ޖިންނީން 2 ވަނަ ބައި
ޖިންނީން ( 2 ވަނަ ބައި )
އަސްލު ލިޔުއްވީ: އަލް އުޚްތު އުއްމު ޢަބްދިﷲ
އަދި އެފަދައިން އަހުލުކިތާބީން، ނަބީބޭކަލުން ގެންނެވި ޚަބަރުގެ ތެދުމަކަށް ހެކިދެއެވެ. އެއީ ނަބީބޭކަލުންނަށް ނުވަތަ އެބޭކަލުން ޚަބަރު ދެއްވި ބަޔަކަށް މެނުވީ ނޭނގޭނެ ޣައިބުގެ ޚަބަރުތަކެވެ. އަދި މުޙައްމަދުގެފާނު އަހުލުކިތާބީންގެ ގާތުން އެއްވެސް އެއްޗެއް އުނގެނިވަޑައި ނުގަންނަވާކަން އެބައިމީހުންނަށް އެނގެއެވެ.
މިއީ އަހުލުކިތާބީންއެބައިމީހުންގެ ފޮތްތަކުގައި އެކަލޭގެފާނުގެ ސިފަފުޅުތައްވާތީ އެކަމަށް ހެކިވި ހެކިވުން ނޫން އެހެން ހެކިވުމެކެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.
﴿أَوَلَمْ يَكُن لَّهُمْ آيَةً أَن يَعْلَمَهُ عُلَمَاءُ بَنِي إِسْرَائِيلَ﴾[سورة الشعراء١٩٧]
މާނައީ: “އިސްރާއީލުގެ ދަރިންކުރެ ޢިލްމުވެރިން އެކަންތައް ދަންނަކަން އެއީ، އެއުރެންނަށް (އެބަހީ: މައްކާގެ މުޝްރިކުންނަށް) ހެތްކެއްކަމުގައި ނުވޭ ހެއްޔެވެ.”
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿…وَالَّذِينَ آتَيْنَاهُمُ الْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِالْحَقِّ …﴾[سورة الأنعام١١٤]
މާނައީ: “… އަދި އެއީ ކަލޭގެފާނުގެ ވެރި رَبُّގެ ޙަޟްރަތުން ޙައްޤުގޮތާއިގެން ބާވައިލެއްވި ފޮތެއްކަން ތިމަންއިލާހު އެއުރެންނަށް ފޮތްދެއްވި މީހުން ދަނެތެވެ…”
އަދިވެސް އެފަދަ މިޘާލުތަކެވެ.
ޚާއްޞަކޮށް ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި މުތަވާތިރުކޮށް އައިސްފައިވާ ކަންކަމާއި މިކަން ޚިލާފުވެއެވެ. އެއީ ކަށްވަޅުގެ ޢަޛާބާއި އަދި އޭގެ ފިތުނަ ފެނުމާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކާއި، ޝަފާޢަތާއި، ޞިރާޠު (މަގާއި)، (ސުވަރުގޭގައިވާ) ކޯރާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތަކެވެ. ޖާހިލުންނާއި މަގު ގެއްލިފައިވާ މީހުންގެ ތެރެއިން މިކަންކަން ނޭނގޭމީހުން ފަހެ މިކަމަށް އިންކާރު ކޮށްފާނެއެވެ. މިފަދައިން މުޢުތަޒިލާއިންގެ ތެރެއިން ޖަމާޢަތެއްގެ ތެރެއިން އަލްޖުއްބާއީ އަދި އަބޫބަކުރު އައްރާޒީ އަދި މިނޫންވެސް ބައެއް މީހުން، ޖިންނީން އިންސާނުންގެ ހަށިގަނޑަށް ވަންނަކަމަށް އިންކާރުކުރެއެވެ. ނަމަވެސް ޖިންނީން ވުޖޫދުގައި ވާކަމަށް މިބައިމީހުން އިންކާރެއް ނުކުރެއެވެ. އެހެނީ މިކަން ކުރިން ދެންނެވުނު ކަންތައްފަދައިން ފާޅުކަން ބޮޑު ގޮތެއްގައި ރަސޫލުބޭކަލުންގެ އަރިހުން އައިސްފައިނުވާތީ އެބައިމީހުންނަށް މިކަމުގައި ނުރަނގަޅުގޮތް ވިސްނިފައިވަނީއެވެ. އަދި މިފަދައިން އަޝްޢަރީ “مقالات أهل السنة والجماعة” ގައި ޛިކުރުކޮށްފައިވެއެވެ.
އެބައިމީހުން ބުނެއެވެ:
ހަމަކަށަވަރުން ޖިންނީން އިންސާނުންގެ ހަށިގަނޑަށް ވަދެއެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ…﴾[سورةالبقرة ٢٧٥]
މާނައީ: “ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން) ނުތެދުވާނެތެވެ…”
އަދި ޢަބްދުﷲ ބުން އަޙްމަދު ބުން ޙަންބަލް ވިދާޅުވިއެވެ:
ތިމަންކަލޭގެފާނުގެ ބައްޕައަށް ދެންނެވީމެވެ. “ހަމަކަށަވަރުން ޖިންނީން އިންސާނުންގެ ހަށިގަނޑަށް ނުވަންނަކަމަށް ބަޔަކުމީހުން ބުނެއެވެ.”
ފަހެ (އަޙްމަދު ބުން ޙަންބަލް) ދެންނެވިއެވެ. “އޭ ދަރިފުޅާއެވެ. އެބައިމީހުން ދޮގު ހަދަނީއެވެ. (ޖިންނި އެމީހާގެ މަޤާމުގައިހުރެ) އޭނާގެ ދޫމަތިން ވާހަކަ ދައްކަނީއެވެ.” މިކަމާ ގުޅޭ ތަނެއްގައި މިވާހަކައިގެ ތަފްޞީލުވާނީ ޛިކުރުކޮށްފައެވެ.
މިތަނުގައި މަޤްޞަދަކީ މުސްލިމުންގެ ހުރިހާ ޖަމާޢަތެއްގެ ބަޔަކުވެސް ޖިންނީން ވުޖޫދުގައިވާކަމަށް އިޤުރާރުވެއެވެ. އަދި ހަމައެފަދައިން ކާފިރުންގެ ގިނަ މީހުންވެސްމެއެވެ. އަހުލުކިތާބީންގެ ތެރެއިން ގިނަމީހުންނާއި، ހަމައެފަދައިން ޢަރަބި މުޝްރިކުންގެ ގިނަމީހުންނާ އަދި އެނޫން މީހުންގެ ތެރެއިން ސާމުގެ ދަރިކޮޅުގެ މީހުންވެސް މެއެވެ. އަދި އިންޑިއާ އާއި އެނޫން މީހުންގެ ތެރެއިން ޙާމުގެ ދަރިކޮޅުގެ މީހުންވެސް މެއެވެ. އަދި ހަމައެފަދައިން ކަންޢާނީންނާއި ޔޫނާނީންނާއި އަދި އެނޫން މީހުންގެ ތެރެއިން ޔާފިޘްގެ ދަރިކޮޅުގެ ގިނަ މީހުންވެސް މެއެވެ.
ފަހެ ޖިންނީން ވުޖޫދުގައިވާކަން ގިނަ ޖަމާޢަތްތަކުގެ މީހުން ބަލައިގަނެއެވެ. އަދި މިކަން ބަލައިގަތުމާއެކު، ޖިންނީންގެ އެހީތެރިކަން ހޯދައިގެން ފަންޑިތަ ހެދުމާއި ތަވީދު ލިޔުންވެސް މިމީހުން ޤަބޫލުކުރެއެވެ. އެއީ އީމާނުގެ އަހުލުވެރިންގެ ގާތުގައި ހުއްދަކަމެއް ކަމުގައި ވިޔަސް ނުވަތަ ޝިރުކެއް ކަމުގައި ވިޔަސް އެބައިމީހުންނަށް ހަމަހަމައެވެ. ފަހެ ހަމަކަށަވަރުން މުޝްރިކުން ފަންޑިތަ ހެދުމާއި ތަވީދު ލިޔުމަށް ކިޔެވެލިތައް ކިޔަވައެވެ. އަދި އެމީހުންގެ އެ ރުޤްޔާތަކުގައި ޖިންނީންނަށް އަޅުކަންކުރުމާއި އެއެއްޗެހި މަތިވެރިކުރުން ހިމެނެއެވެ. ފަންޑިތަ ހެދުމާއި ތަވީދު ލިޔުމުގައްޔާއި ރުޤްޔާ ކުރުމުގައި ޢާންމުންގެ އަތްމަތީ ގެންގުޅޭ ، އެމީހުންނަށް ދޭހަ ނުވާ ޢަރަބި ބަހުންވާ ގިނަތަކެތީގައިވަނީ ޖިންނީންނަށް ޝިރުކުކުރުން ހިމެނިފަމެވެ.
އަދި އެހެންކަމުން މުސްލިމު ޢިލްމުވެރިން، މާނަ ނޭނގޭ ރުޤްޔާތައް ނަހީކުރެއްވިއެވެ. އެއީ ރާޤީއަށް އެއީ ޝިރުކެއްކަން ނޭނގުނުނަމަވެސް އޭގައި ޝިރުކު ހިމެނުން ގާތްވެގެންވާ ކަމަކަށްވާތީއެވެ. ޞަޙީޙު މުސްލިމުގައި ޢައުފް ބުން މާލިކް އަލްއަޝްޖަޢިއްޔުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.
قَالَ: كُنَّا نَرْقِي فِي الْجَاهِلِيَّةِ فَقُلْنَا يَا رَسُولَ اللهِ كَيْفَ تَرَى فِي ذَلِكَ فَقَالَ: ((اعْرِضُوا عَلَيَّ رُقَاكُمْ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ)) [مسلم في السلام ٢٢٠٠/٦٣، وأبو داود في الطب ٣٨٨٦]
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ޖާހިލިއްޔަ ޒަމާނުގައި ރުޤްޔާކޮށް އުޅުނީމެވެ. ފަހެ ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އެކަމާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތް ހެއްޔެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރާ ރުޤްޔާތައް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. އޭގައި ޝިރުކު ނުހިމެނޭކަމުގައިވާނަމަ ރުޤްޔާކުރުމުގައި މައްސަލައެއް ނެތެވެ.”
އަދިވެސް ޞަޙީޙް މުސްލިމުގައި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.
قَالَ: نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى، فَجَاءَ آلُ عَمْرِو بْنِ حَزْمٍ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالُوا: يَا رَسُولَ اللهِ إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ، وَإِنَّكَ نَهَيْتَ عَنِ الرُّقَى، قَالَ: فَعَرَضُوهَا عَلَيْهِ، فَقَالَ: ((مَا أَرَى بَأْسًا مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْه)) [مسلم في السلام ٢١٩٩/٦٣]
މާނައީ: އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمރުޤްޔާކުރުން ނަހީކުރެއްވިއެވެ. ފަހެ ޢަމްރު ބުން ޙަޒްމުގެ ޢާއިލާގެ ބޭކަލުން ރަސޫލުﷲ صلى الله عليه وسلمގެ އަރިހަށް އައެވެ. ފަހެ އެމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ތިމަންމެން ނަގުލަންދާއްޓަށް (އޭތި ކަށިޖެހުމުން) ރުޤްޔާއެއް ކުރަމެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނު ރުޤްޔާކުރުން ނަހީކުރައްވައިފީމުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ އެރުޤްޔާ އެކަލޭގެފާނަށް ހުށަހެޅުނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަކަމުގައި މައްސަލައެއް އޮތްކަމަކަށް ތިމަންކަލޭގެފާނު ދެކިވަޑައެއް ނުގަންނަވަމެވެ. ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާއެއްކޮށްދިނުމަށް ކުޅަދާނަވެގެންވާމީހާ، ފަހެ އޭގެން ފައިދާކޮށްދޭށެވެ.”
=ނުނިމޭ=
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.
މަޢުލޫމާތު ނެގި މަޞްދަރު : ދިސަލަފިއްޔާ ވެބްސައިޓް