ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (1 ވަނަ ބައި )
ތަރުޖަމާކުރީ: ރާއިފް ރުޝްދީ
ޢާޝިޤް ޖިންނި އަވަލުން
މިގޮތަށް މިލަފުޡް ބޭނުން ކުރެވެން ފެށުނީ މިފަހުންނެވެ. ނަމަވެސް މިމާނައިގައި އިހުގައިވެސް ވާހަކަދެކެވިފައިވެއެވެ. ޖިންނި އަވަލުމާއި މެދު ބަލާލާއިރު ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ މަޖްމޫޢުލް ފަތާވާގައި ޖިންނި އާއިމެދު ލިޔުއްވާފައިވެއެވެ. ޖިންނި އިންސާނަކާއި ގަޔާވެގެން ނުވަތަ ޝަހުވަތުގެ ސަބަބުން ނުވަތަ އިޝްޤީލޯބިވެގެން އަވަލައިފިނަމަ އެއީ މާތްﷲ ޙަރާމްކުރައްވާފައިވާ ފާޙިޝްކަމެކެވެ. އެއީ އިންސާނުންގެ މައްޗަށް އޭނާގެ ރުހުމުގައި ވެސް ޙަރާމް ކަމެއް ކަމުގައި ވާހިނދު އަދި ނުރުހުމުގައި ނަމަ ކޮންފަދަ ވާނެހެއްޔެވެ. ފަހެ އެކަންވާނީ ފާހިޝްކަމަކަށެވެ. އަދި އަނިޔާވެރިކަމަކަށެވެ. ޖިންނިންނާއި މިވާހަކަދައްކާ އެމީހުންނަށް އެއީ ފާޙިޝް ޙަރާމް ކަމެއްކަމަށާއި އެއީ ފާޙިޝް ޢުދުވާނީ ކަމެއްކަން އަންގަދޭންޖެހެއެވެ. އަދި ތިބާ އެމީހުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރަންޖެހޭނެވެ. އަދި އިންސާނުންނާއި ޖިންނީންގެ ދެބައިމީހުންގެ މައްޗަށް ބާއްވައިލެއްވުނު، ﷲއާއި އެއިލާހުގެ ރަސޫލާގެ ޙުކުމުން އެމީހުންނާއި މެދު ޙުކުމްކުރެވޭނެ ކަން އެމީހުންނަށް އެންގުން ހުއްޓެވެ.
އަދިވެސް ޝައިޚުލް އިސްލާމް ވިދާޅުވެފައިވެއެވެ. ކަމަކުން އުފާހޯދުމަކީ އެކަމަކުން ހިތްހަމަޖެހުން ލިބިގަތުމެވެ. އެނާއަށް ބޭނުންވާ ނުވަތަ ލޯބިވާ ކަންތައް ވުމެވެ. މި ގޮތަށް އުފާހޯދުމުގެ ތެރެއަށް އަންހެންނުންނާއި ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކުގެ ކިބައިން އުފާހޯދުންވެސް ވެއެވެ. ފަހެ ބައެއްފަހަރު ޖިންނި އޭނާ ބޭނުންވާ އެއްޗެއް ނުވަތަ މުދަލެއް ގެނެސްފާނެއެވެ. ނުވަތަ އޭނާގެ ޢަދުއްވަކު އޭނާއަށް މަރާލަދީފާނެއެވެ. އަދި އިންސާނާ ޖިންނިއަށް ތަބާވެއެވެ. އެއްބައިފަހަރު ޖިންނިއަށް ނުވަތަ އަނެއްބައި ފަހަރު ޖިންނި އޭނާއަށް ސަޖިދަކުރަން އަމުރުކުރި އެއްޗަކަށް އޭނާ ސަޖިދަކުރެއެވެ. އަދި ބައެއްފަހަރު އޭނާއާއި އެކު ޖިންނި ފާހިޝްޢަމަލުތައް ކުރުވާގޮތް ހަދައެވެ. ހަމަ އެގޮތަށް ޖިންނިންކުރެ އަންހެން ޖިންނީންގެ ތެރޭގައި އަންހެން އިންސިން ފިރިހެން އިންސިންކުރެން އެދޭކަންކަން އޭއްޗެއްސަށް ކޮށްދޭނެ އިންސާނަކަށް ބޭނުންވާ އަންހެންޖިންނިން ވެއެވެ. މިއީ ޖިންނީންގެ ފިރިހެނުންނާއި އަންހެނުންގެ ތެރޭގައި ގިނަބައެކެވެ. ފަހެ އެސޮރުމެންކުރެ ގިނަ ފިރިހެނުން އިންސާނުން އެމީހުންގެ އަންހެނުންކުރެން ލިބިގަންނަ ކަންކަން ލިބިގަނެއެވެ. އަދި ބައެއް ފަހަރު ފިރިހެން އިންސާނުންނާއި މެދުވެސް އެސޮރުމެން އެފަދައިން ކަންތައް ކުރެއެވެ.
ޢާޝިޤް ޖިންނީންގެ ޙަޤީޤަތް
މިކަމުގައި އެއްމެ ޞައްޙަގޮތަކީ މިނަމަކީ ޖިންނީންކުރެން ވަކި ވައްތަރެއްގެ ބަޔަކަށް ކިއިގެންވާ ނަމެއް ނޫންކަމެވެ. އެހެނެއްކަމަކު، ޖިންނީންގެ ވަރަށް ގިނަ ވައްތަރުތަކުގެ ފަރާތުން މީހުންނަށް ޖެހޭކަމެކަށް ކިޔޭ ނަމެއްކަމާއި މިނަމުގައިވާ ޢާޝިޤް މިބަހުން އިޝާރާތް ކުރެވެނީ ބަލި މީހުންނަށް އޭގެ ސަބަބުން ޖިންސީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް އުނދަގޫތަކެއް ކުރިމަތި ވާތީ އެކަމުގެ ފަރުވާ ހޯދަން މީހުން އެހެރަ އުޅޭ ޖިންނި އަވަލުން ނުވަތަ ހަމަ މައްސަށްކަމެވެ.
ބަލިމީހުން ކުރެ ވަރަންގިނަ މީހުންނަށް ގޮތް ނޭނގޭ ނުވަތަ ޙައްލެއް ނުލިބޭ ކަންކަންދިމާވެގެން އެކަމަށް ރޫޙާނީ ފަރުވާއާއި ކުރިމަތިލުމުން އޭނާއާއި އަޅައިގަނެގެން އުޅޭ ލޯބިވެރި ޖިންނިއެއް ހުރިކަން އެނގިފައިއެބަވެއެވެ. ބައެއްފަހަރު ފަރުވާއަށް ފަށާ ކުރިއަށް ދިއުމުން މެނުވީ އޭތީގެ ޖިންސީ އަނިޔާތައް ފާޅެއްނުވެއެވެ . އެހެނީ ޢާއްމުގޮތެއްގައި މައްސުގެ ކޮންމެ ކަމެއްގައިވެސް ލޯބިވުމާއި ޒިނޭކުރުން ވެއެވެ.
ނޯޓް: މިއީ އައްޝައިޚް ޚާލިދް ޙިބްޝީ އެބޭފުޅާގެ ވެބްސައިޓް ގައި ޢާޝިޤް ޖިންނިން އިންސާނުންނަށް އަވަލުމާ ބެހޭގޮތުން ގެންނަވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެވެ، މި އާޓިކަލް ގެ އަސްލު ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ