صلى الله عليه وسلم ޖިންނީން ދެކެވަޑައެއް ނުގަންނަވައެވެ. އަދި އެސޮރުމެންނާ މުޚާޠަބުވެސް ނުކުރައްވައެވެ. ނަމަވެސް އެސޮރުމެން ޤުރުއާން އަޑުއެއްސެވެ.  [البخاري في التفسير (4921)، ومسلم في الصلاة (449/149)]

އެކަމާ ގުޅޭގޮތުން ޤުރުއާނުގައި އައިސްފައިވާ ވާހަކަތައް އިބްނު ޢައްބާސް ދެނެވަޑައިގަންނަވައެވެ. ނަމަވެސް އިބްނު މަސްޢޫދާއި އަބޫހުރައިރާ އަދި އެނޫންވެސް އެހެން ޞަޙާބީންނަށް އެނގިވަޑައިގެންފައިވާ ފަދައިން ޖިންނީން އެކަލޭގެފާނުގެ އަރިހަށް އައިކަމާއި، އެސޮރުމެންނާ މުޚާޠަބު ކުރެއްވިކަމާއި އެކަލޭގެފާނު އެފަދައިން ޚަބަރުކުރެއްވިކަމާ އަދި ޤުރުއާނުގައި އެކަލޭގެފާނަށް އެފަދައިން ޚަބަރުކުރުމަށް އަމުރުކުރައްވާފައިވާކަން އިބްނު ޢައްބާސް ދެނެވަޑައިނުގަންނަވައެވެ. އެއީ ޖިންނީންނަށް އުޑު ބަންދުކުރެވި، އެތަން ވަރުގަދައަށް ބެލެހެއްޓުމަށް ބެލެހެއްޓުންތެރިން (މަލާއިކަތުން) ލެއްވި، ބެލެހެއްޓެން ފެށި ހިސާބުންނެވެ. އެއީ ނަބީކަމުގެ ދަލީލުތަކުގެ ތެރެއިން ޢިބްރަތްތެރި ދަލީލެކެވެ…

އޭގެފަހުން އެސޮރުމެން އެކަލޭގެފާނުގެ އަރިހަށް އައުމުން އެސޮރުމެނަށް ޤުރުއާން ކިޔަވައި ދެއްވިއެވެ. އަދި ރިވާވެގެންވެއެވެ. އެސޮރުމެންނަށް ރަޙްމާން ސޫރަތް ކިޔައިދެއްވި ހިނދު،

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴿١٣﴾

(މާނައީ: “(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރައްބުގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ.”)،

މިއާޔަތް ކިޔަވާ ވިދާޅުވުމުން އެސޮރުމެން ބުންޏެވެ. “ތިމަންމެންގެ ވެރިރައްބުގެ ނިޢުމަތްތަކުން އެއްވެސް ނިޢުމަތެއް ތިމަންމެން ދޮގުކޮށް އިންކާރެއް ނުކުރަމެވެ. ފަހެ، އެންމެހާ ޙަމްދުހުރީ އިބައިލާހަށެވެ.”

މިއަޞްލު ބަޔާންކޮށްދެއްވުމުގެ ގޮތުން ﷲ ތަޢާލާވަނީ ޤުރުއާނުގައި ޖިންނީންނާއި އިންސާނުންނާ މުޚާޠަބުކުރައްވާފައެވެ. އެއީ އެއިލާހުގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا شَهِدْنَا عَلَىٰ أَنفُسِنَا…﴾ [سورة الأنعام 130]

މާނައީ: “އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންއިލާހުގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާ ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ…”

 

ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މަޢުލޫމާތު ނެގި މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް

Leave a Reply

Your email address will not be published. Required fields are marked *